ގއ.ކޮލަމާފުށީ ނަޖުދާ އަޙްމަދުގެ ހިތުގެ އޮޕަރޭޝަން ކޮށްފައިވަނީ 2017ވަނަ އަހަރުގައެވެ. އެއިރު އޮޕަރޭޝަން ކުރީ ހިތުގައި ލޯވަޅެއް ހުރެގެން ނޭވާ ހާސްވެ ވަރުބަލިވާތީއެވެ. ނަޖުދާގެ ޙާލު މިހާރު ރަނގަޅެވެ. އެހެންނަމަވެސް އުމުރުން 22 އަހަރުގެ ނަޖުދާ އާއި އޭނާގެ ފިރިމީހާ ގދ.ވާދޫ އިޒާމް ޒާހިރުގެ އަލަތު ދަރިފުޅުގެ ހިތުގެ އޮޕަރޭޝަން ކުރަން ޖެހޭކަން ޑޮކްޓަރު ހާމަކުރިވަގުތު އެއީ ޢާއިލާއަށް ފުންހިތާމައެއް ލިބުނު ވަގުތެކެވެ.
އުމުރުން އެންމެ 12 މަހުގެ އާމިނަތު އިޒްކާ ބިންތި އިޒާމް ހިތުގެ އޮޕަރޭޝަން ކުރުމަށް ޢާއިލާއިން ދަނީ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ. ދަރިފުޅުގެ މަޢުލޫމާތު ޒީޓައިމްސް އާއި ހިއްސާކުރަމުން އިޒާމް ބުނީ ދަރިފުޅުގެ އޮޕަރޭޝަން ކުރުމަށް އިންޑިއާއަށް މިފެބުރުއަރީ މަހުގެ 15ވަނަ ދުވަހު ފުރުމަށް މަސައްކަތް ކުރަމުންދާއިރު އަދި ވިސާ ހަމަނުޖެހޭ ކަމަށެވެ. ވިސާ ހަމަނުޖެހުމަކީ ޢާއިލާގެ ކަންބޮޑުވުމެކެވެ.
ޢާއިލާއިން މަޢުލޫމާތުދޭ ގޮތުގައި އިޒްކާ އަކީ ހިތުގެ ވިންދު ދަށްވުމާއި ގުޅިގެން ސިޒޭރިއަން ހަދައިގެން ނެގި ކުއްޖެކެވެ. ހިތުގެވިންދު ދަށްވާ ސަބަބު ބެލުމަށް ހެދި ޓެސްޓްތަކުން ހިތުގެ ސީރިއަސް މައްސަލަތަކެއް ހުރިކަން ފުރަތަމަ ފަހަރަށް އެގުނެވެ.
" ދަރިފުޅުގެ ހިތުގެ ނާރެއް ފިތިފަ ހުންނަކަން އެގުނު އެންމެ ކުޑައިރު ހެދި ޓެސްޓްތަކުން. އަދި ލޭ ފޯރުކޮށްދޭ ނާރެއް ވަރަށް ކުޑަވެފަ ހިތުގެ އިތުރު މައްސަލަތަކެއް އުޅޭތީ އޮޕަރޭޝަން ކުރަންޖެހޭ ކަމަށް ޑޮކްޓަރު އެއިރު ލަފާދެއްވި. އޮޕަރޭޝަން ކުރެވޭނީ ދަރިފުޅުގެ ބަރުދަނުގަ 8 ކިލޯ ހަމަވުމުން ކަމަށާއި އުމުރުން 7 މަސް ވަރު ވީމަ އަލުން ދައްކަން އެއިރު ޑޮކްޓަރު ވިދާޅުވި" އިޒާމް ކިޔައިދިނެވެ.
ކޮވިޑްގެ ޙާލަތާއި ގުޅިގެން މާލެ ނާދެވި ލަސްވުމަށްފަހު އެދެމަފިރިންނަށް އިޒްކާ ގޮވައިގެން މާލެ އާދެވުނީ އިޒްކާ އަށް 10 މަސް ވުމުންނެވެ. މާލެ ނާދެވުނު ކަމުގައިވިއަސް ރަށު ސިއްޙީ މަރުކަޒުން އިޒްކާގެ އޮކްސިޖަން ލެވެލް ހުރި މިންވަރު ދިޔައީ ބަލަމުންނެވެ. މިފަހަރު ހެދި ޓެސްޓްތަކުން ޑރ.އެލީނާ ލަފާދެއްވީ ވީހާ އަވަހަކަށް އޮޕަރޭޝަން ކުރުމަށް ކަމަށް އިޒާމްވަނީ މަޢުލޫމާތު ދީފައެވެ.
" އޮޕަރޭޝަން ކުރުމަށް ލަސްވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވަނީ. ހިތުން ލޭ ފޮނުވަދޭން ހުންނަ ނާރު މާބޮޑަށް ހިމަވެ ފެންނަނީ ވަރަށް ކުޑަކޮށް ކަމަށް ވިދާޅުވި. އެކަމުގެ ސަބަބުން އިޒްކާގެ އޮކްސިޖަން ލެވެލް ދަށްވާނެ ކަމަށް ފާހަގަކުރެއްވި. އަދި އިޒްކާ ރޯއިރު އަތުގެ ނިޔަފަތި، ތުންފަތް ނޫކުލައަށް ބަދަލުވަނީ އޮކްސިޖަން ދަށްވުމުން ކަމަށް" އިޒްކާ އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތުދެމުން އިޒްކާގެ ބޮޑުދައިތަ ޝެނީނާ ޒާހިރު ބުންޏެވެ.
ނޭޝަނަލް ކާޑިއެކް ސެންޓަރުގައި ބައްލަވާ ޑރ.އައިޝަތު އެލީނާ ސޮއިކުރައްވާ މި ފެބުރުއަރީ މަހުގެ 3ވަނަ ދުވަހު ޢާއިލާއަށް ދީފައިވާ ލިޔުމުގައި ވަނީ ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އޮޕަރޭޝަން ކުރުމަށް ލަފާދީފައެވެ. އަދި އިޒްކާގެ އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވާ އިންޑިއާގެ ލިސީ ހޮސްޕިޓަލުން ޑރ.ސުނިލް ސޮއިކޮށް ދީފައިވާ ލިޔުމުގައިވާގޮތުން އިޒްކާގެ ޖެހެނީ ދިމާވެފައިވާ ހިތުގެ މައްސަލަ ހައްލުކުރުމަށް ' އޯޕަން ހާޓް ސާޖަރީ' އެއް ހަދާށެވެ.
ޖުމްލަ 5000 ޑޮލަރު ޚަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ލިސީ ހޮސްޕިޓަލުގެ ލިޔުމުގައި ފާހަގަކޮށްފައިވާއިރު، ޢާއިލާއިން ވަނީ އެންސްޕާގެ އެހީތެރިކަމަށް އެދިފައެވެ. އެހެންނަމަވެސް ހަމަޖެހޭނެ ކަމަށް އެންސްޕާއިން ބުނީ 1000 ޑޮލަރާއި ޓިކެޓުގެ ޚަރަދު އެކަނި ކަމަށް ޢާއިލާއިން ވަނީ މަޢުލޫމާތުދީފައެވެ. މިފަދަ އޮޕަރޭޝަންތަކުގައި އެންސްޕާއިން ޢަމަލުކުރަމުންދާ ގޮތް ބެލުމަށް 'ޒީޓައިމްސް' އިން ގުޅުމުން ލިޔުމުން ސުވާލު ފޮނުވުމަށް އެންސްޕާއިން ވަނީ އެދިފައެވެ.
" އޭޑީކޭ ހޮސްޕިޓަލުން އޮޕަރޭޝަން ކުރެވޭތޯ އަޅުގަނޑުމެން ބެލިން. އެކަމަކު ކޮވިޑް ޕޭޝެންޓެއް އޮވެގެން ހިތުގެ މިފަދަ އޮޕަރޭޝަން މިވަގުތު ކުރެވެން ނެތްކަމަށް ހޮސްޕިޓަލުން ބުނީ. ވީހާ އަވަހަކަށް އޮޕަރޭޝަނަށް ފުރުމަށް ބޭނުންވަނީ އިންޑިއާއަށް" އިޒްކާގެ މަންމަ ނަޖުދާ ބުންޏެވެ.
މާލެއަށް އައިސް ގިނަ ދުވަސް ހޭދަވަމުންދާތީ އާމްދަނީ ލިބޭނެ އިތުރު ގޮތެއް ޢާއިލާއަށް ނެތްކަމަށް، އާމްދަނީ ހޯދުމަށް ކުރިން މަސްވެރިކަން ކުރި އިޒާމް ބުންޏެވެ. "އަޅުގަނޑުމެން ދެމަފިރިންނާއި ދަރިފުޅުގެ އިތުރުން ޢާއިލާގެ އިތުރު މެންބަރަކު ދާނެ އެހީތެރިވުމަށް. ބޭސްފަރުވާގެ އިތުރަށް ކަރަންޓީންގެ މުއްދަތާއި އިތުރު ޚަރަދުތަކަށް ބޮޑު އެއްޗެއް ހޭދަވާނެ ކަމަށް ބެލެވެނީ. އަދި އިންޑިއާގައި ހޭދަވާނެ މުއްދަތެއް ނޭގޭތީ އަޅުގަނޑުމެން އާންމުންގެ އެހީތެރިކަން ވަރަށް ބޭނުން" އިޒާމް ބުންޏެވެ.
އިޒްކާގެ ޢާއިލާއިން ވާހަކަދެއްކި އިޒާމްގެ ދައްތަ ބުނެފައިވަނީ، އިޒްކާގެ މައިންބަފައިންގެ އިތުރުން އިތުރު މީހަކު އިންޑިއާއަށް ދާން ބޭނުންވަނީ އެދެމަފިރިންނަކީ މިފަދަ ބޮޑު އޮޕަރޭޝަނެއް ކުރާއިރު އެކަނި ޒިންމާނެގޭ ވަރަށްވުރެ އުމުރުގެ ގޮތުން ހަގު ދެމަފިރިންނަށް ވުމުންނެވެ. ޢާއިލާއިން އެދެނީ ހެޔޮއެދޭ ފަރާތްތަކުން އިޒްކާއަށް ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީ ހެޔޮދުޢާ ކޮށްދިނުމަށެވެ.
އިޒްކާ އަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ހޯދުމަށް ގުޅާނީ:
ނޯޓް: މި ޢާއިލާ އަށް އެކަށީގެންވާ މިންވަރަށް އެހީ ލިބިފައިވާތީ، މިރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ.