September 20, 2024 14:48
Advertisement

-Advertisement-

ފޮޓޯ: ގޫގުލް

ތާރީޚް: ރާއްޖޭގެ ވެރިކަމެއްގައި ގިނަ ހަމަނުޖެހުންތަކެއް

1512ވަނަ އަހަރު ރާއްޖޭގެ ރަސްކަން ކުރެއްވީ އައްސުލްޠާނު އަލީ ފަސްވަނައެވެ. އޭނާގެ ދައްތަ ބުރަކިރަނިންނަކީ ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެވުނު އަންހެން ކަނބަލެކެވެ. ދެފަހަރަށް ރަސްކަން ކުރައްވާ އަދި އެއިރު ރަސްކަމުން ބޭލިފައިވާ ކަޅު މުޙަންމަދާއި ބުރަކިރަނިން ލޯބީގެ ގޮތުން ގުޅުނެވެ. ލޯބީގެ ގުޅުން މާ މައްޗަށް ދާންފެށުމުން ކަޅު މުޙައްމަދުގެ މަންމާފުޅަށް މިކަން އެނގިވަޑައިގެން އެކަމަނާ ވަރަށް ނުގަބޫލުވެ މިކަމަނާގެ ބާރުގައި އަލީ ފަސްވަނަ ކުރެއްވި ކަމަކީ ކަޅު މުހައްމަދު ހުވަދު އަތޮޅު ވާދު އަށް އަރުވާލެއްވީއެވެ. ނަމަވެސް ވަރަށް އަވަހަށް އަލިރަސްގެފާނު އޭނާގެ ދައްތަ ބުރަކިރަނިން ކަޅު މުޙައްމަދުގެ އަރިހަށް ވަޑައިގަތުމަށް ހުއްދަ ދެއްވިއެވެ. މި ހުއްދައިގެ ދަށުން އެބޭފުޅުންގެ ޢާއިލާގައި ކުޑައިރުއްސުރެ ޚިދުމަތް ކުރަންއުޅުނު ގާފަރު ކަޅުއުބުށޭމު އާއި އެކު ފުރުވާލެއްވިއެވެ.

މި ދަތުރު ވަޑައިގަތީ އިންޑިއާގެ ގޯއާއަށެވެ. އަދި ގޯއާގައި ހުރި ޕޯޗްގީޒު ވައިސްރޯއީ އާއި ވާހަކަ ދައްކަވައި ރާއްޖޭގެ އާމްދަނީން ބައެއް ދިނުމަށް ވަޢުދުވެވަޑައިގެން ރާއްޖޭގެ ވެރިކަން ބަދަލު ކޮށްދިނުމަށް އެއްބަސް ކުރުވިއެވެ. ދެން މި ވައިސޫރީ ފޮނުވި ހަނގުރާމަމަތީ ނަވަކާއިއެކު ވަޑައިގެން ބުރަކިރަނިން ރާއްޖެ ހިއްޕެވިއެވެ. މި ކަންތަކުގައި އޭނާގެ ކޮއްކޮ އަލީ ފަސްވަނަ ޤަތުލުވީކަމަށް ބުނެވެއެވެ. ބުރަކި ރަނިންނަށް ރާއްޖޭގެ ރަސްކަން މިލްކު ވުމުން އެކަމަނާ އަވަސް އަވަހަށް ހުވަދު އަތޮޅަށް ބަޔަކު ފޮނުވައިގެން ކަޅު މުޙައްމަދު ވާދޫ އިން ގެންނަވައި ރަސްކަމަށް އިސްކުރެއްވީއެވެ. އެއީ އައްސުލްޠާނު ކަޅު މުޙައްމަދުގެ ތިންވަނަ ރަސްކަމެވެ.

1512ވަނަ އަހަރު ބުރަކި ރަނިންނާއި ކަޅު މުހައްމަދު ކައިވެނި ބައްލަވައިގަތެވެ. ބުރަކި ރަނިންނާއި ކަޅު މުހައްމަދު ރަސްގެފާނަށް ލިބިވަޑައިގަތް އަންހެން ދަރިކަނބަލުންނަކީ ޢާއިޝާ ކަނބާފާނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ކަނބާ އައިސާ ރަނިކިލެގެއެވެ. ޕޯޗްގީޒުން ރާއްޖެ ހިފުމަށްފަހު މިކަމަނާ ހުންނެވީ ތިލަދުންމަތީ އަތޮޅު ވެރިކަމުގައި ހުރި ވިޔަޒޯރު ކައިރީގައި ތިލަދުންމަތީ ބާރަށުގައެވެ. އެދުވަސްވަރު ތިލަދުންމަތީ ވާރުކުރަނީ ބާރަށުގައެވެ. ކޮންމެއަކަސް ބުރަކިރަނިން ކުރެއްވި ހިތްވަރު ގަދަ ބުރަ މަސައްކަތާއި އޭނާ ކަޅު މުހައްމަދު ރަސްގެފާނަށްޓަކައި ވެވަޑައިގަތް ޤުރުބާނީގެ ނަތީޖާ އޭނާއަށް ފެނިވަޑައިގަތީ ވަރަށް ހިތި ކޮށެވެ. އެހެނީ ދުވަސް ތަކެއްވުމަށްފަހު އޭރު ހުންނެވި ފަޑިޔާރު އިސްމާއީލް ފާމްލަދޭރި ކަލޭގެފާނު ބޭރުން ގެންނަވައިގެން ގެންގުޅުއްވި ޝީރާޒް ކިޔާ އަޅަކާއި ރަސްގެފާނު ހިތްޕުޅާއި ހަމަކުރައްވައިފިއެވެ. އަދި ބުރަކި ރަނިން ތިލަދުންމައްޗަށް އަރުވާލެއްވުމަށްފަހު ކަޅު މުހައްމަދު ރަސްގެފާނު މި ޝީރާޒީ ފާތުމާ ދިޔޯ އާއި ކައިވެނި ބައްލަވައިގެންފިއެވެ.

Advertisement
ފޮޓޯ: ގޫގުލް

ޖުމްލަ 32 އަހަރާއި ނުވަމަސް ދުވަހު ކަޅު މުހައްމަދު ރާއްޖޭގެ ރަސްކަން ކުރެއްވިއެވެ. މި ރަދުންގެ ރަސްކަމުގައި 1517ވަނަ އަހަރުގައި ޕޯޗްގީޒުންނަށް މާލޭގައި ފެކްޓަރީއެއް ހުޅުވުމަށް ރަދުން ހުއްދަ ދެއްވިއެވެ. އެއީ އެބައިމީހުންނާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ. މިއީ 1511ވަނަ އަހަރު ވެފައިވާ އެއްބަސްވުމެކެވެ. މިކަމަށްޓަކައި ކުދި ހަތަރު ގުރާބުގައި 120 މީހުން ގޮވައިގެން ހުވާއޯ ގޯމެޒް ޗިރާޑިން ހީރޯ ކިޔާ ޕޯޗްގީޒު މީހަކު މާލެ އައިސް މާފަންނު ކޮޅުގައި 1518ވަނަ އަހަރު ތަނެއް ހެދިއެވެ. އަދި އޭގެފަހުގައި ރާއްޖޭގައި އުފައްދާ ތަކެތި ގަދަކަމުން އޭނާ ހިތަށްއެރި އަގެއްދީފައި އެތަނަށް ގަންނަމުން ދިޔައެވެ. ދެންވީ ގޮތަކީ މިކަމުން ދިވެހިންނަށް ލިބެމުންދިޔަ ގެއްލުން ބޮޑުވުމުން އެންމެފަހުން ރަދުންނަށް ޖެހިވަޑައިގަތީ ކޮއްޗޭގައި ހުރި ބާރުގަދަ ވިޔާފާރިވެރިއެއް ކަމަށްވާ ޕަތާ މަރައްކާރުގެ އެހީ ހޯއްދަވާށެވެ. މީނާގެ އެހީއާއި އެކު ރާއްޖޭގައި ތިބި ޕޯޗްގީޒުންނާއި ދިވެހިން ހަގުރާމަކޮށް އެންމެން މަރާ ހުސްކޮއްލި ކަމަށްވެއެވެ.

ކަޅު މުހައްމަދު ރަސްގެފާނު ރަސްކަން ހޯއްދަވަން އުޅުއްވިއިރު ކަންނަންނޫރު އަލީ ރާޖާ އާއި ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކު ރާއްޖެއިން އެތައް އެއްޗެއް ޖިޒީގެ ގޮތުގައި ދޭންޖެހެއެވެ. އެއްމެފަހުން މިތަކެތި ދިނުން ހުއްޓާލެއްވީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު އެއްވަނައިގެ ދައުރުގައެވެ. އެއީ 1648 ން 1687 އަށް ރަސްކަން ކުރެއްވި ރަދުންނެވެ.

 

ނޯޓް: މިއީ ރާއްޖޭގެ ރަސްކަމަށް އެންމެ ގިނައިން ހަމަނުޖެހުން މެދުވެރިވި ދައުރު ކަމަށް ތާރީޚު ހެކިވާ ޙާދިސާއެއްކަމަށް ނ. ތ. ހަސަންދީދީ ލިޔުއްވި ލިޔުމެއްގެ ނަކަލައެކެވެ. މިލިޔުމުގައިވާ ބައެއް ބަސްތައް މިހާރު ބޭނުންކުރާ ގޮތަށް ބަދަލު ކުރެވިފައިވާނެއެވެ.

+1
0
+1
7
+1
0
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް