މަގުމައްޗަކީ އެންމެން ބޭނުންކުރުމަށް އޮންނަ ތަނެކެވެ. އެއީ ވަކި ބަޔަކު ބޭނުންވީމަ ބޭނުންގޮތަކަށް އުޅެން އޮންނަތަނެއް ނޫނެވެ. މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގުމަތީގައި އުޅޭ ހުރިހާ އެއްމެންވެސް ހެދިފަހުންނަ ޤަވާއިދުތަކަށް ޢަމަލުކުރަން ޖެހެއެވެ.
ވެހިކަލް ދުއްވާ މީހުން
މަގުމަތީގައި ދުއްވާއިރު ސައިކަލެއް، ކާރެއް ނުވަތަ ޕިކަޕެއްވިއަސް ދުއްވަންޖެހޭ ވަކި ބާރުމިނެއް އޮންނާނެއެވެ. އެހެންނަމަވެސް ހިނގާބިގާވެ އުޅޭ އެހެން މީހުންނަށް ވިސްނާލުމެއްނެތި ހިތަށް އެރި ބާރުމިނެއްގައި ސައިކަލާއި ކާރު ދުއްވާ މަންޒަރު ވަރަށްގިނައިން ފެނެއެވެ.
މަގުމަތީގައި ދުއްވާނެ ސްޕީޑް ލިމިޓް ލިޔެފައޮތީ ހަމައެކަނި ފޮތުގައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެއަށް ޢަމަލު ނުކުރާތަން ފެންނަމިންވަރު އެހާވެސް ގިނައެވެ. އެއްގަމު އުޅަދު ދުއްވާއިރު ފޯނުން މުޢާމަލާތް ކޮށްގެން ނުވާނެއެވެ. އެކަމަކު އުޅަދު ދުއްވަމުން ފޯނުން ވާހަކަދައްކަނީ ކިތައް މީހުންތޯއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަފާސް ހިސާބު 2020 (1 އޭޕްރީލް - 30 ޖޫން)
ލައިސަންސް ނެތި ސައިކަލު ދުއްވުމުގެ މައްސަލަ | 3532 |
ދުއްވާއިރު ލައިސަންސް އަތުގަ ނެތުމުގެ މައްސަލަ | 1746 |
ދުއްވަންޖެހޭ މިންވަރަށްވުރެ ބާރަށް ދުއްވުމުގެ މައްސަލަ | 1022 |
އެއްޗެހި ދުއްވަމުން ފޯނު ބޭނުންކުރުން | 135 |
ޓްރެފިކް ޤަވާއިދާއި ޚިލާފުވުމުގެ މައްސަލަ | 92 |
ދާދިފަހުން ހިގި އެކްސިޑެންޓެއްގައި ސިނަމާލެ ބްރިޖުމަތިން ޤަވާއިދުން ދުއްވާފަ ދިޔަ މީހަކު ވިއްސައިގެން ގޮއްސަ ބޮޑެތި އަނިޔާތަކެއް ލިބުނީ ބާރު ސްޕީޑުގައި ދުއްވާފައައި ސައިކަލެއް ކޮންޓްރޯލުނުވެ ޖެހިގެންނެވެ. ފުރާނަ ސަލާމަތްވި ކަމުގައިވިޔަސް ލިބިގެންދިޔައީ ފޫނުބެއްދޭފަދަ ގެއްލުންތަކެކެވެ. މިފަދަބޮޑެތި އަނިޔާތަކާއި ވޭނާއި ކުރިމަތިލާންޖެހިފައިވާ އެތައްބަޔަކު އެބަތިއްބެވެ. އެތައްބަޔަކު އެކްސިޑެންޓުތަކާއި ގުޅިގެން މަރުވެފައިވެއެވެ. އަދިވެސް ހިތުހުރި ވަރަކަށް ސައިކަލާއި ކާރު ދުއްވާ މީހުން ވިސްނަން ނުވޭހެއްޔެވެ.
ކުރީ ދުވަހެއްގައި ފެނުނު މަންޒަރެކެވެ. ޕިކަޕެއް ފުރެންދެން އެއްޗެހި އަރުވައިގެން ދިޔައިރު އެޕިކަޕުގެ ފަހަތުގައި އެއްވެސް މީހެއް ނެތެވެ. އެޕިކަޕުގައި ހުރި މުދާތައް ހީވީ ދެންމެ ދެންމެ މަގުމައްޗަށް ވެއްޓިދާނެހެންނެވެ. އެމުދާތައް ކުއްލިއަކަށް މަގުމައްޗަށް ވެއްޓުނުނަމަ ފަހަތުން އަންނަ ވެހިކަލްތަކަށް ވާނެ ގޮތަކާއިމެދު ވިސަނަމާތޯ އެވެ.
މަގުމަތީގެ އަދަބުތައް
ބައެއްފަހަރަށް ގުރޫޕު ހަދައިގެން ތިބެ މަގުމަތީގަ ހިނގާ މީހުންނާ ދިމާކޮށް ފުރައްސާރަކުރާ މީހުން މިހާރުވެސް އުޅެއެވެ. އަދި މަގުމަތީގަ މަޑުކޮށްގެންތިބެ ސިގަރެޓް ބުއިމުގެ ސަބަބުން އޭގެ އުދަގޫ ހިގާފައި އުޅޭ މީހުންނަށް ފޯރަނީ މަދެއްކޮށެއް ނޫނެވެ. އަދި މަގުމަތިން ފޭރުމުގެ މަންޒަރުވެސް ފެންނަލެއް އެހާގިނައެވެ.
މަގުމަތީގެ ސާފުތާހިރުކަން
މަގުމަތީގެ ސާފުތާހިރު ކަމަށް ވިސްނަނީ ކިތައް މީހުންތޯ އަޅުގަނޑު ހިތަށްއަރައެވެ. ތިމާއަތުޖެހުނު އެއްޗެއް މަގުމައްޗަށް އުކަމުންދާއިރު ރެއާއި ދުވާލު އެމަގުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގައި އެހަރަކާތްތެރިވަނީ ހަމަ އަޅުގަނޑުމެންކަހަލަ ދިވެހިންނެވެ. އެމީހުން އެއުފުލާ ޒިންމާއަށް ވިސްނާ އަދި އެންމެންގެ ދުޅަހެޔޮކަމަށްޓަކައި މަގުތައް ސާފުކޮށް ބާއްވަން އިސްކަންދޭންޖެހެއެވެ. މަގުމަތީގައި އުޅޭއިރު އުކާލަން ބޭނުންވާ އެއްޗެހި ޑަސްޓްބިންތަކަށް އެޅުމަކީ އުދަގޫކަމެއް ނޫނެވެ. ބޭނުންކޮށްފައި އުކާލާ މާސްކު މަގުމަތިން ފެންނައިރު މިއީ މިފަދަ ބަލިމަޑުކަމެއްގައި ފެންނަންވީ މަންޒަރެއް ނޫނެވެ. އެއަށްވުރެން ބޮޑަށް ފަރުދީ ޒިންމާ އަދާކުރަންޖެހެއެވެ. ސާފުތާހިރު ކަމަށް އިސްކަންދޭންޖެހެއެވެ.
އަމިއްލައަށް އިސްކަންދޭންވީ ކަންތައްތައް
ރައްކާވެތިބިއްޔާ ދަތުރޭ ބުނާ ގޮތަށް ތިމާ އަމިއްލައަށް ނުވި ރައްކަލެއް ކޮށްދޭނެ އިތުރު މީހަކު ނުހުންނާނެއެވެ. ވިސްނަންވީ އަމިއްލައަށް މަގުމަތި މިބޭނުންކުރެވެނީ އެންމެ ރަނގަޅަށްތޯ އެވެ. ކުޑަކުދިން ގޮވައިގެން ހިނގަންވާނީ ދުއްވާ އެއްޗެހީގައި ނުޖެހޭނެ ގޮތަކަށް ވިސްނައިގެންނެވެ. ނޭނގިހުއްޓާ އަތުން ދޫކޮށްފަ ކުއްޖާ ދުއްވައިގަންނާނެ ކަމަށް އަބަދުވެސް ވިސްނަންޖެހެއެވެ. އަދި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭނެ ފަދަ ތަނަކަށް މަގުމަތިވާންޖެހެއެވެ. އެފަދަ ފަރާތްތަކަށް މަގު ހުރަސްކުރުމަށް އެހީތެރިކަން ބޭނުންވެއްޖެ ހިދެއްގައި އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ.
ނިންމުން
އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހަދާފައި ހުންނަ ޤާނޫނުތަކާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހެއެވެ. އެޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންވީ އަދަބެއް ލިބިދާނެކަމަށް ވިސްނައިގެނެއް ނޫނެވެ. ތިމާއާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައެވެ. މަގުމަތި ރައްކާތެރިތަނަކަށް ހެދޭނީ އެމަގެއް ބޭނުންކުރާ އެންމެންގެ އެއްބާރުލުން ލިބިގެންނެވެ. އެކަކުގެ ފަރާތުން ފެންނަ ނޭދެވޭ ޢަމަލެއްގެ ސަބަބުން އެތައް ބަޔަކަށް އޭގެ އަސަރު ފޯރަފާނެއެވެ. މިހާރަށްވުރެ ޒިންމާދާރުވާށެވެ. މަގުމައްޗަކީ ރައްކާތެރިތަނަކަށް ހެދުމަށް މަސައްކަތްކުރާ ކަމާބެހޭ މުއައްސަސާތަކަށް އެއްބާރުލުން ދޭށެވެ. އިހަށްނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ.