ފަރެސްމާތޮޑާގެ މާތޮޑާ އަވަށު ބޮޑު އަޓިގެ އަކީ އުވަޔާއި ހިރިގަލާއި އެޅިގާ ބޭނުންކޮށްގެން ރާނާ ހިޔާކޮށްފައިވާ އިމާރާތެކެވެ. ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މަޢުލޫމާތުދޭގޮތުގައި އަޓިގެ އަކީ ހިޖްރީގޮތުން 1300ވަނަ އަހަރު އިމާރާތްކޮށްފައިވާ ތަނެކެވެ.
މިތަން ކުރީ ޒަމާނުގައި ބޭނުންކޮށްފައިވަނީ މައުލޫދު ކިއުމަށާއި، ސްކޫލް، މިސްކިތެއްގެ އިތުރަށް ރަށު އޮފީހާއި ރަށު ކޯޓު ހިންގުމަށްކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތުދީފަ އެވެ.

ބޮޑު އަޓިގެ މަރާމާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށްދޭނެ ފަރާތެއް ހޯދުމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ 2020ވަނަ އަހަރު އޮކްޓޫބަރު މަހު އިޢުލާންކޮށްފައެވެ. ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ނަސްރުﷲ މުހައްމަދު ޒީޓައިމްސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެއިރު ކުރެވުނު އިޢުލާނާއި ގުޅިގެން ކުރިމަތިލީ އެންމެ ފަރާތަކުން ކަމަށެވެ.
" ކުރިމަތިލި ފަރާތް ޝަރުތު ހަމަނުވާކަމަށް އެއިރު ނިންމާފައިވަނީ. އަދި މިހާތަނަށް ބޮޑު އަޓިގެ މަރާމާތު ކުރުމަށް އެއްވެސް ބަޔަކާއި ހަވާލުނުކުރޭ. މިއަހަރު އަލުން އިޢުލާން ކުރާނެ ކަމަށް މިބަލަނީ" ނަސްރު ވިދާޅުވިއެވެ.
ބޮޑު އަޓިގެ މިހާރު ހުރީ ވަރަށްބޮޑަށް ވީރާނާވެފައެވެ.