ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ގޮވައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅޭ މަޔަކަށް ހިތްހަމަޖައްސާލުމަށް ކުރެވިދާނެ ބައިވަރު ކަންކަން ހުރެއެވެ. އެގޮތުން މިރިޕޯޓް މިޚާއްސަކޮށްލަނީ ވަރަށްވެސް ހުނަރުވެރި ކަނބަލަކަށެވެ. ދަރިފުޅު ގޮވައިގެން އިންޑިއާގެ ބެންގަލޫރުގައި ކުރެވުނު ތަޖުރިބާއާއި ދިމާވި ގޮންޖެހުންތަކާއި އެކު ހިތްވަރުކޮށް އައިމިނަތު ޢަލީ ދިރިއުޅުން ކުރިއަށްގެންދިޔައެވެ. އޯޓިޒަމް އަށް ޑައިގްނޮސްކޮށްފައިވާ އެއިރު އުމުރުން 16 އަހަރުގެ ދަރިފުޅު މުޙައްމަދު ނަހުޝަލް ނިޒާމް ގޮވައިގެން އިންޑިއާގައި އުޅުމުގެ ތެރޭގައި ދަރިފުޅު ތެރަޕީނަގާ ވަގުތުގައި އައިމިނަތު ދަސްކުރީ މާ ހަދާށެވެ.
މަޝްހޫރު ހުނަރުވެރިން ހިމެނޭ ޢާއިލާއެއް ކަމަށްވާ ނޫނުތާ ޢާއިލާއަށް ނިސްބަތްބާ ވެރިރަށް މާލެއަށް އުފަން އައިމިނަތު އަށް އޭނާގެ ގައިގައި ހުރި ހުނަރު ދެނެގަނެވުނީ އެހިސާބުންނެވެ. ތެރަޕީ ސެންޓަރު ކައިރީގައި ހުންނަ ފަހަން ދަސްކޮށްދޭ މީހެއް ކައިރިއަށްގޮސް އެއަންހެންމީހާ ގާތުން މާހަދަން ދަސްކުރިއެވެ. މާވަށީގެ އިތުރުން މިނާ ބޭނުންކޮށްގެން އެއްޗިހި ހެދުމާއި ސްޓޮކިންއާއި ކަރުދާސް އަދި ކްލޭއިންވެސް މާހަދަން ދަސްކުރިއެވެ.
ވިޔަފާރިއަކަށް މާނުހެދިކަމުގައި ވީނަމަވެސް ރައްޓެހިންނަށާއި ސްކޫލްގެ ހަރަކާތްތަކަށް މާހަދައިގެން ސްކޫލަށް ގެންދާކަމަށް އޭނާ ބުނެފައިވެއެވެ. ރާއްޖެއިން ބޭރުގައި ހުރެގެން ވިސާގައި އެއްވެސް މަސައްކަތެއް ނުކުރެވޭކަމަށާއި އެހެންކަމުން ފޫހިފިލުވުމަށް މާހަދަނީކަމަށް ބުންޏެވެ.
ދަރިފުޅާއި އެކު އިންޑިއާގައި ދިރިއުޅުމަށް ވިސާ ލިބުންދަތިވެ އެދެމައިންގެ ދިރިއުޅުން އެންމެފަހުން ބަދަލުކުރީ މެލޭޝިއާއަށެވެ. މިހާރު އުމުރުން 26 އަހަރުގެ މުޙައްމަދު ގޮވައިގެން އާއިލާއާއި ދުރުގައި މެލޭޝިއާގައި އައިމިނަތު އެކަނި އުޅެމުން އަންނައިރު އޭނާއަށް ހުރިހާ ކަމެއްގައިވެސް އެންމެ ބޮޑު އެހީތެރިކަމަކާއި ސަޕޯޓްލިބެނީ މާލޭގައި ދިރިއުޅޭ އޭނާގެ ބޮޑު ދަރިފުޅުގެ ފަރާތުންކަން ފާހަކުރިއެވެ. މެލޭޝިއާ ލޮކްޑައުން ކޮށްފައި އޮންނަތާ އެއްއަހަރުވަރު ވެފައިވާއިރު، ގޭގައި ބަންދުވެފައި ތިބެންޖެހުމުގެ ސަބަބުން ދަރިފުޅުގެ އުޅުމަށް ބަދަލުތައް އަންނަން ފެށިކަމަށާއި ބޭރަށް ނުދެވޭތީ ހިތްހަމަނުޖެހުނު ކަމުގައި ބުންޏެވެ.
މިހުރިހާ ކަމެއް މިގޮތަށް ހުރިނަމަވެސް، އިންޓަރނެޓް ބަލައިގެން އެކި ކަހަލަ މާހަދަން ދަސްކޮށް އެކަން ކުރިއަށްގެންދެއެވެ. އޭނާ ދެކެނީ މިއީ ދަރިފުޅު ގޮވައިގެން އުޅޭއިރު ކުރިމަތިވާ ނަފްސާނީ އެކި އުނދަގޫތަކާއި ދުރުވުމަށް ވަރަށް ބޮޑަށް ހިތްވަރުލިބޭ ކަމެއްކަމަށެވެ. އެގޮތުން ދަރިފުޅު ގޮވައިގެން ބޭރު ގައުމެއްގައި ދިރިއުޅެން ފެށުމުން އައި ބަދަލާއި ދިރިއުޅުމުގައި ކުރިމަތިވި ހާލަތްތައް އައިމިނަތު ވަނީ ޒީޓައިމްސްއާއި ހިއްސާކޮށްފައެވެ. އަދި ދަރިފުޅުގެ ބައްޕަ ދުނިޔެއާއި ވަކިވުމުން ނަފްސާނީ ގޮތުން ދަރިފުޅަށް އައި ބަދަލުތައް ވަނީ ކިޔައިދީފައެވެ. އޯޓިޒަމް ހުންނަ ކުދިންނަށް އެންމެ ބޮޑަށް ކުރިމަތިވާ އުދަގޫތަކުގެ ތެރޭގައި އެކުދިން ބުނަން ބޭނުންވާ އެއްޗެއް ނުބުނެވުމުން އެކުދިންގެ އަޚްލާގަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަކަމަށާއި، ހިތުގައި އުފެދޭ ޝުޢޫރުތައް ބުނެދޭން ނޭނގުން މިއީ ނަފްސާނީ ގޮތުން ވަރަށްބޮޑު އަސަރެއް ކުރާކަމެކެވެ.
އައިމިނަތު ދެކޭގޮތުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މައިންނަށްވެސް ހިތްހަމަޖެއްސުމަށް ކުރެވިދާނެ ބައިވަރު ކަންތައްތައް ހުންނާނެއެވެ. ކޮންމެ މީހަކުވެސް އެކަކު އަނެކެއްގެ ކިބައިން ކަންތައްތައް ދަސްކޮށް އުފާވެރި ހިންހަމަޖެހޭ މާޙައުލެއްގައި ދިރިއުޅޭ ބަޔަކަށް ވުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި އޭނާ ދެކެއެވެ.