ދިވެހި މީޑިއާގެ އަޑުތަކުގެ ތެރެއިން އަޅުގަނޑަށް އެންމެ ހިތްގައިމު އެއް އަޑަކީ ޓީވީއެމް އާއި ވީޓީވީގެ އިސްމަގާމުތަކެއް ފުރުއްވާފައިވާ މުހައްމަދު އާސިފް (މޮންދު)ގެ އަޑެވެ. އަޑު އެކަންޏެއް ނޫނެވެ. އުފައްދަވާފައިވާ ޓީވީ ޕްރޮޑަކްޝަންތައްވެސް ތަފާތެވެ. ޓީވީމޯލްޑިވްސްގައި 23 އަހަރު މަސައްކަތް ކުރެއްވި މޮންދު އެންމެ ފަހުން ހުންނެވީ ވީޓީވީގެ ސީއޯއޯގެ މަޤާމުގައެވެ. 7 އަހަރަށްފަހު އެ ޗެނަލް ދޫކުރައްވާ ރިޓަޔާ ކުރެއްވީ 2019ވަނަ އަހަރު ޑިސެމްބަރު 31 ގައެވެ. ނަމަވެސް އުމުރު ދުވަހު ކުރެއްވި މަސައްކަތާއި ދުރެއްނުވެވުނެވެ.
"ރިޓަޔަރ ކޮށްފަ ހިތަށް އެރީ ގޭގައި ދަނޑު ހައްދާލާ އެކަހަލަ ކަމެއްގައޭ އުޅޭނީ. ދަރިންނާ އަންހެނުންނާ މަންމައާއި އެއްކޮށް ވަގުތު ހޭދަކޮށްލާނީއޭ. އަންހެނުންގާތު ބުނިން ދެން ވަރަށް އަރާމުގައޭ އުޅޭނީ. ތިރީހަކަށް އަހަރު މިވީ، ގޭގައި ހޭދަކުރާ ވަގުތު ވަރަށް މަދުވާނެ" މޮންދު ވިދާޅުވިއެވެ.
ގޭގައި ހުންނެވުމަށް ފޫހިވުމާއި ކޮވިޑާއި ގުޅިގެން ލޮކްޑައުން ކުރުމުން މޮންދު ފެއްޓެވީ "ޓޯކް ޝޯ މޮންދު"ގެ ނަމުގައި ފޭސްބުކާއި ޔޫޓިއުބް މެދުވެރިކޮށް ލައިވް ސްޓްރީމްކޮށް ގެނެސްދޭ ވިޑީއޯ ޕޮޑްކާސްޓްތަކެކެވެ.
ޒީޓައިމްސްއަށް މޮންދު ވިދާޅުވީ "ކުރިއްސުރެ ކުރާހިތްވާ ކަމެއް ޓްރެވެލް ޝޯ ހެދުން. އޯޑިއޯއަށް ފުރަތަމަ ވިސްނީ. އަޅުގަނޑަކީ ޓީވީ ބެކްގްރައުންޑް ވީމާ ވިޑީއޯ އެއްޗެކޭ ހަދާނީ ހިތަށް އެރީ. މުވައްޒަފުން ލައިގެން ކުރަންވެއްޖެއްޔާ މީ ވަރަށް ޚަރަދު ބޮޑު ކަމަކަށޭވާނީ. އެހެންވެ އަމިއްލައަށް ޕްރެޒެންޓް ކުރަން ނިންމީ" ކުރީގެ ނިދާ ކޮޓަރީގައި ޝޯތައް ލައިވްކުރައްވަމުން އަންނަ މޮންދު ވިދާޅުވިއެވެ.
"ނިދާކޮޓަރި ހުސްކޮށްލާފަ ސެޓަޕް ހަދަން މަހެއްހާ ދުވަސް ނެގިއެވެ. އަމިއްލައަށް އޮޕަރޭޓް ކުރެވޭ ކެމެރާތަކާއެކު ތައްޔާރުކޮށްފައިވާ ސްޓޫޑިއޯގައި ލައިވްކުރި ފުރަތަމަ ޝޯއަށް މެހެމާނުންގެ ގޮތުގައި ގެންނެވީ އެދުރުންގެ ގޮތުގައި ބައްލަވާ ތިން އެކުވެރިންނެވެ. ކުރީގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރުން ކަމުގައިވާ "ޙަލީލު، އިއްބެ، މަސްއޫދު އެރުވީ. އެ ބޭފުޅުން އަރުވައިގެން ޕްރެޒެންޓް ކުރަންވީމަ ވަރަށް އުނދަގޫވި. ތަންކޮޅެއް ކޮށިކޮށް ދިޔައީ. އެކަމަކު އޭތި ބަލާފަ އެބޭފުޅުން ވަރަށް ހިތްވަރުދެއްވި. ނެގެޓިވް ކޮމެންޓެއް ނާދެ" މޮންދު ވިދާޅުވިއެވެ.
"އަޅުގަނޑުގެ އަޑު ނައްތާލަން ބަޔަކު މަސައްކަތް ކުރި. އެއީ އެންމެ ބޮޑު ހިތާމަ"
ޓީވީމޯލްޑިވްސްގެ ވަޒީފާއަށް މޮންދު ވެންނެވިއިރު އަޑު އަޅަނީ ވަރަށް މަދު ބައެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. "އޭރު ތޮއްޔިބު (އެމްއެމްޕީއާރްސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރ) ގިނަ އެއްޗެއްސަށް އަޑުއަޅަނީ. ބައެއް ފަހަރު އޭނާ އެކަނި އަޑުއަޅަން ޖެހުނީމަ ބުނާނެ މޮންދު ޓްރައި ކޮށްލަބަލާށޭ. ވާނެއޭ. ދެން ޓްރައި ކޮށްލީމަ ކަމުގޮއްސި ތޮއްޔިބަށް. އޭގެ ފަހުން ތޮއްޔިބު އަޑު އަޅަންޖެހޭ ބައެއް ޕްރޮގްރާމްތަކަށް އަޅުގަނޑު ލައްވާ އަޑު އަޅުވަން ފަށައިފި."
އޭގެފަހުން މޮންދުގެ އަޑު ޓީވީއެމްގެ ޕްރޮގްރާމްތަކުގައި ގިނަވެގެންގޮސް އެންމެފަހުން މެނޭޖްމަންޓުން މޮންދުއަށް އަޑު ނާޅަން އެންގިއެވެ.
"އަޅުގަނޑަކީ މަޙްރަޖާއިއެކު ލިޔެފަ އޮންނަ އެއްޗެއް ކިޔަންވާ ގޮތަށް ކިޔަން ބޭނުންވާ މީހެއް. އެހެންވީމަކަންނޭނގެ މީހުންނަށް ކަމުދިޔައީ. އަޑު ރީތިވެގެން އަޑު އަހާލާށޭ ކިޔާފަ އަންނާނެ ރަށްރަށުންވެސް ފޯނުކޯލުތައް" ކީރިތި ޤުރުއާނުގެ ދިވެހިތަރުޖަމާ އާއި ދީނީ އެކިކަހަލަ ޕްރޮގްރާމްތަކަށް އަޑުއެޅުއްވި މޮންދު ވިދާޅުވިއެވެ.
"2009ވަނަ އަހަރު އަޅުގަނޑަށް ދިން ޤުރުއާން ތަރުޖަމާއަށް އަޑުއަޅަން. އެއްކޮށް ނިންމާލަން ވަރަށްބޭނުންވި. ޓީވީން ކެނޑެން ލީ ސިޓީގައިވެސް އަޅުގަނޑު އެދުނިން އެފުރުސަތު ދެއްވުމަށް. އެހެންނަމަވެސް ވީޓީވީން އަޅުގަނޑުގެ އަޑުކޮޅެއް އޮންއެއާވުމުން އަޅުގަނޑު އަޑު އަޅާފަ ހުރި ދީނީ ބައެއް ޕްރޮގްރާމްތަކުން އަޅުގަނޑުގެ އަޑު ބަދަލު ކުރިކަމަށް މަޢުލޫމާތު ލިބުނު. އެހާވެސް އަޅުގަނޑުގެ އަޑު ނިކަމެތި ކޮށްލި. މުޅި އުމުރުދުވަސް ހޭދަކުރި ޓީވީއެމްގައި އޭރުގެ އެތަނުގެވެރިން އަޅުގަނޑުގެ އަޑު ނައްތާލަން މަސައްކަތް ކުރި ކުރުން އެއީ އަޅުގަނޑުގެ މިދާއިރާގައި ކުރި އެންމެބޮޑު ހިތާމަ" މޮންދު ވިދާޅުވިއެވެ.
އެހިސާބުން ފެށިގެން މޮންދު ވަރަށް ބޮޑަށް މާޔޫސްވެލެއްވިއެވެ. "އަޅުގަނޑު ސިޔާސީ އެއްޗަކަށް އަޑެއް ނާޅަން ހަމައެކަނި ޖޭޕީގެ އިވެންޓަކަށް އޭރު މީހެއް ނެތިގެން އަޅުގަނޑު އަޅާލި އަޑުކޮޅެއްގެ ސަބަބުން އަޅުގަނޑު ސިޔާސީވީއޭ ކިޔާފަ އަޑުތައް ފުލެހީމަ ވަރަށް ދެރަވި. ފަހުން ވީޓީވީގައި ޤުރުއާން ތަރުޖަމާއަށް އަޑުއަޅަން ފަށައިގެން ބަޤަރާ ސޫރަތާއި ހަމައަށް އަޑު އެޅުނު. އެ ހިސާބުން އަޅުގަނޑު ވަރަށް ބޮޑަށް ބަލިވި" ހިތުގެ ބައްޔަށް ފަރުވާ ހޯއްދަވާފައިވާ މޮންދު ވިދާޅުވިއެވެ.
ޤުރުއާން ތަރުޖަމާ އެއްކޮށް ނިންމާނުލެވުނު ނަމަވެސް މޮންދު ހުންނެވީ ކޮންމެވެސް ދުވަހަކުން އެއްކޮށް އަޑުއަޅާ ނިންމާލެވޭނެ ކަމުގެ އަޒުމުގައެވެ.
ކުރިން އިންނެވީ 70 ނަމްބަރު ފިހާރައިގެ ކޮށިގަނޑުގައި
އޯޯލެވެލް ނިންމެވީ 1987ގައި މަޖީދިއްޔާ ސްކޫލުންނެވެ. އޭލެވެލް ނިންމެވީ 1991ގައި ސްރީލަންކާއިންނެވެ. އޭރު އުމުރުން 20 ނުވަތަ 21 އަހަރު ވެއްޖެއެވެ. މޮންދުގެ ބައްޕަ އަކީ އޭރު ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެކެވެ. އެހެންނަމަވެސް ވިޔަފާރީގެ ޝައުގެއް އޭނާގެ ނެތެވެ. "އެހެންވީމަ ސްކޫލު ނިންމާފަ ގޭގައި ހުރީ. ގޭގައި ބޭންޑެއް ހަދައިގެން މިއުޒިކްވެސް ކުޅެން އޭރު. ބައްޕަ ވަރަށް ނުރުހުންވި އެކަމާ. ބައްޕަ ބުނުއްވި އަނެއްކާވެސް އިތުރަށް ކިޔަވަން ދާންވީނުންހޭ. އަޅުގަނޑު ބުނީ ދެން މަސައްކަތެކޭ ކުރާނީ" ބައްޕަ ބުނުއްވައިގެން ދެން މޮންދު ހުންނެވީ 70 ނަމްބަރު ފިހާރައިގެ ކޮށިގަނޑުގައެވެ.
"އޭރު ޙަލީލު ވަރަށް ގިނައިން ވަންނާނެ އެ ފިހާރައަށް. ޙަލީލް ވަން ދުވަހެއްގައި އަޅުގަނޑު ބުނީ ޓީވީ މޯލްޑިވްސްއަށް ވަދެވޭނެ ގޮތެއް ހަދައިދީބަލާށޭ. ބުނީ ސިޓީއެއް ލާށޭ. ތިމަންނަ ބަލައިދީފާނަމޭ. ވަރަށް ފަސޭހައިން ވަދެވިއްޖެ." ޓްރޭނީއެއްގެ ގޮތުގައި ކަންކަން ދަސްކުރައްވަމުން ދަނިކޮށް އެއްމަސްފަހުން މޮންދުއަށް ޕްރޮގްރާމް އުފައްދަން އޭރު ހުންނެވި ޑިރެކްޓަރ ޖެނެރަލް މަރްޙޫމް ހުސެއިން މުހައްމަދު އެންގެވިއެވެ.
"ފުރަތަމަ ހެދީ މިއުޒިކާ ގުޅޭ އެއްގަޑިއިރުގެ ޕްރޮގްރާމެއް. ވަރަށް ވިއްސާރަވެސް ދުވަހެއް. ވަރަށް އުނދަގުލުން ވަރަށް ދެރަވަރުކޮށް އެ ހެދުނީ" އެއީ މާޗް 1991ގައި ޕްރޮޑިއުސަރ ޓްރޭނީއެއްގެ މަގާމަށް ވެންނެވި މޮންދު އުފެއްދެވި ފުރަތަމަ ޓީވީ ޕްރޮގްރާމެވެ.
އޭގެ ތިންމަސް ފަހުން ބޭސިކް ޓީވީ ޕްރޮޑަކްޝަން ކޯހަކަށް މެލޭޝިއާ އަށް ދިއުމަށް ޓީވީއެމް އިން މޮންދުއަށް ފުރުސަތު ދެއްވިއެވެ. "އެއީ މިކަމުގެ އަލިފުބާ ދަސްވި ހިސާބަކީ. މެލޭޝިއާއިން އައިސް ފަސްމަހެއްހާ ދުވަސް ފަހުން ޖަަޕާނުން ލިބިއްޖެ 4 މަސް ދުވަހުގެ އެޑްވާންސް ޕްރޮގްރާމެއް." ޕްރޮގްރާމްސް ޑިޕާޓްމެންޓްގެ ޒިންމާދާރު މަގާމުތައް ފުރުއްވާ ޓީވީއެމްގެ ޗީފް އޮޕަރޭޓިން އޮފިސަރގެ މަގާމުވެސް އަދާކުރެއްވި މޮންދު ވިދާޅުވިއެވެ.
23 އަހަރަށްފަހު ޓީވީއެމުން ނިކުންނެވީ މަޖްބޫރުވެގެން
"2013ގައި އޭރުގެ ސިޔާސީ މަޝްރަހް ހަލަބޮލިކަމުން އަޅުގަނޑަށް މަޖުބޫރުވީ ޓީވީއެމްއިން ވަކިވާން. ހިތަށްއެރީ ތަފާތު ދާއިރާއަކަށް ދާނީ އޭ. ވީޓީވީއަށް ވަނީ 2013ގެ މާރިޗް ގަ. އަޅުގަނޑު ބޭނުންވި ވަރަށްގިނަ ކަންކަން އެޗީވްނުވެ އެބަހުރި. އެވަރުގެ މާހައުލެއް ރާއްޖޭގައި ނެތީ" މޮންދު ވިދާޅުވިއެވެ.
ހާސިލްނުވި ކަންކަމަކީ ކޮބައިތޯ އެއްސެވުމުން މޮންދު ވިދާޅުވީ "އެއްވެސް ނުފޫޒެއްނެތި އަޅުގަނޑު އަމިއްލަ ލާރިން ހިންގޭނެ މީޑީއާ ޕްލެޓްފޯމެއް އޮތުމަކީ އަބަދުވެސް ހިތްއެދޭ ކަމެއް. އެނިޔަތް އެބައޮތް އަދިވެސް" ވީޓީވީގެ ވަޒީފާ ދޫކުރައްވާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބައިލައްކަ އެއްހާ ރުފިޔާ ޙަރަދުކޮށްގެން 'ކުރުކޮށް' ކިޔާ އެޕެއް އުފެއްދެވި ވީމީޑިއާގެ ޗީޕް އޮޕަރޭޓިން އޮފިސަރގެ މަގާމުން އަދާކުރެއްވި މޮންދު ވިދާޅުވިއެވެ.
މޮންދުގެ ކުރި އެރުމުގައި އާއިލާގެ ދައުރު ބޮޑު
"ޓީވީއެމްގައި އުޅުނުއިރު ހެނދުނު ނުކުންނަގޮތަށް އެންމެ އަވަސްވެގެންވެސް ދަންވަރު 1 ޖަހާއިރު އަޅުގަނޑަށް ގެއަށް އާދެވޭނީ. އަޅުުގަނޑުގެ މުޅި ހަޔާތް މިދިޔައީ އެގޮތަށް. އެހެންނަމަވެސް އަންހެނުން ރުމޭޒާ އެއްވެސް ޝަކުވާއެއް ނުކުރާނެ. މިހާރު އެކުގައި އުޅޭތާ 28 އަހަރުވީ. ކުދިންގެ ކަންތައް ބެލެހެއްޓުމާއި ހުރިހާ ކަމެއްގައިވެސް އަންހެނުންގެ އެހީތެރިކަން ވަރަށް ބޮޑު" ކަމަށް މޮންދު ފާހަގަ ކުރެއްވިއެވެ.
ބުރަކޮށް އުޅުއްވިނަމަވެސް މަންމައާއިއެކު ވަގުތު ހޭދަކުރެއްވުމަކީ މޮންދުގެ އުފަލެކެވެ. "25 އަހަރު ވެއްޖެ މަންމަ ބަލި އެނދުގައި އޮންނަތާ. ބޭސްފަރުވާއަށް މަންމަ ގޮވައިގެން ވަރަށް ގިނައިން ޤައުމުންބޭރުގައި އުޅެންޖެހޭ. 5 ބެއިންގެ ތެރެއިން އަޅުގަނޑު އެންމެ ދޮށީ. މިހާރު އެހުރިހާ ކުދިންގެ ބައްޕަ އަކީވެސް އަޅުގަނޑު. އެކުދިންގެ ލޯތްބާއި ސަޕޯޓް އޮންނާތީ އަޅުގަނޑަށް މިހާ ހިސާބަށް އާދެވުނީ" ޝުކުރުވެރިކަމާއެކު މޮންދު ވިދާޅުވިއެވެ.
މޮންދު ކުރައްވާ މަސައްކަތްތަކަށް ދަރިންގެ ޝައުޤެއް ހުރޭތޯ އަހާލުމުން ވިދާޅުވީ "ތިން އަންހެން ދަރިން އަޅުގަނޑުގެ ތިބެނީ. ހޮސްޕިޓަލިޓީ ދާއިރާއިން ޑިގްރީ ހާސިލްކޮށްގެން ހުރި މައިީޝާގެ ހުރޭ ޝައުގުވެރިކަން. މިހާރު އުޅޭ ރިސޯޓުގެ ވީޑިއޯ ކަންކަމުގައިވެސް އެބައުޅޭ. ބައެއް ފަހަރު އަމިއްލައަށް ބުނެގެންވެސް ހުންނާނެ އެއްޗެއްސަށް އަޑު އަޅުވާފަ. ބައްޕައަކަށް އަޑުއަޅައިގެން އާމްދަނީއެއް ނުލިބޭ. އެކަމަކު އެ ދަރިފުޅަށް މިހާރު އެކަމުން އާމްދަނީވެސް ލިބޭ. ވަރަށް އުފާވޭ ދަރިފުޅު މައީޝާ އަޅުގަނޑުގެ ލެގަސީ ދަމަހައްޓާނެ ކަމުގެ އިހްސާސްވޭ."
ފާހަގަކޮށްލެވޭ ބައެއް އުފެއްދުންތައް
ޓީވީއެމްގައި ހޭދަކުރެއްވި 23 އަހަރުގެތެރޭގައި މޮންދު ހެއްދެވި ޑޮކިއުމެންޓްރީތަކުގެ ތެރެއިން އިނގިރޭސިބަހުން އުފެއްދެވި ފާނަ މަސްވެރިކަމާ ބެހޭ ޑޮކިއުމެންޓްރީއަކަށް ވަނީ ޤައުމީ ފިލްމް އެވޯޑްސްގެ ޑޮކިއުމެންޓްރީ ބައިން އެއްވަނަ ލިބިފައެވެ. 2009ގައި ސަރަހައްދީ ޤައުމުތައް ގުޅިގެން އުފެއްދި ސުނާމީއާއި ގުޅޭ ޑޮކިއުމެންޓްރީތަކެއްގެ ތެރެއިން މޮންދު އުފެއްދެވި ރާއްޖޭގެ ޑޮކިއުމެންޓްރީއަކީވެސް ވަރަށް ހިނގި އެއްޗެކެވެ. އިނގިރޭސި ބަހުންނާއި ދިވެހި ބަހުން އަޑު އަޅާފައިވާ އެ ޑޮކިއުމެންޓްރީ ފަހުން ހޮންކޮންގެ ޓީވީއަކުންވެސް ދެއްކި އެވެ.
"އެންމެ ހިތްހަމަޖެހިލައިގެން ބްރޯޑްކާސްޓިންގެ ހަޔާތުގައި 'އެންޖޯއީ' ކުރީ 2009 ހިސާބުގައި އެމްއެންބީސީގެ އަހަރުތަކުގަ" ކަމަށް މޮންދު ފާހަގަ ކުރެއްވިއެވެ. އެއީ ޕްރައިވެޓް މީޑިއާ ތައާފުކޮށް ދައުލަތު މީޑިއާއަށް ބޮޑެތި ޤާނޫނީ ބަދަލުތަކެއް އައި ދަނޑިވަޅެވެ. އަދި ރައީސް މައުމޫންގެ ވެރިކަން "ވަތަން އެދޭ ގޮތަށް" އިއްތިހާދުގެ ވެރިކަމަށް ބަދަލުވި ދުވަސްވަރެވެ.
"ބޮޑު ބެރު ޗެލެންޖް، ގިޓާ އައިޑްލް، ވޮއިސް އޮފް މޯލްޑިވްސް. މިއީ އަޅުގަނޑު ޑިވެލޮޕް ކުރި ކޮންސެޕްޓްތައް. ވީޓީވީގައި ސަޓަޑޭ ނައިޓް ލައިވް، އަނާ ބުނީތީ ފަރަށް، ޝިފްޒާގެ މެހެމާން، ހަމީދު ގޮވައިގެން ތަކަންދޫއަށް ކުރި ދަތުރު، ސްރީލަންކާގައި ނެގި ކުރޮޅިދަތުރު ކަހަލަ އެއްޗެހި އެއީ ޔުނިކް އެއްޗެހި. އޭގެ ތެރެއިން ބައެއް އެއްޗެހި އެއީ އަޅުގަނޑު އަމިއްލައަށް ވީޑިއޯކޮށް އެޑިޓްކޮށްގެން ހެދި އެއްޗެހި. ބޭނުމެއް ނޫން ދުވަހަކުވެސް އަޅުގަނޑުގެ ޕްރޮޑަކްޝަން ވިސްނުމާ ސްކިލް ދޫކޮށްލާކަށް" ވީމިޑިއާގެ ފަރާތުން މޯލްޑިވްސް މީޑިއާ ކައުންސިލްގައި ހިމެނިވަޑައިގެން އެކައުންސިލްގެ ރައީސްކަން ކުރެއްވި މޮންދު ވިދާޅުވިއެވެ.
"ކޮންމެ ދުވަހަކީވެސް ދަސްކުރާ ދުވަހަކަށް ހެދުން ވަަރަށް މުހިންމު. ފާހަގަވޭ ނޫސްވެރިން ތަމްރީނު ނުވެ ތިބިކަން. އެސަބަބާ ހެދި ޕްރޮފެޝަންގެ ކޮލިޓީ ދަށްވެގެން ދިޔައީ. ޒިންމާދާރުކަމާއެކު ނޫސްވެރިކަން ދަސްކޮށްގެން އެންމެ ރަނގަޅު ގޮތުގައި އެތިކަލް ޖާނަލިޒަމް ކުރިއަށް ގެންގޮސްދެއްވާށޭ. ނޫސްވެރިންނަކީ ވިކޭނެ ބައެއްކަމަށް އެބުނާ ވާހަކަ އަޅުގަނޑު ޤަބޫލެއް ނުކުރަން. ނޫސްވެރިން ފޫހިވެއްޖެއްޔާ، ނުވަތަ މަސައްކަތް ދޫކޮށްލައިފިއްޔާ އެއީ ޤައުމިއްޔަތަށް ލިބޭނެ ވަރަށްބޮޑު ދެރައެއް" މިއީ ޤައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑުގެ ރައީސްކަމުގައި މިވަގުތު ހުންނެވި މޮންދު ހުރިހާ ނޫސްވެރިންނަށް ދެއްވާ ޚާއްސަ މެސެޖެކެވެ.