Advertisement
header ad
XeeTimesXeeTimes
ކުޑަކުދިންގެ ދަތް: ސަމާލުކަންދޭންވީ ކަންތައްތައް! ސިއްޙަތު

ކުޑަކުދިންގެ ދަތް: ސަމާލުކަންދޭންވީ ކަންތައްތައް!

ކުޑަކުދިންގެ ދަތް އާންމުކޮށް ފަޅަން ފަށަނީ ކުއްޖާގެ އުމުރުން 6 މަސް ފަހުންނެވެ. އޭގެ ފަހުން އެކި މުއްދަތުގައި ދަތް ފަޅަމުންދާއިރު އާންމުގޮތެއްގައި އުމުރުން 21 އަހަރުވާއިރު ހުރިހާ ދަތްތަކެއް ފަޅައެވެ.

ކިރުބުއި ދަތް މުހިންމުވަނީ ކީއްވެ؟

ދަތުގެ ޚާއްސަ ޑޮކްޓަރު އަޙްމަދު ސަލީމް މަޢުލޫމާތުދެއްވިގޮތުގައި ކިރުބުއި ދަތްތަކަކީ ވަރަށް މުހިންމު ދަތްތަކެކެވެ. މިދަތްތައް ފަނިކައިފިނަމަ ދާއިމީ ދަތް ފެޅުމަށް މައްސަލަ ދިމާވެއެވެ.

Article - in content
Advertisement

" އެންމެފުރަތަމަ ފަޅާދަތް މުހިންމުވަނީ ކާތަކެތި ރަނގަޅަށް ހެފުމަށް. އަދި ދާއިމީ ދަތް ފެޅުމަށް ޖާގަ ބެހެއްޓުމާއި ދަތް ރަނގަޅު ހިސާބުގައި ފެޅުމަށް އެހީވުމަށް. ކޯ ކަށިގަނޑާއި މަސްތައް ހެދިބޮޑުވުމަށްވެސް މުހިންމު"

މެދު 4 ދަތް 6 އަހަރާއި 7 އަހަރުވަންދެން އާންމުކޮށް ހުންނައިރު ކޮލު ދަތްތައް 10 އަހަރާއި 12 އަހަރުވަންދެން އާންމުކޮށް ނުވެއްޓި ހުރެއެވެ. ވާހަކަ ދެއްކުމާއި މޫނުގެ ރީތިކަމަށްވެސް ކިރުބުއި ދަތް މުހިންމުދައުރެއް އަދާކުރެއެވެ.

ކިރުބުއި ދަތް އުނގުޅަން ފަށާނީ ކޮންއިރަކު؟

ކުދިން އުފަންވުމަށްފަހު ހިރުގަނޑު ސާފުކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ސާފު މަޑުފޮތިކޮޅެއް ފެނުން ތެންމާލުމަށްފަހު މަޑުމަޑުން ސާފުކުރުމަށް ޑރ.ސަލީމް ލަފާދެއްވިއެވެ. " ދަތް ފެޅުމުން ކުޑަކުދިންގެ ދަތް އުނގުޅުމަށް ޚާއްސަ މަޑުމަޑު ބުރުހަކުން ދަތް އުނގުޅަންވާނެ. އުނގުޅާއިރު ބޭނުންކުރަންވާނީ ފުލޮރައިޑް އެކުލެވޭ ދަތްއުނގުޅާ ބޭހެއް"

ދަތް ފަނިކެއުން

ދަތް ފަނިކެއުން އެއީ މަޑުމަޑުން ލަސްލަހުން ދަތުގެ ޓިޝޫތައް ހަލާކުވުމަށް ކިޔާ މައިގަނޑު ނަންކަމަށާއި، ދަތް ފަނިކެއުމަކީ ފަންޏެއްގެ ސަބަބުން ވާކަމެއް ނޫންކަމަށް ޑޮކްޓަރު ވަނީ މަޢުލޫމާތުދެއްވާފަ އެވެ.

" އަނގަތެރޭގައި އަބަދުވެސް ބެކްޓީރިއާ އުޅޭ. މިބެކްޓީރިއާތައް ކާއެއްޗެހި (ހަކުރު، ސްޓާރޗް) ހުންނަ އެސިޑަށް ބަދަލުކުރޭ. އަނގައިގަ ހަރުލާ ކާތަކެއްޗާއި، އެސިޑް، ބެކްޓީރިއާ އަދި ކުޅު އެކުވެ ދަތްތަކުގަ ޕްލާކް ހަރުލާގޮތްވޭ. ޕްލާކް އަކީ ދަތުގެ ވަށައިގެން އުފެދޭ މަޑުފަށަލަ އެއް"

ޑޮކްޓަރު މަޢުލޫމާތު ދެއްވިގޮތުގައި ކާތަކެތި ކެއުމަށްފަހު 20 މިނިޓްތެރޭގައި ޕްލާކް އުފެދޭގޮތްވެއެވެ. މިޕްލާކްތައް އަވަސްގޮތެއްގައި ސާފުނުކުރެވިއްޖެނަމަ ދަތް ފަނިކެއުމުގެ ފުރަތަމަ މަރުހަލާ އެފެށުނީއެވެ. އަދި ޕްލާކްގައި ހުންނަ އެސިޑްތައް ދިޔާވެ ދަތުގެ އެނޭމަލް ހަލާކުވެ ލޯވަޅު ހެދޭގޮތްވާކަމަށާއި، މީގެ ސަބަބުން ތަދުނުވެހުރެ ދަތުގެ އެތެރެ ވަރަށްބޮޑަށް ހަލާކުވެއެވެ. މިގޮތުން ދަތުގެ ނާރުތަކާއި ލޭހޮޅިތައް ހަލާކުވެ، އަޅާނުލާ ދޫކޮށްލެވިއްޖެނަމަ ހިރުގަނޑުގަ ދޮސްލާގޮތްވާނެ ކަމަށާއި، އޭގެ ސަބަބުން ދަތް އުފުރާލަންޖެހޭ ކަމަށް ޑރ. ސަލީމް ވަނީ ވިދާޅުވެފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —