November 24, 2024 10:40
Advertisement

-Advertisement-

އިޒްކާގެ އޮޕަރޭޝަނަށްފަހު ނަގާފައިވާ ފޮޓޯއެއް

އިޒްކާ: ހިތުގެ އޮޕަރޭޝަނެއްކޮށް ފަރުވާދެނީ އައިސީޔޫގައި!

އުމުރުން އެންމެ 13 މަހުގެ އާމިނަތު އިޒްކާ ބިންތި އިޒާމް ހިތުގެ އޮޕަރޭޝަން މިއަދު ކުރިއަށް ގެންދިޔައީ އިންޑިއާގެ ލިސީ ހޮސްޕިޓަލުގައެވެ.

މިއޮޕަރޭޝަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޑރ.ސުނިލް އާއި ހަވާލާދީ އިޒްކާގެ ބޮޑުދައިތަ ޝެނީނާ ޒާހިރު 'ޒީޓައިމްސް އަށް މަޢުލޫމާތުދެމުން ބުނެފައިވަނީ އޮޕަރޭޝަން ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދެވުނު ކަމަށް ޑޮކްޓަރު މަޢުލޫމާތުދީފައިވާ ކަމަށެވެ. "އޯޕަން ހާޓް ސާޖަރީއެއް ކުރިއަށްގެންދިޔައީ. ހިތުގައި އިން ވަރަށްބޮޑު ލޯވަޅެއް. އަދި ހިތަށް ލޭ ފޮނުވައިދޭ ހޮޅި ބްލޮކް ވެފައިވާ މައްސަލަ ވަނީ ހައްލުކޮށްފަ. ބޭބީގެ ޙާލަތާއިމެދު ވަކިއެއްޗެއް ބުނަން އެނގޭނީ 4ދުވަސް ފަހުން ކަމަށް ޑޮކްޓަރު ވިދާޅުވީ"

އިޒްކާގެ އޮޕަރޭޝަން ކުރިއަށް ގެންދިޔައިރު ނަގާފައިވާ ފޮޓޯއެއް

ހިތުން ލޭ ފޮނުވައިދޭ ނާރު މާބޮޑަށް ހިމަވުމުގެ ސަބަބުން އޮޕަރޭޝަން ކުރެވުނީ ވަރަށް އުދަގުލުން ކަމަށް ޑޮކްޓަރާއި ޙަވާލާދީ ޢާއިލާއިން ވަނީ މަޢޫލޫމާތު ދީފައެވެ. އޮޕަރޭޝަން ކުރުމަށް 4 ގަޑިއިރަށްވުރެ ގިނައިރު ހޭދަވިއިރު އިޒްކާ އަށް މިވަގުތު ފަރުވާ ދެމުންދަނީ ލިސީ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.  

Advertisement

"އިންޑިއާ އަށް ދިއުމަށް ޓިކެޓުނަގައި އެހާ އަވަހަށް ފުރޭނެ ގޮތެއް ހަމަޖެހުނީ އިޒްކާއާއި ގުޅޭ ރިޕޯޓެއްޖެހުމުން އާންމުންގެ ފަރާތުން ލިބުނު އެހީއިން. އިންޑިއާއަށް ދިޔަފަހުން އެންސްޕާއިން އެހީތެރިކަމެއް ހަމަޖެއްސި ކަމަށް ބުނި. ލިޔުން ލިބިފައިނުވާތީ އަދި އަޅުގަނޑުމެންނަށް ނޭނގޭ އެންސްޕާއިން ދެނީ ކިހާމިންވަރެއްގެ އެހީއެއް ކަމެއް. މިފުރުސަތުގައި ވަރަށްބޮޑަށް ޝުކުރު އަދާކުރަން ބޭނުން އިޒްކާގެ އޮޕަރޭޝަން ކުރުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް" ޝެނީނާ ޝުކުރުވެރިކަމާއިއެކު ފާހަގަކުރިއެވެ.  

އިޒްކާ

ގއ.ކޮލަމާފުށީ ނަޖުދާ އަޙްމަދާއި ގދ.ވާދޫ އިޒާމް ޒާހިރުގެ އަލަތު ދަރިފުޅު ކަމުގައިވާ އިޒްކާގެ ޚާއްސަ ރިޕޯޓެއް ޒީޓައިމްސް މެދުވެރިކޮށް ގެނެސްދިނީ ފެބުރުއަރީމަހުގެ 12ވަނަ ދުވަހުގައެވެ. ދަރިފުޅުގެ ހިތުގެ މައްސަލަ ހުންނަކަން އެންމެ ފުރަތަމަ އެނގުނީ ހިތުގެވިންދު ދަށްވުމާއިގުޅިގެން ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގުމަށްފަހު ހެދި ޓެސްޓްތަކުން ކަމަށް އިޒްކާގެ މައިންބަފައިން ކުރިންވަނީ މަޢުލޫމާތުދީފައެވެ. އިޒްކާގެ މަންމަ ނަޖުދާ އަޙްމަދަކީ ހިތުގައި ލޯވަޅެއް ހުރެގެން 2017ވަނަ އަހަރު އޮޕަރޭޝަން ކޮށްފައިވާ މީހެކެވެ.

އެމަޖެންސީކޮށް އޮޕަރޭޝަންކުރުމަށް ޑޮކްޓަރު ލަފާދިނުމާއި ގުޅިގެން އިޒްކާގެ އޮޕަރޭޝަން ފުރަތަމަ ކުރެވޭތޯބެލީ އޭޑީކޭ ހޮސްޕިޓަލުންނެވެ. ރިސްކުބޮޑު އޮޕަރޭޝަނަކަށްވާތީ އާއި އޮޕަރޭޝަން ކުރިއަށް ނުގެންދެވި ލަސްވާތީ ޢާއިލާއިން އިންޑިއާގެ ލިސީ ހޮސްޕިޓަލަށް ދިޔައީ ފެބުރުއަރީ މަހުގެ 18ވަނަ ދުވަހުގައެވެ. އެދުވަހަށްފަހު ކަރަންޓީން ނިންމާ އޮޕަރޭޝަން މިއަދު ކުރެވުނުއިރު ޢާއިލާ އަށް އެނބުރި ރާއްޖެއަށް އާދެވޭނެ ދުވަހެއް ނޭނގެއެވެ. ޑރ.ސުނިލް ސޮއިކޮށް ކުރިން ދީފައިވާ ލިޔުމުގައިވާގޮތުން 2 ހަފްތާވަރު ހޮސްޕިޓަލުގައި މަޑުކުރަންޖެހިދާނެ އެވެ.

ޢާއިލާއިން އެދެނީ އިޒްކާގެ ޙާލު ރަނގަޅުވެ އެނބުރި ޤައުމަށް އާދެވޭނެގޮތް މިންވަރުކޮށްދެއްވުން އެދި ދުޢާ ކޮށްދިނުމަށެވެ.

+1
2
+1
15
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް