މިއީ 19 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު ކުޅުންތެރިއެކެވެ. މަދަރުސީ ތަޢުލީމު ނިންމެވިތަނާހެން އެއިރު 19 އަހަރުން ދަށުގެ ޤައުމީ ޓީމުގައި އިސްކޮށް އުޅުއްވި ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން) ދެއްވި ފުރުސަތެއްގައި އޭނާ ގުޅިވަޑައިގެންނެވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އެވެ. މިއީ 1999ގައި އުމުރުން އެންމެ 17 އަހަރުގައި ސިވިލްސާރވިސް މަޤާމަކަށް އެފްއޭއެމްގެ ވަޒީފާއަށް ނިކުންނެވި ޙުސައިން ޖަވާޒު، ފުޓްބޯޅަ ޢާއިލާގެ ނަމުންނަމަ 'ޖަވާ' އެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އެވެ.
ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް ވަޑައިގެންނެވުނު ގޮތް ޒީޓައިމްސް އާއި ޙިއްސާ ކުރައްވަމުން ޖަވާ ވިދާޅުވީ "އޭރު ސްޕޯޓްސް މިނިސްޓްރީގެ ދަށުން ހިންގާ އެފްއޭއެމްގައި އުޅޭނީ އެންމެ 4 މުވައްޒަފުން. އަޅުގަނޑު ވަނީ ސްޕޯޓްސް ޑިވެލޮޕްމެންޓް އޮފިސަރެއްގެ މަޤާމަށް. ޓެކްނިކަލް ޑިޕާޓްމެންޓް ނޫން ހުރިހާ ޑިޕާޓްމެންޓެއްގައި މަސައްކަތް ކުރިން."
ޖަވާއަށް ފުޓްބޯޅައިގެ ތެރެއަށް ވަދެވުނީ ކްލަބް ވެލެންސިއާގައި އިސްކޮށް އުޅުއްވި އޭނާގެ ބައްޕަ ސަޢީދު އީސާ، މަޝްހޫރު ނަމުންނަމަ ސައްލި ސަޢީދުގެ ސަބަބުންނެވެ.
"ބައްޕަ އަކީ ކުޅިވަރަށް ވަރަށް ފޯރި ހުންނަ މީހެއް. ވެލެންސިއާގަ އަދި ކުރީގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މަރްހޫމް ޒާހިރު ނަސީރު އަރިހުގައި ކުޅިވަރުގެ ކަންކަން ކުރިއަރުވަން މަސައްކަތް ކުރި މީހެއް ބައްޕަ އަކީ. އަޅުގަނޑު އެކަނި ކުޅިވަރަށް ޚާއްސަވީ ބައްޕަގެ ކުދިންގެ ތެރެއިން ޢާއިލާގެ އިތުރު މީހަކަށް ކުޅިވަރާއި ގުޅޭ ދާއިރާއެއްގައި މި އުޅެނީ އަޅުގަނޑުގެ އަންހެނުން ޝާނީޒް. އެއީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއް މިހާރު" ޖަވާ ވިދާޅުވިއެވެ.
ތަޢުލީމް ހާސިލް ކުރެއްވީ ކުޅިވަރުގެ ދާއިރާއިން. ކޯހުން އެއްވަނަ ހޯއްދެވި
ޖަވާ ތަޢުލީމް ހާސިލް ކުރެއްވީ މެލޭޝިއާގެ ލިމްކޮކްވިން ޔުނިވަރސިޓީ އިންނެވެ. 2011ވަނަ އަހަރު އެ ޔުނިވަރސިޓީން ފުރަތަމަ ޑިގްރީ ހާސިލް ކުރެއްވީ 'ސްޕޯޓްސް ހެލްތް އެންޑް ފިޓްނެސް މެނޭޖްމެންޓް' ދާއިރާ އިންނެވެ.
އެ ކޯހުން މުޅި ޔުނިވަރސިޓީން އެއްވަނަ ހޯއްދެވި، ނަތީޖާއެއްގެ ގޮތުން ޔުނިވަރސިޓީގައި މަސައްކަތް ކުރައްވަމުން މާސްޓަރސް އަށް ކިޔެވުމުގެ ފުރުސަތު ލިބިލެއްވިއެވެ. މާސްޓަރސް ހާސިލް ކުރެއްވީ 'ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ސްޕޯޓްސް މެނޭޖްމަަަަންޓް' އިންނެވެ. "އަޅުގަނޑު ކިޔެވިއިރު އެފްއޭއެމުން ޕޭލީވްއެއް ދިން. ކިޔަވަން ހުރިނަމަވެސް އެފްއޭއެމްގެ އެކި އިވެންޓްތަކަށް މާލެ އައިސް އެކަންކަމުގައި ބައިވެރިވަމުން ދިޔައީ."
ޖަވާގެ ކުރިއެރުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ކޯޗު މޯހަން، ކޯޗު އިހުސާން ޢަބުދުލްޣަނީ (ސާންތީ)، އެފްއޭއެމްގެ ކުރީގެ އެގްޒެކެޓިވް ސެކްރެޓަރީ ޙުސެއިން ރަޝީދު އަދި އެފްއޭއެމްގެ ހުރިހާ ރައީސުންގެ އެހީތެރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"ހުރިހާ ރައީސުންވެސް ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވި. ވަކިން ޚާއްސަކޮށް ބައްސާމް އަދި ޝަވީދު. ކުރިއަށް ދިއުމުގައި ވަރަށްބޮޑު އެހީތެރިކަމެއްދޭ އަޅުގަނޑުގެ ޢާއިލާއިން. 2014 ގައި ޔުނިވަރސިޓީ ކިޔެވުން ނިންމާލަފަ އާދެވުނީ އިލްހާމްގެ ދައުރުގައި. އޭރު ޖެނެރަލް ސެކްރެޓަރީ ކަން ލިބުނު. އޭގެފަހުން 6 މަސް ދުވަހުގެ ތެރޭގައި ފީފާއިން އެފްއޭއެމް ނޯމަލައިޒް ކުރީ. 2016ގެ ނޮވެމްބަރު 20ގައި އޮތް ކޮންގްރެސް އަށްފަހު ބައްސާމްގެ ދައުރަށް އަނެއްކާވެސް ލިބުނީ އެ މަޤާމު." މިދައުރުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް ހޮވިވަޑައިގަންފައިވާ ޖަވާ ވިދާޅުވިއެވެ.
އެފްއޭއެމްގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ޖަވާ ވިދާޅުވީ ގަލޮޅު ދަނޑުގެ ސިޑިބަރީގެ ތިރީގައި 4 މުވައްޒަފުންލައިގެން ކުރިން ހިންގި އެފްއޭއެމް މިހާރު ވަރަށް ފުޅާވެއްޖެ ކަމަށެވެ. "މިހާރު އެބަތިބި 50 މުވައްޒަފުން. ޖެނެރަލް ސެކްރެޓަރީގެ ދައުރަކީ އެއްފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ ކަންކަން އެޑްމިނިސްޓްރޭޓިވްލީ އަދި އެންމެ ޓޮޕް އޮތޯރިޓީ އާއި އެގްޒެކެޓިވް ލެވެލެއްގައި އިމްޕްލިމެންޓް ކުރުން"
އެފްއޭއެމުން އެންމެ އިސްކަންދެއްވާ ކަންކަމުގެތެރޭގައި ޖަވާ ފާހަގަ ކުރެއްވީ ފުޓްބޯޅަ ތަރައްޤީކުރުމާއި، ކްލަބުތަކަށް ދޭންޖެހޭ ފައިސާގެ އެހީ ދޫކުރުމާއި، މީހުން ބިނާކުރުމުގެ ނުވަތަ މީހުން އުފެއްދުމާ، އެފްއޭއެމުން ހިންގާ ކަންކަން މީހުންނަށް ބުނެދީ ހޭލުންތެރިކުރުމުގެ މަސައްކަތެވެ.
"މި ޖެނެރޭޝަނަށް އައިސްފައިވާ ބަދަލުގައި ވަރަށްބޮޑު އުނދަގުލަކަށް މިވީ ކްލަބްތަކަށް ލިބޭ ފައިސާ އާއި އެއިޑް ފައިސާ ދަށްވުމާއެކު މެނޭޖް ކުރުމުގެބައި ދަށްވުން. އިލްހާމް (އެފްއޭއެމްގެ ކުރީގެ ރައީސް)ގެ ދައުރުގައި ވެސް ކްލަބުތައް ކޮޅަށް ޖަހަން ވަރަށް ގިނަ މަސައްކަތް ކުރި. 2016އިން ފެށިގެން މިހާ ހިސާބަށް އައިއިރު ކުލަބުތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ވަރަށް ގިނަ ކަންކަން ކުރެވިއްޖެ. މިދިޔަ ދެ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކްލަބުތަކުން ސީޒަނާއި ކުރިމަތިލާނީ ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ ދީފަ ކްލިއާވެގެން އޭއެފްސީ ކްލަބް ލައިސަންސް ސިސްޓަމުން ކޮލިފައިވެގެން" މިއީ ޖަވާ ޤަބޫލު ކުރައްވާގޮތުގައި އެފްއޭއެމްގެ ޓީމަށް ހޯދިފައިވާ ބޮޑު ކާމިޔާބީއެކެވެ.
"މީ ވަރަށް ބޮޑު ކުރިއެރުމެއް. ކުލަބުތަކުގެ ހިންގުމާއި އެފްއޭއެމްގެ ހިންގުމަށް މިއައީ. ކްލަބުތައް އެބަ އޮޑިޓްކުރެވޭ. ކްލަބްތަކުގެ އެކަޑަމީތައްވެސް ރަނގަޅުކުރަމުން މިދަނީ ލައިސެންސިން ސިސްޓަމްގެ ތެރެއިން. ރާއްޖޭގެ މަޝްހޫރު ދެ ކްލަބަކުން ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ނުދީގެން ވާނީ ސަސްޕެންޑްކޮށް އެފްއޭއެމުންވެސް ފީފާ އިންވެސް ފިޔަވަޅު އަޅާފަ. އެއީ ވަރަށް ބޮޑު ފިލާވަޅަކަށް ވެގެންދާނެ. އެހެންވީމާ ކުރިއަށް އޮތްތަނުގަ ކްލަބުތަކުގެ މުސާރައިގެ މައްސަލައެއް ނާންނާނެ ހެން ހީވަނީ" މިއީ އެފްއޭއެމަށް ގެނެވިފައިވާ ބޮޑެތި ބަދަލުތަކެވެ.
އެފްއޭއެމްގެ ތެރޭގައި ބޭރުން އެއްވެސް ނުފޫޒެއް އޮތްތޯ އަހާލުމުން ޖަވާ ވިދާޅުވީ ކުޅިވަރު ކަންތައްތަކުގައި އާންމުންވެސް އަދި ކުޅިވަރު ކުޅޭ މީހުންވެސް މުޅި ޤައުމުގައިވެސް ހޭލުންތެރިކަމެއް އަންނަން އެބަ ޖެހޭ ކަމަށެވެ. "މިނިސްޓްރީއާއި ސްޕޯޓްސް ކައުންސިލާއި އެސޯސިއޭޝަންތައް މި އުޅެނީ ޗޭންޖެއްގެ ތެރޭގައި. 2008ވަނަ އަހަރުގެ އިންޓަރިމް ކޮމިޓީން 2014ވަނަ އަހަރުގެ ނޯމަލައިޒޭޝަން ކޮމިޓީއާ ހަމައަށް އެފްއޭއެމް ހިންގުމުގެ ބައި ރަނގަޅު ކުރަމުން މިއައީ. އަސާސީ ޤަވާއިދަށް ބޮޑެތި ބަދަލުތައް އައިސް އޭއެފްސީ ފީފާގެ މިންތަކަށް ގަވާނެންސް އެލައިން ވެފައި މިހާރު މިއޮތީ. އެހެންވީމާ ކޮންމެ ގޮތެއްވިޔަސް އެފްއޭއެމަކީ އިންތިހާބީ ދައުރުތަކެއް އަންނަ ތަނަކަށް ވާނަމަ ކޮމްޕެޓިޝަން އާއި އޮޕޮޒިޝަން އާއި މިކަންކަންވެސް ހުންނާނެ. ޤަވާއިދުގެ ބޭރުންވެސް އުނދަގޫތަކެއް ހުރޭ. ޓާގެޓަކީ އެއްދުވަހުން އަނެއް ދުވަހަށް ހިންގުން ރަނގަޅު ކުރުން"
އިންޓަވިއު ނިންމާލަމުން ޖަވާ ވިދާޅުވީ ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންދިއުމަށާއި ސަޕޯޓަރުން އިތުރުކުރުމަށް މުޅި ރާއްޖެއަށް ފުޓްބޯޅަ ފުޅާވެގެން ދާންޖެހޭ ކަމަށެވެ. "ވިސްނުމަކީ 2023ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު އޮންނަންވާނީ ހޯމް އެންޑް އަވޭ އުސޫލުން އަތޮޅު ތެރެއާއި މާލޭގައި ކުޅޭ ސިސްޓަމަށް. އެހެންނަމަވެސް ބައެއް ކަންކަން އަދި މިހިރީ އަތްފޯރާވަރަށްވުރެ މާ ދުރުގައި. ދަތުރުފަތުރާ އެއް ވިއުގަޔަކުން ގުޅާލެވޭ ބައިވަރު ކަންކަމާއި ސަރުކާރާއެކު މަސައްކަތް ކުރަންޖެހޭ ކަންކަންވެސް އެބަހުރި. މިހާރު ސްޓެޕް ބައި ސްޓެޕް އެމަސައްކަތް ކުރަމުން މިދަނީ. ހޯމް އެންޑް އަވޭ މެޗުތައް ކުޅެވެން ފެށުމާއި އެކީގައި އަޅުގަނޑު ޤަބޫލު ކުރަނީ އެ ފޯރި އަނެއްކާވެސް އަންނާނެ ކަމަށް." ޖަވާ ވިދާޅުވިއެވެ.