ހެނދުނު 10:30 ހާއިރު، މެދުސައިޒުގެ ރޭޑިއޯއެއް ވަރުގެ ޓޭޕްރެކޯޑަރެއް ކޮނޑުގައި އަޅުވާލައިގެން، ރާއްޖެއިން ނުފެންނަ ސްޓައިލަކަށް ބުރުގާ އަޅައިގެން، ޕާކިސްތާން ހެދުންކަހަލަ ހެދުމެއްގައި އައިސް ވަނީ ޒުވާން އަންހެނެކެވެ. އެމީހަކު އެ އަންނަނީ ޕްރެސްކޮންފަރެންސެއް ނުވަތަ އިވެންޓަކުންކަން އެނގެއެވެ. ޏ.ފުވައްމުލަކަށް އުފަން ޝެހެނާޒް އަބްދުއްރަޙްމާން ފެނުމާއެކު، އެވަގުތުވެސް ޚާއްސަ އިޙްތިރާމަކާއި ޤަދަރެއް ދެވުނެވެ. އަންހެނަކު ނުކުންނާނެކަމަށް ހީވެސް ނުކުރާ ދާއިރާއަކުން ޝެހެނާޒް ފެނުމަކީ މި ދާއިރާއިން ކުރިއަށްދިޔުމަށް އަޅުގަނޑަށް ލިބުނު ހިތްވަރެކެވެ. ޝެހެނާޒް، އާންމު ނަމުންނަމަ ޝެހޭގެ ޚަބަރު ލިޔުމުގެ ސްޓައިލާއި، އަލަށް ވަންނަ ކުދިންނަށް ޚަބަރުލިޔާނެ ގޮތް ބުނެދީ، އެހީތެރިވެދޭ ގޮތް ހަނދާނަށް އާދެއެވެ. އަދި ޝެހެނާޒްގެ އެމަސައްކަތާމެދު އެކަން ތަޖްރިބާ ކުރިމީހެއްގެ ޙައިސިއްޔަތުން ފަޚުރުވެރިވެއެވެ.
ދިވެހިރާއްޖޭގެ އަޑަށް ވަނުން
އުމުރުން 15 ވަރަކަށް އަހަރުގައި، އެންމެ ފުރަތަމަ ޝެހޭއަށް ލިބުނީ ދިވެހިރާއްޖޭގެ އަޑުން ކިޔާޚަބަރުތައް، އަތުން ލިޔާނެ ފުރުސަތެވެ. 1981ގައި މިމަސައްކަތުގައި އުޅުނުއިރު އޭރުގެ މަޝްހޫރު ޕްރެޒެންޓަރުންގެ ގޮތުގައި ތިއްބެވި ރޭޑިއޯގެ ޝަޙުޞިއްޔަތުން ކަމުގައިވާ ބޭބޭފުޅުން ޝެހޭގެ އަތު ލިޔުމާމެދު ތައުރީފްކުރެއެވެ.
ނޫސްވެރިއަކަށް ބަދަލުވުން
ނޫސްވެރިއެއްގެ ގޮތުގައި ނުކުމެވުނީ އަތޮޅުތަކުގެ ޚަބަރުތައް ރޭޑިއޯ ޓެލެފޯން ސެޓް މެދުވެރިކޮށް ނޯޓު ކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. ނޫސްވެރިކަމުގެ އެއްވެސް ތަމްރީނެއް ނެތި، އެ މަސައްކަތް ކުރިނަމަވެސް އެއީ ހަމަ ނޫސްވެރިއެއްގެ މަސައްކަތެވެ. އެދުވަސްވަރު އިންފޮމޭޝަން މިނިސްޓްރީން ހިންގި ނޫސްވެރިކަމުގެ ބޭސިކް ކޯސް ފުރިހަމަ ކުރުމަށްފަހު ނޫސްވެރިކަމުގެ ތެރެއަށް 1993ގައި ރަސްމީކޮށް ވަދެވުނެވެ.
ކުޑައިރުއްސުރެވެސް ދިވެހި ބަހަށް ޝައުޤުހުރުމާއި، ބަހުގެ ބޭފުޅުންނާއިއެކު، މަސައްކަތް ކުރެވިފައިވުމަކީ ނޫސްވެރިކަމަށް އައި އިތުރު ކުރިއެރުމެއްކަމަށް ޝެހެނާޒް ފާހަގަ ކުރެއްވިއެވެ. ނޫސްވެރިކަމުގެ ތެރޭގައި ތަންތަނަށް ގޮސް މަސައްކަތްކުރާ އަންހެނުން އެދުވަސްވަރު ނޫޅޭތީ، މިމަސައްކަތަށް ބައެއްކަހަލަ ދަތިތައް ޝެހެނާޒަށް ކުރިމަތިވިއެވެ. މީގެތެރޭގައި ބައެއްކަހަލަ ބޮޑެތި އިވެންޓްތައް ކަވަރ ކުރުމުގެ ފުރުސަތާއި، ޢިލްމީ ޤާބިލްކަން އިތުރު ކުރުމުގެ ފުރުސަތު އޮތީ ވަރަށް ހަނިކޮށެވެ.
" ބައެއް ކަހަލަ އިވެންޓްތައް އަންހެންނަކަށް ވީތީ، ނުކުރެވޭނެއޭ ބުނެ އެފުރުސަތު ނުލިބިދޭ. ރަށްރަށަށްވެސް ދާހިތްވޭ. އެކަމަކު އޭރު އެފަދަ ގިނަ ފުރުސަތުތަކުން މަޙުރޫމް ވެގެން ހުންނަންޖެހޭ" ވެރިންގެގޮތުގައި މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރެއިން އިބްރާހިމް އުމަރުމަނިކު، އަދި ޚާއްސަކޮށް އަބްދުﷲ ރަމީޒް، އޭނާއަށް ދެއްވި އެއްބާރުލުން ޝެހެނާޒް ފާހަގަކުރެއްވިއެވެ.
ތާރީޚީ އެތައް ހާދިސާތަކެއްގެ ހަނދާންތައް
ޝެހެނާޒްގެ ނޫސްވެރިކަމުގެ ދިގު ކެރިއާގައި އެތަކެއް ހާދިސާތަކެއް ވަނީ ހިނގާފައެވެ. އާންމުންނާ ހަމައަށް އެމަޢުލޫމާތުތައް ގެނެސްދިނުމުގައި އަންހެނެއް ކަމުގައިވިޔަސް ވަރަށް ބުރަކޮށް މަސައްކަތްކުރެއްވިއެވެ. ބައެއް ހާދިސާތަކުގައި، ސީދާ އެ ލޮކޭޝަންގައި ހުރެގެން ޚަބަރުތައް އާންމުންނަށް ފޯރުކޮށްދެއްވިއެވެ. ރާއްޖޭގައި އޭރުން ފެށިގެން މިހާތަނަށް ހިނގި ބޮޑެތި ހާދިސާތަކާއި ކާރިސާތައް ކަވަރކުރުމުގައި ޝެހެނާޒްގެ ހިއްސާބޮޑެވެ.
މީގެ ތެރެއިން ސުނާމީ ކާރިސާއަކީ އެންމެ ބުރަކޮށް އަދި ބަނޑުހައި ހޫނުކަމުގައި، އޮފީހުގައި މަސައްކަތް ކުރަންޖެހުނު ހާދިސާއެކެވެ. މެދު ކެނޑުމެއްނެތި 3 ދުވަސް ހޭދަކުރަންޖެހުނީ އޭރު މުޅިރާއްޖޭގެ މުއާޞަލާތީ ނިޒާމް ފެއިލްވެފައި އޮތުމުން އަތޮޅުތަކުގެ ހާލަތާބެހޭ ޚަބަރުތައް ގެނެސްދިނުމަށެވެ. އެ ދަނޑިވަޅު ރާއްޖޭގެ ރައްޔިތުންގެ ޚަބަރުތައް ސަރުކާރާ ހަމައަށް ގެނެސްދިނުމުގައި، އަންހެން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރުން އެއީ ގިނަ ބަޔަކަށް އެނގޭ ވާހަކައެއް ނޫނެވެ. އެދުވަހު މުޅި ރާއްޖޭގެ ހާލަތު ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯހަށް ފޯރުކޮށްދިނުމުގައި ނޫސްވެރިކަމުގެ ރޮނގުން ރަން ގަލަންވެސް ހާސިލްކުރައްވާފައިވާ ޝެހެނާޒްގެ ދައުރު ވަރަށް ބޮޑެވެ.
ރޭޑިއޯ ޓެލެފޯން ސެޓް މެދުވެރިކޮށް ރަށްރަށުގައި ހުރި މަސްކިރާ ބޯޓުތަކުގެ އެހީގައި ރަށްރަށުގެ ޒިންމާދާރު ފަރާތްތައް އެބޯޓުތަކަށް ގެނެސް، މަޢުލޫމާތު ނެގުމަށްފަހު، އެމަޢުލޫމާތު ޓާސްކްފޯސް އޮފީހަށް ފޯރު ކޮށްދިނުމާއި، ފްލައިޓްތައް ފުރުވާލުމާއި، ރަށްރަށަށް އެހީގެ ތަކެތި ފޯރު ކޮށްދިނުމުގެ މަޢުލޫމާތު ބަދަލު ކުރުމުގެ ދައުރު އަދާކުރުމުގައި ޝެހެނާޒުވަނީ މުހިއްމު ރޯލެއް އަދާކުރައްވާފައެވެ. އަދި އެފަދަ ބޯޓުތަކުން ދައްކާ ވާހަކަ ނުސާފުވުމުން މިކަމުގައި ވިލިނގިލީ ބަނދަރުގައި އޮތް، ސިންގަޕޫރާ މާލެއާދެމެދު ދަތުރު ކުރާ ބޯޓެއްގައި ހުރެގެން އޭނަގެ ކޮއްކޮ ކޮށްދިން މަސައްކަތް ފާހަގަ ކުރެއްވިއެވެ.
ކެރިއަރުގައި މަޖާ ގިނަ ހާދިސާތަކެއް
ޝެހެނާޒަށް އެންމެ ހަނދާނުން ފިލާނުދާ މަޖާކަމަކީ ބޮޑުމަހެއް މަރުވި ހާދިސާ ކަވަރު ކުރިގޮތުގެ ވާހަކައެވެ.
"މާފުށީގައި އޮތް އިވެންޓަކަށް އަޅުގަނޑު ފޮނުވީ. އެކަމަކު އޮޅިގެން އެހެން ލޯންޗަކަށް އަރައިގެން ދެވުނީ ކާށިދޫއަށް. އެލޯންޗަށް އެރުމަށްފަހު އެއިވެންޓާބެހޭ މަޢުލޫމާތު އޮޅުންފިލުވުމަށް ޝަރަފްވެރި މެހެމާނަކީ ކޮންބޭފުޅެއްތޯ ސުވާލުކުރުމުން އެންމެން ހޭން ފެށި. އަދި އެއްބޭފުޅަކު، ހިނިގަނޑެއް ޖަހާލާފައި ވިދާޅުވީ ބޮޑުމަހެއް މަރުވެގެން އުޅޭތަނަކަށް ކޮން ޝަރަވްފެރި މެހެމާނެއްހެއްޔޭ ދާނީ. އެހިސާބުން މި އެނގުނީ މި އެރުނީ ނުބައި ލޯންޗަކަށްކަން.'' އަޑުގެ ނިއުސްރޫމްގައި އަބަދުވެސް މަޝްހޫރު، މި ބޮޑުމަސް ވާހަކަ ޝެހެނާޒް ކިޔައިދެއްވިއެވެ.
''ނޫސްވެރިންގެ މަންމަ''ގެ ނަމުން މުޚާތަބްކުރާ ޝެހެނާޒްއަށް ހަނދާނުން ފޮހެނުލެވޭ އެހެންކަންކަންވެސް ތަޖްރިބާ ކުރެވިފައި ވެއެވެ. މިފަދަ އެއްކަމަކީ ވެރިކަން ބަދަލުވެގެން އުޅުނު ދުވަސްވަރު ދަރުބާރުގޭ 25 މާލަމުގައި ބާއްވާ ޕްރެސް ކޮންފަރެންސެއްގައި އޭނާ ކުރި ސުވާލަކަށް ލިބިގެންދިޔަ ޖަވާބެވެ. މިއީ އެތައް ބައެއްގެ ނަޒަރު ހުއްޓުވާލި ޖަވާބަކަށް ވެގެންދިޔައެވެ.
އޭރު ވެރިކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ބަރުމާގެ އިދިކޮޅު ލީޑަރު އަންގސަން ސޫކީ ގެންނާނެކަމަށް އޭރުގެ ރައީސް ނަޝީދު ވިދާޅުވެފައިވާތީ އޭނާ ގެނައުމުގެ ބޭނުމަކީ ކޮބައިތޯއާއި މި ސަރަހައްދުގެ ގައުމުތަކަކީ އެއްބަޔަކު އަނެއްބައެއްގެ ދާޚިލީ ކަންތަކުގެ ތެރެއަށް ވަންނަ ބައެއް ނޫންކަމަށާއި މިއީ ޔޫރަޕްގެ ޤައުމުތައް ފޮލޯ ކުރެވޭނީ ނޫންތޯ ކުރި ސުވާލަށް، ޖަވާބު ދެއްވީ "ތިއީ ވަރަށް ޚުދުމުހުތާރު ވެރިކަމެއްގެ ތެރެއިން ބައްޓަންވެގެން އައި ސުވާލެއް" މިގޮތަށެވެ. " އެކަމާ ގުޅިގެން ގިނަ ބައެއްގެ ތައުރީފާއި ހިތްވަރު ލިބުނު. ވަރަށް ގިނަ ސީނިއަރ ނޫސްވެރިންނާއި އެހެނިހެން ބޭބޭފުޅުން ގުޅުއްވައި ހިތްވަރުދެއްވި". ޕީއެސްއެމްގެ އެގްޒެކެޓިވް އެޑިޓަރ ޝެހެނާޒް ވިދާޅުވިއެވެ.
ދިރާސާކޮށްގެން ފެކްޓްގެ މައްޗަށް ބިނާކޮށް އަދި އިންސާފުވެރިކޮށް ޚަބަރުތައް ގެނައުމަށް އިސްކަންދޭ ޝެހެނާޒް ވަނީ ވަޒީފާގެ މާހައުލުގައި އަންހެނަކަށް ވީތީ ދިމާވި ގޮންޖެހުންތަކާއި ކެރިގެން ކުރިމަތިލާފައެވެ. އަދި ހިތްވަރާއިއެކު މަސައްކަތްކޮށް ނަމޫނާ ދައްކާފައެވެ. އަންހެނުންގެ ދުވަހުގެ މި ރިޕޯޓް ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ނޫސްވެރިންގެތެރޭގައި ހިމެނޭ ޝެހެނާޒްއަށް ޚާއްސަކުރަމެވެ.