އައްޑޫ ސިޓީ އަށް އުފަން އަދި އައްޑޫ ސިޓީގެ މުޙިއްބުއްދީން ސްކޫލްއާއި އިރުޝާދިއްޔާ ޕްރައިމަރީ ސްކޫލްގެ އިތުރުން އީޕީއެސްގައި ތަޢުލީމް ހާސިލްކޮށްފައިވާ ރިޒްނާ ޒަރީރު އަކީ ހުނަރުވެރި ކަނބަލެކެވެ. އެގޮތުން އާންމުންނަށް ރިޒްނާ ފެނިފައިވަނީ ނޫސްވެރިކަމުގެ ދާއިރާއިންނެވެ. ނަމަވެސް ރިޒްނާވަނީ ނޫސްވެރިކަމުގެ އިތުރުން އޭނާގެ ޝައުގުވެރިކަންހުރި ދާއިރާތައް ޒީޓައިމްސްއާއި ހިއްސާކޮށްފައެވެ. އެގޮތުން އޭނާ އެންމެ ޝައުގުވެރިކަން ހުންނަނީ ފެހުމާއި ހެދުން ޑިޒައިންކުރުމަށެވެ. އަދި ރިޒްނާގެ މަންމަ ކުރަމުން އަންނަ މަސައްކަތެއްކަމަށްވާ ކަސަބު ވިއުމުގެ މަސައްކަތައް ވަރަށް ބޮޑަށް ޝައުވެރިކަން ހުންނަކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިހާރުވެސް މަންމައާއި އެކު އެމަސައްކަތް ކޮންމެވެސް ވަރަކަށް ކުރަމުން އަންނަކަމަށް ރިޒްނާ ބުންޏެވެ.
"އަޅުގަނޑު ވަރަށް ޝައުގުވެރިވާކަމެއް އަސްލު ހެދުން ޑިޒައިންކުރުމަކީ އަދި ކަސަބު ވިއުމަށްވެސް ވަރަށް ޝައުގުވެރިވޭ. ނޫސްވެރިކަމުގެ ދާއިރާއިން ނުފެނުނުނަމަ އަޅުގަނޑު ކުރިއަށްދާނީ ފެހުމުގެ ރޮގުން" ރިޒްނާ ކިޔައިދިނެވެ.
2006ވަނަ އަހަރު ޓީވީއެމް އާއި ގުޅުމަށްފަހު ރިޒްނާ ވަނީ 4 އަހަރު ވަންދެން ޓީވީއެމްގައި މަސައްކަތްކޮށްފައެވެ. އެއަށްފަހު ރާއްޖެ ޓީވީގައި މަސައްކަތްކުރަމުން އައިސް މިހާރު ރިޒްނާ މިވަނީ ސިޔާސީ ދާއިރާއާއި ގުޅިފައެވެ. ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރުކަމަށް އެމްޑީޕީ ޓިކެޓުގައި ކުރިމަތިލައި މިހާރު އަންނަނީ ކެމްޕެއިން ކުރަމުންނެވެ. ރާއްޖޭގައި ނޫސްވެރިކަމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށާއި ނޫސްވެރިންނަށް މާބޮޑު ކުރިއެރުމެއް ނެތްކަމަށް ރިޒްނާ ވަނީ ފާހަގަކޮށްފައެވެ. އަދި ސިޔާސީ ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ނޫސްވެރިކަމުގައި ހޭދަވި ވަގުތުތަކުގެ ސަބަބުންކަން ފާހަގަކުރިއެވެ.
"ނޫސްވެރިންނާއި އެންމެ ކައިރިން މަސައްކަތްކުރާ އެއްބަޔެއް އަސްލު ސިޔާސީ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ. އެގޮތުން ވަރަށްގިނަ މީހުންގެ ސަޕޯޓުން އަސްލު މިދާއިރާއަށް ކުރިމަތިލީ. ދުވަހަކުވެސް ހިތަކަށްނާރާ ސިޔާސީ ދާއިރާއިން ފެނިދާނެއެކޭ" ރިޒްނާ ބުންޏެވެ.

ރިޒްނާގެ އުފަން ރަށުގެ ދާއިރާއަށް ކުރިމަތިނުލީ ރަށުގައި ދިރިނޫޅޭތީ ކަމަށާއި، އެމީހަކު ކުރިމަތިލާ ދާއިރާއާއި ބެހޭ ފުރިހަމަ މަޢުލޫމާތު އެމީހަކަށް އެނގުން ވަރަށް މުހިންމު ކަމަށް ފާހަގަކުރިއެވެ.
ހުޅުމާލެ ދާއިރާގައި އިސްލާހުކުރުމަށް ގިނަ ކަންތައްތަކެއް ހުރިއިރު، ރިޒްނާ ވަނީ ހުޅުމާލެ ޕާކިންގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ. ކައުންސިލްއަށް ހޮވުމަށް ކެމްޕެއިން ކުރަމުން އަންނައިރު މިކަމަށް ޢާއިލާގެ ފަރާތުން ލިބޭ ހިތްވަރު އޭނާ ފާހަގަކުރެއެވެ. އެގޮތުން މަންމައާއި ޚާއްސަކޮށް ބައްޕަ އަބަދުވެސް ދޭ ހިތްވަރު ރިޒްނާ ވަނީ ފާހަގަކޮށްފައެވެ. 3 ކުދިންނާއި ފިރިމީހާއާއި އެކު އެކަނި ހުޅުމާލޭގައި އުޅެމުން އަންނަ އިރު ކޮންމެ ކަމެއްގައިވެސް މަންމަ އޭނާއަށްދޭ ހިތްވަރާއި އެހީތެރިކަން ރިޒްނާ ހާއްސަގޮތެއްގައި ފާހަގަކުރިއެވެ.

ސިޔާސީ ދާއިރާއިން ފެނުނުނަމަވެސް އަދިވެސް ޚަބަރު ކިޔުމަށް ޝައުގުވެރިކަން އެބަހުރިކަމަށާއި ފުރުސަތެއް ލިބިއްޖެނަމަ އެކަން ކުރާނެކަމަށް ރިޒްނާބުނެއެވެ. މީގެއިތުރުން ޤާނޫނީ ވަކީލަކަށް ވުމަކީ އޭނާގެ ހުވަފެނެއްކަމަށާއި އަދިވެސް އެކަން ކުރުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އެބަހުރި ކަމަށް ބުންޏެވެ. ވޮލީ ކުޅުމާއި ވޮލީ ރެފްރީކަންވެސް ކޮށްފައިވާ ރިޒްނާ ބުނާ ގޮތުންނަމަ ޓީޓީ އަކީވެސް އޭނާ ވަރަށް ކުޅޭ ހިތްވާ ކުޅިވަރެކެވެ. ކޭކް ކޯހެއްގެ އިތުރުން ފަހާކޯހުން އެއްވަނަ އޭނާ ހާސިލްކޮށްފައިވާކަމަށް ޒީޓައިމްސްއަށް ކިޔައިދިނެވެ.