މިވަގުތު ކަނބަލުންގެ ޓީމެއް އިސްކޮށް ހަރަކާތްތެރިވާ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް)ގެ އެންމެ ދުވަސްވީ ސްޓާފަކީ އައިޝަތު ޝިރުހާނާއެވެ. މިހާރު އެ ސޮސައިޓީގެ ޗީޕް އެގްޒެކެޓިވް އޮފިސަރެވެ.
އެކުވެރިން ކިޔާ ނަމުންނަމަ ޝިރޫ ތަޢުލީމް ހާސިލްކުރެއްވީ އަމީނިއްޔާ ސްކޫލުންނެވެ. އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްފެނީގައެވެ. އެތަނުގައި 5 އަހަރު ހޭދަކުރުމަށްފަހު ދަރިއަކު ލިބުމުން ވަޒީފާ ދޫކޮށްލަން ޖެހުނެވެ.
ފަހުން ދިރިއުޅުއްވީ އޭރުގެ ފިރިމީހާ އާއި ދަރިފުޅާއި އެކު ތައިލޭންޑްގައެވެ. "ދަރިފުޅުގެ ބައްޕަ އޭރު ކިޔަވަން ހުރީ އެކޮޅުގައި. ދަރިފުޅަށް 4 އަހަރުވީ ފަހުން މާލެ އައީ. ވަޒީފާއެއް ހޯދަންވެގެން ބަލަނިކޮށް ޑައިބެޓީސް ސޮސައިޓީގެ ޖޮބެއް ފެނުނީ އިޢުލާނަކުން. އޭރު އެތާނގަ އުޅެނީ ޔޫއެސް މީހެއް އެކަނި. އޭނަވެސް ހިނގައްޖެ އަހަރެއްހާ ދުވަސްފަހުން. ދެން އަޅުގަނޑު އެކަނި ހުރީ ފުލްޓައިމް ސްޓާފަކަށް." އެއާއެކު ޝިރޫ ވެގެންދިޔައީ އެ ސޮސައީޓީ ހިންގުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހުނު އަދި އެހާމެ ބުރަކޮށް މަސައްކަތް ކުރަންޖެހުނު ސްޓާފަކަށެވެ. އެހެންނަމަވެސް މަސައްކަތުގައި ދެމި ހުރެވުނީ އޭނާގެ ޢާއިލާއާއި އޭރުގެ ފިރިމީހާ އަދި ދަރިފުޅުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ.
"އަތޮޅުތެރޭގައި ހިންގާ ހަރަކާތްތަކަށް ރަށްރަށަށް ދާން ޖެހުނަސް ދަރިފުޅުގެ ބައްޕަ ދަރިފުޅުގެ ކަންކަމާއި ހަވާލުވެފަ އަޅުގަނޑު ފޮނުވާނެ. ދެމީހުން ވަކިވިފަހުން ދައްތަ ނަސްމާ މުޙައްމަދު ވަރަށް ބޮޑަށް ދަރިފުޅުގެ ކަންކަމުގައި އެހީވާނެ. މަންމަ އާއި ބައްޕަ އަދި ޢާއިލާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން މިހާހިސާބަށް އާދެވުނީ" ޝުކުރުވެރިކަމާއެކު ޝިރޫ ފާހަގަ ކުރެއްވިއެވެ.
2000ވަނަ އަހަރު އުފެދުނު ޑައިބެޓީސް ސޮސައިޓީން އެންމެ ފުރަތަމަ ސްކްރީނިން ޕްރޮގްރާމްތައް ހިންގަމުން އައީ ހަމައެކަނި މާލޭގައެވެ. އެހެންނަމަވެސް 2002ވަނަ އަހަރު ކ.ހުރާގައި ފެށި ސްކްރީނިން ޕްރޮގްރާމަކާއި އެކު އަތޮޅުތެރެއަށް ހިދުމަތްދޭން ފެށިއެވެ. އެއަށްފަހު އެ ޖަމްއިއްޔާއިން އަމާޒު ހިފީ ކޮންމެ އަހަރަކު ރާއްޖޭގެ 2 އަތޮޅެއް ނުވަތަ 3 އަތޮޅެއްގެ ހުރިހާ ރަށަކަށްގޮސް ސްކްރީނިން ޕްރޮގްރާމް ހިންގުމަށް ކަމަށް ޝިރޫ ވިދާޅުވިއެވެ. މިކަމުގެ ބޭނުން އޮތްވަރު އެނގުނީމަ ޕްރޮގްރާމްތައް އިތުރުކުރަމުން ގޮސް ހަކުރު ބަލީގެ މީހުންނަށް ޚާއްސަ ކްލިނިކެއްވެސް ޤާއިމު ކުރިއެވެ.
"ހަކުރުބަލީގެ މީހުންނަށް ޚާއްސަ އެއްވެސް ކްލިނިކެއް އޭރަކު ނެތް. އެފަދަ ކްލިނިކެއްގެ މުހިންމުކަން އެނގުނީމަ އަޅުގަނޑުމެން މިކްލިނިކް ގާއިމުކުރުމަށް ސްރީލަންކާގައި ހުންނަ އެފަދަ ކްލިނިކަކަށް ގޮސްގެން އެކަހަލަަ ތަނެއް މެނޭޖްކުރުމުގެ ކަންކަން ދިރާސާކޮށް އަމަލީ ތަޖުރިބާ ހޯދިން."
15 އަހަރު ތެރޭގައި ޑައިބެޓީސް ސޮސައިޓީން ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ހަކުރުބަލީގެ މީހުންގެ ދަފްތަރެއް އެކުލަވާލާފައެވެ. މިގޮތަށް އެއްކުރާ ތަފާސް ހިސާބުތައް ރާއްޖޭން ބޭރުގައި ބާއްވާ ކޮންފަރެންސްތަކުގައި ހުށަހަޅަދިނުމުގައި ޝިރޫގެ ދައުރު ފާހަގަ ކުރެވެއެވެ. 2019ވަނަ އަހަރު ރެހެންދި އެވޯޑް ހާސިލްކޮށްފައިވާ ޝިރޫއަށް ޑީއެސްއެމްގެ ޓީމާއި އެކު ދެމި ހުރެވުނީ ކިހިނެއްތޯ އަހާލުމުން ބުނީ"
"މިމަސައްކަތުގެ ތެރެއަށް ވަދެވުނީމަ މިއީ ވަރަށް ހިތްހަމަޖެހޭ މަސައްކަތެއް. ބޭނުންވެފައި އޮތް ކަމެއް ބަޔަކަށް ކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެއްވެސް ވަރަކަށް މި މަސައްކަތް ދޫކޮށްލާކަށް ބޭނުމެއްނުވޭ."
ހިލޭސަބާހަށް މަސައްކަތް ކުރާ ޑީއެސްއެމް އަށް ބައިނަލްއަޤްވާމީ އެހީތެރިކަން ލިބެން ފެށީ 2006ގެ ސުނާމީ ކާރިސާއަށްފަހުއެވެ. "ސުނާމީ އެހީގައި ލިބުނު އިންސިއުލިން ޕެންތަކެއް. އޭރު ރާއްޖޭގައި ހުރީ ވައިލް އަކުން ސިރިންޖަކަށް ނަގައިގެން ޖެހޭ ކަހަލަ އިންސިއުލިން. އެ ޕެންތައް ހިފައިގެން އަތޮޅުތެރެއަށް ދިޔައީމަ މީހުން ތިބީ ހައިރާންވެފަ. އޭރަކު އެމީހުންނަކަށް ނޭނގޭ ޕެން ހުންނަކަމެއް" އެހިސާބުން އިންސިއުލިން ޕެން ތައާރަފް ކޮށްދިނީ ޑައިބެޓީސް ސޮސައިޓީންނެވެ. އޭގެ ފަހުން ޑައިބެޓީސް ސޮސައިޓީން 21 އަހަރުން ދަށުގެ ކުދިންގެ ތެރެއިން އިންސިއުލިން ބޭނުންވާ ހުރިހާ ކުދިންނަށް އިންސިއުލިން ޕެން ފޯރުކޮށްދެވުމަކީ އެ ސޮސައިޓީއަށް ހޯދުނު ބޮޑު ކާމިޔާބީއެއް ކަމަށް ޝިރޫ ފާހަގަ ކުރެއްވިއެވެ. އަދި އާސަންދައިގެ ތެރެއިން ހިލޭ އިންސިއުލިން ޕެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރަށް ބާރުއަޅުއްވާ އެކަން ކާމިޔާބުވެސް ކުރެއްވިއެވެ.
"ސުނާމީގެ ފަހުން ދިމާވި ބައެއް ކުޑަކުދިން. ސުނާމީގައި ދިމާވި ކަމެއްގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އުޅުމުގެ ތެރެއިން ހަރުކުބަލިކަން މި އިނގެނީ. ދެން އެމީހުންނަށް ހީވަނީ ހަކުރުބަލި މި ޖެހުނީ ސުނާމީގެ ސަބަބުންނޭ" މިފަދަ ހާލަތްތަކުގައި މީހުން ހޭލުންތެރިކޮށްދިނުމާއި އެހީތެރިކަން ފޯރުކޮށްދެވުމަކީ ޝިރޫ އާއި އޭނާގެ ޓީމަށް ލިބޭ ބޮޑު އުފަލެކެވެ.
"ވަރަށް އުފާވޭ މިހާރު ރަށްރަށަށް ދިޔައީމަ މީހުން އަންނާނެ ބައްދަލުކޮށްލަން. މިކަހަލަ ހިދުމަތެއްދޭތީ އެކަން އެޕްރިޝިއޭޓްކޮށްފަ ބުނާނެ ހަމަ ބައްދަލުކޮށްލާހިތުންނޭ. ތިމަންނަމެންނަށް ތިވަރުގެ ކަމެއް ކޮށްދޭތީ ޝުކުރިއްޔާއޭ" ޤައުމީ އިނާމާއި ޤައުމަށް ރީތިނަން ހޯދައިދޭ ފަރާތްތަކަށްދޭ އިނާމު ހާސިލްކޮށްފައިވާ ޑީއެސްއެމްގެ ސިއީއޯ ވިދާޅުވިއެވެ.
އިންޓަނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަންގެ ކޮންފަރެންސްތަކާއި ދެކުނު އޭޝިއާ ބައްރުގެ އެކި ޤައުމުތަކުގައި ބާއްވާ ޑައިބެޓީސް ސޮސައިޓީތަކުގެ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލު ކުރުމުގެ ގިނަ ފުރުސަތުތަކެއްވެސް ޝިރޫއަށް ލިބެއެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ބާއްވާ ކޮންފަރެންސްތަކުގައި ރާއްޖެ ތަމްސީލު ކޮށްދެއްވައެވެ.
ސްކޫލު ދައުރުގައިވެސް ޢާއިލީ ދިރިއުޅުމުގައިވެސް ކަންކަމަށް އިސްނަގާ ހިންގުންތެރިއެއް
އަމީނިއްޔާ ސްކޫލުގައި އުޅުއްވި ދުވަސްވަރު ސްކޫލުން ފާހަގަ ކުރާ ދުވަސްތަކުގައި އިސް ރޯލެއް އަދާކުރެއެވެ. ޖުލައި 26 ފަދަ ކުޅިވަރުގެ ހަރަކާތްތައް އޮންނައިރު އެ ހަރަކާތްތަކުގައިވެސް ބައިވެރިވެއެވެ. "ސަގާފީ ހުށަހެޅުންތައް ދަސްކޮށްދިނުމަށް ވަރަށް ޝައުގުވެރިކަން ހުރޭ. އެއާޕޯޓްގައި އުޅުނުއިރުވެސް ފްލޯޓްތައް ބާއްވާއިރު އެންމެ އިސްކޮށް ހިންގާ ކޮމީޓީގަވެސް ހަރަކާތްތެރިވެފަ ހުންނާނެ."
ވޮލަންޓިއަރެއްގެ ހައިސިއްޔަތުން މާލޭގެ ކޮވިޑް-19 ދިފާއު ވެކްސިނޭޝަން ސެންޓަރެއްގައި މަސައްކަތް ކުރަމުން އަންނަ ޝިރޫ އޭނާގެ ދަރިފުޅާ ބެހޭ ގޮތުން ބުނީ "އޮސްޓްރޭލިއާގައި ކިޔަވަން ހުންނަތާ 6 އަހަރުވީ. ބޭރުގައި ހުއްޓަސް ނަމާދާއި ރޯދައަށް އިސްކަންދިނުމާއި ބޮޑެތި މީހުންނަށް އިހްތިރާމް ކުރާ ކުއްޖަކަށްވީތީ ވަރަށް އުފާވޭ. ބަޔޯމެޑިކަލް ސައިންސްގެ ދާއިރާއިން ޑިގްރީ އާއި މާސްޓަރސް ނިންމާފަ މިހާރު ޔުނިވަރސިޓީން ލިބުނު ސްކޮލަރޝިޕެއްގައި ޕީއެޗްޑީ އެހަދަނީ" ޝިރޫ އަކީ، 24 އަހަރުގެ ދަރިފުޅު މުޙައްމަދު ލުބާން ސޮބާހް ހޯދަމުންދާ ކާމިޔާބީތައް އުފަލާއެކު ފާހަގަ ކުރާ މަންމަ އެކެވެ.
ހ. މާދޫގޭ މަރްޙޫމް މަރިޔަމް ޢަލީ އާއި ކުރިން އަތޮޅުވެރިކަން ކުރެއްވި މަރްޙޫމް މުޙައްމަދު ހުސެއިން (އ.ދ.ތ މުޙައްމަދުފުޅު)ގެ ތިން ބޭފުޅުންގެ ތެރެއިން ޢާއިލާގެ އެންމެ ހަގު މެންބަރު ކަމުގައިވާ ޝިރުހާނާ އަކީ ބިއުޓިފުލް އައިސްގެ ނަމުގައި އެންޖީއޯއެއް ހިންގާ އަޙްމަދު އަންސާމްގެ އެއްމާބަނޑު ކޮއްކޮއެވެ. އިންޓަވިއު ނިންމާލަމުން ޝުކުރުގެ ލިސްޓަށް އަންސާމް އާއި އޭނާގެ ޢާއިލާވެސް އިތުރުކޮށްލިއެވެ. "ބޭބެ އަކީ ޑިޒައިނިންގެ މަސައްކަތުގައި އުޅޭ މީހަކަށް ވީމަ މިސޮސައިޓީއަށް ވަރަށް ގިނައިން އެހީވާނެ. ޑީއެސްއެމްގެ ލޯގޯ އަކީވެސް ބޭބެގެ މަސައްކަތެއް، ވަރަށް ގިނަ ޕޯސްޓަރުތައް ހަދައިދޭނެ. ބޭބެގެ އަންހެނުން ނައުރާވެސް ދަރިފުޅުވެސް އަދި ރަށުން ބޭރަށްދާއިރު ދައްތަގެ ދަރިފުުޅު ޝުއާ އާއި އޭނާގެ ފިރިމީހާ މާލިކުވެސް އަޅުގަނޑުގެ ދަރިފުޅުގެ ކަންކަމާއި ހަވާލުވެދޭނެ. ސޮސައިޓީގެ އިވެންޓްތަކުގައި ބައިވެރިވެ ބައެއް ފަހަރު ޢާއިލާ އެއްކޮށްވެސް ވޮލަންޓިއާ ކޮށްދޭނެ."
ބުރަކޮށް އުޅެން ޖެހުނަސް ކަސްރަތު ކުރުމާއި ޢާއިލާއަށް ވަގުތު ދިނުމަކީ ޝިރޫ ވަރަށް އިސްކަންދޭ ކަންކަމެވެ. މީގެ 8 އަހަރު ކުރިން ކައިވެނީގެ ގޮތުން ގުޅިފައިވާ އޭނާގެ ފިރިމީހާ ނާޖިހުގެ ސަޕޯޓަކީވެސް ޝިރޫއަށް ކުރިއަށް ދިއުމުގައި ވަރަށް ބޮޑު ހިތްވަރެކެވެ.
"ނާޖިހު އާއި ދިމާވީ މަސައްކަތުގެ ތެެރެއިން. ޑައިބެޓީސް ސޮސައިޓީން ބޭއްވި ހިނގާލުންތަކެއްގެ ތެރެއިން ޕޮލިހުގެ ފަރާތުން ނާޖިހު ބައިވެރިވި. ސޮސައިޓީގެ ބައެއް ހަރަކާތްތަކަށް ޕޮލިހުން އޭނާ ފޮނުވައިދިނީ. އެހެންވީމަ ފިރިމީހާއަށް އެނގޭނެ އަޅުގަނޑު މީ ކިހާ ބިޒީމީހެއްކަން. ދެމީހުންވެސް މި އުޅެނީ އެހާ ބިޒީކޮށް. އެއްވެސް ޝަކުވާއެއް ނޯންނާނެ" މިއީ ލީޑަރޝިޕް ރޯލެއްގައި ކުރިޔަށް ދިއުމަށް ޝިރޫއަށް ލިބޭ ބޮޑު ބާރެކެވެ.
ޢާއިލާގެ އިތުރުން އަމީނިއްޔާ ސްކޫލުން ފެށިގެން އެކީގައި އުޅުމުން އަންނަ ގާތް އެކުވެރިންނާއި ޑައިބެޓީސް ސޮސައިޓީގެ ޓީމުގައި ހިމެނޭ ހުރިހާ މެންބަރުންނަށް ޝިރޫ ވަނީ ޝުކުރު އަދާކޮށްފައެވެ.