ގދ.ރަތަފަންދޫ އަދި ތިނަދޫ ސްކޫލުން ތަޢުލީމް ހާސިލްކުރުމަށްފަހު، މުޙައްމަދު ޢަބްދުﷲ ގްރޭޑް 10 ނިންމާފައިވަނީ މާލޭ އެމް.އީ.އެސް ސްކޫލްއިންނެވެ. ގްރޭޑް 10 ނިމުނު ހިސާބުން އޭނާގެ ބައްޕަ ވަރަށް ބޮޑަށް ބަލިވެ ދުނިޔެއާއި ވަކިވެގެންދިޔައެވެ. ރަށު ސްކޫލްގައި، ޓީޗަރެއްގެ ގޮތުގައި މަސައްކަތް ފެށިގެން ކުރިއަށް ދިޔަ ގޮތް މުޙައްމަދު ވަނީ 'ޒީޓައިމްސް' އާއި ހިއްސާކޮށްފައެވެ.
އެގޮތުން ދިރިއުޅުމުގައި ދިމާވި ދަތި ޙާލަތުގެ ސަބަބުން ރަށަށް ބަދަލުވެ ސްކޫލްގައި މަސައްކަތް ފެށިއެވެ. އަދި ޢާއިލާގެ ޒިންމާ އޭނާވަނީ އުފުލާފައެވެ.

ސްރީލަންކާއިން އެޑިޔުކޭޝަން މެނޭޖްމަންޓް އިން ޑިގްރީ އަދި މާސްޓަރ އޮފް ސައިންސް އިން އެޑިޔުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ފުރިހަމަކޮށް ރަށަށް ޚިދުމަތް ކޮށްދީފައިވެއެވެ. ޓީޗަރެއްގެ އިތުރުން އޭނާ ވަނީ ރަށު ސްކޫލްގެ ޕްރިންސިޕަލްގެ މަޤާމްވެސް އަދާކުރައްވާފައެވެ.
"ކިޔަވައިގެން އައިސް ރަށަށް ޚިދުމަތް ކުރުމަކީ ވަރަށް ކަޓުކަމެއް ކަމަށް މީހުން ދެކޭ. އެކަމަކު އަޅުގަނޑު ޤަބޫލުކުރަނީ ރަށެއް ތަރައްޤީވާނީ އެރަށެއްގެ ބަޔަކު ރަށް ކުރިއެރުވުމަށް މަސައްކަތްކޮށްގެން" މުޙައްމަދު ވިދާޅުވިއެވެ.

ރަތަފަންދޫ އާއި އެރަށު ސްކޫލަށް ބަލާއިރު ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިއީ ސިޔާސީ ދާއިރާއަށް ކުރިމަތިލި ސަބަބެއްކަމަށް ވިދާޅުވިއެވެ. ރަށް ކުރިއެރުވުމަށާއި ރަށުގެ އިޤްތިޞާދަށާއި ޒުވާނުންގެ ކުރިމަގަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ މުޙައްމަދު މީގެކުރިން އަތޮޅު ކައުންސިލަށް ކުރިމަތިލައްވާފައިވެއެވެ.
އަދި ފާއިތުވި އަހަރުތަކުގައި ރަށަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ޕްލޭންތަކެއް ކޮށްފައިވާނެކަމަށާއި، ރަށަށް ބޭނުންވަނީ ތަޢުލީމީ ޤާބިލް ވެރިއެއް ކަމަށް ފާހަގަކުރެއްވިއެވެ. "ރަށަށް ބޭނުންވަނީ ޒިންމާދާރު، ރަށުގައި ޙައްލުކުރަން ޖެހިފައިވާ ކަންތައްތައް ޙައްލު ކުރެވޭނެ ވެރިއެއް. އަޅުގަނޑު ހޮވިއްޖެ ނަމަ އެކަންތައްތައް ހައްލުކުރުމަށް ބާރު އަޅާނަން" ރަތަފަންދޫ ރަށު ކައުންސިލް ރައީސް ގެ މަޤާމަށް އެމްޑީޕީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލައްވާ ކެމްޕެއިން ކުރައްވަމުންގެންދަވާ މުޙައްމަދު ވިދާޅުވިއެވެ.

މުޙައްމަދު އާއި އޭނާގެ އަނބިކަނބަލުންނަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ލިބިފައިވާއިރު، ސިޔާސީ ދާއިރާއިން ކުރިއަށް ދިއުމަށް ޢާއިލާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމާއި ތާއިދު ލިބޭކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.