ދުނިޔޭގެ އެންމެ މުއްސަދި މީހުންގެ ލިސްޓުގައި ހިމެނޭ ޖެކްމާ އުފަންވީ 1964ވަނަ އަހަރު ސެޕްޓެމްބަރ މަހު 10ވަނަ ދުވަހު ޗައިނާގެ 'ހަންޖައު ޒީއެން ޖިންޖަރ' ޕްރޮވިންސް އަށެވެ.
ޖެކްމާ އަކީ ޢަލީބާބާ ގުރޫޕުގެ ކޯފައުންޑާ އަދި އެކުންފުނީގެ ކުރީގެ އެގްޒެކެޓިވް ޗެއާރމަނެވެ. އެންމެ ކުޑައިރުއްސުރެ އިނގިރޭސި ބަހަށް ޝައުގުވެރިކަން ހުންނަ ޖެކް މާ ވަނީ ގައިޑެއްގެ ގޮތުގައި ފަތުރުވެރިންނަށް އެހީތެރިވުމުގެ މަސައްކަތްވެސް ކޮށްފައެވެ. ހެންގޒައޮ ޓީޗަރސް ކޮލެޖް އަށް ވަނުމަށް ކުރިއަށްގެންދެވުނު ޓެސްޓުން ދެފަހަރު ފެއިލްވި ޖެކް މާ އެއިރު އެންމެ ކިޔެވުމަށް ދަށް މާއްދާއަކީ ހިސާބެވެ. އެހެންނަމަވެސް ތިންވަނަ ފަހަރު ޓެސްޓުން ފާސްވެ އެކޮލެޖަށް ވަދެވި ބެޗެލަރސް އޮފް އިންގްލިޝް ވަނީ ފުރިހަމަކޮށްފައެވެ. އެއަށްފަހު އިނގިރޭސި ޓީޗަރެއްގެ ވަޒީފާ އަދާކުރުމަށްފަހު އަމިއްލަ ކުންފުންޏެއް އުފެއްދީ 1994ވަނަ އަހަރުގައެވެ. އެކުންފުންޏަކީ ވެސް އިނގިރޭސި ތަރުޖަމާ ކުރުމަށް ޙާއްސަ ކުންފުންޏެކެވެ.
މިނިސްޓްރީ އޮފް ފޮރިންގ ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަންގެ އިސް މަޤާމެއް 2 އަހަރެއްހާ ދުވަހު އަދާކުރުމަށްފަހު ޖެކް މާ ވަނީ އަލީބާބާ އުފައްދާފައެވެ. ސަރުކާރުގެ ވަޒީފާ ދޫކުރުމުގެ އެންމެބޮޑު ބޭނުމަކަށްވީ އިންޓަނެޓް މެދުވެރިކޮށް އިޤްތިސާދީ ގޮތުން ހޯދޭނެ ކުރިއެރުންތައް ވިސްނި އެރޮނގުން ކުރިއަށްދިއުމެވެ.
1999ވަނަ އަހަރު ޖެކް މާ ރަޙްމަތްތެރިން ތަކަކާއި އެކު އާދައިގެ ގޮތަކަށް ފެއްޓި އަލީބާބާ ގްރޫޕް ހޯލްޑިންގ އަކީ މިހާރު ދުނިޔޭގެ އެންމެބޮޑު އެއް އީކޮމާސް ކުންފުންޏެވެ. ފޯބްސްގެ ތަފާސް ހިސާބުތަކުން، މިލްކިއްޔާތުގައި 48.1 ބިލިއަން ޑޮލަރު ހުރި ޖެކް މާ އަކީ ދުނިޔެއަށް މިވަގުތު ދިމާވެފައިވާ ކޮވިޑް-19 ޢާލާމީވަބާ އާއި ގުޅިގެން ދިވެހިރާއްޖެވެސް ހިމެނޭ ގޮތަށް އެކިއެކި ޤައުމުތަކަށް އެހީ ފޯރުކޮށްދެމުންދާ މީހެކެވެ. ޢަލީބާބާ ގުރޫޕުގެ ޗެއާރމަންގެ މަޤާމުން ޖެކްމާ ރިޓެޔަކުރުމަށްފަހު ކުންފުނީގެ ސީއީއޯއާއި ހަވާލުކޮށް ފަހުން އަދާކުރަމުން ދިޔައީ އެޑްވައިޒަރެއްގެ ރޯލެވެ.
2021ވަނަ އަހަރު ފެށުނުއިރު ބިލިއަނަރު ޖެކް މާ ގެއްލިގެން އުޅޭކަމަށް ރިޕޯޓް ކޮށްފައިވެއެވެ. ނިމިގެންދިޔަ 2020ވަނަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން ޖެކް މާ ގެ ޚަބަރެއް މީޑިއާއަށް ނުވެދިޔައީ އޭނާގެ އަމިއްލަ ޝޯވ އެއް ކަމުގައިވާ 'އެފްރިކާސް ބިޒްނަސް ހީރޯސް' ގެ ފަހު ޝޯވ އަށް ދިއުމަށް އޭނާ އުޒުރުވެރިވެފައި ވަނިކޮށެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި ޖެކް މާ ޚަބަރެއް ނުވެދިޔައީ ޗައިނާގެ ސިޔާސަތުތަކަށް ވަރަށްބޮޑަށް ފާޑު ކިޔައިފައިވަނިކޮށެވެ. 3 މަހެއްހާ ދުވަސް ފަހުން ޖެކް މާ އަނެއްކާވެސް ފެނުނީ މިއަހަރު ޖެނުއަރީ މަހު ލައިވް ސްޓްރީމްކޮށް އިވެންޓެއް ހޯސްޓް ކުރަނިކޮށެވެ.
މަޢުލޫމާތު: ބްރިޓެނިކާ.ކޮމް، ފޯބްސް