މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކު ސިޓީ އަށް ވައިގަދަވެ ވެހުނު ވާރޭގައި 300 އަށް ވުރެ ގިނަ ގެއަށް ފެންވަދެ ފަރުނީޗަރާއި ހިފައިގެންގުޅޭ ސާމާނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑައިރެކްޓަރ އަޙްމަދު މުޙައްމަދު 'ޒީޓައިމްސް' އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ 3000 އަށް ވުރެ ގިނަ ގެ އެރަށުގައި ހުންނައިރު ލިބުނު ގެއްލުމުގެ ތަފްސީލް ހޯދުމަށް މިއަދު އިރުއޮއްސުމާއި ހަމައަށް ހުރިހާ ގެއަކަށް ޒިޔާރަތްނުކުރެވޭ ކަމަށެވެ.

ބިމުގެ ގޮތުން ބޮޑު ފުވައްމުލަކު ސިޓީގައި މީހުން ދިރިއުޅޭ 2700 އެއްހާ ގެ ހުންނަކަމަށާއި، ފުވައްމުލަކުގެ މަގުހެދުމަށް ބައެއް މަގުތައް ކޮނެފައިވުމުން ގޭގެއަށް ވެހިކަލްގައި ދިއުމަށް ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.
"މިހާތަނަށް ޒިޔާރަތްކުރެވުނު ގެތަކަށް ބަލާއިރު 300 އަށްވުރެ ގިނަ ގެއަށް ފެންވަދެ ބައެއް ގެތަކުގެ ފަރުނީޗަރަށް ގެއްލުން ލިބިފައިވޭ. ރޭ ދަންވަރު 2:30 ހާއިރު ވަރަށް ގަދަޔަށް ވައިޖެހި ގިނަ ޢަދަދަކަށް ވާރޭ ވެހުނީ 20 ވަރަކަށް މިނިޓަށް. އެހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި މުޅިރަށުގައި ފެންބޮޑުވީ. ވާރޭ ވެހުން އެކީގަ ހުއްޓާލީ މިއަދު ހެދުނު 10 ޖެހިހާއިރު. އަދިވެސް ބައެއް ސަރަހައްދުތަކުން ފެން ނުހިންދޭ"

ފުވައްމުލަކު ސިޓީ ކައުންސިލާއި، ފުލުހުންނާއި ސިފައިން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، ރޯދައާއި ދިމާކޮށް ހައްދާފައިވާ ދަނޑުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
"ގޯތިތެރޭގައި ހައްދާފައިހުރި ފަތްކޭލާ ތަރުކާރީ އާއި މޭވާގެ އިތުރަށް ރޯދައާއި ދިމާކޮށް ދަނޑުތަކުގައި ހައްދާފައި ހުރި ގަސްތައް ވެއްޓި ވަނީ ގެއްލުންލިބިފަ. ލިބުނު ގެއްލުންތަކުގެ ތަފްސީލް އަޅުގަނޑުމެން މިދަނީ އެއްކުރަމުން. މިއަދު އިރުއޮއްސުމާއި އެކު ގޭގެއަށް ޒިޔާރަތްކުރުން މެދުކަޑާލުމަށްފަހު މާދަމާ އަނެއްކާވެސް ގޭގެއަށް ގޮސް މަޢުލޫމާތު އެއްކުރާނަން" އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.
ފުވައްމުލަކުގައި ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް އެންމެބޮޑު ނުތަނަވަސްކަމެއް ކުރިމަތިވި އެއްކަމަކީ ނަރުދަމާ ލީކުވެ ފެނަށް އަސަރު ކުރުމެވެ. "ފެންބޮޑުވެ ނަރުދަމާ ލީކުވުމާއި ގުޅިގެން ވަޅުފެނަށް އަސަރުކޮށްފައިވާ ކަމުގެ ރިޕޯޓް ދަނީ ލިބެމުން. ވަޅުފެން ކްލޮރިނޭޓް ކުރުމަށް ހޮސްޕިޓަލްގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެކަން ހިއްސާކުރުން އެދެން" ފުވައްމުލަކު ހޮސްޕިޓަލުން މިއަދު ނެރެފައިވާ ލިޔުމެއްގައިވެއެވެ.
އަޙްމަދު މުޙައްމަދު ވިދާޅުވީ ފުވައްމުލަކު 2 ކާނު ހުޅުވައި ޕަމްޕްތައް ބޭނުންކޮށްގެން ފެންހިންދުމުގެ މަސައްކަތް ކުރަމުންދާއިރު ވިއްސާރައިގެ ސަބަބުން ކުރިމަތިވި ކާރިސާގެ ގެއްލުން އަންދާޒާކުރަންވެސް އަދި ދަތިކަމަށެވެ.

" ކޮވިޑްގެ ޙާލަތާއި ގުޅިގެން ރައްޔިތުން އަތްމަތި ދަތިވެފައިވަނިކޮށް މިފަދަ ބޮޑު ގެއްލުމެއް މިކުރިމަތިވީ. މިފަދަ ކާރިސާތަކުގައި ކުރިންވެސް ސަރުކާރުން ވަނީ ރަމްޒީ އެހީތެރިކަން ފޯރުކޮށްދީފަ. މިފަހަރުވެސް މިކާރިސާއިން އަރައިގަތުމަށް ގެއްލުން ލިބުނު ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުންމީދު ކުރަނީ" އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އެހެނިހެން ރަށްރަށާއި ބަލާއިރު ފުވައްމުލަކަކީ ވަށައިގެން އުސްކޮށް މެދަށް ތިލަކޮށް އޮންނަ ރަށަކަށްވުމުން ފެންބޮޑުވުމުގެ ކާރިސާތަކުގައި އެރަށަށް ލިބޭ ގެއްލުން ބޮޑުކަން ފާހަގަކުރެވެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ލަފާކުރާގޮތުގައި މިރޭވެސް ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެއެވެ.
" އާންމުކޮށް ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ކުރިއަށް އޮތް 48 ގަޑިއިރު މޫސުމަށް ސަމާލުވުމަށް ދަންނަވަން" މިއަދު މެންދުރު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ނެރުނު ބަޔާނެއްގައި ވެއެވެ.
އަދި މި ކޮޅިގަނޑު ރާއްޖެއާއި ދުރަށް ހުޅަނގު އުތުރަށް ޖެހެމުންދާއިރު، މާދަމާ އިން ފެށިގެން ރާއްޖެ ސަރަޙައްދަށް ވާރޭވެހުން މަދުވެ ވައިޖެހޭ ބާރުމިން ދަށްވާން ފަށާނެ ކަމަށް ލަފާކުރެވެއެވެ.