November 24, 2024 10:40
Advertisement

-Advertisement-

ޒުވާން ސާޖަން ޑރ.މައުރޫފް ބޭނުންފުޅުވަނީ އިތުރު ދާއިރާއަކުން ޚާއްސަވާން!

އޭޑީކޭ ހޮސްޕިޓަލްގެ ސާޖަރީ ޑިޕާޓްމަންޓްގެ ކޮންސަލްޓަންޓް އިން ސާޖަރީގެ މަގާމުގައި މިވަގުތު ހުންނެވި ޑޮކްޓަރ މައުރޫފް ވިސާމް އަކީ ރ.އުނގޫފާރު ނީލޯފަރުގެ، މުހުސިނާ ޔޫސުފް އާއި މުހައްމަދު ވިސާމްގެ އެންމެ ދޮށީ ދަރިފުޅެވެ. ޤައުމީ ޚިދުމަތްތެރިއަކަށް ވުމުގައި ޑރ.މައުރޫފަށް އެންމެބޮޑު އެހީތެރިކަމެއް ދެއްވީވެސް މަންމަ އާއި ބައްޕަ އެވެ.

ޑރ. މައުރޫފު މަންމަ އާއި ބައްޕަ އަދި ކޮއްކޮ އާއި އެކު

ސިއްހީ ދާއިރާއަށް ވެންނެވުމުގެ ޚިޔާލު އުފެދުނުގޮތް ޒީޓައިމްސް އާއި ހިއްސާ ކުރައްވަމުން ޑރ.މައުރޫފް ވިދާޅުވީ "ވަރަށް ކުރިންސުރެ ބޭނުންވީ އެކި ގޮތްގޮތުން މީހުންނަށް އެހީވާން. އެންމެ ފަސޭހައިން ނުވަތަ އެންމެ ބޭނުންޖެހޭ ވަގުތު އެހީތެރިވެވޭނެ ދާއިރާއަކީ މެޑިސިން ކަހަލަ ދާއިރާއަކަށް ވީމަ ގްރޭޑް ހައެއް ހަތެއް ހިސާބުން ފެށިގެން ނިންމީ މެޑިސިން ކިޔަވަން."

އުނގޫފާރު ސްކޫލުން ޕްރައިމަރީ ތައުލީމު ނިންމެވުމަށްފަހު ސައިންސް ސްޓްރީމަށް ކިޔަވާވިދާޅުވީ ރ.މީދޫގައި ހުންނަ ރ.އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އެ މަރުކަޒުން އޯލެވެލް ނިންމެވުމަށްފަހު އޭލެވެލް ހެއްދެވީ ބ.އޭދަފުށީގައި ހުންނަ ބ.އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އެއަށްފަހު އުނގޫފާރުގައި ތިބި ލޯބިވާ އާއިލާ އާއި މާ ދުރަށް މާލެއަށް ދިރިއުޅުން ބަދަލުކުރެއްވީ ކުޑައިރުގެ އުންމީދު ހާސިލު ކުރުމަށް އަލިމަގެއް ފެނޭތޯއެވެ.
ސްކޫލް ނިންމެވުމަށްފަހު ކުޑަދުވަސްކޮޅަކު ރެޑް ކްރެސެންޓްގައިވެސް މަސައްކަތްކުރެއްވި ޑރ.މައުރޫފް ވިދާޅުވީ "އަޅުގަނޑު ކިޔަވަން ދިޔައީ އަމިއްލަ ގޮތުން. އެގޮތް މިގޮތުން ފައިސާ އެއްކުރީ. މަންމައާއި ބައްޕަގެ އެހީވެސް ލިބިގެން އަމިއްލަ ޚަދަރުގައި 2007ވަނަ އަހަރު ޗައިނާގެ ދާލިއަން މެޑިކަލް ޔުނިވަރސިޓީން އެމްބީބީއެސް ކިޔަވަން ފެށުނީ."

Advertisement

2012ވަނަ އަހަރުގެ ޖުލައިގައި އެމްބީބީއެސް ނިންމެވުމަށްފަހު ޑރ.މައުރޫފްވެސް އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަ ކުރެއްވީ ބަނގްލަދޭޝްގެ ޗިޓަގޮން މެޑިކަލް ކޮލެޖުންނެވެ. ރާއްޖޭގައި ޑޮކްޓަރުކަން ކުރެއްވުމުގެ ލައިސަންސާއި އެކު ފުރަތަމަ ފަހަރަށް މެޑިކަލް އޮފިސަރެއްގެ ގޮތުގައި އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2014ވަނަ އަހަރުގައެވެ.
އަބަދުވެސް އުންމީދުކޮށްގެން ހުންނެވީ ރާއްޖެއަށް ބޭނުންތެރި ދާއިރާއަކުން ޚާއްސަ ޑޮކްޓަރަކަށް ވުމަށެވެ. ނަސީބު ދިމާކުރިގޮތުން 2016ވަނަ އަހަރު އޭޑީކޭ ހޮސްޕިޓަލުން ހުޅުވާލީ ސްކޮލަރޝިފް ފުރުސަތުތަކެއްގައި ޑރ.މައުރޫފަށް ކުރިޔަށް ވަޑައިގެންނެވުމަށް ފުރުސަތު ލިބިލެއްވިއެވެ. ޚިޔާރުކުރެއްވީ ސާޖަރީގެ ދާއިރާއިން ޚާއްސަ ޑޮކްޓަރަކަށް ވެވަޑައިގެންނެވުމަށެވެ.

އަރުމޭނިއާއިން ޕޯސްޓްގްރެޖުއޭޝަން ހާސިލް ކުރެއްވުމަށްފަހު ސާޖަންއެއްގެ ގޮތުގައި އޭޑީކޭގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2020ވަނަ އަހަރުގައެވެ. ކޮވިޑް-19ގެ ޕެންޑަމިކްގެ ކުރީކޮޅު ރާއްޖޭގެ ސިއްހީ ނިޒާމަށް އައި ތާށިކަމުގެ ތެރޭގައި މަސައްކަތް ކުރައްވަން ޖެހުނެވެ. އެހެންނަމަވެސް މަސައްކަތަށް ހުންނަ ޝައުގުވެރިކަމާއި އިންސާނީ ޚިދުމަތަށް ބަހައްޓަވާ ލޯތްބެއްގެ ސަބަބުން ޕެންޑަމިކްގެ ތެރޭގައި ޖެހިލުންވުމެއް ނެތި މަސައްކަތުގައި ދެމިހުންނެވިއެވެ. އެހެން ސިއްހީ ހިދުމްތެރިންނެކޭ އެއްގޮތަށް މައުރޫފް ހުންނެވީ ކުރީ ސަފަށް ނިކުންނަވައިގެންނެވެ.

"ކޮވިޑްގެ ތެރޭގައި ސާޖިކަލް އޮންލައިން ކޮންސަލްޓޭޝަންސް ވަރަށް އުނދަގޫ ބަލަން. ހޮސްޕިޓަލަށް އައިސް ދައްކާ ބަލިމީހުންގެ ތެރެއިންވެސް ކޮވިޑް ކޮންޓެކްޓެއް އަޔަސް ވަކި ޖެހިލުމެއް ނުވޭ. ބޭނުންވަނީ ދެވެން އޮތް ފަރުވާއެއް ދިނުން. ބައެއްފަހަރު ހުންނާނެ ހައިރިސްކު ޕޭޝަންޓުންނަށްވެސް ފަރުވާދީފަ" ކޮވިޑްގެ ކުރީކޮޅު މަސައްކަތްކުރި ހާލަތު ހަނދާނަށް ގެންނަވަމުން ޑރ.މައުރޫފް ވިދާޅުވިއެވެ.

އަރުމޭނިއާގައި ޕޯސްޓް ގްރެޖުއޭޝަން ހެއްދެވިއިރު ސެމިނާއެއްގައި

އުންމީދަކީ ދިވެހި ޑޮކްޓަރުން މަދު ދާއިރާއަކުން ޚާއްސަވުން
މުސްތަގުބަލުގައިވެސް ދެމިހުންނަވާނީ އޮޕަރޭޝަން ޑޮކްޓަރެއްގެ ގޮތުގައިތޯ ދެންނެވުމުން ޑރ.މައުރޫފް ވިދާޅުވީ ރާއްޖޭގައި ދިވެހި ޑޮކްޓަރުން މަދު ދާއިރާއަކުން ސުޕަ ސްޕެޝަލައިޒްވުމުގެ އުންމީދުގައި ހުންނެވި ކަމަށެވެ.
"ވީހާވެސް ކުރިއަށްދާން ބޭނުންވަނީ އަދި އިތުރު ދާއިރާއަކުން ސްޕެޝަލައިޒްވެފައި ސުޕަ ސްޕެޝަލައިޒް ވާން ބޭނުންވޭ. ނާރުގެ ނުވަތަ ހިތުގެ ސާޖަރީސް. މިކަހަލަ ދާއިރާއަކަށޭ ދާނީ ހިތަށް އަރަނީ. ކޮން އޭރިއާއެއް ކަމެއް އަދި ނުނިންމަން" ޑރ.މައުރޫފް ވިދާޅުވިއެވެ.
ޑރ.އައިމިނަތު ސާނިހާ ފިކުރީ އާއި ކައިވެނި ބައްލަވައިގެން އުޅުއްވާ ޑރ.މައުރޫފްގެ ކުރިއެރުމުގައި މައިންބަފައިންނާއި އުނގޫފާރުގައި ތިބި އާއިލާގެ އިތުރުން އަނބިކަނބަލުންގެ އެއްބާރުލުންވެސް ނުހަނު ބޮޑެވެ.

ޑރ. މައުރޫފް އާއި އަނބިކަނބަލުން ޑރ.އައިމިނަތު ސާނިހާ

"އަޅުގަނޑު އެމްބީބީއެސް ހެދިއިރު މަންމަ އާއި ބައްޕަ އަދި ރަށުން އާއިލާ އެންމެންވެސް ވަރަށް ގިނައިން ގުޅާނެ. ވަރަށް ހިތްވަރުދީ ހަދާނެ. ދެން އަރްމޭނިއާގައި އުޅުނުއިރު އަންހެނުންގެ ސަޕޯޓްވެސް ވަރަށްބޮޑަށް ލިބޭ. އަޅުގަނޑަކަށް ނޭނގޭ އެމީހުންނާ ނުލާ މިކަން ކުރާނެގޮތެއް" ވަރަށް ޝުކުރުވެރިކަމާއެކު ޑރ.މައުރޫފު ފާހަގަ ކުރެއްވިއެވެ.
ޑޮކްޓަރެއްގެ ވަޒީފާއަކީ އަމިއްލަ ދިރިއުޅުމަށްވުރެ ބަލިމީހާގެ ޚިދުމަތުގައި 24 ގަޑިއިރު ހުންނަ ކަހަލަ ޚިދުމަތެކެވެ. ބުރަކޮށް އުޅުއްވަމުން އާއިލާއަށް ވަގުތު ދެއްވަނީ ކިހިނެއްތޯ އަހާލުމުން ޑރ.މައުރޫފް ވިދާޅުވީ "އާއިލާ ވަރަށް ސަޕޯޓިވް ވާނެ. މަންމަ އާއި ބައްޕަ އުޅެނީ ރަށުގައި. ދެން އަޅުގަނޑުގެ އަންހެނުންނަކީވެސް ޑޮކްޓަރެއް ވީމަ ވަރަށް އަންޑަސްޓޭންޑިން ވާނެ. ގިނަވަގުތު ޑިއުޓީގައި އުޅުނަސް ޝަކުވާއެއް ނާންނާނެ" ކަމަށެވެ.

އޭޑީކޭގެ ވެބްސައިޓްގައިވާ ޑރ.މައުރޫފްގެ ހާއްސަ ދާއިރާތައް އަންގައިދޭ ފޮޓޯއެއް

ޑިއުޓީގައި ބުރަކޮށް އުޅުއްވަންޖެހޭ ވަގުތުތަކުގެ ހަނދާންތައް ހިއްސާ ކުރައްވަމުން ޑރ.މައުރޫފް ވިދާޅުވީ "މި ޕްރޮފެޝަން ޗޫސް ކުރި އެއް ބޭނުން އެއީ މީހުންނަށް އެހީވުން. އެހެންވީމަ ކޮންމެ ގަޑިއެއްގައި ޑިއުޓީއަށް ނިކުންނަށް ޖެހުނަސް މައްސަލައެއް ނޯންނާނެ. ބައެއް ފަހަރު ހުންނާނެ ދަންވަރުވެސް އޮޕަރޭޝަންތައް ކޮށްފަ، ނޫނީ ރޯދަމަހު ރޯދަ ވީއްލާ ގަޑިއާއި އޮޕަރޭޝަނެއް ކުރާ ގަޑިއަކާ ދިމާވެގެން ރޯދަވީއްލަން ނުދެވި އެތައްގަޑިއިރެއް ލަސްވެފަ" މިއީ ޑރ.މައުރޫފު ފަދަ ސިއްހީ ހިދުމަތްތެރިން ކަންބޮޑުވާ ކަމެއް ނޫނެވެ.

މެޑިސިން ކިޔެވިއިރު ވިސްނުމަށް ބޮޑެތި ބަދަލުތަކެއް ގެނުވި
"ޗައިނާގައި ކިޔެވި ދުވަސްވަރު ރަނގަޅު އެއްޗެއް ކާލާނެ ވަގުތެއްވެސް ނޯންނާނެ. ވަރަށް ޔަންގް އޭޖްވީމަ ވަރަށް ބައިވަރު ސެކްރިފައިޒްތަކެއް އޭރު ކުރެވުނީ. ފައިނޭންޝަލީ ކަންކަން ހުރިގޮތުން އެންމެ ފަހަރަކު ރާއްޖެއަށް އާދެވުނީވެސް. ރޯދަ އާއި އީދު ކަހަލަ ދުވަސްތައް ވަރަށް ހަނދާންވޭ" ކިޔަވަން އުޅުއްވިއިރުގެ ހަނދާންތައް ހިއްސާ ކުރައްވަމުން ޑރ.މައުރޫފް ވިދާޅުވިއެވެ.
ބަނގްލަދޭޝްގައި ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް ހިއްސާ ކުރައްވަމުން ޑރ.މައުރޫފް ވިދާޅުވީ އެ އަހަރަކީ ވިސްނުމަށާއި އެހެނިހެން ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެނުވި އަހަރެއް ކަމަށެވެ. އެގައުމުން ފެނުނު މަންޒަރުތަކުން މިސާލެއް ނަންގަވަމުން ބަލިމީހުން ގޮވައިގެންދާ ދަރިން މައިންބަފައިންނަށް ކުރާ އިހުތިރާމް ފާހަގަކުރެވުނު ކަމަށް ވިދާޅުވިއެވެ.

"ހޮސްޕިޓަލުން ދިމާވި މީހެއް އޭނާގެ ބައްޕަ އެޑްމިޓްކޮށްގެން އުޅެނީ. މިނިޓަކަށްވެސް ދުރަކަށް ނުދޭ. ނަމާދުވެސް ކުރަނީ ބައްޕަ އޮންނަ އެނދު ކައިރީގަ. ހިތަށްއެރި އަޅުގަނޑުމެންނަކަށް އެކަން ނުކުރެވެއޭ. ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް ހިނިތުންވެލާފަ އުފާވެރިކޮށް ޝުކުރުކޮށްލައިގެން އުޅޭނީ ކުޑަކުދިންވެސް" ޑރ.މައުރޫފް ވިދާޅުވިއެވެ.
އެކަހަލަ ބައިވަރު ކަންތައްތަކުން އުފާވެރި ދިރިއުޅުމަކަށް ހުރިހާ އެއްޗެއް ކޮންމެހެން ބޭނުން ނޫންކަން ފާހަގަކުރެއްވުނު ކަމަށާއި ކޮންމެ ހާލެއްގައިވެސް ޝުކުރުކޮށްލައިގެން އުޅެވިދާނެކަން ދަސްވިކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ކިޔަވަން އުޅުއްވި ދުވަސްވަރުގެ ބައެއް ފޮނި ހަނދާންތައްވެސް ޑރ.މައުރޫފް ޒީޓައިމްސް އާއި ހިއްސާ ކުރެއްވިއެވެ. "އަޅުގަނޑުގެ އަންހެނުން (ޑރ.ސާނިހާ) އާއި ފުރަތަމަ ބައްދަލުވީ މެޑިސިން ކިޔެވި ދުވަސްވަރު ޗައިނާއިން" ކަމަށް ވިދާޅުވިއެވެ

ދެމީހުން އެކުގައި ހޭދަކުރައްވާ ވަގުތު ގިނަ ކުރުމަށް ވަރަށް އިސްކަން ދެއްވައެވެ. ދަތުރު ކުރުމަކީ މި ދެމަފިރިންވެސް ވަރަށް ގަޔާވާ ކަމެކެވެ.
"އަޅުގަނޑުގެ ހޮބީއެއް ފޮޓޯ ނެގުމަކީ، ފުޓްބޯޅަ ކުޅެން ރައްޓެހިންނާއެކު، ހުސްވަގުތު ހޭދަކުރަނީ މިކަހަލަ ގޮތަކަށް. ދެން އަންހެނުންނާއި އެކު ވަރަށް ގިނައިން ދަތުރު ކުރެވޭތޯ ބަލަން" ހުސްވަގުތު ހޭދަކުރައްވަނީ ކިހިނެއްތޯ ދެންނެވުމުން ޑރ.މައުރޫފް ވިދާޅުވިއެވެ.

+1
2
+1
5
+1
9
+1
3
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް