" މިއީ ރުތުބާ. ރުތުބާއަކީ ހުނަރުން ފުރިގެންވާ ކުއްޖެއް. ރުތުބާ އަކީ ވަރަށްރީތިކޮށް ރައިވަރު، ޅެން ކިޔާ އަދި ނަށަން އެނގޭ ކުއްޖެއް. ރުތުބާ އެންމެ މޮޅީ ފަހަން. މިހުނަރު އިތުރަށް ފުރިހަމަކުރުމަށް ރުތުބާ ދަނީ ކެއަރ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިންގ ކޯސް ފުރިހަމަކުރަމުން" ކެއަރ ސޮސައިޓީގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވެއެވެ.

ކެއަރ ސޮސައިޓީގެ ފޭސްބުކް ޕޭޖް ބަލާލުމުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތް ވަރަށް ރަނގަޅަށް ފެންނަން އެބަހުއްޓެވެ. މިފަދަ ޖަމްޢިއްޔާތަކުން ކުރާ މަސައްކަތް އިތުރަށް ފުޅާކުރުމަށް އާންމުންނަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް ހުންނާނެކަން ޔަޤީނެވެ. މިރިޕޯޓު މިޚާއްސަކޮށްލަނީ ކެއަރސޮސައިޓީ އަށެވެ.
1998ވަނަ އަހަރު އުފެދުނު ކެއަރ ސޮސައިޓީ އަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމްޢިއްޔާއެކެވެ. 22 އަހަރުވީ މިޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއިއެކު މަސައްކަތްކޮށް އެފަރާތްތަކަށް އެހީތެރިވުމެވެ.
ކެއަރ ސޮސައިޓީގެ އެގްޒެކްޓިވް ޑައިރެކްޓަރ އާމިނަތު ނައުޝާން ޢަބްދުލް މުހައިމިން 'ޒީޓައިމްސް' އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އެޖަމްޢިއްޔާގައި އެކި ގޮތްގޮތުން ނުކުޅެދުންތެރިކަން ހުންނަ 700 މީހުން ރަޖިސްޓްރީވެފައިވާ ކަމަށެވެ.

" އެޑިޔުކޭޝަން މިނިސްޓްރީގަ ރެޖިސްޓަރ ކޮށްގެން ކެއަރ ސޮސައިޓީގެ ދަށުން ސްކޫލެއް ދަނީ ހިންގަމުން. އެޕާޓްމަންޓް ކުއްޔަށް ހިފައިގެން މިހާތަނަށް ސްކޫލް ހިންގަމުން އައީ. އެކަމަކު މިހާރު ސްކޫލް މިހިންގަނީ ސްޕޮންސަރ އެއްގެ އެހީތެރިކަމާއިއެކު. ހެނދުނު 7:30 އިން އިރުއޮއްސި 6 ޖަހާއިރަށް ކްލާސްތައް ކުރިއަށްދާނެ. އަޅުގަނޑުމެންގެ ޕްރޮގްރާމްތަކުގެތެރޭގައި އަރލީ އިންޓަވެންޝަން ފޮރ ޗިލްޑްރެން، ޖޫނިއަރ ޕްރޮގްރާމް، ވޮކޭޝަނަލް ޓްރެއިނިންގ، ލައިފް އެންރިޗްމެންޓް ޕްރޮގްރާމް ހިމެނޭ"
ކެއަރ ސޮސައިޓީއިން ހިންގާ ސްކޫލުގައި އެންމެ ތުއްތުކުދިން ފެށިގެން އުމުރުން 35 އަހަރާއި ހަމައަށް ބައިވެރިވެވޭ ގޮތަށް ޕްރޮގްރާމްތައް ވަނީ ރާވާފައެވެ. އަދި އެޖަމްޢިއްޔާ އިން ދަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ޤުރުއާން ކްލާހެއް ފެށުމުގެ މަސައްކަތް ކުރަމުންނެވެ.

" އަޅުގަނޑުމެން މަސައްކަތްކުރަނީ އެކުދިންގެ ހުނަރު ކުރިއެރުވުމަށާއި ޑިވެލޮޕްމެންޓަށް. އެހެން ކުދިންނެކޭ އެއްފަދައިން ސްކޫލަށްގޮސް ކްލާސްރޫމުގައި ކިޔެވޭނެ ވަރަށް އެކުދިންގެ ޙާލަތު ރަނގަޅުކުރެވޭތޯ މަސައްކަތްކުރަން. އަދި އެކިފަރާތްތަކުން ހިންގާ ފަހާ ކޯސްފަދަ ކޯސްތަކުގައި އަޅުގަނޑުމެން ބައެއް ކުދިން ބައިވެރިކުރަން"
މިފަދަ ކުދިންނަށް ކިޔަވައިދިނުމާއި ނުވަތަ ތަމްރީން ދިނުމާއި އާދައިގެ ސްކޫލެއްގައި ކިޔަވައިދިނުމާ ވަރަށްބޮޑު ތަފާތެއް ހުންނާނެއެވެ. ދާއިރާގެ ތަޖުރިބާކާރުން ހޯދަނީ ކިހިނެއްތޯ ދެންނެވި ސުވާލަށް ނައުޝާން ވިދާޅުވީ "ދިވެހިރާއްޖޭގަ ސްޕީޗް ތެރަޕިސްޓުން، އޮކިއުޕޭޝަނަލް ތެރަޕިސްޓުން މަދުވާނެ. ސްކޫލެއްގަ 30 ކުދިންނަށް އެއް ޓީޗަރަކު ހުއްޓަސް މިތާގަ ކޮންމެ 3 ކުއްޖަކަށް 1 ޓީޗަރަކު ހުންނަންޖެހޭ. ކޮންމެ ކުއްޖަކީ އެސެސްމެންޓެއް ހެދި އައިއީޕީއެއް ތައްޔާރުކުރެވި އޭނައަށް ފޯކަސްކޮށްގެން މަސައްކަތްކުރާނެ ކުއްޖެއް. އެހެންވީމަ 1 ކުއްޖަކަށް އެއްޓީޗަރަކުވެސް ހުންނަން ޖެހިދާނެ" ކަމަށެވެ.
ކެއަރ ސޮސައިޓީ އިން ހިންގާ ސްކޫލް އިން 38 ކުދިން މިވަގުތު ތަމްރީން ހޯދަމުންދާއިރު 7 ޓީޗަރަކު މަސައްކަތްކުރެއެވެ. މިވަގުތު ކްލާސްތައް ކުރިއަށް ގެންދަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކޮންމެހެން ކްލާހަށް ގެންދަންޖެހޭ ކުދިން ގެންގޮސްގެންނެވެ. އެފަދަ ކުދިންނަކީ ކްލާސްތައް މެދުކެޑިއްޖެނަމަ ޙާލަތު ގޯސްވެދާނެ ކަމަށް ބެލެވޭ ކުދިންނެވެ.
ކެއަރ ސޮސައިޓީ މިއަދާއި ހަމައަށް ދެމިއޮތީ ގިނަބައެއްގެ އެހީތެރިކަން ލިބިގެންނެވެ. މިގޮތުން އެ ޖަމްޢިއްޔާއިން ހިންގާ ސްކޫލްގެ ފީ އެއްގެ ގޮތުގައި ކޮންމެ ދަރިވަރެއްގެ އަތުން މަހަކަށް 1500 ރުފިޔާ ނަގާއިރު ބައެއް ބެލެނިވެރިންނަކީ އެވަރަށް ފައިސާ ދެއްކޭވަރުގެ ތަނަވަސްކަމެއް ހުރި ބައެއް ނޫނެވެ.
"ފައިސާ ހޯދުމަށް ފަންޑްރައިޒިންގ ޕްރޮގްރާމް ހިންގަން. ފީ ނުދެއްކުނަސް ކުއްޖާ ސްކޫލަށް ފޮނުވަން އަޅުގަނޑުމެން ބެލެނިވެރިންނަށް ދަންނަވާފަވާނީ. ފީ ނުދެއްކޭ ޙާލަތްތަކުގައި ސްޕޮންސަރ ހޯދަން އެކުއްޖަކަށް. ސަރުކާރުންނާއި އަމިއްލަ ކުންފުނިތަކުން އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދޭ"
މާލެއެކޭ އެއްގޮތަށް ރަށްރަށަށް އަމާޒުކޮށްގެން ކޮމިއުނިޓީ އަށް ޚާއްސަ ރިހިބިލިޓޭޝަން ޕްރޮގްރާމެއް ކެއަރ ސޮސައިޓީއިން ދަނީ ހިންގަމުންނެވެ. އެޕްރޮގްރާމްގެ އެންމެބޮޑު ބޭނުމަކީ މީހުން ތަމްރީންކޮށް ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ މީހުން ހޯދާ ރަށްރަށުގައި ޕްރޮގްރާމްތައް ހިންގުމެވެ.

" އެއިރުން މާލެ ނައިސްވާނެ ޕްރޮގްރާމްގައި ބައިވެރިވުމަށް. ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނިން ލޮކްޑައުންގައި 100އަށް ވުރެ ގިނަ ކުދިންނަށް. ތަމްރީން ޕްރޮގްރާމްތައް ހިންގަން ރަށްރަށުގެ މުދައްރިސުން، ފުލުހުން، ކައުންސިލް އަދި ހޮސްޕިޓަލް ފަދަ ތަންތަނަށް"
ކެއަރ ސޮސައިޓީގެ އަމާޒަކީ ތެރަޕީގެ ޚިދުމަތް ފުޅާކޮށް ކުދިންނަށް ދިނުމެވެ. މީގެތެރޭގައި އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީ، ބިހޭވިއަރ ތެރަޕީ ހިމެނެއެވެ.

ނައުޝާން ޤަބޫލުކުރައްވާގޮތުގައި ތެރަޕިސްޓް ކުއްޖާ އަށް ސެޝަން ނަގައިދިނީމަ އެހާހިސާބުން ނިމުނީ އެއް ނޫނެވެ. ބެލެނިވެރިންގެ ރޯލު ވަރަށް މުހިންމެވެ. މިޖަމްއިއްޔާގަ އަޅުގަނޑަށް އެންމެ ފާހަގަކުރެވޭ އެއްކަމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަފާތު ހުނަރު ދަސްކޮށްދިނުމަށް ކުރާ މަސައްކަތެވެ. މިފަދަ ކުދިން ތައްޔާރުކޮށްފަ ހުންނަ ތަފާތު ރީތި ސާމާނު ރިސޯޓްތަކުގައިވެސް ދައްކާފައިވެއެވެ.

" ޔޫއޭއީގައި 2019ވަނަ އަހަރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭއްވުނު 100 ކިލޯ މީޓަރު ދުވުމުން ކެއަރ ސޮސައިޓީގެ ދަރިވަރެއް ކަމުގައިވާ ސިފުނާ ޢިބްރާހީމް އަށް ގޯލްޑްމެޑަލް ލިބުނު. އެކި އެންޖީއޯތައް ގުޅިގެން މިފަދަ ޕްލެޓްފޯމެއް މިކުދިންނަށް ހޯދައިދިނީމަ ކާމިޔާބު މިވަނީ. މިކުދިންނަށް ފުރުސަތު ހޯދައިދީފިއްޔާ ކުރިއެރުން ލިބޭނެ" ނައުޝާން ވިދާޅުވިއެވެ.
އެންމެންގެ އެހީތެރިކަން ލިބިއްޖެނަމަ ނުކުޅެދުންތެރިކަމެއް ހުއްޓަސް ފެހުމުގައި ކުރި ހޯދަމުންދާ ރުތުބާ އަދި ދުވުމުގައި ކުރި ހޯދި ސިފުނާ ފަދަ އެތައް ކުދިންނެއް ކުރިއެރުވިދާނެއެވެ. ބޭނުންވަނީ އެންމެންގެ ލޯތްބާއި އެހީތެރިކަމެވެ. ބެލެނިވެރިންގެ ހިތްވަރެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްކޮށްދިނުމުގައި އެންމެ ފާހަނގަކުރެވޭ އަމިއްލަ ޖަމްޢިއްޔާއަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހަނދާނީ ފިލާ 2012ވަނަ އަހަރު ކެއަރސޮސައިޓީއަށް ވަނީ ލިބިފައެވެ. 'ޒީޓައިމްސް' އިން އެދެނީ ކެއަރސޮސައިޓީ އިން މިކުރަމުންދާ މަސައްކަތުގައި އިތުރު ކުރިއެރުން ލިބުމެވެ.
ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު
ކެއާ ސޮސައިޓީން ތި ކޮށްދެއްވާ ބުރަ މަސައްކަތަށް ސާބަސް. ކީޕް އިޓް
Fahathah belumeh nethi, konme fadha kandeh huras kuran jehunu namaves Care Society in thiya kuramaa masakkathakee miadhu Dhivehin mujuthamau fahuruveri vaan jehey kameh. Thiya loku ethin team varun thalhaa Gurubaanee akee agu kureveyne ehcheh noon. Gadha aveegaives adhi gadha vissaaraigaives huttumeh nethi thi kurahvaa bura masahkathun, mujuthamaugai ehfaharaa kurevifai thibi farudhun thakakah shaamil kuruvanivi maahauleh gaaimu kohdhevey. Thiya kuraa masakkathah Allah heyo rahumaiy lavvaashi. Aameen
ކޮމެންޓްސް ބަންދުކުރެވިފައި