November 24, 2024 08:09
Advertisement

-Advertisement-

ޕްރިންސިޕަލް ޢަބުދުﷲ: ނ. އަތޮޅު މަދަރުސާގައި 11 އަދި 12 ފެއްޓެވުމުގެ އަޒުމުގައި

ނ. ވެލިދޫ ފަލަކް، ޢަބުދުﷲ އީސާއަކީ އެތައް ހާސް ދަރިވަރުންނެއްގެ މުދައްރިސެކެވެ. މިވަގުތު ނ. އަތޮޅު މަދަރުސާގެ ޕްރިސިންޕަލެވެ. ޕްރިންސިޕަލަކަށް ވެވުނު ގޮތާއި ތައުލީމީ ދާއިރާގައި ވޭތުވެގެން މިދާ 32 އަހަރުގެ ބައެއް ހަނދާންތައް ޒީޓައިމްސް އާއި ހިއްސާ ކުރައްވަމުން ޢަބުދުﷲ ވިދާޅުވީ "ވަރަށް ކުރިންފެށިގެން މުދައްރިސަކަށްވާން ޝައުގުވެރިކަން ހުރި. އެހެންނަމަވެސް ސްކޫލު ނިންމާލި ގޮތަށް ކޯހަށް ދެވޭގޮތެއް ނުވި. ދެއަހަރެއްހާ ދުވަސްފަހުން ކޯހުން ފުރުސަތު ލިބުނީ. ކުރިއްސުރެ އެ އަމާޒުގައި ކުރި މަސައްކަތުން ތަޢުލީމީ ދާއިރާއަށް ވަދެވުނީ."

އަބުދުﷲ، މަންމަ ކައިރީގައި ގޮޅިޖެހި ގަމީހުގައި. މައިންބަފައިންނާ ދޮށީ ބޭބެ ވަނީ ނިޔާވެފަ

ޢަބުދުﷲގެ ފުރަތަމަ މަދަރުސާއަކީ ނ. ވެލިދޫ ނަހުޒާ ސްކޫލެވެ. އެރަށުގައި ނ.އަތޮޅު ތައުލީމީ މަރުކަޒު ހުޅުވުމުން އޭރު އޮންނަ ޚާއްސަ ކުލާހަށް ވެންނެވިއެވެ. އެ ކުލާހުން ފާސްވެވަޑައިގެންނެވުމުން މާލެ ވަޑައިގެން މަދަރުސަތުލް ޝަހީދު އަލީ ސްކޫލުން 1985ވަނަ އަހަރު ގްރޭޑް 7 ނިންމެވިއެވެ. އެޒަމާނަކީ މާލޭގައި މިހާރު މިއޮންނަ ފެންވަރަށް ސްކޫލު ތަޢުލީމު ކުރިއަރާފައިވާ ޒަމާނެއް ނޫންކަމުން އެ ހިސާބުން މަދަރުސީ ތަޢުލީމު ނިންމަވާލެއްވީއެވެ.

ޢަބުދުﷲގެ އެންމެ ފުރަތަމަ ވަޒީފާއަކީ ކުރަމަތި އައިލެންޑް ރިސޯޓްގެ ވެއިޓަރެއްގެ ވަޒީފާއެވެ. އެ ވަޒީފާގައި ދޮޅު އަހަރެއްހާ ދުވަސް ހޭދަކުރެއްވުމަށްފަހު ޕްރައިމަރީ ޓީޗިން ކޯހުން ފުރުސަތު ހޯއްދަވައިގެން ސްކޫލު ދުވަސްވަރުގެ ހުވަފެން ހަޤީގަތަށް ހެއްދެވުމަށް އަނެއްކާވެސް މާލެ އަށް ވަޑައިގެންނެވިއެވެ.
"އޭރުގެ މަޝްހޫރު އިންސްޓިޓިއުޓް އޮފް ޓީޗަރސް އެޑިއުކޭޝަން (އައިޓީއީ) އިން 1987 އަދި 1988 ގައި ޕްރައިމަރީ ޓީޗީން ހެދީ. ދިވެހި ބަހުގެ މުދަރިސުން ތަމްރީނު ކުރާ ކޯސް އެއީ. އެ ކޯސް ނިންމައިގެން 1989ވަނަ އަހަރުގެ ފެބުރުއަރީ އެކެއްގައި ފުރަތަމަ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާއަށް ވަދެވުނީ" ވެލިދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒާ އޭރު ގުޅިވަޑައިގެންނެވި ޢަބުދުﷲ ވިދާޅުވިއެވެ.

Advertisement

ހަތަރު އަހަރު ފަހުން މާލެ ވަޑައިގެން ސެކަންޑްރީ ޓީޗިން ކޯސް ފުރިހަމަ ކުރެއްވިއެވެ. އެނބުރި ވަޑައިގެން ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކަންޑްރީ ޓީޗަރެއްގެ ވަޒީފާ އަދާކުރެއްވިއެވެ. އެ ވަޒީފާގައި ހުންނަވަނިކޮށް 1996ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ނ. އަތޮޅު މަދަރުސާއަށް ބަދަލުކުރެއްވިއެވެ. އެ ސްކޫލުގެ ސެކަންޑްރީ ދިވެހި ޓީޗަރެއްގެ ޒިންމާ އަދާކުރައްވަމުން ދަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން އޭނާ އަށް ހުށަހެޅުއްވީ ނ. އަތޮޅު މަދަރުސާގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމެވެ.

އޭގެ ފަހުން ލ. މާބައިދޫގައި ހުންނަ ލ. އަތޮޅު މަދަރުސާގެ އެސިސްޓެންޓް ހެޑްމާސްޓަރު ކަމާއި ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރު ކަމާއި، ހެޑްމާސްޓަރުކަން އަދި ޑެޕިއުޓީ ޕްރިސިޕަލް ކަން ކުރެއްވިއެވެ.
ޢަބުދުﷲ ވަނީ 2010ވަނަ އަހަރު ސްރީލަންކާއަށް ވަޑައިގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން ބެޗްލާރ އޮފް އެޑިއުކޭޝަން މެނޭޖްމެންޓް ކޯސް 2013ވަނަ އަހަރު ފުރިހަމަ ކުރައްވާފައެވެ. އެއަށްފަހު ނ. ކުޑަފަރީ ސްކޫލުގެ ޕްރިސިޕަލްގެ މަގާމަށް ބަދަލުވިއެވެ. 2015 އިން 2016 އަށް މާސްޓަރ އޮފް ސައިންސް އިން އެޑިއުކޭޝަން ލީޑަރޝިޕް އެންޑް މެނޭޖްމެންޓް ހާސިލް ކުރެއްވީ ސްރީލަންކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިންނެވެ. 2017ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެޑިއުކޭޝަން މިނިސްޓްރީން ޢަބުދުﷲ އާއި ހަވާލުކުރެއްވީ ނ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލްކަމުގެ ބުރަ މަސްއޫލިއްޔަތެވެ.

އެންމެ ބޮޑު އުންމީދަކީ ނ. އަތޮޅު މަދަރުސާގައި އަލުން 11، 12 ފެށުން
މީގެ ކުރިން ނ. މަނަދޫގައި 11، 12 އަށް ކިޔަވައިދެމުން އައިސް އެކަން ހުއްޓިފައި އޮތުމުން ވިދާޅުވީ، އޭލެވެލް ފެއްޓެވުމުގެ އުންމީދު  ކައިރި މުސްތަޤްބަލެއްގައި ހާސިލްކުރެއްވުމަށް މަސައްކަތް ކުރައްވާކަމަށެވެ. 
"މިދިޔަ ދެތިން އަހަރަށް ބަލާއިރު ގްރޭޑް 11 އުފެއްދޭ ވަރަށް ކުދިން ފާސް އެބަވޭ. އެކަމަކު ދިމާވާ މައިގަނޑު އެއް ދައްޗަކީ ޖާގައިގެ ދަތިކަން. އެއް ދަންފަޅިއަށް ގްރޭޑް 10 އާ ހަމައަށް މެނޭޖް ނުކުރެވިގެން މިއުޅެނީ. މިގޮތަށް އޮވެގެން 11، 12 އަށް ކިޔަވައިދޭނެ ފުރުސަތެއް ނެތް" ޕްރިންސިޕަލް ޢަބްދުﷲ ވިދާޅުވިއެވެ.

އަދި އެސްކޫލުން އޭލެވެލް ހެދުމަށް ޝައުގުވެރިކަން ހުންނަނީ ވަރަށް މަދު ކުއްޖެއް ކަމަށާއި، ރަނގަޅަށް ގްރޭޑް 11، 12ގެ ކިޔެވުން ހިނގަމުންދާ ތަންތަނަށް ދިއުމުގެ ޝައުގުވެރިކަން ގިނަކުދިންގެ ހުންނަކަމަށް ފާހަގަކުރެއްވިއެވެ.

"މިކަން ރަނގަޅުކުރަން އިތުރު މަސައްކަތްތަކެއް ކުރެވިގެން އަދި ޖާގައިގެ ކަންކަން ހައްލުވެގެން 11، 12 އަށް ކިޔަވައިދޭން ފެށޭނެ. އެ އުންމީދު ވަރަށް ބޮޑަށް އެބައޮތް" ޢަބުދުﷲ ވިދާޅުވިއެވެ.

ރަސްމީ ވަޒީފާގެ އިތުރުން އެންމެ އިސްކަން ދެއްވަނީ އާއިލާއަށް
ޢަބުދުﷲގެ ތިން ކައިވެންޏަކަށް ދެ އަންހެން ދަރިންނާއި ދެ ފިރިހެން ދަރިން ތިއްބެވިއިރު، ދިރިއުޅުމުގައި ކުރެވުނު ތަޖުރިބާތަކާއި އެކު މިހާރު އެންމެބޮޑު އިސްކަމެއް ދެއްވަން ބޭނުންފުޅުވަނީ އަމިއްލަ ޢާއިލާއަށް ކަމަށް ވިދާޅުވިއެވެ. ނ. މަނަދޫ މީހަކާއި ކައިވެނި ބައްލަވައިގެން އެރަށުގައި މިވަގުތު ދިރިއުޅުއްވާއިރު އަންހެނުންނާއި ދަރިންގެ ކަންކަމަށް ވަގުތު ހުސްކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަނބިކަނބަލުންނާއި ދަރިފުޅާއި އެކު

އެންމެ ތުއްތު ފިރިހެން ދަރިފުޅު ތަޢުލީމީ ދާއިރާ ހިޔާރު ކުރައްވަފާނެ ކަމުގެ އިހުސާސް ޢަބުދުﷲ ކުރައްވައެވެ. ދަރިންނާމެދު ފަހުރުވެރިވާކަން ހާމަކުރައްވަމުން ޢަބުދުﷲ ވިދާޅުވީ "އެންމެ ދޮށީ ދަރިފުޅު ސެކަންޑަރީ ސްކޫލް އިމްތިހާނު ނިންމާލީ ނޭޝަނަލް ޓޮޕްޓެންގައި ހިމެނިގެން ކަމަށާއި، ދެވަނަ ދޮށީ ފިރިހެން ދަރިފުޅު ސްކޫލު ނިންމާލީވެސް ރަނގަޅު ނަތީޖާއަކާ އެކުގައި ކަމަށެވެ. އަދި މިހާރު ރާއްޖޭން ބޭރުގައި މެޑިސިން ކިޔަވަމުން އަންނަ ތިންވަނަ ދަރިފުޅު އަފާފަކީ ހުޅުމާލޭ ޣާޒީ ސުކޫލްގެ ބެސްޓް އޯލް ރައުންޑް ސްޓޫޑެންޓް." ކަމަށް އުފަލާއެކު ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުގެ އުފަން ރަށުގައި ޖުމްލަކޮށް މަސައްކަތް ކުރެވުނީ ގިނަވެގެން އަށެއްކަ އަހަރު. ދެން މިއުޅެން ޖެހެނީ ރަށުން ބޭރުގައި. އެހެންވީމަ ޢާއިލާއަށް ދޭންޖެހޭ ވަގުތު ނުދެވި ޢާއިލާއާއި ވަކިން އުޅެން ޖެހުނީމަ އެކި އެކި ކަންކަން މި ދިމާވަނީ. އެ ތަޖުރިބާތަކަށް ބަލާފަ މިހާރު އަޅުގަނޑު އެންމެ އިސްކަންދެނީ ޢާއިލާ އަށް"

ބައެއް އެކުވެރިންނާއެކު

ޢަބުދުﷲ ވިދާޅުވީ ސްކޫލެއްގެ ޕްރިންސިޕަލެއްގެ ވަޒީފާއަކީ 24 ގަޑިއިރު އޮންކޯލް ވަޒީފާއެއްކަމަށެވެ. ހަމަ ކޮންމެ ގަޑިއެއްގައި ކޮންމެ ކަމެއްގައިވެސް ސްކޫލަށް ދާންޖެހިދާނެ ކަމަށް ވިސްނަވައިގެން ހުންނަވާ ކަމަށާއި އެކަމުގައި އެއްވެސް ޝަކުވާއެއް ކަންބޮޑުވުމެއްވެސް ނޯންނާނެ ކަމަށެވެ.
އެއްބަނޑު އެއްބަފާ މީހުންނާވެސް ގާތް ގުޅުމެއް ބާއްވާ ޢަބުދުﷲ އަކީ ރަހުމަތްތެރިންނާއެކު ހުސްވަގުތު ހޭދަކުރެއްވުމަށް ލޯބިކުރައްވާ ބޭފުޅެކެވެ. އަތޮޅުގެ އެކުވެރިންނާއެކު މަސްދަތުރު ދިއުމާއި ހޮބީއެއްގެ ގޮތުން މަސް ގެންގުޅުމަކީ ވަރަށް ގަޔާވެގެން ކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

+1
0
+1
6
+1
0
+1
0
+1
0
+1
0
+1
0

Advertisement

ޖުމްލަ 3 ކިޔުންތެރިންގެ ހިޔާލު

  1. އަބްދުﷲ އަކީ މަނަދޫ ފަހުރުވެރިވާ ވެލިދޫ ދަރިއެއް. ރަށުގެ ތައުލީމް ރަގަޅުކޮށްދެއްވުމަށް ކުރައްވާ ބުރަ މަސައްކަތް އުފަލާއެކު ބަލައިގަންނަން

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް