ހއ. ހޯރަފުއްޓަށް އުފަން ފާތިމަތު ޒިހުނާގެ ދޮންދަރިފުޅަށް އެދަރިފުޅުގެ ބައްޕަ ކިޑްނީ ހަދިޔާކުރި ވާހަކަ ޒީޓައިމްސް އިން ވާނީ މިއަހަރުގެ ޖެނުއަރީމަހުގެ 21ވަނަ ދުވަހު ކިޔުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ. ހދ. ހަނިމާދޫއަށް އުފަން އިބްރާހީމް ހަސަންގެ ކިޑްނީ އުމުރުން 13 އަހަރުގެ އާއިޝަތު އާޔާ އިބްރާހީމް އަށް ދިނުމުގެ ބޮޑު އޮޕަރޭޝަން ކުރުމަށްފަހު މިއަދާއިހަމައަށް އެދެބަފައިންގެ ހުރިހާ ޒިންމާއެއް އުފުލަމުންދަނީ ޒިހުނާއެވެ. މިރިޕޯޓުގައި ތަފްސީލް ހިމަނާލަން ބޭނުންވަނީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިފަދަ ހިތްވަރުގަދަ ތަފާތު ދޮންމަންމައިން ދިރިއުޅެމުންދާތީ އެކަމަށް އުފާކުރަމުންނެވެ.
ޒިހުނާ އާއި އިބްރާހީމް ދިމާވީ ކިހިނެއް؟
އެއީ 2018ވަނަ އަހަރެވެ. އެއިރު ޒިހުނާ ވަޒީފާ އަދާކުރަމުން ދިޔައީ މާލޭ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފެރީ ޓިކެޓް ކައުންޓަރުގައެވެ. ކުރިން ކުރި ކައިވެންޏަށް ޒިހުނާގެ 12 އަހަރުގެ ފިރިހެން ކުއްޖަކު އެއިރު ހުރެއެވެ. އިބްރާހީމް އާއި ދިމާވީ ކިހިނެއްތޯ އެހުމުން ޒިހުނާ ބުނީ އެއީ ކުރިން ދުވަހަކު ދަންނަ އަދި ދިމާވި މީހެއް ނޫން ކަމަށެވެ.
" ވަޒީފާގައި އުޅެނިކޮށް އެކީގައި މަސައްކަތްކުރި މީހަކު ބުނީ އެބަހުއްޓޭ 2 ކުދިންގެ ބައްޕައެއް. އެމްއެންޑީއެފް ގައި ވަޒީފާ އަދާކުރާ މީހެކޭ. ވަރަށް ހާލުގައޭ އެކުދިން އުޅެނީ. އަޅުގަނޑު ބުނިން ދީބަލާށޭ ނަންބަރު. ވަރަށް ޝައުގުވެރިވެއްޖޭ ގުޅަން. ދެން ގުޅީ. އެއިރު އިބްރާހީމް ހުރީ މާފިލާފުށީގައި"
އިބްރާހީމް އަށް ގުޅާފަ ވާހަކަދެއްކުމަށްފަހު އިބްރާހީމް މާލެ އައުމުގު ކުރިން، ޢާއިލާގެ މީހުންނާއި އެކު އެދެކުދިންނާއި ބައްދަލުކުރުމަށް ހުޅުމާލެއަށް ދިޔަކަމަށް ޒިހުނާ ވަނީ ބުނެފައެވެ.
ދޮންދަރިން ޒިހުނާގެ ބެލުމުގެ ދަށަށް ގެނައުން
" އަޅުގަނޑު ބައްދަލުކުރަން ދިޔައިރު އެދެކުދިންގެ ހާލަތު ވަރަށް ގޯސް. އިބްރާހީމްގެ ބޮޑު ދަރިފުޅު އާޔާ އަށް އެއިރު 11 އަހަރު އަދި ކުޑަ ދަރިފުޅު އާޔަން އަށް 8 އަހަރު. ދެކުދިން ތިބީ އެކުދިންގެ މަންމަކައިރީގައި އެއިރު. ކުޑަ ދަރިފުޅު ހުރީ ވަރަށްބޮޑަށް ދުޅަވެ މުޅި ގައިގަ ކަސް އަޅާފަ. އަޅުގަނޑު ފޮޓޯ ފޮނުވީމަ ވަގުތުން އިބްރާހީމް މާލެއައިއްސި. އަދި އަޅުގަނޑުމެން 2 މީހުން ކައިވެނިކުރުމުގެ ކުރިން އެ ދެކުދިން އަޅުގަނޑު ކައިރިއަށް ގެނެސް ބަލަން ފަށައިފިން"
ބޭސް ފަރުވާ ފެށުނުގޮތް
އާޔާ އާއި އާޔަން ޒިހުނާގެ ބެލުމުގެ ދަށަށް ގެނެސް ޑޮކްޓަރަށް ދެއްކުމުން އިންޑިއާއަށް ދިއުމަށް ދެކުދިންނަށް އާސަންދަ ހަމަޖެހުނުކަމަށް ޒިހުނާ ވަނީ ބުނެފައެވެ. އަދި އިންޑިއާ އަށް ދިއުމުގެ ކުރިން އާޔަން އަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވެއެވެ.
" އަޅުގަނޑު އެ ދެކުދިން ގޮވައިގެން އިންޑިއާއަށް ދާންވެގެން އިބްރާހީމް އާއި ކައިވެނިކުރީ 2018ވަނަ އަހަރު. އެފަހަރު އިންޑިއާގެ އެންޔޫ ހޮސްޕިޓަލުގައި 2 ކުދިން އެޑްމިޓް ކޮށްގެން ފަރުވާދިންއިރު އާޔާގެ ޑަޔަލިސިސް ހަދަންފެށީ އެއިރު. އެއިރު އާޔާގެ 2 ކިޑްނީ ވަނީ ފެއިލްވެފަ. ދެކުދިންގެ ވެސް ހުރީ އެއްބައްޔެއް ކަމުގައިވާ ނެޕްރޮޓިކް ސިންޑްރަމް"
މަހެއްހާ ދުވަސް ފަހުން އެނބުރި ރާއްޖެ އައިސް ޒިހުނާ ވަނީ އެ ދެކުދިންގެ ހައްގުގައި ވަޒީފާވެސް ދޫކޮށްފައެވެ. ބަލި ދެކުދިން ބެލުމުގެ ހުރިހާ ޒިންމާއެއް ނެގިއެވެ.
އާޔާގެ ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމަށް އިންޑިއާއަށް ޒިހުނާމެން ދިޔައީ 2020ވަނަ އަހަރުގެ ފެބުރުއަރީ މަހުގައެވެ. އޭގެ ކުރިން ދިރިއުޅެމުން ދިޔައީ މާލޭގައެވެ. ދެވަނަ ފަހަރަށް އިންޑިއާ އަށް ދިޔައިރު އިބްރާހީމް އާއި ޒިހުނާއަށްވެސް ވަނީ ލޯބި ލޯބި އަންހެންކުއްޖަކު ލިބިފައެވެ. ސިޒޭރިއަން ހަދައިގެން ދަރިފުޅު އެއިރު ނެގީ ބަނޑަށް 7 މަހުގައެވެ.
ކިޑްނީ ބަދަލުކުރުމުގެ ބޮޑު އޮޕަރޭޝަން ކުރުން
" އެ ދެކުދިންގެ މަންމަ ކައިރީގައި ބުނިން ގިނަ ދުވަހަށް އިންޑިއާ އަށް ކިޑްނީ ބަދަލުކުރަން ދާންޖެހެއޭ. އާޔަން ބަހައްޓަދޭށޭ. އެއިރު އަޅުގަނޑު ސިޒޭރިއަން ހަދައިގެން ދަރިފުޅަށް 5ވަނަ މަސް. އަޅުގަނޑުގެ ދޮށީ ދަރިފުޅާއި އާޔާ އަދި އިބްރާހީމް އާއި ކުޑަ ދަރިފުޅު ފިޔަވައި އިތުރު މީހަކު ނާދޭ އަޅުގަނޑުމެންނާއި އެކީ އެހީތެރިވުމަށް"
ފިރިމީހާ އާއި އާޔާގެ އޮޕަރޭޝަން މިއަހަރު ޖެނުއަރީމަހު ކުރުމަށްފަހު ހޮސްޕިޓަލުގައި އެތައް ދުވަހެއް ޒިހުނާ ހޭދަކުރީ ކުޑަ ދަރިފުޅު ގޮވައިގެންނެވެ. ކޮވިޑްގެ މި ބަލިމަޑުކަމުގައި އިންޑިއާގެ ހޮސްޕިޓަލުގައި ގިނަ ދުވަސް ހޭދަކުރުން އެއީ ފަސޭހަކަމެއް ނޫނެވެ. ޒިހުނާގެ ހިތްވަރަށް ސާބަސްދެމެވެ.
އިބްރާހީމް ދެކޭގޮތް
އާޔާގެ ބޭސްފަރުވާ އަށް މި އާއިލާ އިންޑިއާގައި ދިރިއުޅެމުންދާތާ މިހާރު މިވަނީ އެއްއަހަރަށްވުރެ ގިނަ ދުވަސްވެފައެވެ. ކިޑްނީ ބަދަލުކުރުމުގެ ކާމިޔާބު އޮޕަރޭޝަނަށްފަހު މި އޭޕްރީލް ފަހުކޮޅު ރާއްޖެ އާދެވޭނެކަމުގެ އުއްމީދުގައި ތިބިއިރު، އިބްރާހީމް ޒިހުނާއާއި މެދު ދެކޭގޮތްވެސް އޮޅުންފިލުވައިލީމެވެ.
" އެކުދިންނަށް އެވަރުގެ ދޮންމަންމައެއް ލިބޭނީ މިޒަމާނުގައި. ވަރަށް ރަނގަޅު. އުފަން މަންމައަކަށްވުރެ ބޮޑަށް އެކުދިންގެ ކަންތައްތައް ބަލަހައްޓާ. މިޒަމާނުގައި ވަރަށް ނުލިބޭނެ އެފަދަ މަންމައެއް" އިބްރާހީމް ޝުކުރުވެރިކަމާއިއެކު ފާހަގަކުރިއެވެ.
ނިންމުން
ޒިހުނާ އަދި އިބްރާހީމް ރާއްޖެއިން ބޭރުގައި ގިނަދުވަސްތަކަކަށް މަޑުކުރަންޖެހުމުން، އާޔަން މިވަގުތު ބަލަމުންދަނީ އާޔަންގެ މަންމައެވެ. ޒިހުނާ ފާހަގަކުރިގޮތުގައި މިފަދަ ކުދިންނަށް އެހީތެރިވެދިނުމަކީ ލިބޭ ހިންހަމަޖެހުމެކެވެ. ދޮންދަރިފުޅަށްޓަކައި ޒިހުނާ މިފަދަ ހިތްވަރެއް ދައްކަމުންދާއިރު، ޒިހުނާގެ ލޯބިވާ މަންމަ ހާނީ އިބްރާހީމް އަކީ ވެސް ކިޑްނީ ފެއިލްވެ ފަރުވާ ހޯދަމުންދާ މީހެކެވެ.
އަޅުގަނޑުމެންގެ މުޖުތަމައުގައި ޢާއިލާތައް ރޫޅި ގިނަ އަދަދެއްގެ ކުދިން ދޮންމަންމައިން ނުވަތަ ދޮންބައްޕައިންގެ އެހީތެރިކަމާއިއެކު ބަލަމުންދާއިރު، އެފަދަ ކުދިންނަށް ބޭނުންވާ ލޯތްބާއި އަޅާލުން އެންމެ ފުރިހަމައަށް ދެމުންދާ މީހުންވެސް އެބަތިއްބެވެ. އެހެންނަމަވެސް ދޮންމަންމައިން ނުވަތަ ދޮންބައްޕައިން ކުޑަކުޑަ ކުދިންނަށް އަނިޔާދެމުންދާ ވާހަކަތައް އަޑުއިވޭލެއް މަދެއް ނޫނެވެ. މިފަދަ އަނިޔާއެއް ލިބެމުންދާކަން އެނގޭނަމަ ހަނުހުރުމުގެ ބަދަލުގައި ކަމާއިގުޅޭ މުއައްސަސާއަކަށް ނުވަތަ އެފަދަ ކުއްޖަކަށް ރައްކާތެރިކަން ދެވޭނެ ފަރާތަކަށް މަޢުލޫމާތު ހިއްސާކުރުމަކީ މުހިއްމުކަމެއްކަމަށް ދެކެމެވެ. ކުޑަކުދިންގެ ރައްކާތެރިކަން ޤާއިމްކުރެވޭނީ އެންމެން އެކީގައި އެކަމަށް މަސައްކަތް ކޮށްގެންނެވެ.
ކިޔުންތެރިންގެ ހިޔާލު
ވަރަށް އިންޓްރެސްޓިންގ ސްޓޯރީއެއް. އިޝޫ އޮފް އަވަރ ނޭޝަން ޓު ބީ އެވެއަރ ޒަމާނުއްސުރެން މީހުން ހީކުރަނީ ދޮންމަންމައިންނަކީ އަބަދުވެސް ގޯސް ބައެއްކަން ނަމަވެސް މިހާރު އެއީ ތދެއް ނޫންކަން އެގެމުން ދަނީ
ކޮމެންޓްސް ބަންދުކުރެވިފައި