Advertisement
header ad
XeeTimesXeeTimes
ދިވެހިންގެ ހުނަރު ދައްކުވައިދޭ ރީތި ބަގީޗާއެއް!

ދިވެހިންގެ ހުނަރު ދައްކުވައިދޭ ރީތި ބަގީޗާއެއް!

އާބާދީގައި 1292 މީހުން ދިރިއުޅޭ ފ.ފީއަލީ ކައުންސިލް އިދާރާއިން މިވަނީ ނަމޫނާ ދައްކާފައެވެ. މިހަފްތާގައި ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ދެކެވުނު އެއްވާހަކައަކީ ފީއަލީ 'ކޮއި ކޮކާ ބަގީޗާ'ގެ ރީތި ވާހަކައެވެ. ކައުންސިލުން އިސްނަގައިގެން ކުރި މިމަސައްކަތުގައި، 100 އިންސައްތަ ދިވެހިންގެ ބައިވެރިވުން އޮވެގެން މަސައްކަތް ނިންމައިފައިވުން މިއީ ފާހަގަކޮށްލެވޭ ކަމެކެވެ. 

ފީއަލީ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލު 'ޒީޓައިމްސް' އަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ މި އޭޕްރީލް މަހުގެ 3ވަނަ ދުވަހުން ފެށިގެން އާންމުކޮށް ބަގީޗާ ހުޅުވާލާފައިވާ ކަމަށެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދިޔަގޮތުގެ ތަފްސީލް ވަނީ ހިއްސާކުރައްވާފައެވެ.

" ފީއަލީގައި ބަގީޗާއެއް ހެދުމަށް ކައުންސިލްގެ ފަރާތުން އަތޮޅު ކައުންސިލަށް ހުށަހެޅުމުން 150،000 ރުފިޔާ އަތޮޅު ކައުންސިލުން ދިނީ. އަދި މިތަނުގައި ބަހައްޓާފައިވާ ކުޅިވަރުކުޅެން ބޭނުންކުރާ ސާމާނުތަކާއި 30،000 ރުފިޔާ ޔޫތް މިނިސްޓްރީން ވަނީ ހަދިޔާކޮށްފައި. ހުކުރެއް ހޮނިހިރެއް ނުބަލާ ބައެއް ދުވަހު ރޭގަނޑު މަސައްކަތްކޮށްގެން މިމަސައްކަތް މިހާ ފުރިހަމައަށް ނިންމާލިއިރު މަސައްކަތުގައި ބައިވެރިވީ ހަމައެކަނި ދިވެހިން" ޖަލީލު ވިދާޅުވިއެވެ.

Article - in content
Advertisement

މި ބަގީޗާގައި ހުރި ފާހަގަކުރެވޭ ތަންތަނުގެތެރޭގައި ކުޑަކުދިން ކުޅޭ ފުޓްސަލް ދަނޑެއް، މަސް ފެންގަނޑެއް، ވޯޓަރ ފޯލް، ބްރިޖެއް އަދި އުދޯލިގެއެއް ހިމެނެއެވެ.

" އުދޯލިގެ ހަދާފައިހުންނާނީ އުމުރުން ދުވަސްވީ މީހުންނަށްވެސް އައިސް ތިބެވޭ ގޮތަށް. ބަގީޗާގެ ވަށައިގެން ދިއްލޭގޮތަށް ލައިޓް ހަރުކޮށްފައި ހުންނާނެ"

ދިވެހިންގެ ހުނަރުވެރިކަން ދައްކުވައިދޭ ރީތި އުދޯލިގެއެއް

ހަލާކުނުވެ ތަން ރީތިކޮށް ދިގުމުއްދަތަކަށް ބެހެއްޓުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން ޖަލީލު ވިދާޅުވީ މިވަގުތު އެތަން ބަލަހައްޓަމުން ގެންދަނީ ކައުންސިލްގެ މުވައްޒަފުން ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި މިތަން ބެލެހެއްޓުމަށް ބަޖެޓު ލިބޭ މިންވަރަކުން 4 މުވައްޒަފުން ނެގުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

" ޕާޓީތަކާއި ތަފާތު ހަފްލާތަކަށް ބަގީޗާ ކުއްޔަށް ދިނުމުގެ ވިސްނުމެއް އެބަގެންގުޅެން. އަދި ކައިރި ރިސޯޓުތަކުން ފަތުރުވެރިން ޒިޔާރަތްކުރެވޭނެ ގޮތަކަށް އިންތިޒާމްތައް ރޭވުން މިއީވެސް ކުރެވިދާނެކަމެއް. " ބަގީޗާ މެދުވެރިކޮށް އާމްދަނީ ހޯދުމުގެ ވިސްނުމެއް ގެންގުޅެންތޯ ދެންނެވުމުން ޖަލީލު ވިދާޅުވިއެވެ.

ތަފާތު ފުރިހަމަ ބަގީޗާއެއް ފީއަލީގައި ޤާއިމްކުރެވުނީ ވަރަށްގިނަ ބައެއްގެ އެހީތެރިކަން ލިބިގެން ކަމަށާއި އޭގެތެރޭގައި ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، ސަރުކާރާއި، ކައިރީގައި އޮތް ރިސޯޓުގެ އިތުރުން ރަށު ރައްޔިތުންގެ ބައިވެރިވުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.

" އެމްއޭސީއެލްގައި ވަޒީފާ އަދާކުރާ މުހައްމަދު ޝިހާމް، ފެނަކަ އެމްޑީ، ދާއިރާގެ މެންބަރުގެ އިތުރުން މިމަސައްކަތުގައި އެކިގޮތްގޮތުން ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ބުރަ މަސައްކަތް ރައްޔިތުންނަށް މިއަދު ފެންނަން މިއޮތީ" މިދިޔަ އަހަރު ޖޫންމަހު މަސައްކަތް ފަށައިގެން މިއަހަރު އޭޕްރީލް މަހަށް ނިންމާލެވުނު ބަގީޗާ އާއި ގުޅޭގޮތުން ޖަލީލް ވިދާޅުވިއެވެ.

ފީއަލީ ބަގީޗާގެ ހިތްގައިމުކަމުގެ އުފާ އެރަށު ރައްޔިތުން މިހާރު ދަނީ ހޯދަމުންނެވެ. ޕާކު ހުޅުވާލުމާއިއެކު ޒިޔާރަތްކުރި މީހުންގެ މޫނުމަތިން މިއުފާވެރިކަން ވަރަށްބޮޑަށް ވަނީ ފެނިފައެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ފަރީ 08އޭޕްރީލް2021

ވަރަށް ހިތްގައިމު ބަގީޗާއެއް ސާބަސް ކައުންސިލަށް

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —