November 22, 2024 05:43
Advertisement

-Advertisement-

އިޒްމިއާ ޒާހިރު

އިޒްމިއާ: ފަސް އިނގިލި އެއްވަރު ނުވާނޭ ބުންޏަސް، ހިތްވަރާއެކު ކުރިއަށް!

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މަޤާމް އެންމެ ފުރަތަމަ ލިބިވަޑިއިގެންނެވި ކަނބަލުންގެތެރޭގައި ހިމެނިވަޑައިގަންނަވާ އިޒްމިއާ ޒާހިރު އާއި އަޅުގަނޑާއި ދިމާވީ ރަސްމީ ބައްދަލްވުމެއްގެ ތެރެއިން 2020 ވަނަ އަހަރުގައެވެ. އަޅުގަނޑަށް އިޒްމިއާ ފާހަގަކުރެވެނީ އަންހެނުންގެ ހައްޤުގައި ވަކާލާތު ކުރައްވާ، ވަޒީފާގެ މާހައުލުގައި ހަމަހަމަ ފުރުސަތު ހޯއްދެވުމަށް މަސައްކަތްކުރައްވާ ކަނބަލެއްގެ ގޮތުގައެވެ.

އިޒްމިއާ ޒާހިރު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަޙްމަދު ޒާހިރު އާއި ރަޙްމާ އާދަމްގެ 3 ކުދިންގެ ތެރެއިން 2ވަނަ އަށް

Advertisement

ހުންނެވި އިޒްމިއާ އުފަންވީ ސްރީލަންކާއަށެވެ. ދިރިއުޅުމުގެ އެންމެ ބޮޑު ހިތްވަރަކީ އަދި އިންސްޕިރޭޝަން އަކީ ވެސް މައިންބަފައިން ކަމަށާއި، ކުރިއަށް ވަޑައިގަތުމަށްޓަކައި މައިންބަފައިންގެ އިތުރަށް ޢާއިލާގެ އިތުރު މެންބަރުންނާއި ރައްޓެހިން ވެދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

އިޒްމިއާ ޢާއިލާގެ މެންބަރުންނާއި އެކު

އިޒްމިއާ އެންމެ ފުރަތަމަ ތަޢުލީމު ހާސިލްކުރެއްވީ މާފަންނު މަދަރުސާ، އިސްކަންދަރު އަދި އަމީނިއްޔާ ސްކޫލުގައެވެ. ސައިކޮލޮޖީ ދާއިރާއިން ފުރަތަމަ ޑިގްރީ ހެއްދެވީ ޔުނިވަރސިޓީ އޮފް ސައުތް އޮސްޓްރޭލިއާ އިންނެވެ. އަދި 'ޕީސް އެންޑް ކޮންފްލިކްޓް ސްޓަޑީޒް' އިން މާސްޓަރސް ފުރިހަމަކުރެއްވީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސިޑްނީ އިންނެވެ.

ގުރެޖުއޭޝަން ރަސްމިއްޔާތުގައި އިޒްމިއާ

ފުލުހުންގެ ޚިދުމަތް ފެށުނީ ކިހިނެއް؟

ސައިކޮލޮޖީ ދާއިރާއިން ފުރަތަމަ ޑިގްރީ ހެއްދެވިއަސް ކައުންސިލަރ އެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށްވުރެ ބޭނުންފުޅުވީ އެހެން ދާއިރާއަކުން ކުރިއަށް ވަޑައިގަތުމަށް ކަމަށް އިޒްމިއާ ވަނީ ވިދާޅުވެފައެވެ.

" އަޅުގަނޑު ޝައުގުވެރިވީ ކުށްކުރާ މީހުންނާއި އަދި ކުށްކުރުމާ ގުޅޭގޮތުން ދިރާސާކުރުމަށް. މާސްޓަރސް ހަދާނީ ރިސަރޗް ސައިކޮލޮޖީ އިން ތޯ ނޫނީ ކްރިމިނަލް ސައިކޮލޮޖީން ތޯ ނުނިންމިގެން ގޮތް ބަލައިލަން ޕޮލިހުގައި ދުވަސްކޮޅަކު މަސައްކަތްކުރާނީއޭ ހިތަށް އެރީ. އެގޮތުން، ކްރައިމް ރިސަރޗް ސްޓަޑީސް ނުވަތަ ކުށްކުރުމާ ގުޅޭގޮތުން ދިރާސާ ކުރާހިތުން ޕޮލިހަށް ވަނީ. އަޅުގަނޑު އަސްލު ވަންނަން އުޅުނީ އާންމު މުވައްޒަފެއްގެ ގޮތުގައި. ނަމަވެސް ދިރާސާކުރަން ބޭނުންވާ ކްރައިމް ޑޭޓާ ލިބޭނީ ޔުނީފޯމް ލާ މުވައްޒަފުންނަށް އެކަނިކަމަށް އެއިރުގެ ވެރިން ވިދާޅުވި. އެހެންވެ ޔުނީފޯމް ލާން އަޅުގަނޑު އެއްބަސްވީ" 2005 ވަނަ އަހަރު ފުރަތަމަ ޑިގްރީ ނިންމެވުމަށްފަހު މާލެ ވަޑައިގެން، ފުލުހުންގެ ޚިދުމަތަށް ޕޮލިސް ކޯޕްރަލް އެއްގެ ގޮތުގައި ގުޅިވަޑައިގެންނެވި އިޒްމިއާ ވިދާޅުވިއެވެ.

ޚިދުމަތުގައި ފާހަގަކޮށްލެވޭ ކަނބަލެއް

ފުލުހުންގެ ޚިދުމަތުގައި އިޒްމިއާ 15 އަހަރު ހޭދަކުރެއްވިއިރު ޚިދުމަތުގައި މިއީ ފާހަގަކޮށްލެވޭ ކަނބަލެކެވެ. އަބަދުވެސް ތަފާތު ތަޖުރިބާކޮށްލައްވާ ހަރަކާތްތެރިކޮށް އުޅެވޭނެ މަސައްކަތްތަކަށް އިސްކަންދެއްވާކަން އިޒްމިއާގެ ވާހަކައިން ފާހަގަކުރެވުނެވެ.

" އަޅުގަނޑު ވަންއިރު އަންހެނުން ބޭނުންކުރަނީ މައިގަނޑު ގޮތެއްގައި އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކަށް. އަޅުގަނޑަށް ވަރަށް ފޫހި އެކަހަލަ މަސައްކަތްތައް. އަޅުގަނޑަށް ރަނގަޅީ ފްރަންޓްލައިން ކަހަލަ އެކްސައިޓިންގ މަސައްކަތް"

ފުލުހުންގެ ތެރޭގައި ހުރި ހަމައެކަނި އަންހެން ކޮމިޝަންޑް އޮފިސަރެއްގެ ގޮތުގައި އިޒްމިއާ ގާތްގަނޑަކަށް ދޮޅުއަހަރެއްހާ ދުވަހު ހުންނެވިއެވެ. އެ ދުވަސްވަރު އިޒްމިއާ ފާހަގަކުރައްވާފައިވަނީ ދެ ޖިންސުގެ މީހުންގެ ފަރާތުންވެސް ވަރަށް 'ޕްރެޝަރ' އައި ދުވަސްވަރަކަށް ކަމުގައެވެ. " އަންހެން ފުލުހުން އަޅުގަނޑު ކައިރީގައި ބުނާނެ އަޅުގަނޑަށް ހަވާލުކުރެވޭ މަސައްކަތްތައް ކާމިޔާބު ކުރަންވާނެކަމަށް އެހެން ނޫނީ އެމީހުންނަށްވެސް ފިރިހެން ފުލުހުން މަލާމާތްކުރާނެ ކަމަށް. ނަމަވެސް 2012 ވަނަ އަހަރުގައި އެއިރުގެ ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އެއް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް އިތުރު 5 އަންހެން ފުލުހުން ކޮމިޝަންޑް އޮފިސަރުންނަށް ހައްދަވާފައި. އެހިސާބުން އަޅުގަނޑަށް އައި ޕްރެޝަރތައްވެސް ކުޑަވި" އިޒްމިއާ ވިދާޅުވިއެވެ.

އިޒްމިއާ އަކީ ދިވެހި ފުލުހުންގެ އެންމެ ފުރަތަމަ އަންހެން ޑިވިޝަން ކޮމާންޑަރެވެ. ނޯތު ޕޮލިސް ޑިވިޝަން (ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ސަރަޙައްދު) ގެ ޑިވިޝަން ކޮމާންޑަރެއްގެ ގޮތުގައި 2012 އިން 2014 އަށް މަސައްކަތް ކުރެއްވިއިރުގެ ހަނދާންތައް އާކުރައްވަމުން ވިދާޅުވީ އެއިރު ރ. އަތޮޅުގައި އެއްވެސް އަންހެން ފުލުހަކު ނުހުންނަކަމަށެވެ.

" އެޓޯލް ކޮމާންޑަރ އާއި އެކީގައި ވެހިކަލްގައި ދުއްވާފައި އަންނައިރު ހުރޭ ސްޓޭޝަނަށް މައްސަލަ ހުށަހަޅާފަ. އެޓޯލް ކޮމާންޑަރ އަންހެނުން ގޮވައިގެން ބުރުޖަހަނީ އޭ. އަންހެން ފުލުހެއް ނެތް އަތޮޅެއްވީމަ އެކަހަލަ ރިއެކްޝަން އަންނަނީ"

އިޒްމިއާ ޑިވިޝަން ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްވަރަކީ ސިޔާސީ ގޮތުން ޤައުމު ވަރަށްބޮޑަށް ހަލަބޮލިވެފައިވާ ދުވަސްވަރެކެވެ. 2012 ވަނަ އަހަރު ފެބްރުއަރީ މަހުގެ 7ވަނަ ދުވަހު ވެރިކަން ބަދަލުވެ ހިނގި ހަމަނުޖެހުންތަކުގެ އަސަރު ވަރަށް ބޮޑަށް ފޯރިއެވެ.

" އަޅުގަނޑު ނޯތު ޕޮލިސް ޑިވިޝަންއަށް ދާން އޮތީ 2012 ފެބްރުއަރީ މަހުގެ ތެރޭގަ. އަދި އަތޮޅުތެރެއަށް ދިއުމުގެ ކުރިން އަޅުގަނޑުމެން ޕަބްލިކް އޯޑަރ ޓްރެއިނިންގ ރަސްދޫ އަދި ފަހުން މާފުށީގައި ހަދަމުން ދިޔައީ. ނަމަވެސް އެއިރު މާލެ ހަލަބޮލިވެގެން ޓްރެއިނިންގ ދޭތެރެ ދޭތެރެއިން މެދުކަނޑާލަން ޖެހުނު އަދި އަޅުގަނޑުމެން ޓްރެއިނިންގ ފުރިހަމަ ކުރެވުނު އިރު ފުލުހުންގެ ލީޑަރޝިޕްއަށް އަދި މުއައްސަސާއަށް އައި ބަދަލާހުރެ އެންމެފަހުން އަޅުގަނޑަށް އަތޮޅުތެރެއަށް ދެވުނީ މާރޗް މަހުގެ ތެރޭގަ. އެއިރު 7 ފެބްރުއަރީ އަށް ފަހު ބައެއް ރައްޔިތުންގެ ހިތްހަމަނުޖެހުން ފުލުހުންނާއިމެދު ވަރަށް ބޮޑު. ބައެއް ރަށްރަށަށް ފުލުހުން އެރިޔަނުދޭން އުޅުމާއި އަދި ބައެއް ރަށްރަށަށް ފުލުހުން އެރުމުން ބައެއް މީހުން އެއްވެ އަޅުގަނޑުމެންނާ ދިމާކޮށް އަނިޔާކުރަން އާދޭ. އަދި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އެއިރު އެ ސަރަޙައްދަށް ދަތުރު ކުރެއްވިއިރު އެ ބޭފުޅުން ބައެއް ރަށްރަށަށް އަރާވަޑައިގަނަ ނުދިނުމަށް ބައެއް ރައްޔިތުން ބަނދަރުމައްޗަށް އެއްވެ މަސައްކަތްކުރާތީ އަޅުގަނޑުމެންނަށް ޖެހުނީ ޚާއްސަ ސެކިއުރިޓީ އޮޕަރޭޝަންތައް ހިންގައިގެން އެ ބޭފުޅުން ރަށްރަށަށް އަރައި ފައިބައިވަޑައިގަތުމަށް މަގުފަހިކޮށްދޭން" 

އެ ދުވަސްވަރަކީ ހުރިހާ އަތޮޅެއްގައިވެސް ހަމަނުޖެހުން ވަރަށް ބޮޑު ދުވަސްވަރެކެވެ. ދިމާވި ގޮންޖެހުންތައް ތަފްސީލްކޮށް އިޒްމިއާ ވަނީ ފާހަގަކުރައްވާފައެވެ.

" ރިޔާސީ އިންތިޚާބުގެ 2 ބުރު ހިމެނޭގޮތަށް ބޮޑު 4 އިންތިޚާބާ ދިމާވި. އެހެންކަމުން، ކެމްޕެއިންގެ ހަރަކާތްތައް ވަރަށް ފޯރިގަދަކޮށް ދިޔައީ އަދި ކެމްޕެއިންއަށް ވަރަށް ގިނަ ވީ.އައި.ޕީން އެ ސަރަޙައްދަށް ދަތުރު ކުރައްވާތީ އަބަދުވެސް ކޮންމެވެސް ސެކިއުރިޓީ އޮޕަރޭޝަންއެއް ހިންގަންޖެހިފައި އޮންނަނީ. އަދި 8 ފެބްރުއަރީގައި ބަންދުކުރި ބައެއް ޕޮލިސް ސްޓޭޝަންތައް ފަހުން އަލުން ހުޅުވާ އަދި ފުލުހުންގެ އިތުރު އައު މަރުކަޒުތައް ބައެއް ރަށްރަށުގައި ޤާއިމްކުރުމަށްވެސް އަޅުގަނޑުމެންގެ ޓީމްތަކަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު. ނަމަވެސް ކައުންސިލްތަކުގެ އެހީތެރިކަމާއި އެއްބާރުލެއްވުމާއިއެކު ދެބައިމީހުން އެކުގައި މަސައްކަތްކޮށްގެން އެފަދަ ގިނަ މަސައްކަތްތައް ކާމިޔާބުކުރެވުނު. އަދި އުނގޫފާރު ކައުންސިލްގެ އެއްބާރުލެއްވުމާއިއެކު އެއިރުގެ ހޯމް މިނިސްޓަރ ޖަމީލް، ކޮމިޝަނަރ ރިޔާޒް އަދި ފުލުހުންގެ ސީނިއަރ މެނޭޖްމަންޓުގެ އެހީތެރިކަމާއިއެކު ރ. އަތޮޅުގައި ފުލުހުންގެ މައި މަރުކަޒު ބިނާކުރުމުގެ މަސައްކަތްވެސް ފެށުނު. އެ ދުވަސްވަރުން އަޅުގަނޑަށް ލިބުނީ ވަރަށް ރަނގަޅު ތަޖުރިބާއެއް".

އިޒްމިއާ ވަނީ ފުލުހުންގެ ތެރޭގައި އަންހެނުންނާއި ގުޅޭ ކަންކަމުގައި އަޑު އުފުލައި އަދި އަންހެނުންނާ ގުޅޭ ކަންކަމުގައި އަންހެން މުވައްޒަފުންގެ ޚިޔާލު ހޯދުމަށް ބައްދަލުވުންތައް ބާއްވައި، އަންހެނުންގެ ހަރަކާތްތައް ހިންގުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އެއިރު އަންހެން ފުލުހުންގެ އެސޯސިއޭޝަންއެއް ރަސްމީކޮށް ހެދުމުގައި ހުރަސްތަކެއް ކުރިމަތިވިނަމަވެސް، ހުރިހާ ކޮމިޝަނަރުންވެސް އަންހެނުންގެ ހަރަކާތްތައް ހިންގުމުގެ ހުއްދަ ދެއްވިކަމަށް އިޒްމިއާ އުފަލާއިއެކު ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ތެރޭގައި އަލަށް އަންހެނުންގެ ދުވަސް ފާހަގަކުރަން ފެށިއިރު ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވިކަމަށާއި ނަމަވެސް މިއަދު އެ ދުވަސް ދެ ޖިންސުގެ މީހުންވެސް ފާހަގަކުރާކަމަށް ވިދާޅުވިއެވެ. އަދި މިހާރުގެ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގެ 2024-2019 ގެ ތެރެއިން އަންހެން މުވައްޒަފުންނަށް ޚާއްސަ ނެޓްވަރކެއް ރަސްމީކޮށް ހެދިފައިވާކަމަށް އިޒްމިއާ ފާހަގަކުރެއްވިއެވެ.

އަންހެނަކަށް ވީތީ ދިމާވި ގޮންޖެހުން

އަންހެނަކަށް ވީތީ ދިމާވި ގޮންޖެހުންތަކަށް އިޒްމިއާ މައިގަނޑު 5 ކަމެއް ފާހަގަކުރެއްވިއެވެ.

  1. އަންހެނުން ކުރީ ސަފަށް ނިކުތުން ބަލައިނުގަތުން

"ޑިވިޝަން ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރިއިރު އެއް ރަށެއްގައި އިސް މަޤާމެއްގައި ހުންނެވި ބޭފުޅަކަށް އަންހެނަކު އެ ސަރަޙައްދުގައި ފުލުހުންގެ އެންމެ އިސް މަޤާމުގައި ހުރުން ބަލައިނުގަނެވިގެން އަޅުގަނޑުގެ ކުރިމަތީގައި އަޅުގަނޑުގެ ދަށުގައި މަސައްކަތްކުރާ އަޅުގަނޑަށްވުރެ ޖޫނިއަރ ފިރިހެން އޮފިސަރަށް 'ސަރ' ކިޔާ ފުލުހުންނާއި އެކު ކޮންމެވެސް ދަތުރެއް ކުރުމުގެ ހުއްދައަށް އެދިވަޑައިގަތް. އެހެން ހެއްދެވި ކޮންމެފަހަރަކު އެ މުވައްޒަފު އެ ބޭފުޅާ ހުންނަވަނިކޮށް އަޅުގަނޑާ ދިމާލަށް އެނބުރިލާފައި އަޅުގަނޑު ކައިރިން ހަމަ އެ ސުވާލުކޮށް ހުއްދަ ހޯދަނީ. މިގޮތަށް ހެދުމުން، އެ ބޭފުޅާއަށްވެސް ފަހުން މަޖުބޫރުވެގެން އެގޮތަށް ޢަމަލުކުރެއްވުން ހުއްޓާލެއްވި." އިޒްމިއާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން 2010 ވަނަ އަހަރު ފުލުހުންގެ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ 'ދިދަ ބިސީ'ގެ ކޮމާންޑަރަކަށް އިޒްމިއާ ހޮވިވަޑައިގަތުމުން ވަރަށްގިނަ މީހުންނަށް އެކަން ޤަބޫލުނުކުރެވުނު ކަމަށް ފާހަގަކުރެއްވިއެވެ. " އަޅުގަނޑުމެން އެއިރު ޕޮލިސް ހެޑް ކުއާޓަރސް ކުރިމަތީގައި ޕްރެކްޓިސް ކުރިއިރުވެސް އަޅުގަނޑަށް އަޑުއިވޭގޮތަށް ކޮމާންޑަރަކަށް އަންހެނަކު ކަމުނުދާކަމަށް ބައެއް މީހުން ބުނަމުންދިޔަ. އިއްތިފާގުން އެ އަހަރު ކުނިކޮށީގައި ބަޔަކު ރޯކޮށްލުމުގެ ސަބަބުން ގިނަ ފުލުހުންތަކެއް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާންޖެހިގެން ފުލުހުންގެ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ކެންސަލްވެ އަޅުގަނޑަށް އެ ފުރުޞަތު ގެއްލުނު. ދިދަ ބިސީގެ ކޮމާންޑަރަކަށް އަންހެނަކު ހަމަޖެއްސި ފަހަރު އެ ރަސްމިއްޔާތު ކެންސަލްވެގެން ބައެއް މީހުން އެކަމާ އުފާކުރި. ނަމަވެސް އޭގެ ތިން އަހަރު ފަހުން ފުލުހުންގެ ރަސްމިއްޔާތެއްގައި އަންހެން ފުލުހެއް ދިދަ ބިސީގެ ކޮމާންޑަރުކަން ކޮށް މިއަދާ ހަމައަށް އަންހެން ފުލުހުން އެފަދަ ކަންކަމުގައި ފެނިގެން ދޭ. މިއިން ދައްކައިދެނީ އަންހެނުންނަށް ހައްޤު ޖާގަ ލިބިގަތުމަށް ވަގުތު ނަގާކަން "

  1. ކުރަންޖެހޭ މަސައްކަތެއް ކުރުމުގެ ކުރިން އަންހެނަކަށްވީތީ ނުކުރެވޭނެކަމަށް ނިންމުން

ފުލުހުންގެ ޓްރެއިނިންގ ބެޗެއްގެ އެންމެ އިސް އޮފިސަރެއްގެ ގޮތުގައި ވަޑައިގަތުމަށް އިޒްމިއާ ތައްޔާރުވަމުން ގެންދަވަނިކޮށް 'އަންހެނަކަށް ބެޗެއް މެނޭޖް ނުކުރެވޭނެ' ކަމަށް ބުނެ އެފުރުސަތުން މަހުރޫމްކުރުން މިއީ ވެސް ކަނބަލަކަށް ވީތީ އިޒްމިއާ އަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމެއްގެގޮތުގައި ފާހަގަކުރެއްވިއެވެ.

" އެއިރުވެސް އަޅުގަނޑަކީ ފުރަތަމަ ޑިގްރީ ނިންމާފައި، ފުލުހުންގެ ބޭސިކް ޓްރެއިނިންގ ހަދާފަ އަދި ސިންގަޕޫރުން 9 މަސް ދުވަހުގެ ސީނިއަރ އޮފިސަރސް ޓްރެއިނިންގ ފުރިހަމަކޮށްފައި ހުރި މީހެއް. ސީނިއަރ އޮފިސަރސް ޓްރެއިނިންގ އަކީ ފުލުހުންގެ ތެރޭގައި ޕޯސްޓް ގްރެޖުއޭޓް ފެންވަރުގެ ކޯހެއް. ނަމަވެސް އޭގެ ހަތް އަހަރު ފަހުން އަންހެން ފުލުހަކަށް އެ ފުރުސަތު ލިބި އެ މަސައްކަތް ވަނީ ވަރަށް ފުރިހަމައަށް ކޮށްފައި. މިކަމުންވެސް މި ދައްކައިދެނީ ކަންތައް ކުރުމުގައި އަންހެނުންގެ ޤާބިލުކަން ބަލައިގަތުމަށް ބައެއް މީހުންނަށް ވަގުތު ނަގާކަން. މިހެން ދިމާވަނީ އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި ކުރީއްސުރެވެސް އަންހެނުން ބަލައިގަތުމާމެދު މުޖްތަމަޢުގައި ދެކެމުންދާ ގޮތުގެ ސަބަބުން"

ސީނިއަރ އޮފިސަރސް ޓްރެއިނިންގ ކުރިއަށްދިޔައިރު ނަންގަވާފައިވާ ފޮޓޯއެއް

ޑިވިޝަން ކޮމާންޑަރަކަށް ދިއުމުގެ ކުރިން، އެ ސަރަހައްދަކީ މީހުން ދިރިއުޅޭ 45 ރަށް ހިމެނޭ ރަށް ގިނަ ސަރަޙައްދަކަށްވެފައި ގިނައިން ދަތުރުކުރަން ޖެހޭނެތީ އަންހެނަކަށް އެހާ ގިނައިން ދަތުރު ކުރަން އުނދަގޫވާނެކަމަށް ބުނެ ދަށުގައި ހުރި ފިރިހެން ފުލުހަކަށް ހުރިހާ މަސައްކަތެއް ހަވާލުކުރަން ޚިޔާލު ހުށަހެޅުނުކަމަށް އިޒްމިއާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ ދަށުގައި މަސައްކަތްކުރި ފިރިހެން ފުލުހަކަށްވެސް އަޅުގަނޑު އަންހެނަކަށްވީތީ އެފަދަ މަސައްކަތެއް ނުކުރެވޭނެކަމަށް މާކުރިން ނިންމައި އޭނާ މަސައްކަތްކުރި އަތޮޅުގެ އިތުރުން އަޅުގަނޑު ބަލަހައްޓަންޖެހޭ ސަރަޙައްދުގެ އެހެން އަތޮޅުތަކުގެ މަސައްކަތުގެ ތެރެއަށް އޭނާ ވަންނަން މަސައްކަތްކުރި. ނަމަވެސް އަޅުގަނޑު އެކަންތައް އެގޮތަށް ކުރިޔަ ނުދިނިން އަދި 2 އަހަރު ދުވަހު ނޯތު ޕޮލިސް ޑިވިޜަންގައި މަސައްކަތްކޮށް ނިންމިއިރު އަޅުގަނޑުވީ އެއިރު އެ ސަރަހައްދުގައި ޑިވިޝަން ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތްކުރި މީހުންގެ ތެރެއިން އެންމެ ގިނައިން ދަތުރު ކުރި ޑިވިޝަން ކޮމާންޑަރަށް." އިޒްމިއާ އުފަލާއިއެކު ފާހަގަކުރެއްވިއެެވެ.

  1. އިސް މީހަކަށް އަންހެނަކު ހުރުމުން، ބައެއް ފަހަރު ދަށުގައި މަސައްކަތްކުރާ މީހުން ބަލައިނުގަތުން

"އަޅުގަނޑު އަލަށް ޑިޕާޓްމަންޓް ހެޑަކަށްވީފަހަރު އަޅުގަނޑުގެ ދަށުގައި މަސައްކަތްކުރި ފިރިހެނުންނަށް އަޅުގަނޑު ޑިޕާޓްމަންޓް ހެޑެއްގެ ގޮތުގައި ބަލައިގަންނަން އުނދަގޫވި. އެމީހުން އެއިރު ބުނިގޮތުގައި އެމީހުން އަންހެނެއްގެ ދަށުން އަދި ކުރިން އެ މަޤާމުގައި ހުރި އޮފިސަރަށްވުރެ ދަށް ރޭންކެއްގެ އޮފިސަރެއްގެ ދަށުން މަސައްކަތްކުރަން ބޭނުން ނުވާކަމަށް. އަޅުގަނޑުގެ ދަށުގައި އެއިރު ތިބީ އަޅުގަނޑަށްވުރެ އެތައް ރޭންކެއް ޖޫނިއަރ ނޮން ކޮމިޝަންޑް އޮފިސަރުން. ނަމަވެސް އަޅުގަނޑުގެ ވެރިންގެ ވެސް އެހީތެރިކަމާއިއެކު ގާތްގަނޑަކަށް 4 މަސް ފަހުން އަޅުގަނޑަށް އެމީހުންގެ އިތުބާރު ހޯދުނު އަދި އެމީހުންނާއިއެކު ޑިޕާޓްމަންޓުގެ އެކްޝަން ޕްލޭންގެ 80 އިންސައްތަ ހާސިލްކުރެވުނު "

  1. އަންހެނުން މަސައްކަތްކުރާއިރު އެކަށީގެން ނުވާ ނުވަތަ ބޭއަދަބީ ބަހުރުވައިން އަންހެނުންނާ މުޢާމަލާތުކުރުން

" އަޅުގަނޑު އަތޮޅުތެރޭގައި މަސައްކަތްކުރި އިރު އަޅުގަނޑު ހުރި ރަށެއްގެ މީހަކު ފާޑުފާޑުގެ މެސެޖް އަޅުގަނޑަށް ފޮނުވާތީ އަޅުގަނޑު އެ މެސެޖުތަކަށް އިޖާބައެއް ނުދެން. ދުވަސްކޮޅަކަށްފަހު އަޅުގަނޑަށް އަޅުގަނޑުގެ ބޮސް ގުޅުއްވާފައި ވަރަށް ހިތްޕުޅުހަމަނުޖެހިގެން ސުވާލު ކުރެއްވި ރަށުގައި ސީރިއަސް ބޮޑެތި ކުށް ހިނގަމުން ދިޔައިރު އެކަމުގެ ކަންބޮޑުވުން އަޅުގަނޑަށް ހިއްސާ ނުކުރެވިގެން މީހަކު އުޅޭ ކަމަށާއި އޭނާއަށް އަޅުގަނޑު ބައްދަލު ނުކޮށްގެން އުޅެނީ ކީއްވެތޯ. އަޅުގަނޑު ސަރ އަރިހު ދެންނެވީ އޭނާ އަޅުގަނޑަށް ފޮނުވާ މެސެޖުތަކުގައި އެކަހަލަ އެއްވެސް ވާހަކައެއް ނުހިމެނޭކަމާއި އަދި އޭގައި ހިމެނޭ ވާހަކަތަކަކީ ކޮބައިކަން ސަރ އަށް ދެންނެވިން. އެއިރު އަޅުގަނޑުގެ ބޮސް ސަޕޯޓިވް ބޭފުޅަކަށްވީމާ އެހިސާބުން އެކަން ހައްލު ކުރެވުނު "

  1. ފިރިހެނުން ބުނާހާ ގޮތަކަށް އަންހެނުން ޢަމަލު ކުރަންޖެހޭނެކަމަށް ދެކުން

"ފިރިހެނުން ބުނާހާ ގޮތަކަށް ހުރިހާ އަންހެނުން ޢަމަލު ކުރަންޖެހޭނެކަމަށް ބައެއް މީހުން ދެކޭ. އެގޮތުން، އެމީހުން ބޭނުންވާހާ ގޮތަކަށް ޢަމަލު ނުކުރީމާ، އަޅުގަނޑުގެ ތަޖުރިބާއަކީ، އެމީހުން ދެން މަސައްކަތް ކުރަނީ އެހެން މީހުންނާއި އަޅުގަނޑާއި ދޭތެރޭ ހަމަނުޖެހުން އުފެއްދުން ނުވަތަ އަޅުގަނޑޭ ކިޔައިގެން ދޮގު ހަޑި ވާހަކަ ފެތުރުން އަދި ބައެއް މީހުން އަޅުގަނޑު އެއިރު ހުރި މަޤާމުންވެސް ދުރުކުރަން މަސައްކަތް ކޮށްފައި އެބަހުރި. އަޅުގަނޑު އަތޮޅު ތެރޭގައި މަސައްކަތްކުރި އިރު އެއް ރަށެއްގެ ކައުންސިލަރަކު އަޅުގަނޑާއިމެދު ހިތްހަމަނުޖެހިގެން އުޅުނު އޭނާ ބޭނުންވާގޮތަށް އަޅުގަނޑު ޕޮލިސް ސްޓޭޝަން ނުހިންގައިގެން، އަޅުގަނޑާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަދި އެ ރަށުގައި އުޅޭ އެހެން އަންހެނުންނާއި އެކު ކޮފީއަށް ދާތީ އަދި ގިނަ ދުވަސް އެ ރަށުގައި ނުހުރެ ރަށުން ބޭރުގައި އުޅޭތީވެސް އޭނާ ހިތްހަމަނުޖެހިގެން އުޅުނު. އެ ކައުންސިލަރު ބޭނުންހާގޮތަކަށް ލެނބޭ މީހަކަށް އަޅުގަނޑު ނުވުމުން، ދެން އޭނާ މަސައްކަތްކުރީ އަޅުގަނޑާއި ރަށުގެ ރައްޔިތުންނާއި ދޭތެރޭ ހަމަނުޖެހުން އުފައްދައި، ހަޤީޤަތާއި ޚިލާފު ވާހަކަ ފެތުރުމާއި، އަޅުގަނޑުގެ ވެރިންނަށްވެސް ހަޤީޤަތާއި ޚިލާފު ވާހަކަ ގެންގޮސް އަޅުގަނޑު ހުރި މަޤާމުން ބަދަލުކުރަން ވެސް އެއިރު ވަރަށް މަސައްކަތްކުރި. އަޅުގަނޑުގެ ވެރިންނަށް އަޅުގަނޑު ޖަވާބުދާރީވިން އަދި އެއިރު ތިއްބެވި ވެރިން ސަޕޯޓިވް ވުމުން، އަޅުގަނޑުގެ ދައުރު ފުރިހަމަކޮށް އިތުރު އެއް މަސް ދުވަހު އެ ސަރަޙައްދުގައި މަސައްކަތްކޮށްފައި މާލެ ބަދަލުވީ"

އަންހެނުން މަސައްކަތްކުރާއިރު ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވާ ކަމަށާއި، މީގެ ތެރެއިން ގިނަ ކަންތައްތަކަކީ ޒަމާނުއްސުރެ އަންހެނުންނާއި ދޭތެރޭ ކަންތައް ކުރަމުން ގޮސްފައިވާ ގޮތް ކަމަށް އިޒްމިއާ ވިދާޅުވިއެވެ. " އަޅުގަނޑު ވަންއިރާއި މިހާރާ އަޅާބަލާއިރު ވަރަށް ގިނަ ކަންކަން ވަނީ ރަނގަޅުކުރެވިފައި. އަދި އިތުރަށް ރަނގަޅުކުރަންވެސް ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި. ފުލުހުންގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގެނައުމަށްޓަކައި ފުލުހުންގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ސްޓްރެޓީޖިކް ޕްލޭން 2024-2019 ގެ ތެރެއިން އަންހެނުންގެ ދައުރު ފުޅާކޮށް، އަންހެނުން ބާރުވެރިކޮށް އަދި ވަޒީފާގައި ދެމެހެއްޓުވުމަށް 'ވިމެން އިން ޕޮލިސިންގ' ގެ ނަމުގައި ޚާއްސަ ޕްރޮޖެކްޓެއް ހަދާ އެ ޕްރޮޖެކްޓުގެ ތެރެއިން 'ވިމެން އިން ޕޮލިސިންގ' ނެޓްވަރކެއް ރަސްމީކޮށް ފަށާ ގިނަގުނަ މަސައްކަތް ކުރެވެމުން އެބަދޭ" އިޒްމިއާ ވިދާޅުވިއެވެ.

އިޒްމިއާ އާއި މަންމަ ރަޙްމާ އާދަމް

ފުލުހުންގެ ޚިދުމަތްނޫން އެހެން ދާއިރާއަކުން ފެނިދާނެތަ؟

އުމުރުން 22 އަހަރުގައި ފުލުހުންގެ ޚިދުމަތާއި ގުޅިވަޑައިގެންނެވި އިޒްމިއާ 2015 އަދި 2016 ވަނަ އަހަރު 'ޖޮބް ބަރންއައުޓް' ވެގެން ފުލުހުންގެ ވަޒީފާއިން ވަކިވެވަޑައިގަތުމުގެ ވިސްނުންފުޅެއް ގެންގުޅުއްވި ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މާސްޓަރސް ޑިގްރީ ފުރިހަމަކުރެއްވުމަށް 'ސްޓަޑީ ބްރޭކެއް' ދޮޅު އަހަރު ނެންގެވުމަށްފަހު އެނބުރި ގުޅިވަޑައިގަތީ ފުލުހުންގެ ޚިދުމަތާއިއެވެ.

" ފުލުހުންގެ ޚިދުމަތަށް ވަންތާ ހައެއްކަ މަސް ތެރޭ ޓްރެއިނިންގ ހެދީ. އެހާ ހިސާބުން 4 އަހަރުގެ ބޮންޑެއް އޮތް. އަދި ސިންގަޕޫރުން ސީނިއަރ އޮފިސަރސް ޓްރެއިނިނގް ހެދުމުން އަނެއްކާ އިތުރު 4 އަހަރުގެ ބޮންޑެއް ފުރިހަމަކުރަންޖެހި ޖުމްލަ 8 އަހަރުގެ ބޮންޑް ފުރިހަމަކުރިއިރު ހުރީ ފުލުހުންގެ ޚިދުމަތަށް ލޯބިޖެހިފަ. މިހާރު ބޭނުންވަނީ ފުލުހުންގެ ޚިދުމަތުގައި ކުރިއަށްދާން" ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ގެ މަޤާމްގައި ހުންނެވި އިޒްމިއާ ވިދާޅުވިއެވެ. 

ނިންމުން

އުމުރުން 37 އަހަރުގެ އިޒްމިއާ އެންމެ އުފާވީ 26 ވަނަ އުފަންދުވަހުގައެވެ. " އެދުވަހަކީ އަޅުގަނޑުގެ ދޮންތަ (ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު) ގެ ފުރަތަމަ ދަރިފުޅު އުފަންވީ ދުވަސް. އަޅުގަނޑަށް އެންމެ ފުރަތަމަ ބޮޑުދައިތަ ކިޔާ ކުއްޖަކު ލިބުނީ އެދުވަހު. އެއީ އަޅުގަނޑުގެ އުފަންދުވަހުގެ ހަދިޔާ. ވަރަށް އުފާވި ދުވަހެއް އެއީ" އަދި މިހާތަނަށް ކައިވެންޏެއް ކުރައްވާފައިނުވާ އިޒްމިއާ ވިދާޅުވިއެވެ.

ދޮންތަގެ ދަރިފުޅާއި އެކު އިޒްމިއާ

އިންޓަވިއު ނިންމަވާލައްވަމުން ވަނީ ކަނބަލުންނަށް ޚާއްސަ މެސެޖެއް ދެއްވާފައެވެ. " އަޅުގަނޑާއި ދިމާލަށް ވަރަށް ގިނައިން ބުނާނެ 5 އިނގިލި އެއްވަރެއް ނުވާނޭ. ފަސް އިނގިލި އެއްވަރެއް ނޫނޭ ބުންޏަސް ހިއްވަރާއި، އަޒުމާއި ވިސްނުމާއި ކުޅަދާނަކަން މިއީ ދެ ޖިންސަށްވެސް އެއްވަރަށް ދެއްވާފައިވާ ކަންކަން. ހިތްވަރު ހުރިއްޔާ ކޮންމެ މަސައްކަތެއް ވެސް ކުރެވޭނެ. ކުރިމަތިލާންވީ ކެރިގެން"

ފުލުހުންގެ ޚިދުމަތަކީ އެއް މުއައްސަސާއެއްގެ ތެރެއިން ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮތް ތަނެއް. އެގޮތުން، ފްރަންޓްލައިން، ތަހުޤީޤުކުރުން، ކިޔަވައިދިނުން، ފޮރެންސިކްސް ސައިންސްގެ ދާއިރާތައް، ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ، ފުލުހުންގެ ތެރޭގައި ނޫސްވެރިކަން ކުރުން، ޓެކްނޮލޮޖީގެ ދާއިރާ، އަދިވެސް ވަރަށް ތަފާތު ވައްތަރުގެ ތަޖުރިބާ ލިބޭނެ އެކި ދާއިރާތައް ހިމެނޭ ބޮޑު މުއައްސަސާއެއް މީ. ގޮންޖެހުންތަކަށް ކުރިމަތިލައިގެން ކެރިގެން މަސައްކަތް ކުރަން ބޭނުންވާ އަންހެނުންނަށް، ފުލުހުންގެ ޚިދުމަތަކީ މަސައްކަތްކުރަން ރަނގަޅު ދާއިރާއެއް ކަމުގައި އިޒްމިއާ ވަނީ ފާހަގަކުރައްވާފައެވެ.

+1
0
+1
14
+1
1
+1
7
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް