November 22, 2024 17:44
Advertisement

-Advertisement-

ރަމަޟާން މަސް އިންޑިއާގައި، ދިވެހިންނަށް ދިމާވާ ދަތިތައް!

 ރަމަޟާން މަސް އިންޑިއާގައި އަޅުގަނޑު ހޭދަކުރަންޖެހިފައިވާއިރު، މިދުވަސްވަރު އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތަކުގެ މައްޗަށް މިރިޕޯޓުގައި ބަލާލާނަމެވެ. އިންޑިއާގައި ދިރިއުޅޭ ބައެއް ޢާއިލާތަކާއި ވާހަކަދައްކާލިއިރު ކޮވިޑް 19ގެ ބަލިމަޑުކަމުގައި ކެއުން ބުއިމުގައި ބޭނުންކުރާ ތަކެތި ލިބުމުގައި ގިނަ ދަތިތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންގެ އަދަދު މަދުވުމުން މާލެއިން އިންޑިއާއަށް އެއްޗެތި ގެންދިއުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އާންމު ގޮތެއްގައި ދިވެހިން ކެއިންބުއިމުގައި ބޭނުންކުރަމުން އަންނަ ބާވަތްތަކަށް ބަލާއިރު ގިތެޔޮމިރުސް އަދި ކަނޑު މަހުގެ ބާވަތްތައް ލިބުމުގައި ވަނީ ދަތިވެފައެވެ. އެގޮތުން ތާޒާ ކަނޑުމަސް ނުލިބުން ފާހަގަކޮށްލެވެއެވެ.

"ހެދިކާ ހެދުމަށް ބޭނުންވާ ސާމާނު ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ. ކަނޑޫދޫ މިރުހުގައި ލާ މީރު ރަހައެއް އިންޑިއާގައި ހުންނަ މިރުހުގަ ނުލާ. ގަރުދިޔަ ކައްކާލަން ތާޒާ ރޯ މަސް ނުލިބޭކަން ފާހަގަކޮށްލަން ބޭނުން" ބޭހަށް އައިސް އުޅޭ ދިވެއްސަކު 'ޒީޓައިމްސް'އާއި ހިއްސާކުރިއެވެ.

ދިވެހިންނަކީ އާންމު ދިރިއުޅުމުގައިވެސް ކަނޑުމަހުގެ ބާވަތްތައް ގިނަ އަދަދަކަށް ބޭނުންކުރަމުން އަންނަ ބައެއްކަމަށްވާއިރު، ރާއްޖެއިން ބޭރަށް ދަތުރުކުރާ އިރު މަސްދަޅު ކޭހާއި ވަޅޯމަހުގެ ބާވަތްތައް ރޯދަމަހާއި ދިމާކޮށް ދިވެހިން ގެންދެއެވެ.

Advertisement

ކޮވިޑްގެ ހާލަތުގައިވެސް ކޮންމެހެން ރާއްޖެއިން ބޭރަށް ދަތުރުކުރަން ޖެހިފައިވާ މީހުންނާއި އިންޑިއާގައި ދިރިއުޅެމުން އަންނަ މީހުންނަށް ވަނީ އިތުރު ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ކުރެވޭ ފައިސާގެ މުޢާމަލާތްތައް ބީ.އެމް.އެލް އިން ލިމިޓްކުރުމުން ފައިސާގެ މުޢާމަލާތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ އިރު ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން ޑޮލަރު ހޯދުމަށް ދިމާވާ ދަތިތައް ފާހަގަކޮށްލެވެއެވެ.

"އާސަންދަ ނުލިބި އަމިއްލަ ޚަރަދުގައި ބޭސްކުރަން އައިސް އުޅޭއިރު ވަރަށް ބޮޑެތި ޚަރަދުތައް ކުރަންޖެހޭ. އެހެންކަމުން ޑޮލަރު ގަންނަން ވަރަށް ބޮޑު ހޭދައެއް މިހާރު ކުރަންޖެހޭ. ހޮސްޕިޓަލަށް ދިއުމަށް ކުރަންޖެހޭ ދަތުރުގެ އަގާއި، ތިބޭތަނަށް ކުލި ދައްކަންޖެހޭ. އަދި ކާބޯތަކެއްޗަށް ކުރަންޖެހޭ ހޭދަވެސް ހިމެނޭ" ބޭހަށް އައިސް އުޅޭ ދިވެއްސަކު މަޢުލޫމާތުދިނެވެ.

އިންޑިއާއަށް ދަތުރުކުރުމަށް މެޑިކަލް ވިސާ ބޭނުންވާއިރު، ވިސާ ހޯދުމަށް އިންޑިއާ އެމްބަސީ ދޮށުގައި ގިނައިރު މަޑުކުރަންޖެހޭއިރު މިކަމަށް މާބޮޑު ހައްލެއް ލިބެމުން ނުދާކަން ބައެއް މީހުންވަނީ ފާހަގަކޮށްފައެވެ.

ރޯދަމަހަކީ ގިނަބަޔަކު ދަތުރުފަތުރު މަޑުޖައްސާލާ ދުވަސްވަރެއް ނަމަވެސް ކޮންމެހެން ދަތުރުކުރަންޖެހޭ މީހުންނާއި، ބޭސްވެރިކަމަށް ދަތުރުކުރާ މީހުންނަށް ދިމާވާ ދަތިތަކައް ކޮވިޑްގެ މިހާލަތުގައި އެކަށީގެންވާ ހައްލެއް ލިބޭނެކަމަށް ނުބެލެވެއެވެ.

+1
0
+1
1
+1
0
+1
0
+1
0
+1
0
+1
3

Advertisement

ގުޅުންހުރި ލިޔުންތައް