November 22, 2024 06:53
Advertisement

-Advertisement-

ގިނަ ދާއިރާތަކަކުން ފާހަގަކޮށްލެވޭ މުބީންގެ އެންމެ ޚާއްސަ ކަމަކީ ކޮބާ؟

އަޙްމަދު މުބީން އަކީ ވަރަށްގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ނަވާރަ އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިއެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވަނީ ކުރައްވާފައެވެ. ކުރީގެ މުދައްރިސެއް، ޕްރިންސިޕަލެއް އަދި މަތީތަޢުލީމު ޙާސިލްކުރައްވައިގެން ހުންނެވި ޒުވާން ވިޔަފާރިވެރިއެކެވެ. 

އަޙްމަދު މުބީން

ފ.މަގޫދޫ އަށް އުފަން މުބީން އެންމެ ފުރަތަމަ ތަޢުލީމް ހާސިލްކުރެއްވީ ރަށު ސްކޫލުންނެވެ. އެއަށްފަހު އޯލެވެލް ހެއްދެވީ އެމް.އީ.އެސް އިންނެވެ. ސްކޫލް ދުވަސްވަރުވެސް ކުޅިވަރުގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ދަރިވަރެކެވެ.

Advertisement

"އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި 4 އަހަރު ކުޅުނިން، އޭގެތެރެއިން 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އެމް.އީ.އެސްގެ ކެޕްޓަންކަން ކޮށް އެމް.އީ.އެސް އަށް 2 ތަށި ހޯދައި ދިނިން"

އިންޓަރ ސްކޫލްގެ އެންމެ ފަހު އަހަރު މަޖީދިއްޔާ ފައިނަލްގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގު 2-0 ން ބަލިކޮށް އެމް.އީ.އެސް އަށް ހޯދައި ދިން ފައިނަލަކީ، މުބީނަށް ކުޅިވަރުގައި ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށް ފާހަގަކުރެއްވިއެވެ.

" އެތްލެޓިކްސް މުބާރާތުގައި ވާދަކޮށް 16 އަހަރުން ދަށުގެ ބައިން ޖެވެލިންގ ތްރޯވިންގެ ޤައުމީ ރެކޯރޑް އޭރުގައި ހޯދިން. ސްކޫލްގައި އުޅެމުން ވޮލީބޯޅަ އެސޯސިއޭޝަނުން ހިންގެވި ރެފްރީ އަދި އެފް.އޭ.އެމް އިން ހިންގެވި ފުޓްބޯޅަ ރެފްރީން ތަމްރީންކުރާ ކޯސް ފުރިހަމަކޮށް އެފް.އައި.ވީ.ބީ ބެޖް އަދި ފީފާ ބެޖް ހޯދިން" އެއަށްފަހު ފުޓްބޯޅަ އަދި ވޮލީގެ ރެފްރީކަން ކުރެއްވިއެވެ.

އެމް.އީ.އެސް ފުޓްބޯޅަ ޓީމުގެ ކެޕްޓަން ކަން ކުރެއްވިއިރު ފަހަތުން ދެވަނަ އަށް (ކ) މުބީން

19 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމްއިން މުބީން އަށް ފުރުސަތު ލިބިވަޑައިގެންނެވީ ދިވެހިރާއްޖޭގައި އަލަށް އޭޖް ގްރޫޕްގެ ޤައުމީ ޓީމުތައް އެކުލާވާލުމުގެ މަސައްކަތް ފެށުނުއިރުގައެވެ.

 " އެއިރު އިންޓަރ ސްކޫލް މުބާރާތް އަޅުގަނޑު ކުޅޭތާ 4 އަހަރު ވެއްޖެ. 19 އަހަރުން ދަށުގެ ޤައުމީޓީމުގެ ކޯޗަކީ ސާންތި. އެ ޓީމުގައި އޭރު އުޅެނީ ދަނގަޑޭ، ހަސަނާ (އިންޓަރ ސްކޫލް ކުޅުމަށްފަހު ފަހުން ނިއުރޭޑިއަންޓަށް ކުޅެ ކެޕްޓަންކަންވެސް ކުރި)، ކުޑަތޮއްޑޫ، ޖަންގަލި (މިހާރު ޕައިލެޓެއް) ސުނޭ (އައި.އެފް.ސީ އަދި ވީބީގެ ފޯވާރޑް) މިކަހަލަ ވަރަށް ގިނަ ކުޅުންތެރިން ތިބީ އޭރު 19 އަހަރުން ދަށުގެ ޓީމަށް ނަގާފަ. އެއަހަރުގެ އިންޓަރ ސްކޫލް މުބާރާތުގައި ސާންތި ކޯޗް އަށް އަޅުގަނޑުގެ ކުޅުންފެނި ޓީމަށް ނެގީ. އޭރު އަޅުގަނޑަކީ އެމް.އީ.އެސްގެ ކެޕްޓަން، އެއަހަރު މަޖީދިއްޔާ ބަލިކޮށް އަޅުގަނޑުމެން ތަށި ހޯދީ. މަޖީދިއްޔާގަ އޭރު ތިބޭނެ 19 އަހަރުން ދަށުގެ ޤައުމީ ޓީމުގެ 17 ވަރަކަށް ކުޅުންތެރިން"

މުބީން އަށް ޓީމުން ފުރުސަތު ލިބިވަޑައިގެންނެވި ކަމުގައިވިއަސް ބޮޑު އެންޖަރީ އަކާ ގުޅިގެން މާގިނަ ދުވަހަކު 19 އަހަރުން ދަށުގެ ޤައުމީ ޓީމުގައި ދެމިހުރެވޭ ގޮތެއް ނުވިއެވެ.

ޕްރިންސިޕަލްގެ މަޤާމަށް ވަޑައިގެންނެވުނުގޮތް

އޯލެވެލް ނިންމެވުމަށްފަހު ފުރަތަމަ ވަޒީފާއެއްގެ ގޮތުގައި މަސައްކަތްކުރެއްވީ ރިސޯޓެއްގެ ފަތުރުވެރިންނަށް ޙާއްސަ ފިހާރައެއްގައެވެ. އެވަޒީފާ އަށާރަ މަސްދުވަހު އަދާކުރައްވާ ފައިސާ އެއްކުރައްވައިގެން ވަޑައިގެންނެވީ މަތީތަޢުލީމް ޙާސިލް ކުރެއްވުމަށް ސްރީލަންކާ އަށެވެ. 

"ޑިޕްލޮމާއިން ޓީޗިންގ ސްރީލަންކާގެ އެމެރިކަން ކޮލެޖުން ނިންމުމަށްފަހު މަސައްކަތްކުރީ މަގޫދޫ ސްކޫލު ޓީޗަރަކަށް. މަގޫދޫ ސްކޫލްގައި ވަޒީފާ އަދާކުރި އެއް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ދުވަހަކު ގަޑިޖެހި ސަލާން ބުނެފައި ނުވާނެ. ސްކޫލްގައި ހިންގުނު އިތުރު ހަރަކާތްތަކާއި ސްކޫލްގެ ކުރިއެރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރިން. ދަރިވަރުންނާއި އަދި ބެލެނިވެރިންނާއި ގުޅިގެން ސްކޫލްގެ ކުރިއެރުމަށް ނުހަނު ބުރަމަސައްކަތެއް ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެއް އަހަރު ވީތަނާ އެޑިޔުކޭޝަން މިނިސްޓްރީއިން އަޅުގަނޑު ބަދަލުކުރީ ޕްރިންސިޕަލް މަޤާމަށް ދ.ރިނބުދޫ ސްކޫލަށް. އެސްކޫލުގައި 3 އަހަރެއްހާ ދުވަހު މަސައްކަތްކުރިން"

ރިނބުދޫ ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމް ދޫކުރެއްވުމަށްފަހު އެބުރި ވަޑައިގެންނެވީ ޑިގްރީ ހެއްދެވުމަށް މާލެއަށެވެ. ވިލާކޮލެޖުން ސްކޫލް މެނޭޖްމަންޓް ދާއިރާއިން ޑިގްރީވަނީ ޙާސިލްކުރައްވާފައެވެ. އަދި ފަހުން ވަނީ ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކޮލަމްބޯއިން އެމް.ބީ.އޭ ފުރިހަމަ ކުރައްވާފައެވެ. 

މުބީން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކިހިނެއް ލިބިވަޑައިގެންނެވި ފުރުސަތެއް؟

މުބީން ވިދާޅުވިގޮތުގައި ބިލެތްދޫ ދާއިރާއަކީ ކުރިއްސުރެ އެމްޑީޕީއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ މީހުން އުޅޭ ދާއިރާއެކެވެ. މާލޭގައި ޑިގްރީ ހައްދަވަން އުޅުއްވިއިރު މަސައްކަތްކުރެއްވީ އެމްޑީޕީގައެވެ. އަދި އެއިރު އަމިއްލަ ވިޔަފާރިއެއް ފައްޓަވާ ކޮންސްޓްރަކްޝަން ދާއިރާގެ އިތުރުން އޮފީސްތަކަށް ސަޕްލައިކުރުމުގެ މަސައްކަތް ގެންދެވީ ކުރައްވަމުންނެވެ. 

" 2013 ކެމްޕެއިންގަ އެމްޑީޕީގެ ފަރާތުން ދާއިރާގައި ވަރަށް އިސްކޮށް އުޅުނިން. އެއިރު މުޒާހަރާތަކަށްވެސް ދަން. އަދި އޭރުވެސް ދާއިރާގެ ޒުވާނުންނާއި ވަރަށް ގާތްގުޅުމެއް އޮވޭ. އެންމެ ފުރަތަމަ 2014ވަނަ އަހަރު ބޭއްވުނު މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް އަޅުގަނޑު މަސައްކަތްކުރީ. ދާއިރާގެ ބައެއް އިސްރައްވެހިންގެ ވިސްނުން ހުރިގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެވޭނީ ބޮޑެތި މަހުޖަނުންނަށް. ބޮޑެތި ވިޔަފާރިވެރިންނަށް. އެހެންވެ ޕްރައިމަރީގައި ވާދަނުކޮށް މަޑުކުރީ"

ޤާސިމް އިބްރާހިމް އަދި މުބީން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި

އެހާހިސާބުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމަށް ދެވަނަފަހަރަށް ނިންމެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އެދިވަޑައިގަތުމުގެ މަތިން ބިލެތްދޫ ދާއިރާގެ ޕީ.ޕީ.އެމް އަދި ޖޭ.ޕީ ވިސްނުމުގެ މީހުންގެ ހުށަހެޅުމަކަށެވެ. 2014ވަނަ އަހަރު ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ އިންތިޚާބު ކާމިޔާބުކުރެއްވީ ޕީޕީއެމް އަދި ޖޭޕީގެ ފުރިހަމަ ތާއީދު ލިބިގެން ސަރުކާރުގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ. 

" އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް ހޮވަން މަސައްކަތްކުރި ވަރަށްގިނަ މީހުންގެ އެދުމެއް ސަރުކާރާއި ގުޅިގެން މަސައްކަތްކުރުން. މެންބަރަކަށްވިތާ ކުރީކޮޅު ޤާސިމް އިބްރާހީމް ކޯލިޝަނުން ވަކިވެވަޑައިގަތީ. އެކަމަކު އަޅުގަނޑު މަސައްކަތްކުރަމުން އައީ ޖޭޕީގައި ހުއްޓަސް ޕީޕީއެމް އާއިއެކު ސަރުކާރާއި ގުޅިގެން. 2015ވަނަ އަހަރު ނައިބު ރައީސް ކަމުން އަދީބު ވަކިކުރުމާއިއެކު ރައީސް ޔާމީން އެދިވަޑައިގެން ޕީޕީއެމްއާއި ރަސްމީކޮށް ގުޅުނީ" 

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި 2014 އިން 2019 އަށް ދާއިރާއަށް ކޮށްދެވުނު މުހިންމު ކަންތައްތަކަކީ ކޮބައިތޯ ދެންނެވުމުން ވަނީ ވަރަށް ތަފްސީލްކޮށް ވިދާޅުވެދެއްވާފައެވެ.

" ބިލެތްދޫގެ ނެރުގެ ލޮކޭޝަން ބަދަލުކޮށް ކަނޑުތޮށި އަލުން ޖެހުނު. ބިލެތްދޫގެ ނަރުދަމާ އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދެވުނު. އެރަށުގައި ޒުވާނުންނަށް ފުޓްސަލް ދަނޑެއްހަދައި، ވޮލީކޯޓާއި، ބަށި ކޯޓެއް ޤާއިމް ކުރެވުނު. ސިއްޙީ މަރުކަޒަށް ބައެއް އިތުރު ކުރެވިގެން ދިޔަ، އަދި މީގެ އިތުރުން ބޮޑު ޖަނަރޭޓަރެއް ހޯދުނު. ފީއަށްޔަށް ބަލާލާއިރު ފީއަލީ ނަރުދަމާގެ މަސައްކަތް ކުރިޔަށް ގެންދެވުނު. ބޮޑު ޖަނަރޭޓަރެއް ހޯދާ ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް 2 ބުރީގެ 6 ކްލާސްރޫމް އެޅުނު. ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރާނައި، ވޮލީ ކޯޓު އަދި ބަށި ކޯޓު ހެދުނު. ފީއަލީ މިސްކިތުގެ ހިމެނޭ ހޯލުގައި ގަބުރު ވަޅުލާފައި ވާތީވެ މިސްކިތު ގޯތިތެރެ އެއްކޮށް ކޮނެ ސާފުކުރެވުނު. މަގޫދޫއަށް ބަލާލާއިރު މުޅިން އަލަށް ބަނދަރެއް ހަދާ ނެރެއް ކޮނެވުނު. ރަށް ގިރާ މައްސަލައަށް ޙައްލެއް ހޯދުމަށް ތޮއްޓެއް ޖެހުނު. އަލަށް މިސްކިތެއް ބިނާކުރެވުނު. ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލު ކުރުމަށް ދެ ބުރީގެ 6 ކްލާސްރޫމް އެޅުނު. ސިއްޙީ މަރުކަޒުގެ ބޮޑު މަރާމާތެއްކޮށް ބޮޑެތި ބަދަލުތަކެއް ގެނެވުނު. 2 ވޮލީކޯޓު ހަދައި ބަށިކޯޓެއް ހެދުނު. ބޮޑު ޖަނަރޭޓަރެއް ގެނެވުނު"

ޕީޕީއެމްގައި މަސައްކަތް ކުރެއްވުމަށްފަހު 2019ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް މުބީން ވާދަކުރެއްވީ ޖޭޕީގެ ޓިކެޓުގައެވެ. ޖޭޕީ އަދި ޕީޕީއެމްގެ މެންބަރުންގެ ތާއީދާއިއެކު އިންތިޚާބު ދެވަނަ ފަހަރަށް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. 

ފުޅާ ދާއިރާއެއްގައި ގެންދަވަނީ ވިޔަފާރި ކުރައްވަމުން

'ޒީޓައިމްސް' އަށް އިންޓަވިއު ދެއްވިއިރުވެސް މުބީން ހުންނެވީ ފ.އަތޮޅު ރަށެއްގައި ކުރިއަށްގެންދަވާ ޕްރޮޖެކްޓެއްގައި އެރަށުގައެވެ. 

"މިއީ 2011ވަނަ އަހަރު ޑިގްރީއަށް ކިޔެވުމަށް މާލޭގައި ހުރި ދުވަސްވަރު ފެށުނު މަސައްކަތެއް. ކޮންސްޓްރަކްޝަން ދާއިރާގައި ފުރަތަމަ ކުޑަ މަސައްކަތްތަކެއް ބިޑްކޮށްގެން ހޯދީ. އެގޮތަށް ގޮސް ބޮޑެތި ޕްރޮޖެކްޓްތަކާއި ހަމައަށް މިދެވުނީ. ސަޕްލައިގެ މަސައްކަތުގައިވެސް އެންމެ ފުރަތަމަ ޔުނީފޯމާއި ކޮމްޕިއުޓަރ ފަދަ ތަކެތި ސަޕްލައިކުރީ"

2018ވަނަ އަހަރު ސަރުކާރު ބަދަލުވެ އެއައި ބަދަލުގެތެރޭގައި މުބީންގެ ކުންފުންޏަށްވެސް ގެއްލުންތަކެއް ކުރިމަތިވިކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ލިބުނު ގެއްލުމުން އަރައިގަތުމަށް ފަސްޖެހުމެއްނެތި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. 

ދާއިރާގެ ރައްޔިތުންނާއި ގާތްގުޅުމެއް ބާއްވަވާ

ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ މުބީން ފާހަގަކުރެވެނީ ދާއިރާގެ ރައްޔިތުންނާއި ވަރަށް ގާތްގުޅުމެއް ބާއްވާ ބޭފުޅެއްގެ ގޮތުގައެވެ. 

"ރައްޔިތުންގެ މަޖިލީހަށް ނުކުތުމުގެ ވިސްނުމެއް ކޮންމެހެނެއް ހުރީކީއެއް ނޫން. އެކަމަކު އަޅުގަނޑު އެއްވެސް މީހަކާއިމެދު ހަސަދަވެރިކަމެއް ނުބާއްވާ އުޅެނީ، ފާއިތުވީ ދުވަސްވަރު އަޅުގަނޑަށް ވަރަށް އަނިޔާކޮށް އިހާނެތިކޮށް ކަންކުރި މީހުނާވެސް ނުހަނު ހީސަމާސާކޮށް އުޅެން. ސިޔާސީ ގޮތުން މީހުން ވަރަށްބޮޑަށް ހައިރާންވޭ އަޅުގަނޑު ކަންތައްކުރާގޮތުން. އަޅުގަނޑާއި ދެކޮޅަށް މަސައްކަތްކުރި ދާއިރާގެ ހަރުބޭފުޅުންވެސް ދެރަވޭ ސިޔާސީގޮތުން އޭރު ކަންކުރެވުނު ގޮތުން. ފާއިތުވީ ދުވަސްތަކުގައި ކިތަންމެ ހަޑިކޮށް ވާހަކަ ދައްކާފަހުއްޓަސް އަޅުގަނޑު ގުޅުން ބާއްވަން، ކޮފީއަށް ދަން. ޒުވާނުންނަށް އަދި މިއަދުގެ ސިޔާސީ ދާއިރާގައި އުޅޭ ހަރުމީހުންނަށްވެސް ބުނެލަން އޮތީ ސިޔާސީ ކަންކަމުގައި އުޅޭއިރު އެންމެންނާއި ގުޅިގެންނޭ އުޅެވޭނީ. ތިމާއަށް ކާމިޔާބީއެއް ލިބޭ ވަގުތުގައި ބޮޑާވެ ނުގަންނާށޭ. ގަދަބަސް ނުބުނާށޭ، މާދަމާވެސް ޙާލަތު ބަދަލުވެދާނޭ. އެއީ ދުނިޔެ ދައްކާ ހަގީގަތް. އަޅުގަނޑުމެން ކޮންމެ މީހަކުވެސް ނިދަން އޮށޯންނަންވާނީ އަނެކުންނަށް މަޢާފްކޮށްފަ.." މުބީން ވިދާޅުވިއެވެ.

3 ދަރިންނާއި އެކު މުބީން

އިންޓަވިއު ނިންމަވާލައްވަމުން ދިރިއުޅުމުގައި އެންމެބޮޑު ގޮންޖެހުމެއްގެ ގޮތުގައި މުބީން ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އަދާކުރެއްވިއިރު 3 ކުދިންނާއި ޢާއިލާއަށް ބޭނުންވާ ވަރަށް ވަގުތު ނުދެވުމެވެ.

+1
2
+1
15
+1
1
+1
5
+1
0
+1
0
+1
1

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް