އެއީ އެތައް ދަރިވަރެއްގެ އެންމެ މަގުބޫލު ޓީޗަރެވެ. ގދ އަތޮޅު ތަޢްލީމީ މަރުކަޒުގެ ދަރިވަރުން އެކަންޏެއްނޫނެވެ. މަޖީދިއްޔާ ސްކޫލްގެ ވެސް މެއެވެ. އަދަބީ ކަންކަމާއި ހުނަރުތަކާއި އިސް ނަގައި ހަރަކާތްތެރިވުމުގައި ދަރިވަރުންނާއެކު ގުޅިގެން މަސައްކަތް ކޮށް ނަމޫނާ ދެއްކެވި އާރުކާޓީއެކެވެ. ކިޔަވައިދިނުމުގެ ދާއިރާއިން ދުރަށްޖެހިލީ މަތީ ތަޢްލީމު ޙާޞިލް ކުރުމަށްޓަކައެވެ. މެލޭޝިއާގެ އިސްލާމިކް ކޮލެޖާއި ސެގީ ޔުނިވަރސިޓީއިން މެނޭޖްމަންޓް ދާއިރާއިން ފުރަތަމަ ޑިގްރީ (އިނގިރޭސި ވިލާތުގެ އެބާރޓީ ޑަންޑީ ޔުނިވަރސިޓީ) އަދި މާސްޓަރސް (އޮސްޓްރޭލިޔާގެ ސަދަން ކްއީންސް ލޭންޑް ޔުނިވަރސިޓީ) ޙާޞިލް ކުރުމަށް ފަހު މިހާރު ދަނީ ޕީ.އެޗް.ޑީއަށް ކިޔަވަމުންނެވެ.
ތިން ކުދިންގެ ތަރުބިއްޔަތާއި ތަޢްލީމުގެ ފުރިހަމަ ޒިންމާ އުފުލަމުންދާ ގދ. ތިނަދޫއަށް އުފަން މި މަންމަ އަކީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސްގެ ސްޓޭޓް މިނިސްޓަރ ގެ އިތުރުން، ވެރިކަން ކުރާ އެމްޑީޕީގެ ގދ.ތިނަދޫ ދެކުނު ދާއިރާގެ ރައީސް ވެސް މެއެވެ.
ޒިފްލީނުގެ ސިޔާސީ ރޫޙާއި ޖޯޝަކީ އާޢިލީ ކަމެއް ކަމުގައި ބުނެވިދާނެއެވެ. އައްޑޫ އަތޮޅުގެ މަޝްހޫރު ސިޔާސީ ލީޑަރ އެޅަދީދީ ދަރިކޮޅުގެ އަފީފު ދީދީ އާއި ލޭގެގުޅުން އޮތުމުން ޒިފްލީނުގެ ލޭގައިވެސް "ސިޔާސީ ކަން" ހުންނާނެތާއެވެ. އެމްޑީޕީގެ މުޒާހަރާތަކުގައި އިސް ސަފުގައި ބިރެއްނެތި ހަރަކާތްތެރިވިއެވެ. އެމްޑީޕީގެ އަންހެނުންގެ ރޫޙުގައި އިސް ދައުރެއް އަދާކުރިއެވެ. އިންތިޚާބު ތަކުގައި، ޚާއްޞަކޮށް ވޭތުވެ ދިޔަ ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ދަތުރުކުރިއެވެ.
ޢާއިލާގެ މެންބަރުންނަށް އަޅާލައި، އެހީތެރިވުމަކީ ޒިފްލީނުގެ އެންމެބޮޑު އުފަލެވެ. ޢާއިލާގެ ދޮށީދައްތަގެ ޒިންމާއަކީ ޙަޤީގަތުގައި ވަރަށް ބޮޑު ޒިންމާއެކެވެ. ކުޑައިރު މަންމަ ނިޔާވެ، ޢާއިލާއަށް ވެރިވެފައިވާ ހުސްކަން ފޫބެއްދޭތޯ އިސްނަގައިގެން ކޮއްކޮމެންނަށް ރަނގަޅު ތަޢުލީމެއް ހޯދައިދިނުމަށް ނުހަނު ބުރަ މަސައްކަތް ކުރެއްވިއެވެ.
އިންސާފަށް ލޯބިކުރުން
" އަތޮޅުގައި އެއަރޕޯޓް ނެތް ދުވަސްވަރު ކަނޑުބޯޓުގައި އޭރު ދަތުރު ކުރާނީ. އެއީ ކިޔަވަން މާލެ ބަދަލުނުވަނީސް. ތިނަދޫގައި ހުރެފައި ވަނަ ލިބުނީމަ ކާފަ ދެއްވާ ހަދިޔާއެއްގެ ގޮތުން ކާފަގެބޯޓު (މާކަރީބޯޓު)ގައި މާލެ ދާނެ ފުރުސަތު ދެއްވީ. ރައްޓެހި ބައެއް ކުދިންވެސް އެދަތުރަށް އެރި. އެ ދަތުރު މަތީގައި ހިނގި ހާދިސާއެއް މިހާރުވެސް ހަނދާން އެބަހުރި" ޢުމުރުން 12 ވަރަކަށް އަހަރުގައި ދިމާވި ހާދިސާ ހިއްސާކުރައްވަމުން ޒިފްލީން ކުރިއަށް ވަޑައިގެންނެވި އެވެ. "ހަވީރު ސައި ގެނައިއިރު އަޅުގަނޑަށް ހުރީ ޚާއްސަގޮތަކަށް ސައިތަށި. ދެން އެހެން ކުދިންގެ ތަށީގެ ރަހަބަލާފަ އަޅުގަނޑަށް މާ މީރުކޮށް މޮޅުކޮށް ސައި ހަދާފައި ހުރީމަ ހިތްހަމަ ނުޖެހިގެން ގޮސް ކާފަ ކައިރީ ނަންގަތިން. އެހެން ކުދިންނާއި އެއްގޮތަކަށް ނޫނޭ މިސައިތަށި ހުރީ. ދެން ކުރު ނުކުރީމަ ކާފައަށް ޖެހުނީ ބޯޓުގެ ކައްކާގެނެސް ހުރިހާ ކުދިންނަށް އަލުން ސައިހަދައިދޭން ބުނަން. އަލުން ސައިގެނައިމަ އެކުވެރިންނާ އެކީ އަޅުގަނޑު ސައިބުއީ"
އެހާ ކުޑައިރުވެސް އިންސާފަށް ލޯބި ކުރިއެވެ. 30 އަހަރުގެ ވެރިކަމުގެ ވާހަކަ އެއީ ޒިފްލީނަށްވެސް އެހާ ގަބޫލު ކުރެވޭ ވާހަކަތަކެއް ނޫނެވެ. ތިނަދޫން މީހުން ބޭލި ހާދިސާގައި އެ ބުނާ ވާހަކަތަކާއި އެ ހާދިސާގެ ވާހަކަ އެނގޭތީ އަދި ވިސްނޭތީ އިންސާފަށް ލޯބި ކުރެއްވި އެވެ. އޭރު ފާހަގަކުރާ އޮގަސްޓް ބާވީސް ނުވަތަ އެރަށުން މީހުން ބޭލި ހާދިސާއަށް އަހަރުފުރޭ ދުވަހާއިގުޅިގެން ކީ ބައެއް ލަވަތައް ހިއްސާ ކުރައްވަމުން ޒިފްލީން ކިޔައިދެއްވި އެވެ. ސިޔާސީ މައިދާނަށް ނުކުމެވިފައިވަނީ އަމިއްލައަށް ބޭނުންވެގެން ޤައުމާއި ދަރިންގެ މުސްތަޤްބަލަށްޓަކައި ނުކުންނަން މަޖުބޫރުކަމަށް ދެކިގެންނެވެ. ޒިފްލީންގެ ވާހަކައިގައި ފާހަގަކުރައްވާފައިވަނީ ކުރަންއުޅޭ ކޮންމެކަމަކީ ނުވަތަ ކުރަން ނިންމާ ކަންކަމަކީ އެކަމެއްގެ މަޤްސަދާއިމެދު ފުންކޮށް ވިސްނާފައި ކުރާން ނިންމަވާކަންކަމެވެ. އެހެން ކަމުން އެއްވެސް ކަމެއްގައި ފަހަތަށް ނުޖެހޭނެކަމެވެ.
" އޭރު ވެސް މަސްވެރިންގެ ދަރިން ދާން ޖެހޭނީ މަހަށޭ ބުނާ ވާހަކަޔާ އަޅުގަނޑު ދެކޮޅު. މަސްވެރިޔާގެ ދަރިންނަށްވެސް ރަނގަޅުތަޢުލީމު ލިބި، ރަނގަޅު މަޤާމުތައް އަދާކުރެވޭނެ ކަން ސާބިތުކުރަން. ވަކި ޚާންދާނަކަށް ނިސްބަތް ނުވާތީ ފަހަތަށް ޖެހެން ނުޖެހޭކަން އަންގައި ފަސް ނުޖެހި ކުރިއަށް ދާން."
ކިޔަވައިދެއްވުން
ޒިފްލީން އަށް މާލެއިން ގްރޭޑް ދިހައެއް ނިންމާ ލެވުނީވެސް ގިނަ ގޮންޖެހުން ތަކަކާއި އެކީގައެވެ. އޯލެވެލްއަށް ފަހު ޓީޗަރސް ޓްރެއިނިންގ ކޯހަކަށް އެޕްލައިކުރުމަށް ފަހުވެސް އެޚިޔާލު ދޫކޮށް ކޮއްކޮމެންގެ ކިޔެވުން ހަމައަކަށް އެޅެންދެން އެސިސްޓެންޓް ޓީޗަރެއްގެ ގޮތުގައި ރަށު ސްކޫލުގައި ކިޔަވައި ދެއްވިއެވެ. ގްރޭޑް 5،4 އަށް އިނގިރޭސި، ހިސާބު މާއްދާ ކިޔަވައިދެއްވަމުން އާމްދަނީ އިތުރު ކުރުމަށްޓަކައި ޓިއުޝަން ނަގައިދޭން ފެށިއެވެ. ސެކަންޑަރީ ސްކޫލު ޓީޗިންގ ސެޓްފިކެޓް (CST) ކޯސް އިއުލާން ކުރުމާއިއެކު ރައްޓެއްސަކު ދިން ލަފައާއިއެކު އެކޯސް ފުރިހަމަކޮށް އުފަންރަށަށް އެނބުރިގޮސް އަނެއްކާވެސް ކޮއްކޮމެންގެ ތަޢުލީމާއި ތަރުބިއްޔަތުގައި މަންމައެއްގެ ރޯލު އަދާކުރަން ފެއްޓެވިއެވެ. މިންވަރުފުޅުން ނަތީޖާ ނުހަނު ފޮންޏެވެ. ގދ.އަތޮޅު ތަޢުލީމީ މަރުކަޒުން އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން އެ ތިންކުދިންވެސް ޓޮޕްޓެން ގައި ހިމެނުނެވެ.
ތަފާތު ދާއިރާތަކުގައި
ރަށުގައި މަސައްކަތްކުރެއްވިއިރު އިޖުތިމާޢީ ގޮތުންވެސް ގިނަ މަސައްކަތްތަކެއް ޒިފްލީންވަނީ ކުރައްވާފައެވެ. އަތޮޅު ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އަތޮޅުކޮމިޓީ)ގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. ޓީޗަރަކަށް އުޅުއްވިއިރު އަތޮޅު ލަވަމުބާރަތަށް ދަރިވަރުން ތައްޔާރުކުރެއްވުމުގައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. ޓީޗަރ އިންޗާޖްގެ ގޮތުގައި ދަރިވަރުންނަށް ލަވަ ދަސްކޮށް ދެއްވިއިރު އެއަހަރު ބައެއް ދަރިވަރުން ހުށަހެޅި ލަވަތަކަކީ ޒިފްލީން ހެއްދެވި ލަވަތަކެވެ. ދިރިއުޅުން މާލެ ބަދަލުކުރަންޖެހުމާއިއެކު 2003ވަނަ އަހަރު މަޖީދިއްޔާ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.
ސިޔާސީ ހަޔާތް
މިހާރު އެމްޑީޕީގެ ޤައުމީ މަޖިލީހުގައިވެސް ހިމެނޭ ޒިފްލީންއަށް އެ ޕާޓީއަށް ކޮށްދެވުނު ޚިދުމަތް ސިޔާސީ ގޮތުން ބަޔަކު ބަލައިގެންފިއެވެ.
ރައީސް ނަޝީދަށް 13 އަހަރުގެ ޖަލުހުކުމެއް އިއްވުމާއި އެކު ފުރަތަމަ މައިކް ހިފައިގެން ވާހަކަދެއްކެވި ހިސާބުން ކުރިއަށްވުރެވެސް އެކްޓިވްކޮށް ސިޔާސީ ހަރަކާތްތަކުގައި ކުރިއަށް ވަޑައިގެންނެވިއެވެ. ސިޔާސީގޮތުން ކުރައްވަން ޖެހުނު ކޮންމެ ކަމެއް ކުރައްވަމުން ގެންދެވިއިރު ދިރިއުޅުމަށްވެސް ގިނަ ބަދަލުތަކެއް އަންނަމުން ދިޔައެވެ. އެ ބަދަލުތަކާއި އެކުވެސް 3 ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ ޒިންމާ އެކަނިމާއެކަނި އަދާކުރައްވަމުން ޤައުމުގައި އިސްދައުރެއް އަދާކުރައްވަމުން ގެންދެވީ ވަރަށްވެސް ހިތްވަރާއިއެކުގައެވެ. މިހާތަނަށް ނެންގެވި އެންމެ އުނދަގޫ އެންމެ ހިތްދަތި ނިންމުމުގެ ވާހަކަ ހިއްސާކުރައްވަމުން ޒިފްލީން ވިދާޅުވީ އެހިސާބުން އަމިއްލައަށް ތެދުވަން ނިންމި ކަމަށެވެ.
" ކޮއްކޮ ބުނާނެ ވޮންޑަރ ވުމަންއޭ. އެއީ އެނާ ކައިރީ ހެނދުނު ރޮއިރޮއިފައި ކަންކަން ހައްލުކުރާނެ ގޮތްތަކާއިމެދު ވާހަކަދައްކާ ކަރުނަ ބާލާފައި މެންދުރު އެބަފެނޭ ޓީވީއަކުން. 'އަނިޔާވެރިކަމާ ދެކޮޅަށް' ޕްރޮގްރާމް ނަމަވެސް ޕްރޮގްރާމަކުން. ބަޔަކަށް ނޭނގޭނެ ކޮންކަހަލަ ކަންތައްތަކެއްކަމެއް ތަހައްމަލް ކުރީ."
ސިޔާސީ ގޮތުން މިހާރު ހުންނެވި މަޤާމާ ހަމައަށް އާދެވިފައި ވަނީ ކުރެއްވި ހިތްވަރާއި މިންނަތުންކަން ފާހަގަކުރައްވާ މި ދާއިރާއަކީ ތަފާތު ފުރައްސާރައާއިވެސް ކުރިމަތިލާންޖެހޭނެ ދާއިރާއަކަށް ވާއިރުވެސް ހިތްވަރާއިއެކު ސިޔާސީ މަސައްކަތް ކުރިއަށް ގެންދެވިކަމަށް ވިދާޅުވިއެވެ. ސިޔާސީ މަސައްކަތުގެ ތެރޭގައި ފިރިހެނަކަށް ވަކި ދޫނުކުރައްވާ އަންހެނަކަށް ވީތީ ނުވާނެ އޭ ބުނެ އެއްވެސް ކަމެއް ދޫކުރައްވާފައި މިހާތަނަށް ނެތެވެ. ޒިފްލީން ސިޔާސީ ޙަރަކާތްތަކުގައި އުޅުއްވިއިރު މުޒާހަރާގެތެރޭގައި ހުއްޓާ ފެނިގެން އެތައް ދަރިވަރުންނެއް އެކަން އެހެން ނުކުރުމަށް އެދުނުއިރު އޭގެ ތެރޭގައި އެސް.އޯ ފުލުހުންވެސް ހިމެނެއެވެ.
" އެކަމު އެކުދިންނަށް ބުނެދޭން ބޭނުމީ މިސްނުކުމެ ހުރީ އިންސާފަށް ލޯބި ކުރާތީކަމަށާއި ޤައުމިއްޔަތުގެ ލޯތްބާއި ޖޯޝުގައި ކަމަށް. އެކަމު އެކުދިންގެ ކަންބޮޑުވުންވެސް އެނގޭ. އެކުދިންގެ ހިތުގައި މިސްއަށް އޮތް ލޯބި ހާމަވޭ އެވާހަކަތަކުން. އެކުދިންނާމެދު އިޙްތިރާމާއި ލޯބި ނުހަނު ބޮޑު. ސިޔާސީ ހައްޔަރީއެއްގެ ގޮތުގައި ޖަލަށް ގެންދިއުމުން އެތަނުންވެސް ދިމާވީ ދަރިވަރުންނާ. މި އަތަކީ އެއްވެސް އިރެއްގައި ބިޑި އަޅުވާނެ އަތެއްކަމަށް ދުވަހަކު ހިތަކަށް ނާރާ. ސިޔާސީ ޙަރަކާތުގެ ތެރެއިން އެ އުނދަގޫ ހިތްދަތި ތަޖުރިބާވެސް ކުރަންޖެހުނު."
މިފަދަ ކޮންމެ ޙާލަތެއްގައިވެސް ޢާއިލާގެ ލޯތްބާއި އެހީތެރިކަން ލިބެއެވެ. ޚާއްސަކޮށް ކޮއްކޮމެންނާއި ބޭބެގެ އެހީތެރިކަމާއި ގާތް ރަހުމަތްތެރިންގެ އަޅާލުން އިންތިހާއަށް ލިބުނުކަން ފާހަގަކުރެއްވިއެވެ.
ޚާއްސަ މެސެޖް
ހިތްތިރިކަމާއި ކެތްތެރިކަމާއިއެކު ކަންކަމާއި ކުރިމަތިލުން އެއީ އަބަދުވެސް ބަލާ ކަންކަމެވެ. އަމިއްލަ ޒަމީރު ގަބޫލުކުރާ ރަނގަޅު ކަންކަމުގައި ނުކުންނަން ހިތްވަރު ލިބެނީ އެހެންވެގެންނެވެ. ދަރިންކޮޅު އުކާލާފައި ނިކުމެ އުޅެނީއޭ ބުނެ، ޒިފްލީންގެ ތަބީޢަތާދިމާ އިދިކޮޅު ވާހަކަތައްވެސް ދެކެވުނެވެ. "ޙަޤީގަތް ބަލާލުމެއް ނޯވޭ. ދަރިން ކަންތައް މެނޭޖްކޮށްފަ އަޅުގަނޑު ނިކުންނަނީ. ހަފްތާބަންދެއްގަ ސިޔާސީ މަސައްކަތެއްގަ ރަށުން ބޭރަށް ފުރާނީ އެނބުރި އާދީއްތަ ދުވަހު ކުދިން ސްކޫލަށްދާ ޔުނިފޯމާއި އެހެނިހެން ތަކެތި ތައްޔާރުކޮށްފަ. އަޅުގަނޑުމެން އަންހެނުން އިތުރު ހަރުފަތަކަށް ދިއުމަށް ކުރިމަތިލާންޖެހޭ ގޮންޖެހުންތަކާއި، ކުރަންޖެހޭ ހިތްވަރު ބަޔާންކޮށްދޭންވެސް ދަތި. އެއާއެކުވެސް މަލާމާތާއި ފުރައްސާރަ ލާވަށާލާ. މިފަދަކަން ކަމުގައި ޚުދު އަންހެނުންވެސް ބައެއްފަހަރު ހެޔޮވިސްނުން އެއްކިބާކޮށް ބައިވެރިވާކަމީ ދެރަކަމެއް."
2018ގައި ރައްޔިތުންގެ މަޖިލީހަށް ކެނޑިޑޭޓުން ހޮވުމަށް ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ބަލިވީ އެންމެ ވޯޓަކުންނެވެ. ޒިފްލީން އެއީ ބައްޔެއްކަމަށް ގަބޫލުނުކުރައްވައެވެ. ކެމްޕެއިން ތެރޭގައި އެތައް ފުރައްސާރައަކާ ކުރިމަތިލާން ޖެހުނެވެ. ކެމްޕެއިން މެޓީރިއަލްސްތަކަށް ގެއްލުންދީ ކަނޑުއޮޅިން ބޭރަށް އުކާލިއެވެ. އެތެރޭގެ އިންތިޚާބެއްގައި ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ނުފެންނާނޭ ދަށުދަރަޖައިގެ ޢަމަލުތައް ފެނުނެވެ. މިހެން ކަންތައް ވަމުންދިޔައިރުވެސް ޒިފްލީންގެ ޢަޒުމަކަށް ހިތްވަރަކަށް ކުޑަވެސް ލޮޅުމެއް ނާދެއެވެ. ފަސްޖެހުމެއް ނެތި ވަޑައިގެންނެވީ ކުރިއަށެވެ. މިހާތަނަށް އެންމެ ބޭނުންވާ ގިނަކަންކަން ފުރިހަމަ ކުރެވިއްޖެކަން ފާހަގަކުރައްވާ ވިދާޅުވީ މިހާރުގެވެސް އުއްމީދަކީ ރައްޔިތުންގެ މަޖިލީހުގައި ދާއިރާ ތަމްސީލް ކުރާނެ ފުރުސަތު ލިބުން ކަމުގައެވެ.
އެތައް ދަރިންވަރުންނެއްގެ އެންމެ މަޤްބޫލު ޓީޗަރު މިއަދު ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި ކިޔަވައިނުދެއްވި ނަމަވެސް ލިބިފައިވާ ހުނަރާއި، ޢިލްމާއި ތަޖުރިބާގެ އަލީގައި އުނގެނުމާއި، ތަމްރީނާއި، ހޭލުންތެރިކަން އިތުރުކުރުމަށް ޖަމްޢިއްޔާތަކުން ކުރިއަށް ގެންދާ ވޯރކްޝޮޕް ތަކާއި، ސެމިނަރ ތަކާއި، މިފަދަ އެހެނިހެން ފޯރަމް ތަކުގައި ޒިފްލީންގެ ހިއްސާ އާއި ބައިވެރިވުން ފެނިގެން ދެއެވެ. ޒިފްލީންއަކީ އަންހެނުން ބާރުވެރި ކުރުމަށްވެސް ޚާއްސަ ސަމާލުކަމެއް ދެއްވާ ބޭފުޅެކެވެ. ގޭގައި ތިބެގެންވެސް އަދި މަސައްކަތުގެ މާޙައުލުގައިވެސް އަންހެނުން ކުރިއަރައިގެންދާތަން ފެނުމުން އުފާކުރައްވާ ޒިފްލީން ވިދާޅުވަނީ ކާމިޔާބު މީހަކަށް ވުމަށް ކަށިން ހިތްވަރު ނެރެންޖެހޭކަމަށެވެ. ޚާއްސަކޮށް ސިޔާސީ ދާއިރާގައި ހިތްވަރާއި ސާބިތުކަމާއެކު ކެރިގެން ކުރިއަށްދާއިރު ހުރަސްތަކާއި ނާކާމިޔާބާއި، ކުރިމަތިލާންޖެހޭ ހާލަތްތަކަކީ ތަޖުރިބާކަމަށް ބަލައި ހުންނަ އެއްގޮތެއްގައި ދެމިހުރެ، ކުރިއަށް ދާއިރު ވަރަށް މުރާލިވެސް ވާންޖެހޭނެކަމަށް ޒިފްލީން ފާހަގަ ކުރެއްވިއެވެ.
ޖުމްލަ 4 ކިޔުންތެރިންގެ ހިޔާލު
ވަރަށް ފޮނި އަންހެނެއް
Foni noon anhen eh koba
Gotheh hununjehey meehaage . Aee fonikameh nun. Latofato style an ulhunima dho foni nun kaman thibalani .zifleen aki fisaari kabale
Aslu aee varah fonimeeheh ehkoh ulheleema ingayne
ކޮމެންޓްސް ބަންދުކުރެވިފައި