ގދ.ތިނަދޫ އަށް އުފަން ސާއިދު އަޙްމަދުގެ ވާހަކަ ވަރަށްގިނައިން ދަނީ ނޫސްތަކުން ފެންނަމުންނެވެ. ދިރިއުޅުމުގައި ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވިއަސް ހިތްވަރާއިއެކު މަސައްކަތްކުރަމުންދަނީ ރަނގަޅުވާނެ ދުވަހަކަށެވެ. ސާއިދުގެ ވާހަކަ ޒީޓައިމްސް އިން މިގެނެސްދެނީ ސާއިދަކީ މިބަލިން ރަނގަޅުވުމަށް ނަމޫނާ މަސައްކަތެއް ކުރަމުންދާ ފާހަގަކޮށްލެވޭ ޒުވާނަކަށްވާތީއެވެ.
ކިޑްނީ ބަލީގެ ފެށުން
އެއީ 2018ވަނަ އަހަރުގެ ރޯދަމަހުގެ ފަހު ދިހައިގެ ދުވަސްވަރެވެ. ސާއިދުގެ 2 ކިޑްނީ ފެއިލްވިކަން އެނގުނީ ކުޑަކަމުދާއިރު ލޭ އަންނަން ފެށުމުން ޑޮކްޓަރަށް ދައްކާ ހެދި ޓެސްޓްތަކުންނެވެ. ޑޮކްޓަރު ދިން ހިތާމަވެރި އެ ޚަބަރު ވެގެންދިޔައީ އެއިރު ފެންނަ ފެނުމަށް ވަރަށް ފިޓްކޮށް ހުރި ސާއިދު އަށް ފުންހިތާމައެއް ކުރިމަތިވި ޚަބަރަކަށެވެ.
" ރޯދަމަސް ފެށުނުއިރު ހުރީ ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރުގައި. ކާހިތްނުވާން ފެށީ އެންމެ ފުރަތަމަ. ހީކުރީ މާހައުލު ބަދަލުވީމަ ވީގޮތެއް ކަމަށް. ހުން ވެސް އައި. އެކަމަކު ބޭސްކައިގެން ހުން ރަނގަޅުވި. ދެދުވަހުން އެއް ދުވަހު ޑައެލިސިސް ހަދާތާ މިހާރު 3 އަހަރުވަނީ"
ޢާއިލާގެ އެއްބާރުލުން ނުލިބުން، ކުރިމަތިވި ގޮންޖެހުމެއް.
7 ބެއިން ހިމެނޭ ޢާއިލާގެ އެންމެ ކުޑައީ ސާއިދު އެވެ. ސާއިދު ބަލިވިތާ ކުރީކޮޅު ޢާއިލާގެ އެހީތެރިކަން ލިބި 4 ބެއިން ކިޑްނީ ދޭން އެއްބަސްވެ ޓެސްޓް ހަދަންވެސް ފެށިއެވެ. އޭގެތެރެއިން އެކަކުގެ ކިޑްނީގައި ހިލަ ހުރުމުގެ ސަބަބުން ކިޑްނީ ހަދިޔާކުރެވޭގޮތް ނުވީއެވެ.
"މާލެ އައިސް ކިޑްނީ ދޭން މަސައްކަތްކުރަން ފެށި ހިސާބުން ޢާއިލާތެރޭގައި ޚިޔާލު ތަފާތުވާން ފެށި. އޭނާތޯ މީނާތޯ މިކަން ކުރާނީ. މިވާހަކަތަކަށް ހައްލު ހޯދަން ޢާއިލާތެރޭގައި މަޝްވަރާކުރަން އަހަރެން އިސްނެގިން. އެކަކު ހުރީތީ އަނެކަކު އަންނާކަށް ބޭނުމެއްނުވި. އަހަރެން ބުނިން މިއުޅެނީ އަމިއްލަ ވިޔަފާރިއެއް ފަށަން ލާރި ހޯދާކަށް ނޫނޭ. އަހަރެންގެ ފުރާނަ ސަލާމަތްކުރަން އަހަރެންނަށް ކުރެވެން އޮތީ ކޮންކަމެއްތޯ ބަލާ އެކަމަށް އެހީވުމަށް އެދުނިން"
2019ވަނަ އަހަރުގެ މާރިޗް މަހާއި ހަމައަށް ޢާއިލާގެ މީހެއްގެ ކިޑްނީ ލިބޭތޯ މަޑުކުރުމަށްފަހު އެކަމަށް ޖަވާބެއް ނުލިބުމުން އަމިއްލައަށް ކިޑްނީ އެއް ހޯދުމުގެ މަސައްކަތް އާންމުކޮށް އިޢުލާންކޮށްގެން ފެށިކަމަށް ސާއިދު ވަނީ ބުނެފައެވެ.
" ބައެއް މީހުންގެ ވާހަކަ ހުރީ ވަރަށް ބިރުގަނެ މިކަން ކުރަން ބޭނުންނުވެފަހުރިގޮތަށް. އަހަރެން ވަރަށް މަސައްކަތްކުރިން ޑޮކްޓަރަށް ދައްކާ އެމީހުންގެ ނުތަނަވަސްކަން ފިލުވޭތޯ. އަހަންނަށް ކުރެވޭނީ މަސައްކަތް. ފަހަތަކުން ނުދުވެވޭނެ" ހިތްދަތިކަމާއި އެކު ސާއިދު ކިޔައިދިނެވެ.
އުފާވެރި ހަޔާތަށްވެސް ވަނީ ހިޔަނި އެޅިފައި
އުމުރުން 5 އަހަރުގެ ކުއްޖަކު ހުރިއިރު ކައިވެންޏަށް މިހާރު ވަނީ 8 އަހަރުވެފައެވެ. އަންހެނުން ރަށުގައި ހުރިއިރު ސާއިދު ދިރިއުޅެމުންދިޔައީ މާލޭގައެވެ. ވަޒީފާގެ ގޮތުން ރަށުގައި އުޅެވެން ނެތުމުން ދެމަފިރިން ދިމާވަނީ ހަމައެކަނި ލިބޭ ޗުއްޓީގައެވެ.
" ކުއްލިއަކަށް ލިބުނު ޚަބަރެއްވީމަ އަހަންނަށް ހިތްވަރު ނުލިބުނު އަންހެނުންނާއި މިވާހަކަ ފުރަތަމަ ހިއްސާކުރަން. އޭނަ ކޮއްކޮ ލައްވާ އެޚަބަރު ޝެއާކުރީ. އަހަންނަށް ކުރެވުނު އިހުސާސް އަހަންނަށް އެނގޭނީ"
ސާއިދުގެ އަންހެނުންނަށް މިހިތާމަވެރި ޚަބަރު އިވުމާއިއެކު މާލެއައިސް ސާއިދު ކައިރީގައި ދުވަސްކޮޅަކު މަޑުކުރިއެވެ. އެހެންނަމަވެސް މިހާރު މިވަނީ މި ދެމަފިރިންގެ އުފާވެރި ދިރިއުޅުމަށްވެސް އަސަރުކޮށްފައެވެ.
" މީހަކު އެހީ ނުވީމަ އެވާހަކަ މިދައްކަނީ. ޢާއިލާ މީހަކު އެހީ ނުވީމަ އެހީ ނުވިވާހަކަ މިދައްކަނީ. އަސްލު މިވާހަކަ ދައްކާތީ އަހަރެން ކުއްވެރިވޭ. އެންމެ ބޭނުންވި ވަގުތު ހަގީގަތުގައި ނެތް މީހަކު. މިއަށްވުރެ ބޮޑަށް ކިޔައި ނުދެވޭނެ. މީގެ ވިހި އަހަރުފަހުން ވެސް އަހަރެން ބުނާނީ މިހެން. އަހަންނަށް މަޢާފްކުރޭ މިއީ ކުށަކަށް ވާނަމަ" ސާއިދުގެ ވާހަކައިން އެކަނިވެރިކަން ފާހަގަވިއެވެ.
ސާއިދުގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. އޭނާ ބަލިން ރަނގަޅު ނުވާނެކަމަށް ބައެއް މީހުން ޤަބޫލުކުރިއަސް، ފަހު ނޭވާ ހަމައަށް މަސައްކަތްކުރަނީ ރަނގަޅު ގޮތެއްވޭތޯ ކަމަށް ވަނީ ބުނެފައެވެ.
ކިޑްނީ ދޭނެ މީހަކު ލިބިއްޖެ
ސާއިދު މިހާރު ތައްޔާރުވަމުން ދަނީ ރޯދަމަސް ނިމުމުން ލަންކާއަށް ދިއުމަށެވެ. ކިޑްނީ ދޭނެ މީހަކު ސާއިދު އަށް މިހާރުވަނީ ލިބިފައެވެ.
" ޑޯނާ އެއް އެބަހުރި. އެއީ ޢާއިލާ މީހެއް ނޫން. ދިވެއްސެއް. ހެޔޮއެދޭ މީހެއް. ރާއްޖެއިން އަގުބޮޑުކަމުން ޓެސްޓްތައް ނަހަދާ ލަންކާ އަށް ގޮސް ޓެސްޓްހަދާނީ. އެއިރުން އާސަންދައިން ޓެސްޓްތައް ހެދޭނެ. އެއަށްފަހު އެނގޭނީ އެމީހާގެ ކިޑްނީ އާއި އަހަރެންގެ ކިޑްނީ އާއި ދިމާވަންޏާވެސް"
ކިޑްނީ ބަދަލުކުރުމުގެ ބޮޑު އޮޕަރޭޝަނަށް ސާއިދު ތައްޔާރުވަމުންދާއިރު އެކީގައި އެހީތެރިއަކަށް ލަންކާ އަށް ދަނީ ކާކުތޯ ސުވާލުކޮށްލީމެވެ.
" އޮޕަރޭޝަނަށްފަހު މީހެއްގެ އެއްބާރުލުން ބޭނުންވާނެތީ އެކީގައި ދާން ހަމަޖެހިފައިވަނީ ވަރަށް ގާތް 2 ރަހުމަތްތެރިން. ދުނިޔޭގެ ކުލަ ހަގީގަތުގައި މިފެނުނީ. އަހަންނަކީ ގަދަވެ ސަލާމަތުން ހުރިއިރު ކުރިމަތީގައި ރައްޓެހިން އެނބުރުނު މީހެއް. ތިންހަތަރު ރައްޓެހިން ބައްދަލުނުވެދާ ދުވަހެއް މަދުވާނެ. ގިނަ ރައްޓެހިން އަހަރެން ދޫކޮށްލީ ބަލިވީމަ. އެކުގައި މިހާރުތިބީ ވަރަށް މަދު ރައްޓެހިން"
ސާއިދުގެ އެންމެ ލޯބިވާ އެކުވެރިޔާ ފުރަތަމަ ދުވަހެކޭ އެއްގޮތަށް އެންމެ ކައިރީގައި ހުރުން މިއީ ލިބުނު ބޮޑު ހިތްވަރެކެވެ. އަދި ސާއިދު އަށް ފަރުވާ ހޯދުމަށް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާ ބަޔަކު ތިބިއިރު އެހުރިހާ އެންމެންނަށް ވަނީ ހިތުގެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ.
އެންމެ ބޮޑު ޝުކުރެއް ކުޅިވަރު ޢާއިލާއަށް
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމްގެ) ކުޅިވަރު ޕްރެޒެންޓަރު ސާއިދު އަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން 3 ލައްކަ ރުފިޔާ ހަދިޔާކުރީ މިދިޔަމަހުގައެވެ.
" ބަލީގެ ފުރަތަމަކޮޅުވެސް އެފްއޭއެމް އިން ވަރަށް ގާތުން ހާލުބަލާހެދި. އަދި ބައެއް ކުލަބުތަކުގެ މެނޭޖަރުންވެސް އެހީވާނެ ކަމަށް ކުރިންވެސް ބުނި. އަހަރެން ކޮމެންޓްރީގައި ހޭދަކުރަމުން މިދަނީ 12ވަނަ އަހަރު. މީޑިއާގައި މިއީ 12ވަނަ އަހަރު. މިވީ 12 އަހަރުތެރޭ ކުރެވުނު މަސައްކަތް އިހުސާސް ކުރެވުނު ދުވަހެއް އެ ދުވަހަކީ. ފުޓްބޯޅަ ޢާއިލާގެ ކޮންމެ މީހަކު އެވީ ބޮޑު ޤުރުބާނީ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން" ކުޅިވަރުގެ ޢާއިލާއިން މިވަނީ ސާއިދަކީ އެޢާއިލާގެ މެންބަރެއްކަން އިހުސާސްކޮށްދީފަ އެވެ.
ސާއިދުގެ މެސެޖު އާންމުންނަށް
ކިޑްނީ ބަލީގެ ގޮތުން ވަރަށްބޮޑަށް ނަފްސާނީ މައްސަލަތައް ދިމާވިކަން ފާހަގަކުރަމުން ސާއިދު ބުނީ ބައެއް މީހުންގެ ފަރާތުން ފެނުނީ އުންމީދު ގެއްލުވާލާ ވައްޓާލުމަށް މަސައްކަތްކުރި މަންޒަރުކަމަށެވެ.
"ކިޑްނީ ފެއިލްވުމުން ދެން ތިމަންނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތޭ. ތިމަންނާ މަރު ދުވަހާއި ޖެހެންދެން އޮތީ މިގޮތޭ. މިގޮތަށް ބަލިވީމަ ބަލިމީހާއާއި އެކީގައި މިތިބެނީ މަދު ޢާއިލާއެއް އެހީތެރިކަން ފޯރުކޮށްދޭން. އަހަރެން މި ނުކުތީ އެފަދަ މީހުންގެ ދިފާއުގައި. ތަފާތަކީ އަހަރެން އެވާހަ ދެއްކުން. ވަރަށް ބަލިވާ ދުވަސް އާދޭ. އޮށޯވެ އޮންނަންޖެހޭ ދުވަސް އާދޭ ކޮޅަށް ތެދުނުވެވި. އެކަމަކު ހިތްވަރުކޮށްފަ ތެދުމިވަނީ" އަސަރާއިއެކު ކިޔައިދިނެވެ.
ސާއިދުގެ ތަފާތަކީ ބަލިން ރަނގަޅުވުމަށް ކުރާ ހިތްވަރެވެ. ކޮވިޑްގެ ހާލަތާއި ގުޅިގެން ގޭގައި މަސައްކަތް ކުރިކަމުގައިވިއަސް ކޮމެންޓްރީ ދިނުމަށް ދަނޑަށް ދެއެވެ.
" އެންމެބޮޑު ކަމަކަށްވީ ހިތްވަރުދޭނެ މީހަކު ނެތުން. މަންމަ އާއި ބައްޕަ ތިބީ ގައި ބާރު ދެރަވެ. އެމީހުންގެ އެންމެ މުސްކުޅި ދުވަސްތައް. ދަރިއެއްގެ ފަރާތުން އެންމެ އެހީތެރިކަން ބޭނުންވާ ދުވަހު އަހަންނަށްޓަކައި ޤުރުބާންވަނީ. ބަލީގެ ފުރަތަމަކޮޅު އަހަންނަށް ވަރަށް އުދަގޫވި މިހުރިހާ ވޭނަކާއިއެކު މުޖުތަމައަށް ނުކުންނަން. އަހަރެމެންނަކީ ނުކުޅެދޭ މީހުންގެ ގޮތުގައި ވަރަށްބޮޑަށް ޤަބޫލުކުރޭ މީހުން. މީގަ އެންމެ މުހިންމު ކަމަކީ ބައްޔާއި އެކު މީހާ މާޔޫސްނުވެ ކުރިއަށްދިއުން. ކިޑްނީ ފެއިލްވުމަކީ އަދި މީހާގެ ދިރިއުޅުން ގެއްލުމެއް ނޫން. މީހާގެ ހިތްވަރާއި މަސައްކަތުން ދެވަނަ ދިރިއުޅުމަކަށް ދެވެން އެބައޮތް" ސާއިދުގެ ވާހަކަތައް އަޑުއިވުމުން އެއަޑުގައި ހުރި ހިތްދަތިކަން ވަރަށް ރަނގަޅަށް ފާހަގަވިއެވެ.
ސާއިދު އެބުނީ ތެދެކެވެ. އެއްކިޑްނީ އާއި އެކު ވަޒީފާ އަދާކުރަމުން ރަނގަޅު ދިރިއުޅުމެއް އުޅެމުންދާ މީހުން މަދެއް ނޫނެވެ. ބޭނުންވަނީ އަޅާލުމާއި ލޯތްބާއި ހިތްވަރުދޭނެ ބައެކެވެ. 'ޒީޓައިމްސް' އިން އެދެނީ ސާއިދަށް އަވަސް ޝިފާއެއް ލިބުމެވެ.