November 21, 2024 21:20
Advertisement

-Advertisement-

ތާރީޚް: ގދ.ވާދޫ އަކީ އާޘާރީ ގިނަ އަދަދެއްގެ ތަންތަން ހުރި ރަށެއް!

ގދ.ވާދޫގެ އާސާރީ ތަންތަނަށް ބަލާއިރު އެރަށުގެ މެދުތެރޭގެ އިރުއުތުރު ބައިގައި 128 ފޫޓު ވަށަމިން ހުރި އުސްގަނޑަކާއި އުސްމިނުގައި 15 ފޫޓު ހުރި އުސްގަނޑެއް ހުންނަކަމަށްވެއެވެ. ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މަޢުލޫމާތުދޭގޮތުގައި މި ދެތަނާއި އެއްމިސްރާބެއްގައި ދެން ހުންނަނީ ވާދޫ އާޘާރީ ހުކުރު މިސްކިތެވެ.

" މިތަނަކީ ކުރިން ބުޑިސްޓް ދީނުގެ ފައްޅިއެއް. ފަހުން މިސްކިތަކަށް ބަދަލުކޮށްފައިވަނީ. މިމިސްކިތުގެ ވަށާ ސަރަހައްދުގައި ކުޑަކުޑަ ތިން އުސްގަނޑު ހުރި. މިތަންތަންތަނަކީ ކުދި ކުދި އިސްތޫފާތަކެއް. މިތަންތަނުގެ ތެރެއިން މިސްކިތުގެ ހަރިންމަ ފާރުގެ ދެކުނުން އެއްބައި ޤަބުރުސްތާނުގެ ތެރެއަށް ވާގޮތަށް އޮތް އުސްގަނޑުން ފެނުނު ބުއްދާގެ ފިޔަވަޅު ވަނީ ދާރުލްއާޘާރުގައި" 1983ވަނަ އަހަރު ތޯރ ހަޔަރދާލް މިތަން ކޮނުނުއިރު މިތަން ހުރީ ވަށްކޮށް ހަރުފަތްތަކެއް ލާފައި ކަމަށާއި، އެއީ ފައުންޑޭޝަންގެ ބައެއް ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.

ވާދޫގައި ހުރި ކުރީގެ މިސްކިތެއް/ ފޮޓޯ: ފޭސްބުކް ވާދޫ ޕޭޖް

މީގެއިތުރުން ވާދޫއިން ވަނީ އާޘާރީ ގައުތަކެއްވެސް ފެނިފައެވެ. މިގޮތުން 1989ވަނަ އަހަރު ސެޕްޓެމްބަރުމަހު ވާދޫ އާޘާރީ ހުކުރުމިސްކިތް މަރާމާތުކުރިއިރު މިސްކިތާއި ޖަމާލުއްދީން ޒިޔާރަތާއި މުހައްމަދު ފަޑިއްތަކުރުފާނުގެ ބިސްތާނާއި ދެމެދުގައި ހުވަދުމާގަސް އިންދަން ކޮނުނުއިރު ވަށްކޮށްހުރި ގައުތަކެއް ފެނިފައިވާ ކަމަށް ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތުދީފައެވެ.

Advertisement

" އެއް ހަރުފަތްބަރިއަށްވުރެ އަނެއް ހަރުފަތްބަރި ކުޑަވަމުން އައިސް އެންމެ މަތީގައި ވަނީ ގަލުގެ ތަނބެއް ޖަހަން ހަދައިފައިހުރި ތަނެއް. ހިރިގަލުގެ އަށް ދާރައަށް އޮތް ތަނބުބުރިއެއްވެސް އޮތް. ލަފާކުރެވެނީ އެއީ ސިޓިންގ ބުއްދާގެ ބުދު ބަހައްޓަން ހަދާފައިހުރި ތަނެއް ކަމަށް. އަދި މިތާގައި ކަފުލޯ ކަދައެއްވެސް އޮތް. އެއީ ބުދު ކައިރީގައި އާންމުކޮށް ހުންނަ އެއްޗެހި" ޤައުމީ މަރުކަޒުން މަޢުލޫމާތުދިނެވެ.

ވާދޫގައި ތުންޑޭ ޒިޔާރަތް ކިޔާ ވަރަށް އިހުޒަމާނުގެ ޒިޔާރަތެއް ހުންނަ ކަމަށާއި، މިތަނަށް މާބޮޑެތި ގެއްލުންތަކެއް ލިބިފައިނުވާ ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި ގާމިސްކިތް ކިޔާ އާޘާރީ މިސްކިތަކާއި، ވާދޫ ހަވިއްތަގެ ނަމުގައި މަޝްހޫރު ހަލާކުވެފައިވާ ބިނާ އެއް ވެސް ހުންނަކަމަށްވެއެވެ.

+1
0
+1
3
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް