November 22, 2024 05:53
Advertisement

-Advertisement-

ދުންޔާ މައުމޫނު

ދުންޔާގެ ނަޒަރުގައި ކޮވިޑްބަލި ކޮންޓްރޯލް ކުރެވިދާނެ ގޮތްތަކެއް!

ދުންޔާ މައުމޫން އަކީ ފޮރިންގ މިނިސްޓަރުކަން އަދާކުރެއްވި އަދި ދައުލަތުގެ އިސް މަޤާމްތަކެއް ފުރުއްވި ކަނބަލެކެވެ. ކުރިންވެސް މާސްޓަރސް ފުރިހަމަކުރައްވައިފައިވާ ދުންޔާ އެކަމަނާގެ ދެވަނަ މާސްޓަރސް ފްލެޗަރ ސްކޫލް އޮފް ލޯ އެންޑް ޑިޕްލޮމެސީ އިން ފުރިހަމަކުރެއްވިއިރު ރިސާރޗް ކުރިއަށް ގެންދެވީ، ކޮވިޑް ޕެންޑަމިކްގައި ތިން ޤައުމެއްގެ އަންހެން ލީޑަރުން ކާމިޔާބުކަމާއި އެކު ކަންކަން އިންތިޒާމުކޮށް ބެލެހެއްޓިގޮތުގެ މައްޗަށެވެ. ނިއުޒިލެންޑް، ޓައިވާން، ޖަރމަނީ އިން ތަޖުރިބާގެ އަލީގައި ދަސްވި ކަންތައްތަކުގެ މައްޗަށެވެ.

ޖީއެމްއޭޕީ ކޮލީގްސް އާއި އެކު މެޑްފޯރޑް ޔޫއެސްގައި ދުންޔާ

މި ރިޕޯޓުގައި މިބަލާލަނީ، ކޮވިޑްގެ ހާލަތު ދުވަހެއް ދުވަހަކަށް ދިވެހިރާއްޖޭގައި ގޯސްވަމުންދާއިރު މިހާލަތުން އަރައިގަތުމަށް ދުންޔާ ދެކެވަޑައިގަންނަވާގޮތުގައި މިހާރުން މިހާރަށް ކުރެވިދާނެ މުހިންމު ކަންތައްތަކަށެވެ.

ދުންޔާ ވިދާޅުވީ، ކޮވިޑްގެ އެކި ރާޅުތައް އައިއިރު އެކިކަހަލަ ފިޔަވަޅުތައް އެޅިއްޖެ ކަމަށާއި، އެކީގައި ލޮކްޑައުންކުރުމުގެ ތަޖުރިބާވެސް ރާއްޖެއަށް ލިބިފައިވާކަމުގައެވެ.

Advertisement

"މިހާތަނަށް އައިއިރު ކޮވިޑް މެނޭޖުކުރުމުގައި މާގޯހެކޭ އަޅުގަނޑު ނުދަންނަވާނަން. ސަރުކާރާއި ރައްޔިތުންނާއި ދެމެދު އޮންނަ އިތުބާރު އަސްލު އެންމެ ބިނާކުރުވަނިވި ގޮތަކަށް ނޫން މިއޮތީ. އިތުބާރު ގެއްލިފައި މިވަނީ. އެންމެ އިސްލީޑަރުން ރައްޔިތުންނަށް ނުފެނުން އެއީ އެއްސަބަބު. އެންމެ އިސްލީޑަރުން ރައްޔިތުންނާއި މުޢާމަލާތުކުރެއްވުން މުހިންމު"

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމްވެސް އަދާކުރައްވާފައިވާ ދުންޔާ ވަނީ ނޫސްކޮންފަރެންސްތަކުން ހެލްތް މިނިސްޓަރ ނުފެންނަކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާވެސް ޤައުމާއި މުޚާތަބު ކުރައްވަންޖެހޭ ކަމަށާއި، ކޮވިޑާއިގުޅޭގޮތުން ރައްޔިތުންނާއި މުޚާތަބު ނުކުރައްވާތީ ހައިރާންވާކަމަށް ވިދާޅުވިއެވެ.

" ކުރިއަށް މިއޮތީ ދަތި ދުވަސްތަކެއްކަމާއި، އެކީގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ މުޚާތަބުކުރެއްވުން އެއީ ރައްޔިތުންގެ އިތުބާރު ހޯދާ ގުޅުން ބަދަހިކުރަން މުހިންމު ކަމެއް. ރައްޔިތުން މާޔޫސްވެފައިތިބިއިރު ރަނގަޅު ހިސާބަކަށް ދެވޭނެކަމުގެ އުންމީދު ދޭން އެބަޖެހޭ"

އެހެން ޤައުމުތަކަށް ބަލާއިރު، ނިއުޒިލެންޑުގެ ޕްރައިމް މިނިސްޓަރ ކޮންމެދުވަހަކު ޤައުމާއި މުޚާތަބުކުރެއްވި ކަމަށާއި، ކޮވިޑް ކޮންޓްރޯލްކުރުމަށް ވަރަށް ހަރުކަށި ފިޔަވަޅު ވަގުތު ފާއިތުނުވަނީސް އެޅުއްވި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ތަރައްޤީވަމުން އަންނަ ޤައުމެއްވީމަ ތަފާތުވާނެ. މާލީގޮތުން ވަރަށް ދަތިވާނެ ކުދި ވިޔަފާރިތަކަށް. މިހާރުވެސް ވަރަށް ހާލުގައި އެތިބީ. ފުލް ލޮކްޑައުން އަކަށް ގޮއްސިއްޔާ އެތައްތަނެއް ބަންދު ކުރަންޖެހިދާނެ. ކުރިން ރަނގަޅަށް ފިޔަވަޅުތައް ނެގުނުނަމަ މިހިސާބަށް ނުދިޔައީސް ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ"

ދުންޔާ ދެކެވަޑައިގަންނަވާ ގޮތުގައި މާލޭގައި ވީ އެންމެބޮޑަކަށް ލޮކްޑައުން ކުރަންޖެހެއެވެ. އެއީ އެނޫންގޮތަކަށް އަދަދު ދަށްނުކުރެވެންޏާ ފަރުވާނުދެވިދާނެތީއެވެ. އޮކްސިޖަން އެއްޗެތި ހުސްވެދާނެތީއެވެ.

" ޚާއްސަކޮށް ނަރުހުން އެތައްގަޑިއިރަކު ކޮޅަށް ތިއްބަވައިގެން ވަރަށްބުރަ މަސައްކަތެއް އެކުރައްވަނީ. އަނެއްކާ ނަފްސާނީގޮތުން ވެސް ވަރަށްބޮޑު އަސަރެއް ކުރާނެ އެތައް ފުރާނައެއް ގެއްލިގެންދާތަން ފެންނާތީ. މިއީ މިހާރު ހާލަތު ހުރިގޮތް"

އެކަމަކު ފުލް ލޮކްޑައުންއަކަށް ދިޔައިމަ މައްސަލަތަކެއް ކުރިމަތިވާކަމަށް ދުންޔާ ޤަބޫލުކުރައްވައެވެ. "ވިޔަފާރިތަކަށް އަންނާނެ ދަތިތައް. އެކަމަށް ގޮތްތަކެއް ހޯދުން އެއީ ސަރުކާރުގެ އިސްވެރިންނަށް، ބައިނަލްއަޤްވާމީ އެޖެންސީތަކާއި ވާހަކަދައްކައިގެން ވިއަސް ޤައުމުތަކުގެ އެހީ ހޯދައިގެންވިއަސް ކުރެވިދާނެކަމެއް"

ޤައުމުތަކުގައި ކުދިވިޔަފާރިވެރިންނަށް ދިމާވާ މިފަދަ ދަތިތަކަށް ހައްލު ހޯދައިދީފައިވަނީ ކޮންމެވެސް ވަރެއްގެ މާލީ އެހީތަކެއް ފޯރުކޮށްދީގެން ކަމަށް ވިދާޅުވިއެވެ.

" 2 ހަފްތާއަށްވިއަސް ފުލް ލޮކްޑައުންއެއް ކޮށްފަ އަދަދު ވަރަށްބޮޑަށް ތިރިކޮށްފަ ދެން އަލުން ހުޅުވަން ފުރުސަތުދެވިދާނެ. އަދި ހުޅުވާއިރު ބައިބަޔަށް ހުޅުވި ޤައުމުތައް އެބަހުރި. މިސާލަކަށް އިނގިރޭސިވިލާތް ވަރަށް ކާމިޔާބު މެނޭޖުކުރިގޮތް. އެލާޓް ލެވެލް އެކި ބަޔަށް ބަހާފަހުރީ. މިހާރު އެމީހުން އެތިބީ ވަރަށް ރަނގަޅަށް އަދަދު ދަށްކުރެވިފައި."

އަދި ކޮވިޝީލްޑް ވެކްސިން ނުލިބި ދެވަނަ ޑޯޒު ނުޖެހި އެތައްހާސް ބަޔަކު ތިބިއިރު، އޭގެ ބަދަލުގައި ދެން ޖެހޭނެ ވެކްސިން އެންމެންނަށް ޖެހޭނެ ވަރަށް ހޯދަން އެބަޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ކޮވިޑް19 އާއި ގުޅުންހުރި މަޢުލޫމާތު މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ފަސޭހައިން ލިބޭނެގޮތެއް ހެދުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.  

" މިހާރު ވަރަށްބޮޑު މައްސަލައެއް އައިސީޔޫ އެދުތައް މަދުވުން. ރައްޔިތުންނަށް އުންމީދެއް ނެތް. މިއީ ރާއްޖެއަށް އެންމެ ގޯސް ހާލަތު އައިސް މިއޮތީ"

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާބޮޑަށް ގޯސްވީ ސިޔާސީ ފަރާތްތަކުގެ އިހުމާލުން ކަމަށް ދުންޔާ ވިދާޅުވިއެވެ. މިގޮތުން މިފަދަ ބަލިމަޑުކަމެއްގައި ލޯކަލް ކައުންސިލް އިންތިޚާބު ކޮންމެހެން ކުރިއަށްގެންދަންޖެހޭ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.  އިންތިޚާބަށް ވުރެ މުހިންމީ މުޅި ރާއްޖެއަށް ބަލިފެތުރުން ކޮންޓްރޯލްކުރުން ކަމަށް ފާހަގަކުރެއްވިއެވެ.  

އިންތިޚާބުގައި މާލޭގައި ބަހައްޓާފަހުރި ވޯޓު ފޮށިތަކެއްގެ ކައިރީގައި މީހުން މަޑުކޮށްގެން

" ކޮންޓެކްޓް ޓްރޭސިންގ ނުހެދި މިދަނީ. އެންމެ ރިސްކު ބޮޑު މީހުންނަށް އިސްކަންދީގެން އަވަހަށް ފަރުވާދޭން އެބަޖެހޭ. މިހާރު މާލޭގައި ކޮންތާކުން ކާކު ގައިންތޯ ބަލި އެރީ ބެލޭނެގޮތެއް ނެތް"

ރާއްޖެއިން ބޭރުގެ އެހީތެރިކަން ހޯދަންބަލާއިރު، އިންޑިއާ އޮތް ހާލަތުން މާބޮޑު އެހީތެރިކަމެއް ފޯރުކޮށް ނުދެވިދާނެ ކަމަށާއި، ޗައިނާއާއި އދ. އަދި ވޯލްޑްބޭންކް ފަދަ ހުރިހާ ދިމާލަކުންވެސް ރާއްޖެއަށް ލިބެން އޮތް އެހީތެރިކަމެއް ހޯދަންޖެހޭ ކަމަށް ވިދާޅުވިއެވެ. 

ދުންޔާ އަދި އދ. ގެ ކުރީގެ ސެކްރެޓަރީޖެނެރަލް ބަންކީމޫން

ދިވެހިރާއްޖެ މިހާރު މިއޮތީ ހާލުގައިޖެހިފައޭ ދެންނެވިދާނެ ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދީ، އޮކްސިޖަން އާއި ބޭސްތައްވިއަސް ހުސްނުވެ ލިބެންހުންނަގޮތް ހެދުން އެއީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

އިންޓަވިއު ނިންމަވާލައްވަމުން ވިދާޅުވީ މުޅި އިޤްތިސާދު ވަރަށްގިނަ ދުވަހަށް ހަލާކުވެގެން ދިޔުން މިއީ ކަންބޮޑުވުމެއްކަމަށެވެ. ޚާއްސަ ފިޔަވަޅު ނައަޅާ ދިގުދެންމުމަށްވުރެ އަވަސް ހައްލެއް ހޯދުން މުހިންމުކަމަށާއި، މަސައްކަތްކުރެވޭނީ ފުރިހަމަ ސިއްޙަތެއް ލިބިގެން ކަމަށް ވިދާޅުވިއެވެ.

+1
0
+1
9
+1
1
+1
1
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް