އެއީ ރާއްޖެއިން ކޮވިޑް-19 ފެނުމާއިއެކު މި ބައްޔަށް އާންމުން ހޭލުންތެރި ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ދިޔަ ގިނަ ޑޮކްޓަރުންގެ ތެރެއިން ޑޮކްޓަރެކެވެ. އޭގެ ކުރިންވެސް، އެތެރެހަށީގެ ބަލިތަކަށް ފަރުވާ ދެއްވުމުގައި ރާއްޖޭގެ ގިނަ ބައެއްގެ ލޯބި ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ހޯއްދަވައިފައެވެ. ކިތަންމެ ބުރަކަށް އުޅުއްވިޔަސް އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވުމުގައި ވަރަށް އަވަދިނެތި އުޅުއްވިއެވެ. ބްރޯޑްކާސްޓު ކުރާ ޕްރޮގްރާމަކުން ނުވަތަ އެހެންވެސް މީޑިއާއަކުން އެދެފިނަމަ ބަލިމީހުންނަށްޓަކައި އެ ބަހައްޓަވާ ގާތްކަން ފާހަގަވެއެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައި އެންމެ ފުރަތަމަ ނަމަކަށް އަންނާނީ ޑރ. މުހައްމަދު ޢަލީގެ ނަމެވެ.
ދާއިރާއަށް ވަދެވުން
ހދ. ކުޅުދުއްފުއްޓަށް އުފަން ޑރ.މުހައްމަދު ޢަލީ، އަތޮޅު ތަޢުލީމީ މަރުކަޒުން ކިޔެވީ ގްރޭޑް 3 އާ ހަމައަށެވެ. އޭގެ ފަހުން މާލެ ބަދަލުވެ އެމް.އީ.އެސް އިން ގްރޭޑް 4 ނިންމި އެވެ. އެހިސާބުން އެމްއީއެސް އުވުމާއެކު ގްރޭޑް 5 ނުކިޔަވާ 6ގައި ކިޔެވުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. ކިޔެވުމަށް މޮޅުވުމާއެކު ލިބުނު މި ފުރުސަތުގެ ބޭނުން ހިފައި ކިޔަވަމުން ދިޔައިރު ޑޮކްޓަރަކަށްވުމާމެދު ނުވެސް ވިސްނައެވެ. ބޭނުންވީ އޯލެވެލް ނިންމާފައި ޕައިލެޓަކަށް ވާށެވެ.
"ޕައިލެޓަކަށް ވާން ބޭނުންވީ. އެކަމަކު ގްރޭޑް 8 ހިސާބުން އައިނު އަޅަން ޖެހޭކަން އެނގުނީ. އައިނު އަޅަން ޖެހުނީމަ ޕައިލެޓަކަށް ނުވެވޭ. އޯލެވެލްގައިވެސް އެމް.އީ.އެސްގެ ޓޮޕް ލިބުނީ. އޭލެވެލް ހިސާބުން ޑޮކްޓަރަކަށްވުމަށް ވިސްނަންފެށީ."
އޭރަށް ބަލާއިރު ސްކޮލަރޝިޕެއް ލިބެނީ ދެ އަހަރުވަރު ސަރުކާރުގެ ވަޒީފާއެއްގައި އުޅުމުންނެވެ. ސްކޫލު ނިމުނުއިރު 18 އަހަރު ނުފުރެއެވެ. އެހެންނަމަވެސް މާލެއިން ވަޒީފާއެއް ލިބޭތޯ ބެލުމަށްފަހު ނުލިބުމުން ރަށަށް ގޮސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އިންޓަރޕްރިޓަރއެއްގެ ގޮތުގައި މަސައްކަތްކުރިއެވެ. އެއަށްފަހު ޔޫކްރެއިނުން ލިބުނު ސްކޯލާޝިޕާއިއެކު ޔޫކްރެއިން އަށް ދިޔައެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ގިނަ ކޯސްތަކުގައި އެ ޤައުމެއްގައި އާންމުކޮށް ވާހަކަދައްކާ އުޅޭ ބަސް ދަސްކުރަންޖެހެއެވެ. އެގޮތުން ޑރ. މުޙައްމަދު ޢަލީއަށް ވެސް 6 އަހަރުގެ މި ކޯހުގެ ފުރަތަމަ 3 އަހަރު ރަޝިޔާ ބަސްކިޔަވަން ޖެހުނެވެ. ޔޫކްރެއިނުން 6 އަހަރު ކިޔެވުމަށްފަހު އިންޓަރންޝިޕަށް ދިޔައީ ބަންގްލަދޭޝް އަށެވެ. އެ ޤައުމުންވެސް ބަންގްލަދޭޝް ބަސް ދަސްކުރަން ޖެހުނެވެ. ބަންގްލަދޭޝްގައި އެއް އަހަރުވަންދެން މަސައްކަތްކުރުމަށްފަހު އެނބުރި ރާއްޖެ އައިސް ކުޅުދުއްފުށީ ހޮސްޕިޓަލުގައި 2 އަހަރު މަސައްކަތްކުރިއެވެ.
" ފުރަތަމަ ބޭނުންވީ ކުޑަކުދިންގެ ނޫނީ ނާރުގެ ޚާއްސަ ޑޮކްޓަރަކަށްވުމަށް. 2 އަހަރު މަސައްކަތްކުރުމަށްފަހު އެތެރެހަށީގެ ޑޮކްޓަރަކަށް ވާން ހިޔާލު ބަދަލުވީ. އޭރުވެސް އޮންނަގޮތުން އިތުރަށް ސްޕެޝަލައިޒްވާން ނުދެވޭ 2 އަހަރު ހޮސްޕިޓަލުގައި ނޫޅޭކަމަށްވާނަމަ. ދެން ނޭޕާލަށް ދެވޭގޮތްވުމުން އެތަނުން އިންޓަރނަލް މެޑިސިންގ ހެދީ."
އެބަޔަކު އާންމުކޮށް ދިރިއުޅޭ މާހައުލުން ބޭރު މާހައުލަކީ އަބަދުވެސް ގިނަ ގޮންޖެހުންތަކެއް ހުންނާނެ މާހައުލުތަކެކެވެ. ރާއްޖެއިން ބޭރަށް ކިޔަވަންދާ ހުރިހާ ދިވެހިންނަށްވެެސް ދިމާވާ އެންމެ ބޮޑު މައްސަލައަކީ މިއީއެވެ. ޑރ. މުހައްމަދު ޢަލީ ވިދާޅުވީ އެންމެ އުނދަގޫކަމަކީ ދާންޖެހޭ ތަނެއްގެ ސަޤާފަތާއި މޫސުން ކަމަށެވެ. ޚާއްސަކޮށް ޔޫކްރެއިން ފާހަގަކުރައްވަމުން ޑރ. މުހައްމަދު ޢަލީ ވިދާޅުވީ ދިވެހިންގެ ކުލަ ތަފާތުވުން އެއީވެސް އެޤައުމުގައި އުނދަގޫވިކަމެއް ކަމަށެވެ.
" ބަންގްލަދޭޝްގެ ސަޤާފަތް އެހާ އުނދަގުލެއްނޫން. އެކަމަކު ވާހަކަދެއްކުމުގައި އުނދަގޫ. ހޮސްޕިޓަލުގައި، ދަސްކުރުމުގައި 24 ގަޑިއިރު ހޭދަކުރަންޖެހޭ. އެހެންވީމަ އެބަސް ދަސްކުރަން ކޮންމެހެންވެސް ޖެހޭ. ނޭޕާލްގައި ދީނުގެ މައްސަލަ އެންމެ އުނދަގުލީ. ބަންގި ގޮވާއަޑެއް ނީވޭނެ އެ ޤައުމުން. އެހެންކަމުން އެކަމަށް ވަރަށް ފަރުވާތެރިވާންޖެހޭ. ދެން އެތަނުގައި އުޅޭ އެހެން ކުދިން ވަރަށް އެހީތެރިވާނެ ނަމާދު ވަގުތު ކިޔައިދީ އެކަންކަމުގައި. "
ނޭޕާލްގައި ފިނިމޫސުމުގައި ވަރަށް ގިނައިން ކަރަންޓް ކަނޑައިގެންދެއެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވުނު ދުވަސްތަކެއް ޑޮކްޓަރު ހިއްސާ ކުރެއްވިއެވެ.
"ރޫމްތެރޭގައި އެކިއެއްޗެހި އަންދާ އެހެން އުޅެންޖެހުނު 10 ވަރަކަށް ދުވަސް ވަންދެން. މުޅިންވެސް ރެޑީމޭޑް އެއްޗެހި ކައިބޮއި އުޅެންޖެހުނީ. އަޅުގަނޑުމެން އުޅުނު ހޮސްޓެލްގައި މައްސަލަޖެހިގެން ފަނަރައަކަަށްވުރެ ގިނަ ދުވަސްވި ކަރަންޓާއި ފެނާ ނުލިބި."
ނޭޕާލްގައި ކިޔަވާ ވިދާޅުވިއިރު އެޤައުމުގެ މެޑިކަލް ކޮމިޔުނިޓީގެ ރައީސްއަކަށް އުޅުއްވި ޑރ. މުޙައްމަދު ޢަލީ ހަނދާނުން ފޮހެލަން ދަތި ހާދިސާތާކުގެ ތެރެއިން، ހިއްސާ ކުރެއްވި މި ވާހަކަވެސް ހިމަނާލާނަމެވެ. ނޭޕާލްގައި އުޅުއްވަނިކޮށް މެޑިކަލް ސްޓޫޑެންޓެއް ވަރަށް ބަލިވެގެން އެ ޑޮކްޓަރުން ކިޔަވަމުންދިޔަ ޔުނިވަރސިޓީއަށް ގެނައެވެ. އެ ކުއްޖާއަށް ފަރުވާ ދިނުމަށް ކުރެވުނު މަސައްކަތްތަކަކީ ވަރަށް ހަނދާނުން ފޮހެލަން ދަތި ދުވަސްތަކެއްކަމަށް ޑރ. މުހައްމަދު ޢަލީ ވިދާޅުވި އެވެ. ބަލިވެގެން ގެނައި އެ ކުއްޖާގެ ޢާއިލާގެ އެއްވެސް މީހެއް ނެތް ތަނެއްގައި އެކުއްޖާއަށް ހެޔޮހިތުން ބޭނުންވާ ޚިދުމަތްދެވި، ފަރުވާ ދެއްވުމަށް ކުރެވުނު މަސައްކަތް ހިތްހަމަ ޖެހުމާއިއެކު ފާހަގަކުރެއްވިއެވެ.
" ރާއްޖެ ކުއްޖެއްއެއީ. އަޅުގަނޑުމެން ކިޔަވަމުން ދިޔަ ޔުނިވަރސިޓީއަށް ފުރަތަމަ ގެނައީ ވަރަށް ބޮޑަށް ބަލިވެގެން. އެތަނުން ރަނގަޅު ނުވެގެން ދެން ގެންދިޔައީ ވަރަށް ދުރުގައި ހުރި ހޮސްޕިޓަލަކަށް. އެނާއަށް އެހީތެރިވުން އެއީ ވަރަށް އުފާވި ދުވަހެއް."
ބިރުވެރި ތަޖުރިބާ
ޑރ. މުހައްމަދު ޢަލީއަށް ވަނީ ނޭޕާލްގައި ހުންނެވިއިރު ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެފަދަ ބިރުވެރި ކަމަކާ ކުރިމަތިވެފައެވެ. 2005 ވަނަ އަހަރު ނޭޕާލަށް އައި ބިންހެލުމުގެ ޚަބަރުތަކަކީ ބިރުވެރި ޚަބަރުތަކެވެ. ނަމަވެސް އެތަނުގައި އެ ބިމުގައި ތިބެގެން ކުރެވޭ އިހުސާސްތައް ގައިމުވެސް ތަފާތުވާނެއެވެ. ރެކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި ބިންހެލުމާއިއެކު މުޅި ނޭޕާލަށް ބިރުވެރިކަން ވެރިވެގެން ދިޔައެވެ. މި ބިރުވެރި ވަގުތު ހިތަށް ގެންނަންވެސް އުނދަގޫކަން ޑޮަކްޓަރުގެ ވާހަކައިން ހަމަވެގެން ދިޔައެވެ.
ކިޔަވާ ކުދިން އެއްވެސް ބަންދެއްނެތި 24 ގަޑިއިރު މަސައްކަތުގައި އުޅުމަށްފަހު ލިބުނު ހަމައެކަނި ބަންދު ދުވަހަކީ ހޮނިހިރު ދުވަހެކެވެ. ބާޒާރުކޮށްލަން ބޭރަށް ނުކުތްތާ މާގިނަ ވަގުތެއް ނުވެއެވެ. 7.8ގެ ބާރުގަދަ ބިންހެލުމެއް އައީ ކުޑަ ސިކުންތުކޮޅަކަށެވެ. އެތައް އިމާރާތެއް ބިމާ ހަމަވެގެން ދިޔައެވެ. އެތައް ބައެއްގެ ފުރާނަ ގެއްލުނެވެ. އުމްރާނީ ބޮޑެތި ގެއްލުންތަކެއްވިއެވެ. އޭގެ ފަހުގައި އައި އާފްޓަރޝޮކް ތަކުގައިވެސް އެތަކެއް ގެއްލުންތަކެއް ވިއެވެ. ކުދިބޮޑު އެންމެންގެ ހިތުގައިވަނީ ނާމާންކަމާއި ބިރުވެރިކަން ވެރިވެފައެވެ.
''ކުޑަ ސިކުންތުކޮޅަކަށް ބިންހެލުންއައީ. އެކަމަކު ހީވަނީ ބައިގަޑިއިރަށް ދިގުދެމިގެން ދިޔަހެން. ބިންގަނޑު ހީވަނީ ފުށްގަނޑެއްހެން. އޭގެ ފަހުގައި އާފްޓަރޝޮކް އަންނަން ފެށީ. ފުރަތަމަ ހީކުރީ އެއީވެސް ބިންހެލުންކަމަށް. 6.6ގެ ބާރުމިނުގައި އާފްޓަރޝޮކްވެސް އަންނަނީ. ބިންހެލުން އައުމަށްފަހު ކޮންމެ ގަޑިއަކުން އެެއްފަހަރުކަހަލަ ގޮތަކަށް އާފްޓަރ ޝޮކްއައީ. އޭގެ ސަބަބުން ބިންހެލުމުގައި ކުރިން ހަލާކުވެފައި ހުންނަ ބިލްޑިންގތައް ބޮޑަށް ހަލާކުވެ ބިމާ ހަމަވަމުން ދިޔައީ. އެހެންވެ އިމާރާތަށް އަރާތިއްބާ ހެލެން ފަށައިފިއްޔާ ތިރިއަށް ނުފޭބޭނެތީ އެންމެންވެސް ތިބީ ތިރީގައި. ދިވެހިން އުޅުނު ދެ ގެއެއްވެސް އެއްކޮށް ހަލާކުވި. ދެން އެންމެން ނިދީ އެއްތަނެއްގައި. ފުރަތަމަކޮޅު އާފްޓަރޝޮކް އަންނަ ވަރުން އެންމެން ނިދަން ތިބީ ބޯޅަދަނޑެެއްގައި ދެތިން ރޭ ވަންދެން. އެއީ ވަރަށް ބިރުވެރި ވަގުތެއް ހަޔާތުގައި ދިމާވި.''
2015ގައި އައި މި ބިންހެލުމާއިއެކު ދިވެހިން އެއްތަނެއްގައި އުޅެންފެށީ ދިވެހިން އުޅުނު ގެތަކުގެ ތެރެއިން ދެ ގެއެއް އެއްކޮށް ހަލާކުވުމާއި އެކުގައެވެ. މި ބިންހެލުމާ ގުޅިގެން އަލަތު ދަރިފުޅާއި އަންހެނުންނާއެކު ނޭޕާލްގައި އުޅެމުންދިޔަ ދިރިއުޅުން ޖެހުނީ އެދުވަސްވަރަށް ރާއްޖެއަށް ބަދަލުކުރާށެވެ. ޢާއިލާގެ ކަންބޮޑުވުމާއިއެކު ރާއްޖެއައި ނަމަވެސް ދެ ހަފްތާވަރުވުމުން އަނެއްކާވެސް ނޭޕާލަށް ދިޔުމަށްފަހު އެނބުރި ރާއްޖެއައީ ކިޔެވުން އެއްކޮށް ނިންމާލާފައެވެ.
ވަޒީފާއެއް ނެތި 4 މަސް
ކިޔަވާ ނިމުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރާ ގޮތަށް އެގްރީމެންޓް ހަދާފައިވާއިރު ޑރ. މުޙައްމަދު އަލީއަށް ޖެހުނީ ތަފާތު ތަޖުރިބާއެއް ކުރާށެވެ. ކިޔަވައިގެން އައިއިރު ހޮސްޕިޓަލްގެ ނަން ބަދަލުވެފައި އޮތުމާއިއެކު ބޭނުން ތަނެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ހެލްތް މިނިސްޓްރީން ދިނެވެ.
އެހިސާބުން އައި.ޖީ.އެމް.އެޗް އިން ވަޒީފާ ހަމަޖައްސައިދޭން އެދުނެވެ. އެހެންނަމަވެސް އެތަނުގައި ތަޖުރިބާކާރު ގިނަ އަދަދެއްގެ ޑޮކްޓަރުން ތިބުމާއިއެކު ވަޒީފާއެއް ނެތި 4 މަސްވަންދެން ހުންްނަން ޖެހުނެވެ. އޭގެ ފަހުން ވަޒީފާ ލިބިފައި ވަނީ ޑރ. މޫސާ ހުސައިންއާއި ޑރ. މުޙައްމަދު އިސްމާއީލްގެ އެހީތެރިކަމާއިއެކު އައި.ޖީ.އެމް.އެޗްގެ ރެސްޕިރޭޓަރީ ޑިޕާޓްމަންޓުންނެވެ.
އެމްބީބީއެސް ކިޔަވައިގެންވެސް ތ. ވޭމަންޑޫގައި ޚިދުމަތް ކުރެއްވި ޑރ. މުހައްމަދު ޢަލީ އަކީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ ލޯބި ހޯދި ޑޮކްޓަރެކެވެ. އެހާ ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔައީ ޑޮކްޓަރުގެ އޯގާތެރިކަމުންނެވެ. ބަލީގައިވާ ގޮތް ވަރަށް ތަފްސީލުކޮށް ބަލިމީހާއަށް ކިޔައިދެއެވެ. މިހާރު ރާއްޖޭގައި އެފަދަ ގިނަ ޑޮކްޓަރުން ތިއްބަވާއިރު ޑރ. މުހައްމަދު އަލީއަކީ ދިވެހި ޑޮކްޓަރުންނާމެދު ދިވެހިންގެ ހިތުގައި ލޯބި އިތުރުކޮށްދެއްވި ޑޮކްޓަރެކެވެ.
އާންމުންގެ އެންމެ ބޮޑު ބިރަކީ ކޮންމެ ކޮންމެ ބޭހެއް ބަލިމީހާއަށް ދީފާނެތީއެވެ. ޑޮކްޓަރ ވަނީ އެއްވެސް ބައްޔަަކަށް، ހީވާ ކޮންމެ ބޭހެއް ޑޮކްޓަރުން ނުދެއްވާނެ ކަމުގެ ޔަޤީންކަން އާންމުންނަށް ދެއްވާފައެވެ. އެއީ ވަކި ގައިޑްލައިންއަކަށް ކަނޑައެޅިފައިވާ ކަމަކަށްވާތީ ހުރިހާ ޑޮކްޓަރުންވެސް އަމަލު ކުރައްވާނީ އެ ގައިޑްލައިންއާ އެއްގޮތަށެވެ.
އައި.ޖީ.އެމް.އެޗް ގައި 2019ވަނަ އަހަރު 2060 އަށްވުރެ ގިނަ ބަލިމީހުން އަދި 2020 ގައި 4900 އަށްވުރެ ގިނަ ބަލިމީހުން ބައްލަވާފައިވާ މި ޑޮކްޓަރަކީ ލިބޭ ހުސްވަގުތުތަކުގައިވެސް ބަލިމީހުންނަށްޓަކައި ވަގުތު ހޭދަކުރައްވާ ބޭފުޅެކެވެ. ކޮވިޑްގެ ކުރިން ކްލިނިކްތަކުގައި ޚިދުމަތް ދީފައިވާއިރު ބަލިމީހުންނަށް އޮންލައިންކޮށް ޚިދުމަތް ދިނުމަށް ވައިބަރ ގްރޫޕެއްވެސް ކުރިއަށް ގެންދެއެވެ.
މި ވައިބަރ ގްރޫޕް މެދުވެރިކޮށް ބޭސްސިޓީ ލިޔެދިނުމާ ރިޕޯޓް ބެލުންފަދަ ކަންކަން ކުރާއިރު އާންމުންނަށް ބޭނުންވާ މަޢުލޫމާތު މީޑިއާ މެދުވެރިކޮށް ދިނުމަށްވެސް ވަރަށްގިނަ ވަގުތު ޑރ. މުޙައްމަދު އަލީ ހޭދަކުރައްވައެވެ. ޕްރެޒެންޓް ކުރެއްވުމަށްވެސް ޝައުުގުވެރިކަން ހުންނަވާ ޑޮކްޓަރ އަށް މިފަދަ މެޑިކަލް ޕްރޮގްރާމް ހުށަހެޅުމަކީ މިހާރު އެއްވެސް ކަމެއްްނޫނެވެ.
ކިތަންމެ ބުރަކޮށް އުޅުއްވިޔަސް އާއިލާއަށް ވަގުތު ދެއްވާ
ވަރަށް މީރުކޮށް ކައްކަންވެސް ދެނެވަޑައިގަންނަވާ ޑރ. މުޙައްމަދު އަލީއަކީ 3 ކުދިންގެ ބައްޕައެކެވެ. ޢާއިލާއަށް ވަގުތުދެއްވަނީ ލިބޭ އޮފް ދުވަސްތަކުގައެވެ. އޮފް ދުވަސްތަކުގައި މީގެ ކުރިން، އުފަން ރަށުގައި ހުންނަ ކްލިނިކަށް ޚިދުމަތް ދެއްވަން ވަޑައިގަންނަވަނީވެސް ޢާއިލާއާއި އެކުގައެވެ. ހިލޭ ސާބަހަށް މި ޚިދުމަތް ދެއްވާއިރު އެއިން ކޮންމެ ވަގުތަކީވެސް ޢާއިލާއާއިއެކީ ހޭދަކުރެވޭ ވަގުތަކަށް ހައްދަވައެވެ.
" ހެނދުނު ސައިބޯނީ އަންހެނުންނާއެކު. މެންދުރު ކާނީވެސް ގެއިން އަންހެނުންނާ އެކު. ހަވީރުވެސް ގެއަށް ގޮސް ކޮފީއެއް ނުވަތަ ސައެއް ބޯނެ. ބްރޭކް ނަގައިގެންވެސް ހަމަ ޢާއިލާއާއެކު ވަގުތު ހޭދަކުރަން." މިއީ ކޮވިޑް-19ގެ ކުރިން ޑޮކްޓަރުގެ ވަގުތުތައް އޮންނަ ގޮތެވެ.
ޑޮކްޓަރަކަށް ވީނަމަވެސް ވަރުބަލިވެއްޖެނަމަ ކުރާ މަސައްކަތަށް އެހާ ބޮޑު ފަރުވާތެރިކަމެއް ނުބެހެއްޓޭނެއެވެ. އެހެންނަމަވެސް އެ ވަރުބަލިކަން ބަލިމީހާއަށް ނުދައްކާ ބަލިމީހާއަށް ޚިދުމަތް ކުރައްވާ ދިވެހި ޑޮކްޓަރުންގެ ތެރޭގައި ޑރ. މުހައްމަދު ޢަލީ ހިމެނެއެވެ.
" ކިތަންމެ ވަރުބަލިވެފައި ހުއްޓަސް، ބަލިމީހާއަށް މެއިންޓެއިން ކުރަންޖެހޭ އޯގާތެރިކަން ބަހައްޓަން، އެ ވަރުބަލިކަމާއިއެކު ބަލިމީހާއަށް ބަހައްޓަންޖެހޭ ފަރުވާތެރިކަން ދިނުން އެއީ ވަރަށް އުނދަގޫކަމެއް. އެހެންވިޔަސް އެހެން ދޫނުކުރަން އެއްވެސް ބަލިމީހެއް. އެމީހަކު ދެރަކޮށްލާފައި ނުފޮނުވަން. ވީ އެންމެ ރަނގަޅަށް ބަލަނީ ޚިދުމަތް ދެން."
2017ގެ ޑިސެންބަރުގައި އެތެރެހަށީގެ ޑޮކްޓަރެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރައްވަން ފެއްޓެވި ޑރ. މުހައްމަދު ޢަލީ އެންމެ ދެރަވަނީ އައިސީޔޫއަށް ލާންޖެހޭ ބަލިމީހުންގެ އެހީތެރިން ބައެއް ފަހަރު ބުނެލާ އެއްޗެހިންނެވެ.
" އައިސީޔޫގައި ވަރަށް ބޮޑަށް އެހީތެރިވަމުން ދާއިރުވެސް ރާއްޖެއިން ބޭރަށް ގެންދަން އަދި ރާއްޖެއިން މިފަރުވާ ނުލިބޭނެއޭ ނުދެވޭނޭ ބުނެ އެގޮތަށް ވާހަކަ ދައްކާއިރު ވަރަށް ދެރަވާ ގަޑިއެއް އެއީ"
ކުރިއާ ޚިލާފަށް މިހާރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުން މަދުވެފައިވާއިރު މިއީ ކޮވިޑުގެ ސަބަބުން ދިމާވި ކަމަކަށްވުމަކީވެސް އެކަށީގެންވާކަމެކެވެ. ޑޮކްޓަރު ވިދާޅުވި އެއީވެސް އެއް ސަބަބު ކަމަށާއި އަދި ރެސްޕިރޭޓަރީ ބަލިތަކަށް މިހާރު ރާއްޖޭގައި ވަރަށް ބޮޑަށް އިތުބާރު ލިބިފައިވުން އެއީވެސް ސަބަބެއްކަމަށެވެ.
" އެ އިތުބާރު ލިބިފައިވަނިކޮށް ކޮވިޑްއައީވެސް. ހަގީގަތުގައި ދިވެހި ޑޮކްޓަރުންގެ ޤާބިލްކަން އެނގި އެ ކަމަށް އިރުބާރު ލިބިފައި މިހާރުވަނީ''
ގެ ކުނިކެހުމާއި، ގޭތެރެ ސާފުކުރުމާއި، ދަރިން ފެންވެރުވުމާއި ނެޕީ ބަދަލުކުރުމާއި މިފަދަ ހުރިހާކަމެއްވެސް ކުރެއްވުމަށް ޑރ މުޙައްމަދު ޢަލީ ޖެހިލުމެއްނުވެއެވެ.
'' އާންމުކޮށް ކައްކާނީ އަންެހެނުން ބަލިވެގެން ނުވަތަ އެހެންކަމެއްގައި އަންހެނުން ބިޒީވެގެން އުޅެންޏާ. ކުކުޅު ރިހައާއި ކުކުޅާއި މަހުގައި ހަދާ އެކިކަހަލަ ކާއެއްޗެހި ކައްކަން އެނގޭނެ. ފްރައިޑް ރައިސްވެސް ވަރަށް ކަމުދާކަމަށް ބުނާނެ އެ ކާ މީހުން. ބިރިއާނީވެސް"
ޢާއިލާއަށް ވަގުތުދެއްވާއިރުވެސް ބަލިމީހެއްގެ ކަމެއް އަންނަހިނދު އިސްކަން ދެވެނީ އެކަމަށް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
'' ވަރަށް ގިނަ ފަހަރަށް ދުއްވާލަން ނުކުމެ އުޅޭއިރު ބަލިމީހެއް އައިސްގެން ދާންޖެހިދާނެ. ދެން ހޮސްޕިޓަލަށް ގޮސް އަންހެނުން ގޮނޑީގައި ބައިންދާފަ ވަންނަނީ. އެހެން އެބަ ދޭ ބައެއް ފަހަރު ގަޑި ދެގަޑިއިރުވެސް. ''މިއިން ކޮންމެ ކަމެއްގައި އަނބިކަނބަލުންގެ އެއްބާރުލުމާއި އެހީތެރިކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.
ރެސްޕިރޭޓަރީ މެޑިސިންއިން އަދި އިތުރަށް ކިޔަވަންބޭނުންވާ ޑރ. މުޙައްމަދު ޢަލީގެ ގިނަ އުންމީދުތަކެއްވެއެވެ. ބަލިމީހުންނަށް ލުއި ފަސޭހަގޮތެއްގައި ޚިދުމަތްދެވޭނެ ކަންކަމާމެދު ވިސްނާ އެކަމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.
އަލަށް މި ދާއިރާއަށް ވަންނަން ބޭނުން ޒުވާނުންނަށް ޑރ. މުޙައްމަދު ޢަލީ ދެއްވާ މެސެޖަކީ، ގިނަ ކުރިއެރުންތަކެއް ލިބެެންހުރި މިދާއިރާ އިޚްތިޔާރު ކުރާނަމަ ވަރަށް ބޮޑަށް ކެތްތެރިކަން އިސްކުރަންޖެހޭ ކަމަށެވެ.