ގދ. ނަޑެއްލާ އަށް އުފަން އާއިޝަތު ޝަރުމީލާގެ އުމުރަކީ 36 އަހަރެވެ. އޭނާގެ 18 އަހަރު ނުފުރޭ 5 ކުދިން ތިބީ ފިރިމީހާގެ ރަށުގައި ދެމަފިރިން ދިރިއުޅުނު ގޭގައި އެކަނިކަމަށް ވަނީ ބުނެފައެވެ. ޝަރުމީލާގެ ދެމަފިރިން ތިބީ މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައެވެ. 6 ވަނަ ދަރިފުޅު ވަނީ ހިތުގެ އޮޕަރޭޝަން ކުރުމަށްފަހު އިތުރުފަރުވާ އަށް އެ ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައެވެ.
" އަޅުގަނޑުގެ 6 ކުދިން ތިބޭއިރު އެންމެ ދޮށީ ދަރިފުޅަށް 17 އަހަރު. ދެން ހުންނާނީ 15 އަހަރު، 12 އަހަރު، 8 އަހަރު، 3 އަހަރުގެ ކުއްޖަކާއި އެއްއަހަރާއި 10 މަހުގެ ކުއްޖެއް. އެހެން ގޮތެއް ނެތިގެން އެކަނި 5 ކުދިން ގޭގައި ބައިތިއްބާފައި އަންނަން މިޖެހުނީ. ގޭތެރެއިން ހުރިހާ ކަމެއް ކުރެވޭނެ ގޮތް ހަމަޖައްސާފަވާނީ. އެކުދިން ގެއިން ބޭރަށް ނުނުކުންނާނެ. އަޅުގަނޑުގެ މަންމަ ދިރިއުޅެނީ ނަޑެއްލާގައި. ކޮވިޑްގެ ހާލަތާއި ގުޅިގެން މަންމައަށް ގއ. އަތޮޅަށް ކުދިން ކައިރިއަށް އަދި ދެވޭގޮތެއް ނުވޭ" ވަރަށް ދެރަވެފަހުރެ ޝަރުމީލާ ކިޔައިދިނެވެ.
މިރިޕޯޓުގައި ޝަރުމީލާގެ ފިރިމީހާގެ ރަށުގެ ނަން ނުހިމަނަން ނިންމީ އެ 5 ކުދިންގެ ރައްކާތެރިކަމަށް ވިސްނާފައެވެ. ޝަރުމީލާ މަޢުލޫމާތު ދިންގޮތުގައި އޭނާގެ އެންމެފުރަތަމަ ކައިވެނި ކުރެވުނީ އުމުރުން 18 އަހަރުގައެވެ. އަދި 19 އަހަރުގައި ފުރަތަމަ ދަރިފުޅު ލިބުނުއިރު އެކައިވެންޏަށް 4 ވަނަ ދަރިފުޅު ލިބުނުފަހުން ވަނީ އެކުދިންގެ ބައްޕަ ނިޔާވެފައެވެ.
" އެކުދިންގެ ބައްޕަ ނިޔާވީ ފިރިހެން ދަރިފުޅުގެ އުމުރުން 3 ވަނަ އަހަރު. ބޮޑު ބައްޔެއްވެގެނެއް ނޫން. ކުއްލިއަކަށް ނިޔާވީ. އަޅުގަނޑުގެ ހުންނަނީ 5 އަންހެން ކުދިންނާއި 1 ފިރިހެން ކުއްޖަކު"
އޭގެފަހުން ޝަރުމީލާ ކުރި ކައިވެންޏަށް ދެކުދިން ލިބުނުއިރު، ކުޑަދަރިފުޅު ހައްވާ ޖަމްޝާ ޖަމްޝާދުގެ ހިތުގެ އޮޕަރޭޝަން ކުރަންޖެހުނުގޮތް ވަނީ ކިޔައިދީފައެވެ.
" ދަރިފުޅުގެ އުމުރުން 5 މަހުގައި ވަރުގަދަ ރޯގާއެއް ޖެހުނީ. އެއިރު ގއ.ވިލިގިލީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީގެން ރަނގަޅުވީ. ހިތުން އިތުރު އަޑެއް އިވޭ ވާހަކަ ބުނި. އަދި ހިތް ހުންނަންޖެހޭ ވަރަށްވުރެ ބޮޑުކޮށް ފެންނަކަމަށް ބުނީ. އަދި އަސްލު މައްސަލައަކީ ކޮބައިކަން އެނގޭނީ އެކޯ ޓެސްޓް ހެދުމުން ކަމަށާއި، ވީހާ އަވަހަކަށް މާލެ ދާން ބުނި. އެކަމަކު އަތްމަތި ދަތިކަމުން ނުދެވި 9 މަސް ފަހުން އައްޑޫސިޓީ އަށް ދެވުނީ ޑޮކްޓަރަށް ދައްކަން"
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދެވުނީވެސް ޒަކާތު ރުފިޔާ ލިބިގެން ކަމަށް ޝަރުމީލާ ވަނީ ބުނެފައެވެ. އެ ހޮސްޕިޓަލުންވެސް ލަފާދީފައިވަނީ އައި.ޖީ.އެމް.އެޗްގައި ހުންނަ ކުޑަކުދިންގެ ހިތުގެ ޙާއްސަ ޑޮކްޓަރަށް ދެއްކުމަށެވެ.
" ފަހަރެއްގައި އޮޕަރޭޝަން ކުރަންޖެހިދާނޭ ވެސް ބުނި. އަދި އާސަންދައިގެ ދަށުން ދެވޭނެގޮތް ހަމަޖައްސައިދެވިދާނެ ކަމަށް ބުނި. ނޮވެމްބަރު މަހު އައްޑޫއަށް ދިޔައީ ކުޑަ 2 ކުދިން ގޮވައިގެން ދެމަފިރިން. ކޮވިޑުގެ މިހާލަތުގައި ދެކުދިން ގޮވައިގެން މާލެ ނައަންނަންވެގެން އަދި އިތުރަށް ޚަރަދުކުރާނެ ރުފިޔާއެއް ނެތުމުން އަނެއްކާވެސް ރަށަށް ދިޔައީ. އަދި މިއަހަރު އޭޕްރީލް މަހު ފިރިމީހާ ރަށުގައި މަޑުކުރުމަށްފަހު އަޅުގަނޑު އައީ ކުޑަ ދަރިފުޅު ގޮވައިގެން ޑޮކްޓަރަށް ދެއްކުމަށް މާލެއަށް. ޑރ. އެލީނާ އަށް ދައްކާ ހުރިހާ ޓެސްޓުތަކެއް ހެދުމަށްފަހު ރަށަށް ދިޔައީ އޮޕަރޭޝަން ކުރާ ދުވަހަށް އަންނަން. އެނބުރި އޮޕަރޭޝަން ކުރަން މިއައީ ފިރިމީހާ އާއި އެކު. އަޅުގަނޑު އެކަނި ހުރެގެން ފަރުވާގެ ކަންތައްތައް ކުރިއަށް ނުގެންދެވޭނެތީ" ޝަރުމީލާ ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.
މިމަހު 24 ވަނަ ދުވަހު ޖަމްޝާގެ ހިތުގެ އޮޕަރޭޝަން ކުރެވުނުއިރު، އޮޕަރޭޝަން އަށް ފަހު ދޮޅުމަސްދުވަހު ހޮސްޕިޓަލުގައި މަޑުކުރަންޖެހިދާނެ ކަމަށް އޭޑީކޭގެ ލިޔުމުގައިވަނީ ބުނެފައެވެ.
" ޑޮކްޓަރު ބުނީ ދަރިފުޅުގެ ހިތުގެ ލޭހޮޅިއަކުން ލީކުވެފައިވާކަމަށާއި ހިތުގެ މެދުގަ ބޮޑު ލޯވަޅެއް އިންނަކަމަށް. އަދި މިހާރުވަނީ ލޯވަޅު ބައްދައިފައި." ޝަރުމީލާ ބުންޏެވެ.
އާސަންދަ އަދި އެންސްޕާއިން ބޭސްފަރުވާ ހަމަޖެހުނު ކަމުގައިވިއަސް އޭޑީކޭ ކެންޓީނުން ކާއެއްޗެހި ގެނެސްގެން ކާންޖެހުމުން ބޮޑު ހޭދައެއް ކެއުމަށް ޚަރަދު ކުރަންޖެހޭކަމަށް ވަނީ ފާހަގަކޮށްފައެވެ.
" އަޅުގަނޑު ފިރިމީހާއަކީ ރުފިޔާ ހޯދުމަށް ކުރިން މަހަށް ދިޔަ މީހެއް. މިހާރު އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރާތީ ދަރިފުޅުގެ ބޭސްފަރުވާ ނިމެންދެން ކެއުމާއި މާލޭގައި ހުރެވޭނެގޮތެއް ހަމަޖެއްސުމަށް އެހީތެރިކަމެއް ލިބުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެއް. އަޅުގަނޑުމެންނަކީ ވަރަށް ފަގީރު ޢާއިލާއެއް. މިދިޔަ ރޯދަމަހުގެ ކެއުން ހަމަޖެއްސީ ވެސް ފޭސްބުކް މަމްސް ގުރޫޕުގެ އެހީގައި" ޝަރުމީލާ ހިތްދަތިކަމާއިއެކު ކިޔައިދިނެވެ.
ރޯދަމަހުގެ ކުރިން ޢާއިލާގެ ޚަރަދުތައް ބަލަހައްޓަމުން ދިޔައީ ހެދިކާ ހަދައިގެން ފިހާރައެއްގައި ވިއްކަން ބަހައްޓައިގެން ލިބުނު ރުފިޔާއިން ކަމަށް ޝަރުމީލާ ވަނީ ބުނެފައެވެ. ދެމަފިރިންނަކީވެސް ގުރޭޑު 10 އާއި ހަމައަށް ކިޔެވުމުގެ ނަސީބުވެސް ލިބިފައިވާ ބަޔަކަށް ނުވުމުން ވަޒީފާއެއް ނުލިބޭ ކަމަށް ހިތާމައާއި އެކު ވަނީ ފާހަގަކޮށްފައެވެ.
ނޯޓް: މި ޢާއިލާއަށް ކޮންމެވެސް މިންވަރެއްގެ އެހީތެރިކަމެއް ލިބިފައިވާތީ، މި ރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ. އަދި 5 ކުދިން މިހާރުތިބީ ޝަރުމީލާގެ ފިރިމީހާގެ ޢާއިލާ މީހުންގެ ކައިރީގައި ކަމަށް ޝަރުމީލާ ވަނީ މަޢުލޫމާތުދީފައެވެ.
ޖުމްލަ 3 ކިޔުންތެރިންގެ ހިޔާލު
Thiya aailaa ah heyo rahumaiy lavvaashi..dharifulhah avas shifa eh minvarukurahvvaashi..
kobaitha palestine kudhin genea gen balaidhey hithun ulhunu meehun. Meegen kujjakah alhaaalaa haalu balalilaane bayaku neiytha. avahtereenge zimma eh neiytha?
Allah thibaah keitherikan dehvaa darifulhah avas shifaaeh minvaru kurahvaashi..
ކޮމެންޓްސް ބަންދުކުރެވިފައި