ޑީއާރުޕީގެ ކައުންސިލް މެންބަރެއްގެ އިތުރުން ސްޕޯކްސްޕާސަންގެ މަޤާމުގައި އަޅުގަނޑު މަސައްކަތްކުރިއިރު ޢަލީ ސާލިހު ވެސް މަސައްކަތް ކުރެއްވީ އެޕާޓީގެ ކައުންސިލް މެންބަރ އަދި މީޑިއާގެ އިސްބޭފުޅެއްގެ އިތުރުން ޕާޓީގެ އިސްމަޤާމުތަކެއްގައެވެ. އެއިރުވެސް މިހާރުވެސް ޢަލީ ސާލިހު ގެންދަވަނީ މީޑިއާއާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ. އަމާޒުވާ ފާޑުކިޔުންތަކަށް ބެލުމެއްނެތި ވަރުގަދަ އަޒުމެއްގައި މަސައްކަތްކުރުމުގެ ނަތީޖާއަކީ މިއަދު ދިރިއުޅުމުގައި އާދެވުނު ހިސާބު ކަމަށް ޤަބޫލުކުރެވެއެވެ.
ޢަލީ ސާލިހު
އައްޑޫ ސިޓީ ހިތަދޫ އަށް އުފަން ޢަލީ ސާލިހު އެންމެ ފުރަތަމަ ތަޢުލީމް ޙާސިލުކުރެއްވީ ނޫރާނީ ސްކޫލުންނެވެ. އެއަށްފަހު މާލޭ އީޕީއެސް ސްކޫލުން ގުރޭޑު 10 ނިންމިއިރު މަތީ ތަޢުލީމް ފުރިހަމަކުރެއްވީ ރާއްޖޭގެ އިންސްޓިޓިއުޓް މެނޭޖްމަންޓް އަދި ސްރީލަންކާގެ ކޮލަމްބޯ ބިޒްނަސް ސްކޫލުންނެވެ. މިގޮތުން ސްރީލަންކާއިން ސީއައިއެމްއޭ އާއި މެނޭޖްމަންޓް ދާއިރާއިން ތަޢުލީމް ވަނީ ހާސިލްކުރައްވާފައެވެ.
ވަޒީފާގެ ދާއިރާ
އުމުރުން 18 އަހަރު ނުފުރެނީސް އެންމެ ފުރަތަމަ ވަޒީފާއަދާކުރެއްވީ ސަން ޝިޔާމްގެ ސަންޓެރެވަލްސް އޮފީހުގެ މެނޭޖަރެއްގެ މަޤާމުގައެވެ.
1993ވަނަ އަހަރު އެކައުންޓް އޮފިސަރެއްގެ ގޮތުގައި މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގައި މަސައްކަތްކުރައްވަން ފެއްޓެވިއިރު، މަތިންދާބޯޓަށް އަޅާ ތެލާއިގުޅޭ އެކައުންޓްސް ޑިޕާޓްމަންޓުގެ ހުރިހާ މަސައްކަތެއް ކުރެވުނުކަމަށް ޢަލީ ސާލިހު ވަނީ ވިދާޅުވެފައެވެ. ވަޒީފާއިން ވަކިވިއިރު ހުރީ ކޮމާރޝަލް އޮފިސަރ އެއްގެ މަޤާމުގަ މިހާރުގެ އެމްއެސީއެލް ކުންފުނީގައެވެ.
" އެއަރޕޯޓުގައި އުޅެނިކޮށް ފުރަތަމަ ދިވެހި 500 އެކައުންޓެންޓުން ތަމްރީންކުރުމުގެ ޕްރޮގްރާމް ސަރުކާރުން ފެށި. މިގޮތުން މާލޭގައި ހިންގި އެސޯސިއޭޓެޑް އެކައުންޓިން ޓެކްނީޝަން ލެވެލް ކޯހުގައި އެއަރޕޯޓްސް އިން ބައިވެރިވިން. އެއަރޕޯޓުގައި އުޅެމުން ޗާޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް ހެދުމަށް ލަންކާއަށް ދިޔައިން. އެކަމަކު ވަޒީފާގައި ހުރެގެން ކޯސް ފުރިހަމަކުރަން ދިން މުއްދަތުގައި ކޯސް ފުރިހަމަ ނުވާތީ ވަކިވީ ވަޒީފާއިން"
އެއަރޕޯޓުގައި މަސައްކަތްކުރެވުން އެއީ ތަފާތު ދާއިރާތަކަކުން މަސައްކަތްކުރަން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ކަމެއްކަމަށް ވިދާޅުވިއެވެ.
" އެއަރޕޯޓްގެ ރެކްރިއޭޝަން ކުލަބް ހިންގިން އަދި އެއަރޕޯޓު ޑްރާމާހެދުމުގައި އިސްކޮށް ހަރަކާތްތެރިވެ 3 އަހަރު ޑްރާމާ ޑައިރެކްޓްކުރުމުގެ އިތުރަށް މިހާރުގެ މަޝްހޫރު ފިލްމީތަރި ކޮޕީ އިއްސެ ފިލްމީދާއިރާއަށް ނެރުނީވެސް އަޅުގަނޑު"
ކޮމާޝަލް ޑިޕާޓްމަންޓުގެ އެންމެ އިސް މީހެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު ވަޒީފާއިން ވަކިވެ، ސްރީލަންކާއިން ކޯސް ފުރިހަމަކުރެއްވިއެވެ. އެއަށްފަހު ސިމްޑީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އެސިސްޓެންޓް އެކައުންޓެންޓެއްގެ ވަޒީފާއަށް ވަނުމަށްފަހު ފަހިވި ފުރުސަތުތަކުގައި ވަނީ ކުންފުނީގެ ބޮންޑެޑް އޮޕަރޭޝަން އާއި ކުންފުނީގެ އިމްޕޯޓް އެކްސްޕޯޓް މެނޭޖަރެއްގެ އިތުރުން އިތުރު މަޤާމްތަކެއްވެސް އަދާކުރައްވާފައެވެ. އަދި ކުންފުނީގެ ސިސްޓަރ ކުންފުނިތަކުގެ ތެރެއިން ވަން އެންޑް އޮންލީ ކަނުހުރާ ރިސޯޓުގެ މާލޭ އޮފީހުގެ އެކައުންޓް ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުގައިވެސް ވަނީ މަސައްކަތްކުރައްވާފައެވެ.
ސިޔާސީ ދާއިރާއަށް ވަދެވުނީ ކިހިނެއް؟
ޢަލީ ސާލިހު ވިދާޅުވިގޮތުގައި ސިޔާސީ ދާއިރާގެ ފެށުން އައީ ކޮފީ މޭޒެއްގެ ކައިރިންނެވެ.
" ކޮފީއެއްގައި ދިމާވީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފު (މުންދު) އާ. މުންދު ދެއްވި ފުރުސަތެއްގައި ސިޔާސީ މައިދާނަށް ނުކުތީ. ވިދާޅުވި ހިގާށޭ ތިމަންނަމެންނާއި އެކީ މަސައްކަތްކުރަން. އަޅުގަނޑު ދެންނެވިން ކޮންކަހަލަ މަސައްކަތެއްހޭ. ދެން ހަވާލުކުރެއްވީ ޝީ ބިލްޑިންގ އެޕާޓްމަންޓްގެ ތަޅުދަނޑި އިންޓެލް މީޑިއާއެއް ހިންގަން" ޢަލީ ސާލިހު ވިދާޅުވިއެވެ.
މުންދުއާއި އެކީގައި މަސައްކަތްކުރައްވަން ފެއްޓެވީ 2007ވަނަ އަހަރު ފަހުކޮޅުގައެވެ. އޭގެ ފަހުން އައީ ވަރަށް ފޯރީގައި ރައީސް މަޢުމޫނު ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވި ދުވަސްވަރެވެ.
" 1 ޖެނުއަރީ 2008 ގައި ރައީސް މައުމޫން އާއި އެކީ އަމަލީގޮތުން މަސައްކަތްކުރަން ފުރުސަތު ލިބުނު. ރިޔާސީ އިންތިޚާބުން ބަލިވުމުން އެހާ ހިސާބުން މަސައްކަތް ނިންމާލަން ވިސްނިން. އެކަމަކު ރައީސް މައުމޫނުގެ ދަރިކަލުން ފާރިޝް ވިދާޅުވި އަދި އެހިސާބުން ނިންމާލާފަ ގެއަށް ދިޔަސް ކަމަކުނުދާނޭ، ޑީއާރުޕީގެ މީޑިއާގައި ކުރިއަށްދާށޭ. ފާރިޝް ދެއްވި ފުރުސަތެއްގައި ޑީއާރުޕީގައި މަސައްކަތްކުރަން ފެށީ"
ޑީއާރުޕީގައި މީޑިއާ ކޯޑިނޭޓަރެއްގެ އިތުރުން މަސްވެރިންގެ ގޮފީގެ ރައީސްކަންވެސް ކުރެއްވި ޢަލީ ސާލިހު ވަނީ އެންމެ އުފާވި މަސައްކަތްވެސް ހިއްސާކުރައްވާފައެވެ.
" ރައީސް މައުމޫނު ކޮންމެ އަހަރަކުވެސް ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމުގެ ޕްރޮގްރާމް ބާއްވަމުން އައީ. 2009ވަނަ އަހަރު އެކަން ކުރައްވާކަށް އެއްވެސް ބޭފުޅަކު ނޫޅުއްވާ. އަޅުގަނޑު އަމިއްލަޔަށް ރައީސް އަށް ނުވެސް ދަންނަވާ އިންތިޒާމްތަކެއް ރާވައިގެން ދަރުބާރުގެވެސް އަމިއްލަޔަށް ކުއްޔައްނަގާ އިންތިޒާމް ހަޖެއްސުމަށްފަހު ރައީސް އަށް ދެންނެވީމަ ރައީސް ވިދާޅުވި ތިކަންވާނެހޭ. ދިޓީވީގެ ނަވާލް އާއި ހިދާ އާއި ވާހަކަދައްކައިގެން ދިޓީވީއިން ދިން ފުރުސަތެއްގައި މި ޕްރޮގްރާމް 4 ރޭ ދިޓީވީއިން ދެއްކީ. ފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން އަޅުގަނޑަށް ޝުކުރު އަދާކުރެއްވި" މިއީ ޢަލީ ސާލިހަށް ލިބުނު ވަރަށްބޮޑު ހިންހަމަޖެހުމެއް ކަމަށް 'ޒީޓައިމްސް' އަށް ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.
ދެން ޑީއާރުޕީއަށް އައީ އޭގެކުރިން އެއްވެސް މީހަކު ހީކުރިފަދަ ދުވަސްތަކެއް ނޫނެވެ. ޕާޓީ ދެބައިވެގެންދިޔައީއެވެ. ކުރިން ރައީސް މައުމޫން އަރިހުގައި މަސައްކަތްކުރެއްވި ޢަލީ ސާލިހު އެހާހިސާބުން މަސައްކަތްކުރެއްވީ އަލަށް ޕާޓީ ހިންގުމާއި ހަވާލުވި އަހްމަދު ތަސްމީން ޢަލީ އާއި އެކުގައި ޑީއާރުޕީގައެވެ. ރައީސް މައުމޫން އާއި އެމަނިކުފާނަށް ތާއީދުކުރެއްވި ބޭފުޅުން އެހެން ޕާޓީއެއް އުފެއްދެވުމަށް ވަޑައިގެންނެވިއިރު ޢަލީ ސާލިހު ޑީއާރުޕީގައި މަޑުކުރުއްވި ސަބަބު ވަނީ ހިއްސާކުރައްވާފައެވެ.
" އަޅުގަނޑަށް ޤަބޫލުކުރެވުނީ ޑީއާރުޕީގެ ލީޑަރޝިޕާއި އެކީގައި މަސައްކަތްކުރުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް"
2012ވަނަ އަހަރުގެ ފެބުރުއަރީ 7ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމި ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ހަވާލުވެވަޑައިގެންނެވިއިރު ޢަލީ ސާލިހުވެސް ހިމެނިގެންގޮސްފައިވަނީ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެބޮޑަށް އިހުތިޖާޖުކުރި މީހުންގެތެރޭގައެވެ. ހުއްޓާނުލާ މަގުމަތީގައި ކުރިއަށްގެންދިޔަ އެއްވުންތަކުގައި އެއްރޭވަނީ ތަފާތު ކަމެއްވެސް ފެނިފައެވެ. ފެންފޯއް ރުކެއްގައި ޢަލީ ސާލިހު ހިފަހައްޓައިގެން ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާއިން މިހާރުވެސް ދަނީ ފެންނަމުންނެވެ. އެއިރު ހަމަ އެރުއް އުފުރާލީތޯ ދެންނެވި ސުވާލަށް ދެއްވީ މިޖަވާބެވެ.
" އަޅުގަނޑު ރުކެއް އުފުރާލާފަ ނޯންނާނެ. އުފުއްލައިގެން އުޅުނީ މަގުމެދުގަ އޮތް އެއްޗެއް އެއްކައިރި ކުރަން. އަދި އެއްކައިރި ކުރަނިކޮށް އެފެންނަނީ. އެއީ އެއިރުގެ ޙާލަތުގެ މަގުމަތީ ހަރަކާތުގެ ތެރެއިން މަންޒަރެއް. އެކަމާ ހިންހަމަނުޖެހޭ ފަރާތްތަކުގެ ކިބައިން މަޢާފަށް އެދެން. އަދި އެޔާ ވިއްދައިގެން ވަނަމުން ގޮވިޔަސް ފަރުވާލެއްނެތް. އެއިރު މިމައްސަލައިގައި ހައްޔަރުކޮށް ތަހުގީގުކުރި އަދި ޝަރީޢަތްވެސް ކުރިއަށްގެންދިޔަ. އެކަމަކު ސާބިތެއް ނުވި. އެއިރުވެސް މިހާރުވެސް މިދަންނަވަނީ ސީސީޓީވީ ފުޓޭޖްތައް ފުލުހުގަ ހުންނާނެ. ރުކެއް އުފުރާލަފައެއް ނުވާނޭ އަދި އަޅުގަނޑު މީ ރުކެއް އުފުރޭނެވަރު މީހެއްވެސް ނޫން. އެއީ މާމޮޅަށް ކުރެވުނު ކަމެއްކަމަށް ޤަބޫލުނުކުރަން. އަދި ތަކުރާރުކޮށް އެކަމާ ހިންހަމަނުޖެހޭ އެންމެ ބޭފުޅުންގެ ކިބައިން މަޢާފަށްއެދެން. މާބޮޑު ފަރުވާލެއް ނުބަހައްޓަން އެކަމާއި ގުޅުވައިގެން މީހުން އެއްޗެހިކިޔަސް" ޢަލީ ސާލިހު ވިދާޅުވިއެވެ.
ޑީއާރުޕީގައި މަސައްކަތް ކުރެއްވިއިރު އަހްމަދު ތަސްމީން ޢަލީ ދެއްވި ފުރުސަތެއްގައި ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ އިތުރުން ސްޓޭޓް މިނިސްޓަރެއްގެ މަޤާމްވެސް ޢަލީ ސާލިހުވަނީ ފުރުއްވާފައެވެ.
އަނެއްކާވެސް ސަރުކާރުގެ އިސްމަޤާމަކަށް!
ޑީއާރުޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުން އެޕާޓީ ދޫކޮށް އެމްޑީޕީއާއި ގުޅުނުހިސާބުން ޢަލީ ސާލިހު ޚިޔާރުކުރެއްވީ ޖުމްހޫރީ ޕާޓީއެވެ. އެޕާޓީގެ ކައުންސިލް މެންބަރެއްގެ އިތުރުން ޗީފް ސްޕޯކްސްޕާސަންގެ މަޤާމްގައި ހުންނެވި ޢަލީ ސާލިހު ވަނީ ރިޔާސީ އިންތިޚާބަށް ރައީސް ޢިބްރާހީމް މުހައްމަދު ސާލިހު ވާދަކުރެއްވިއިރު އުފެދިގެން އައި އިދިކޮޅު ކޯލިޝަންގެ މީޑިއާ ކޮމިޓީގައި ވެސް މަސައްކަތް ކުރައްވާފައެވެ. އަދި އިދިކޮޅު ހަރަކާތް ހިންގި ދުވަސްވަރު ޖޮއިންޓް ޕާޓީތަކުގެ މީޑީއާގަވެސް އިސްމީހަކަށް މަސައްކަތް ކުރެއްވިއެވެ.
ޖުމްހޫރީޕާޓީއިން ލިބުނު ފުރުސަތެއްގައި ޢަލީ ސާލިހު ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމްވެސް ފުރުއްވާފައެވެ. އަދި އެމިނިސްޓްރީގެ މަސައްކަތް އެންވަރމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުން މިހާރު ހުންނެވީ އެންވަރމެންޓް މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް މަޤާމްގައެވެ.
ދާދިފަހުން ވަނީ އިންޓަނެޓުގެ އަގަށް ކުރިއަށް އޮތްތާގައި އަންނާނެ ހެޔޮބަދަލުތައް ސަރުކާރުން އިޢުލާންކޮށްފައެވެ. އެހެންނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ ގެންނަންއުޅޭ ބަދަލުގެ ސަބަބުން ވަރަށް އަވަހަށް ޕެކޭޖު ހުސްވެދާނެކަމަށެވެ. އެއަންނަ ބަދަލުގެ ފައިދާއާއި ގެއްލުމަކީ ކޮބައިތޯ ދެންނެވި ސުވާލަށްވެސް ޢަލީ ސާލިހު ވަނީ ޖަވާބު ދެއްވާފައެވެ.
" މިހާރުން މިހާރަށް ގެނެވުނު ބަދަލަކީ އެއީ ފެށުމެއްކަމަށް ވަޒީރުވަނީ ވިދާޅުވެފަ. އެއާއި އެކު ކުރިއަށް އޮތްތާގައި ކަންތައްތަކެއް ރަނގަޅުވެގެން ދާނެ. އެބޭފުޅުން އެވިދާޅުވަނީ މުޅިއަކުން ގޯސް ވާހަކައެއް ނޫން. ޖީބީކޮޅު ހުސްވިކަމުގައިވިއަސް ބޭނުންކުރެވޭނެ. ބޫސްޓަރު އަޅަންޖެހޭ ކުރިން ޕެކޭޖު ހުސްވީމަ. އެކަމަކު މުސްތަޤުބަލުގައި ބޫސްޓަރު އަޅާކަށް ނުޖެހޭނެ. ބައެއް ފަހަރު 2000 ރުފިޔާވެސް އެބަދައްކާ ބިލަށް ބޫސްޓަރ އަޅަންޖެހުމުން. ގެނެވުނު ހެޔޮބަދަލުތަކުގައި ތްރޮޓްލްވާ ވަރު ވަނީ 300 އިން ދަށުގެ ޕެކޭޖްތަކަށް 2 އެމްބީޕީއެސް އަދި 300 އިން މަތި 5 އެމްބީޕީއެސް. އަދި 1 ޖުލައިގައި ފެށުމަށް ހަމަޖެއްސުމުގެ މައިގަނޑު ސަބަބަކީ ކުންފުނިތަކުގެ ބިލިންސައިކަލް އަށްވެސް ތަންދީ މިބަދަލު ގެނައުން" ޢަލީ ސާލީހު ވަރަށް ތަފްސީލްކޮށް ވިދާޅުވިއެވެ.
ޢަލީ ސާލިހު އާއި މެދު ދެކޭގޮތް
އެކީގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ސިފަކޮށްފައިވަނީ "ހުރިހާ އޮޑިއަކަށްވެސް ބޭނުންތެރި ކުޅަދާނަ މަސައްކަތްތެރި ފަޅުވެރިންގެ ތެރޭގަ" ޢަލީ ސާލިހު ހިމެނޭނެ ކަމަށެވެ.
ޢަލީ ސާލިހު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އިރު މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަޙްމަދު ޝަފީޢު ދެކެވަޑައިގަންނަވާ ގޮތް ބަލާލީމެވެ.
" ޢަލީ ފާހަގަކުރެވެނީ އެކުރައްވާ މަސައްކަތެއްގައި އަމިއްލަ އިސްނެގުމާއި ޝައުގާއިއެކީގައި ނަތީޖާތަކެއް ނެރެދެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެއްގެގޮތުގައި. މުވައްޒަފުންނާއި ވަރަށް ގާތުން މަސައްކަތްކުރައްވާ. އަދި މީޑިއާއާއި އެކު އެއޮންނަ ގުޅުމުގެ ސަބަބުން ސަރުކާރުން ކުރިއަށްގެންދިޔަ މަސައްކަތްތައް މީޑިއާއާއި ހަމައަށް ގެނެސްދިނުމަށް ފަސޭހަވެގެންދިޔަ" ޝަފީޢު ވިދާޅުވިއެވެ.
މީގެއިތުރުން ޓީވީއެމް އަދި ވީޓީވީގައި ވެސް އިސް މަޤާމްތަކެއް ފުރުއްވާފައިވާ މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ޢަލީ ސާލިހަކީ ވަރަށްކުރިއްސުރެ ދަންނަ ރައްޓެއްސެއް ކަމަށެވެ.
" ވަރަށްގިނަ ކަންކަން ޢަލީ ސާލިހާއި އެކީގައި ކޮށްފައި ހުންނާނެ. މީޑިއާގެ ކަންކަމުގައި ކަންތައްތައް އިންތިޒާމްކޮށް ހަމަޖައްސައިދޭނެ. ކަންކަމާއި ކުރިމަތިލާންކެރޭ ބޭފުޅެއް. ކަންކަން އިންތިޒާމްކުރުމުގައި ނަތީޖާނެރޭ ބޭފުޅެއް. އުދަގޫވާކަންކަން ޢަލީ ސާލިހު ކައިރީގައި ބުނުމުން ވަގުތުން އިންތިޒާމްކޮށްލަދޭނެ. ކޮންމެ މީހަކާއިވެސް ވާހަކަދައްކަން ކެރޭ ރަނގަޅު މެނޭޖަރެއް" މޮންދު ވިދާޅުވިއެވެ.
ނިންމުން
ޢަލީ ސާލިހަށް ލިބޭ އެންމެބޮޑު ހިންހަމަޖެހުމަކީ ވަރަށް ކައިރިން ދިވެހިރާއްޖޭގެ 3 ރައީސުންނާއި އެކު މަސައްކަތްކުރައްވަން ފުރުސަތު ލިބުމެވެ. އަދި ހަޔާތުގައި އެންމެ ގިނަ ކަންތައްތައް ތަޖުރިބާކުރެވި ދަސްވީ މިގޮތަށް މަސައްކަތްކުރެއްވިއިރުގައި ކަމަށް ފާހަގަކުރެއްވިއެވެ.
ދެކުދިންގެ ބައްޕައެއް ކަމުގައިވާ ޢަލީ ސާލިހުގެ ހަޔާތުގައި އެންމެ ދެރަވީ 2009ވަނަ އަހަރު އަމިއްލަ ބައްޕަ ނިޔާވިދުވަހުއެވެ. އަދި އެންމެ އުފާވީ ކޮންމެ ފަހަރަކުވެސް ކުއްޖަކު ލިބެންއުޅޭކަން އެގުމާއި އަދި އެކުދިން އުފަންވާ ވަގުތުކަމަށް ވަނީ ފާހަގަކޮށްފައެވެ. އިންޓަވިއު ނިންމާލަމުން ވަނީ ދިރިއުޅުމުގައި ކުރިއަށްދިއުމަށް އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި ޚާއްސަގޮތެއްގައި ސިޔާސީ މައިދާނުގައި ހޯދުނު ހުރިހާ ކާމިޔާބީއެއްގެ ސިއްރަކީ އަނބިކަނބަލުންނާއި ޢާއިލާ ކަމުގައިވަނީ ފާހަގަކުރައްވާފައެވެ.
ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު
ވަރަށް ހިންގުންތެރި ބޭފުޅެއް އަލީ އަކީ ސާބަސް ތި ކުރައްވާ ހިތްވަރަށް
Meehun kiyaa eccehakah balaane kameh nei thee hama best state inister.
ކޮމެންޓްސް ބަންދުކުރެވިފައި