ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިތުރަތުގެ ސާފު ކަންމަތީގައެވެ. އެހެންނަމަވެސް ދެލޮލުގެ ނޫރު ފަދައިން ބޮޑުކުރަމުން އަންނަ ކުދިން އުމުރުގެ ވަކި ހިސާބަކުން ކުށުގެ ވެށީގައި ހަރަކާތްތެރިވަމުން ދާތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ. މިފަދަ ހާލަތެއް ކުރިމަތިވުމުން ދަރިން ތަރުބިއްޔަތު ކުރުމުގައި ތިމާއަށް ހެދުނީ ކޮން ގޯހެއްތޯ ސުވާލުކުރެވޭތަން އާދެއެވެ.
ދަރިފުޅު ބެލުމުގެ ޒިންމާ އިތުބާރު ކުރެވޭ މީހަކާއި ހަވާލުކުރަމާ
ބައެއް ބެލެނިވެރިންނަކީ ގޭގައި ގެންގުޅޭ ބިދޭސީ މީހާއާއި ނުވަތަ ވަކިގަޑިއިރަކަށް ނުދަންނަ މީހަކަށް ރުފިޔާ ދޭގޮތަށް ގެއަށް ގެނެސްގެން ދަރިފުޅު ބެލުމުގެ ޒިންމާ ހަވާލުކުރުމަށްފަހު އޮފީހަށްދާ މީހުންނެވެ. އަނެއްބައި ބެލެނިވެރިންނަކީ އާއިލާގެ ކޮންމެވެސް މީހަކާއި ދަރިފުޅު ހަވާލުކުރުމަށްފަހު އޮފީހަށް ދާ ބެލެނިވެރިންނެވެ. ވަޒީފާ އަދާކުރިއަސް ދަރިފުޅު ބަލަން ހަވާލުކުރަންވާނީ އިތުބާރުކުރެވޭވަރުގެ މީހަކާއިއެވެ.
މިފަދަ ގޮތަކަށް މީހަކާއި ދަރިފުޅު ހަވާލުކުރާނަމަ ގޭގައި ކެމެރާ ހަރުކުރުމަކީ މުހިންމު ކަމެކެވެ. އެއިރުން އޮފީހުގައި ހުންނަ ވަގުތުތަކުގައި ދަރިފުޅު އުޅޭ ނުއުޅޭ ގޮތް ފަސޭހައިން ބަލައިލެވިދާނެއެވެ. އަދި ގުޅާފަވެސް ދަރިފުޅާއި ވާހަކަދެއްކުން މުހިންމެވެ. އެއިރުން ދުރުގައި ހުރި ކަމުގައިވިއަސް އަބަދުވެސް މައިންބަފައިންގެ އަޅައިލުން ލިބެމުންދާކަން އެ ދަރިފުޅަށް އިހުސާސްވާނެއެވެ.
ދަރިފުޅާއި އެކު ގިނަ ވަގުތު ހޭދަކުރުމަށް އިސްކަން ދިނުން މުހިންމު
ދިރިއުޅުމުގައި އަދާކުރަންޖެހޭ ޒިންމާތައް ވަރަށް ގިނައެވެ. ޚާއްސަކޮށް ކޮވިޑުގެ ދުވަސްވަރު ގޭގައި ދަރިފުޅާއިއެކު އޮފީސް މަސައްކަތްކުރާ މަންމައިންވެސް މަދެއް ނޫނެވެ. މިފަދަ ހާލަތްތަކުގައިވެސް ދަރިފުޅަށް ދެވޭ ވަގުތު މަދުވެއެވެ. ދަރިފުޅާއިއެކު ގިނަ ވަގުތު ހޭދަކުރުމުން އެކުދިންނަށް ދިރިއުޅުމުގައި ދިމާވާ ކަންތައްތައް ހިއްސާކުރުމަށް ފަސޭހަވާނެއެވެ.
ދެމަފިރިން ވަޒީފާގައި އުޅެމުންދަނިކޮށް މަގުއޮޅި މިހާރު ޖަލުގެ ތޭރިތަކުގެ ފަހަތުގައި ހުކުމް ތަންފީޒުކުރަމުންދާ ކުއްޖެއްގެ ބެލެނިވެރިއެއްގެ ތަޖުރިބާ މިހިސާބުން ހިއްސާކޮށްލާނަމެވެ.
" ދެމަފިރިން ވަޒީފާއަށްދާ ވަގުތުތަކުގައި ދަރިފުޅު ގެއިން ބޭރަށް ދާން ފެށީ. އެހެންގޮސް އެހިސާބުގައި މަގުމަތީގައި ގިނަވަގުތު އުޅޭ ކުދިންތަކަކާއި ދަރިފުޅާއި ގާތް ރަހުމަތްތެރިކަމެއް އުފެދި އެކުދިންގެ ބަސް ގަބޫލުކޮށް ކުށަށް އަރައިގަންނަން ފެށީ. އަޅުގަނޑުމެންނަށް ހަގީގަތް އެނގުނީވެސް މާރާމާރީއެއްގައި ދަރިފުޅު ހައްޔަރުކުރުމާއި ހަމައިން. އެއިރު ވަގުތު ފާއިތުވެއްޖެ"
ދަރިފުޅު ހިޔާރުކުރަނީ ރަނގަޅު ރައްޓެހިންތޯ ބަލަމާ
ދަރިފުޅާއިއެކު ގިނަ ވަގުތު ހޭދަކުރެވުނުނަމަ އެދަރިފުޅަށް އަންނަ ބަދަލުތައް ބެލެނިވެރިންނަށް އެނގޭނެއެވެ. އަދި ދަރިފުޅު ވަގުތު ހޭދަކުރަމުންދަނީ ކޮންކަހަލަ ރައްޓެހިންތަކަކާއި އެކު ތޯ ބެލުން މުހިންމެވެ. އެހެންނޫނީ ފަހުވަގުތު ހިތާމަކުރަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
ޒަމާން ބަދަލުވެއްޖެއެވެ. ސޯޝަލް މީޑީއާއިން ވެސް އުފެދޭ ރައްޓެހިކަމުގައި ބައެއްފަހަރު ކުދިން މަގުންކައްސާލާތަން އެބަ އާދެއެވެ. ސޯޝަލް މީޑިއާ ވެސް ބޭނުންކުރަނީ އެންމެ އެކަށީގެންވާ ގޮތަށްތޯ ސަމާލުކަންދޭންޖެހެއެވެ. އަދި ހަމަ އެއާއިއެކު ދަރިފުޅު ސްކޫލުންނާއި އެހެނިހެން ގޮތްގޮތަށް ޚިޔާރުކުރާ ރައްޓެހިންގެ ފަތިފުށްވެސް ހޯދަންޖެހެއެވެ. ސަބަބަކީ ކުޑަކުދިން ބޭނުންކޮށްގެން ތަފާތު ކުށްކުށަށް އަރައިގަންނަ މަންޒަރު ފެންނަމުންދާތީއެވެ. މީގެތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިއާއި ވައްކަމުގެ އިތުރަށް މާރާމާރީ ފަދަ ކުށްތައް ހިމެނެއެވެ.
ދަރިފުޅު ގޯސް މަގެއް ހިޔާރުކޮށްފިނަމަ އަމަލު ކުރާނީ ކިހިނެއް
ތިމާގެ ދަރިފުޅު ތިމާއަށް ދޮންފުތުވާނޭ ބުނާއަޑު އަހަމެވެ. އަމިއްލަ ދަރިފުޅު ކަމުގައިވިއަސް ކުށަކަށް އަރައިގަނެފިނަމަ އެކަން ސިއްރު ނުކޮށް ފުރަތަމަ ދުވަހުވެސް އެކަމަށް އެކަށީގެންވާ އަދަބު ދޭންޖެހެއެވެ. އަދި ވަގުތުން އެކުރާ ގޯސްކަންތައް ހުއްޓުވައި އެކަމުގައި ހުރި ނުބައިކަން ދަރިފުޅަށް ވިސްނައިދޭންޖެހެއެވެ. ކުރާ ކުށްތައް ސިއްރުކޮށްފިނަމަ ދަރިފުޅު އަރައިގަންނާނީ ދެން އެއަށްވުރެ ބޮޑު ކުށަކަށް ކަމަށްވުން އެކަށީގެންވެއެވެ. މިފަދަ ހާލަތެއްގައި އަމިއްލައަށް ކުރާ މަސައްކަތުން ދަރިފުޅު ހަމަ މަގަށް ނެއެޅުވިއްޖެނަމަ ތަޖުރިބާކާރު މީހެއްގެ ނުވަތަ ކަމާއިގުޅުންހުރި މުއައްސަސާއެއްގެ އެހީތެރިކަންވެސް ހޯދުން ރަނގަޅެވެ.
ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށް އިސްލާމީ ތަރުބިއްޔަތު ދެމާ
ދަރިންނަކީ މައިންބަފައިންނާއި ހަވާލުކުރެވިފައިވާ ވަރަށް މަތިވެރި އަމާނާތެކެވެ. ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުމަށް އެންމެ ފުރަތަމަ މައިންބަފައިން ނަމޫނާ ދައްކަން ޖެހެއެވެ. މައިންބަފައިން ދޭ ނަސޭހަތާއި އިރުޝާދު އެންމެ ފަސޭހައިން ކުދިންނަށް އަސަރުކުރާނީ މައިންބަފައިން އަމަލުތައް އެންމެފުރަތަމަ އެގޮތަކަށް ބަހައްޓައިގެންނެވެ.
ދަރިން ދެކެ ލޯބިވުމަކީ އެކުދިން ބޭނުންހާ ކަމެއް ކޮށްދިނުމެއް ނޫނެވެ. އަދި ބޭނުންތަނަކަށް ދިއުމުގެ މިނިވަންކަން ދިނުމެއްވެސް ނޫނެވެ. ހަގީގީ ލޯބި އެކުދިން ދެކެ ވާނަމަ އިސްލާމީ ރިވެތި ތަރުބިއްޔަތަކުން އެ ދަރިން ތަރުބިއްޔަތު ކުރުމަށް އިސްކަންދޭންޖެހެއެވެ.