މުހައްމަދު ރައޫފު އަކީ ސްކޫލު ދައުރުން ފެށިގެން އިޖްތިމާއީ ހިދުމަތްތެރިއެވެ. ސްކޫލުގައި އިތުރު ހަރަކާތްތަކާއި ހައުސް ކެޕްޓަންކަން ކުރެއްވުން ފަދަ ލީޑަރޝިޕްގެ ރޯލްތަކުން ވިދާލިއެވެ. މިހާރު އޭނާ އަކީ ނ. ކެނދިކުޅުދޫގެ ކުދިބޮޑު އެންމެންގެ ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ އެރަށުގެ ރައީސްއެވެ. ކެނދިކުޅުދޫ ކައުންސިލުގެ އިންތިހާބީ ރައީސް އެވެ.
ރައޫފުގެ ތައުލީމީ ހަޔާތަށް ޖެހިލާއިރު ތައުލީމީ ބިންގާ އެޅުއްވި މަދަރުސާއަކީ ކެނދިކުޅުދޫ ސްކޫލެވެ. އޭރު އެރަށުން ކިޔެވެންއޮތީ ގްރޭޑް 7 އާއި ހަމައަށް ކަމަށްވާތީ 7 ނިންމެވުމަށްފަހު ދެން ވަޑައިގެންނެވީ ށ. އަތޮޅު ތައުލީމީ މަރުކަޒަށް، ށ ކޮމަންޑޫ އަށެވެ. އެ މަދަރުސާގައި ގްރޭޑް 7 ން ގްރޭޑް 10 އަށް ކިޔަވާވިދާޅުވިއެވެ.
އޯލެވެލްއިން ރަނގަޅު ނަތީޖާއެއް ހާސިލް ކުރައްވައިގެން އޭރު މާލޭގައި އޭލެވެލްއަށް ކިޔަވައިދޭ މަރުކަޒު ސީއެޗްއެސްއީގެ ގްރޭޑް 11، 12 އިން ޖާގަ ހޯއްދަވައިގެން ދެން ވަޑައިގެންނެވީ މާލެއަށެވެ. މާލެއިން މަދަރުސީ ތައުލީމު ނިންމަވާލެއްވުމަށްފަހު ދެން ގަސްދު ކުރެއްވީ ޤައުމީ ހިދުމަތަކާއި ގުޅިވަޑައިގެންނެވުމަށެވެ.
އަމިއްލައަށް ކެރިއަރު ހިޔާރުކުރަން ލިބުނުނަމަ ވަންނާނީ ސިފައިންގެއަށް
އޭލެވެލް ނިންމެވުމަށްފަހު އިހްތިޔާރު ކުރާނެ ވަޒީފާއެއް ރައޫފުގެ އަމިއްލަފުޅު އިހްތިޔާރަށް ދޫކޮށްލެއްވިނަމަ މިއަދު ހުންނަވާނީ ސިފައިންގެ ބޭކަލެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ. ނަމަވެސް މަންމަމެންގެ އެދުމުގެ މަތިން އެ ހިޔާލު ދޫކޮށްލައްވާ އެއްގޮތަކަށްވެސް ޝައުގުވެރިކަމެއް ނެތް 'ޓީޗިން' ދާއިރާ ހިޔާރު ކުރެއްވީ 2004ވަނަ އަހަރުގައެވެ. ޓީޗިން ކޯސް ހައްދަވައިގެން ބިޒްނަސް ސްޓަޑީސް މުދައްރިސަކަށް ދަރުމަވަންތަ ސްކޫލުގައި 5 އަހަރު އުޅުއްވިއެވެ. އެއަށްފަހު ކެނދިކުޅުދޫ ސްކޫލުގެ މުދައްރިސަކަށް ބަދަލުވެ 2 އަހަރު ކިޔަވައިދެއްވުމަށްފަހު ޓީޗިން ކެރިއަރ ނިންމަވާ ލެއްވިއެވެ. "އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޓީޗަރުން އެ ކުރާ މަސައްކަތުގެ އަގު ވަޒަނެއް ނުކުރެވޭ. އެހެންވެ ޓީޗިން ދާއިރާ ދޫކޮށްލީ" ރައޫފު ވިދާޅުވިއެވެ.
އޭގެ ފަހުން ވަޒީފާ އަދާކުރެއްވީ ކެނދިކުޅުދޫ ކައުންސިލުގައި މުނިސިޕަލް އޮފިސަރެއްގެ މަގާމުގައެވެ. އެއަށްފަހު އަނބިކަނބަލުންގެ ރަށް އޭދަފުއްޓަށް ހިޖުރަކުރެއްވިއެވެ. އަދި ވިލާ ކޮލެޖްގެ އޭދަފުށީ ކެމްޕަސްގައި ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމެންޓް އިން ޑިގްރީއަށް ކިޔަވަން ފެއްޓެވިއެވެ. އަހަރެއްހާ ދުވަހަށްފަހު ކިޔެވުމުން ބްރޭކެއް ނަންގަވައިގެން ބޯޓެއްގައިވެސް ރައޫފު މަސައްކަތް ކުރެއްވިއެވެ. މާލެއާއި ނޫނު އަތޮޅާއި ދެމެދު ދަތުރު ކުރާ ބޯޓެއްގައި އުޅުއްވުމަށްފަހު އަނެއްކާވެސް ކިޔެވުން ކުރިޔަށް ގެންދަވަން ފެއްޓެވިއެވެ. ރައޫފު ވިދާޅުވީ ކިޔެވުމުގައި "އެންމެ ބޮޑު ހިތްވަރަކީ އަންހެނުން (އައިޝަތު ހަލީމް). ކިޔަވަން ވަރަށް ބާރު އަޅާ އަންހެނުން."
ސިޔާސީ ދާއިރާއަށް ޝައުގުވެރިވީ ކިހިނެތް؟
ރައޫފުގެ އާއިލާގައި ސިޔާސީ މަގާމުތައް ފުރުއްވި ބޭފުޅުން ތިއްބެވިއެވެ. ކާފައަކީ ކުޑަކަތީބެކެވެ. ކޮއްކޮ ހަސަން ޒައީމް އަކީ ކެނދިކުޅުދޫ ކައުންސިލުގެ ފުރަތަމަ އިންތިހާބީ ރައީސްއެވެ. ސިޔާސީ ދާއިރާއަށް ޝައުގުވެރިވީ ރަށުން ބޭރުގައި އެކި ރަށްރަށުގައި ތައުލީމު ހާސިލުކުރައްވަން އުޅުއްވި ދުވަސްވަރު އިޖްތިމާއީ ކަންކަމުގެ ތެރޭގައި އުޅުއްވުމުގެ ސަބަބުން ކަމަށް ރައޫފު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ކަންކަމަށް ލޯހުޅުވިފައި ހުރީއެވެ. ރައޫފުގެ ސިޔާސީ ހަރަކާތުގެ ފެށުމަކީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ސިޔާސީ ޕާޓީއެކެވެ. ނަމަވެސް މިއަދު ކެނދިކުޅުދޫގެ ރައީސްކަމުގައި އެ ހުންނެވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.
ސިޔާސީ ފިކުރު ބަދަލުވީ ކީއްވެތޯ އަހާލުމުން ވިދާޅުވީ "ކިރިޔާވެސް އާންމު ރައްޔިތަަކަށް ކުރިއެރުމެއް ލިބިފައި އޮތް ޕާޓީ އަކީ އެމްޑީޕީ. ހުރިހާ އެންމެންނަށްވެސް ކުރިޔަށް ދެވޭހެން ހުޅުވާލެވިފަ އޮތް ޕާޓީއެއް ވީމަ. މި ޕާޓީގެ ސިޔާސަތުތަކާއި ފިކުރު ރަނގަޅުވީމަ. އެމްޑީޕީގެ ބައެއް މީހުން ކަންކަން ކުރާގޮތް މީސްމީހުންނަށް ކަމުނުގޮސްގެން އުޅެފާނެ. އެކަމަކު ފިކުރު ކަމުނުދާ މީހަކު ނޫނީ އެއަށް އިންކާރުކުރާ މީހަކު ހިޔެއް ނުވޭ އުޅޭނެހެން."
އަތޮޅުގެ އެއްރަށް އަނެއް ރަށުގެ މެދުގައި އޮންނަ ވާދަވެރިކަމާ ކައުންސިލުތަކުގެ ބަދަހިކަން ހުރި މިންވަރާއި ގުޅޭ ގޮތުން ރައޫފު ވިދާޅުވީ "ރަށުވާދަވެރިކަން އޮވޭ އަތޮޅުތެރޭގައި. އެހެންނަމަވެސް ވަރަށް އަންޑަސްޓޭޑިން ކައުންސިލް މީޓީންތަކުގައި ހުރިހާ ރައީސުންވެސް. ވަރަށް އެއްގޮތް ވާހަކަތަކެއް ހުންނަނީ."
އެހެންނަމަވެސް ލާމަރުކަޒީ ގާނޫނުން ވަކިކޮށްފަ ހުރި ބާރުތަކުގެ ތެރެއިން އަތޮޅުގެ ރައީސްގެ ވިސްނުންފުޅަކީ ބާރުތައް މުޅި އަތޮޅުތެރެއަށް ބަހާލުން ކަމަށް ރައޫފު ފާހަގަ ކުރެއްވިއެވެ. "އަތޮޅުވެރިކަން ކުރާ ރަށް، އެހެންރަށްރަށާއި ޖެހޭ ގޮތަށް މިވޭތުވެދިޔަ ތަނުގައި ކަންކަން ކޮށްފަ ހުރީ. އަތޮޅުވެރިކަން ކުރާ ރަށްރަށުން އެހެން ރަށްރަށަށް ކަންކަން ނުކޮށްދެނީއޭ އެ އިހުސާސް ރައްޔިތުންނަށް ކުރެވޭ ގޮތަށް ކަންކަން ކޮށްފަ ހުރީ. ސިޔާސީ ކަންކަންތަކެއްގެ ތެރެއިން ސިޔާސީ ބޭފުޅުން އެއްރަށް އަނެއް ރަށާއި ޖައްސަން އުޅެފަ މިއޮތީ. މިކަން ކެނޑޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ މިހާރު މިއައި ބަދަލާ އެކީގަ" ރައޫފު ވިދާޅުވިއެވެ.
ކެނދިކުޅުދޫގައި ކުރިއަށްދާ މަޝްރޫއުތައް
ފަނަރަސަތޭކައެއްހާ މީހުން ރަށުގައި ދިރިއުޅޭ ކެނދިކުޅުދޫގެ ތަރައްޤީއަށް ކައުންސިލުން ކުރިއަށްގެންދަވާ ބައެއް ކަންކަތައްތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ރައޫފު ވިދާޅުވީ މަސްފެކްޓްރީއާއި، ކުޑަކުދިންގެ ޕާކާއި، ބަނދަރުގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި ބޯފެން ހޮޅި ވަޅުލުމުގެ މަސައްކަތާއި ނަރުދަމާގެ ނިޒާމުގެ ބޮޑުބައެއް ނިންމާލާފައިވާ ކަން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ކައުންސިލުން ވަރަށް އިސްކަމެއްދީގެން ކުރައްވަމުންގެންދަވާ ކަމަކީ ރަށުގެ ލޭންޑްޔޫސް ޕްލޭނަށް ބޭނުންވާ މައުލޫމާތު އެއްކުރެއްވުމެވެ. ރައުފޫ ވިދާޅުވީ އަމާޒަކީ އެކަން ނިމުނުހާ އަވަހަކަށް ލޯކަލް ޓޫރިޒަމަށް ބޭނުންވާ ބިން ދޫކުރުން ކަމަށެވެ.
ސަރުކާރުގެ ނޫ އިގްތިސާދުގެ ކޮންސެޕްޓާއި އެކު ކައުންސިލުން މިސްރާބު ހިފާފައިހުރީ އިއާދަކުރަނިވި ހަކަތައާ ދިމާލަށެވެ. އެރަށުގެ ރައްޔިތުންނަށް ލުއި ގޮތަކަށް ގޭގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓްގެ އަގު ދަށްކޮށްދެވޭނެ ނިޒާމެއް ހަމަޖެހޭތޯ ސޯލާ ވަސީލަތްތައް ވިއްކާ ކުންފުނިތަކާއި ވިޔަފާރިވެރިންނާއި އެކު މަޝްވަރާ ކުރެވެމުންދާ ކަމަށް ރައޫފު ވިދާޅުވިއެވެ.
ރައޫފު ވިދާޅުވީ އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ ދަތިކަންކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ.
"ކެނދިކުޅުދޫގައިވެސް އެބަތިބި 400 އެއްހާ ރައްޔިތުން ގެވަޅުލިބި ގެ ނޭޅިފަ. އެހެންވީމަ މިހާރު ކޮންމެ އަހަރަކުވެސް ބޯހިޔާވަހިކަމުގެ ދަތިތައް ފިލުވައިދިނުމަށް ހަރަދުކުރުމަށް ވަކިވަރެއް ކައުންސިލުގެ ބަޖެޓުން ހޭދަކުރުމަށް ނިންމާފަވަނީ. އަދި އަތޮޅުގެ ވަސީލަތްތައް ބޭނުން ކޮށްގެން ފަންޑު ހޯދައިގެންވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން އެއީ އަތޮޅު ލެވެލުގައި މަޝްވަރާ ކުރެވެމުންދާކަމެއް. ކެނދިކުޅުދޫގެ ވަރަށް ގިނަ ރައްޔިތުންނަށް މި ފަސް އަހަރުތެރޭ ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ" ރައޫފު ވިދާޅުވިއެވެ
ކެނދިކުޅުދޫގެ ބަނދަރަކީ ނޫނު އަތޮޅުގެ އެހެން ބަނދަރުތަކާއި އަޅާކިޔާއިރު ސައިޒުން ބޮޑު ބަނދަރެއް ނަމަވެސް 2008ވަނަ އަހަރު ބަނދަރު ހެދިއިރު ކަނޑިންމައިގެ އެއް ނެރުފައިކަށީގައި ޖަހަންޖެހޭ ބޮޑުހިލަ ނުޖަހާ ބަނދަރު ބޭނުން ކުރަން ފެށުމުގެ ސަބަބުން ރާޅު ވަދެ އޮޑިދޯނި ފަހަރަށް ގެއްލުންވެއެވެ. ރައޫފު ވިދާޅުވީ "ސަރުކާރުގައި އެދިގެން މިއުޅެނީ އަންނަ އަހަރުގެ ބަޖެޓުގައި ޖަހައިގެން ހިލަ ޖަހަން. ދެން މިރަށުގެ ބަނދަރަކީ ވަރަށްގިނަ ބަޔަކު ބޭނުން ކުރަމުންދާ ބަނދަރަކަށް ވާތީ ފުރިފަ އޮންނަނީ. ރައީސްގެ ރިޔާސީ ވައުދެއް އެއީ މިރަށުގެ ބަނދަރު ބޮޑުކޮށްދިނުން. މިކަންވެސް ފުދިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ" ރައޫފު ވިދާޅުވިއެވެ.
ކެނދިކުޅުދޫގެ ތަރައްޤީއަށް ބަލާއިރު އެރަށު ސްކޫލުގައި ގްރޭޑް 11، 12 އާއި ހަމައަށް ކިޔަވައިދެއެވެ. އެހެންނަމަވެސް ސިއްހީ ދާއިރާގައި އެކަށީގެވާ ކުރިއެރުމެއް ހޯދިފައެއް ނެތެވެ. އާދައިގެ ސިއްހީ މަރުކަޒެއް ހުންނަތާ އެތައް އަހަރެއްވީއެވެ. މިއަދު ރައްޔިތުން ތިބީ ހޮސްޕިޓަލެއްގެ ފޮނި އުންމީދުގައެވެ. ނ. އަތޮޅު ހޮސްޕިޓަލުން ނުލިބޭ އެތައް ހިދުމަތެއް އަމިއްލަ ރަށުން ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކެނދިކުޅުދޫގެ ރައްޔިތުން ތިބި ތިބުމަށް ނިމުން ގެނެސްދިނުމަށް ކައުންސިލްގެ ރައީސް ރައޫފް އާއި އޭނާގެ ޓީމުން އަންނަނީ ސަރުކާރާއި އެކު މަސައްކަތްކުރައްވަމުންނެވެ.
ރައޫފު ވިދާޅުވީ" ނ. އަތޮޅު ހޮސްޕިޓަލް ފާގަހަ ކުރެވެނީ އާދައިގެ ސިއްހީ މަރުކަޒެއްގެ ލެވެލްގައި އޮޕަރޭޓް ކުރާ ތަނެއް ގޮތައް. ވަރަށް ދަށްކޮށް. އެ ހޮސްޕިޓަލާ ވާހަކަ ދައްކައިގެން ފަސޭހަތަކެއް ނުލިބި މިދަނީ. އިރާދުކުރެއްވިއްޔާ ކެނދިކުޅުދޫއަށްވެސް ދެން ހޮސްޕިޓަލެއް އަންނާނެ. އަޅުގަނޑުމެން މިތިބީ ވަރަށް އުންމީދުގައި. 30 އެނދުގެ ކެނދިކުޅުދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް އީދު ބަންދަށްފަހު ބަޔަކާއި ހަވާލުކުރުމަށް ޓެންޑާރ ކުރެވިދާނެ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެނީ. އެހެންވީމާ ސިއްހީ ދާއިރާއިން މި ރަށަށް ވަރަށް ބޮޑު ބަދަލެއް އެ ހޮސްޕިޓަލް އެޅުމާއި ގުޅިގެން އަންނާނެ" ކަމަށެވެ.