ދުނިޔޭގައި އުޅޭއިރު ދިމާވާކަންތައްތަކަށް ކެތްތެރިވާންޖެހޭނެ ކަމަށް ބުނާ އަޑު ވަރަށްގިނައިން އިވެއެވެ. މިއީވެސް އެފަދަ ހަގީގީ ހާދިސާއެކެވެ. 24 އަހަރުގެ ނާފިރާ މުހައްމަދަކީ، އުމުރުން 16 އަހަރުން ފެށިގެން އާދައިގެ ދިރިއުޅުމެއްގައި އުޅޭ ޒުވާނެކޭ ނުބުނެވޭނެއެވެ. އެއަށްވުރެ ބޮޑަށް ދިރިއުޅުން ބަރޯސާވެފައިވަނީ ވޭނާއި، ބޭހާއި އިންޖެކްޝަނުގެ މައްޗަށެވެ. ބައެއްފަހަރަށް ވާނުވާ ނޭނގޭ ވަރަށް އެވާތަދުން މީހާއަށް ގޮތްހުސްވާ ފަހަރު އާދެއެވެ. އަމިއްލައަށް ތަދު ކޮންޓްރޯލް ނުކުރެވުމުން ގެންދަނީ ހޮސްޕިޓަލަށެވެ. ނާފިރާގެ ވާހަކަތައް 'ޒީޓައިމްސް' ގައި ހިއްސާކުރުމުގެ އެންމެ ބޮޑު ބޭނުމަކީ 'މައިގްރެއިން' އާއި މެދު މީހުން ހޭލުންތެރިކުރުވުމެވެ.
ނާފިރާގެ ވާހަތައް ފެށީ 2013ވަނަ އަހަރު ކަންތައް ދިމާވާން ފެށިގޮތުންނެވެ. އެއިރު ކިޔަވަމުން ދިޔައީ ސްކޫލުގެ ގްރޭޑު 10 ގައެވެ.
" ކުރިން ނޭނގޭ ކިހިނެއްކަމެއް މިވަނީ. އެހެން ހުރެފައި ބޮލުގައި ރިއްސާ. އަވީގައި އިރުކޮޅެއްވާއިރަށް ރިއްސަންފަށާނެ. ޑޮކްޓަރަށް ދެއްކީމައި ބުނީ ނާރުގެ ޑޮކްޓަރަކަށް ދައްކަން. ޑޮކްޓަރުން ވިދާޅުވީ އެއިރު ނާރެއް ފިތެނީހެންނޯ ހީވަނީ. އެއްވެސް ޑޮކްޓަރަކަށް ޔަގީން ނުވީމަ އިންޑިއާ އަށް ޝްރީލަންކާ އަށް ގޮސްވެސް ދައްކާލިން. އެޤައުމުގެ ޑޮކްޓަރުންވެސް ބުނި ހީވަނީ ނާރެއް ފިތެނީހެންނޯ. އިތުރު އެއްވެސް މައްސަލައެއް ޓެސްޓްތަކުންވެސް ނުދައްކައޭ ބުނީ."
ނާފިރާ ދިޔައީ މެދުނުކެޑި ތަފާތު ޑޮކްޓަރުންނަށް ދައްކަމުންނެވެ. މައިގްރެއިންގެ އަލާމާތްތައް ފެންނާތީ ޑޮކްޓަރުން ފަހުން ބުނަމުން ދިޔައީ އެއަންނަނީ މައިގްރެއިންގެ ތަދު ކަމަށެވެ. ނާފިރާ އަކީ ލޮލުގައި ލޯވަޅެއް ހުންނަ މީހަކަށްވިއަސް އޭގެ ސަބަބުންވެސް މިފަދަ ގޮތަކަށް ތަދު ނުވާނެކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
" އެއިރުން ފެށިގެން ތަދުކަޑުވާ ބޭސް ބޭނުންކުރަން. ޕެނަޑޯލް ކެޔަސް ތަދު ކުޑަނުވޭ. ވަރަށް ތަދުވޭ. ތަދުކަޑުވާ އިންޖެކްޝަން އާއި ވަރަށް ބާރުގަދަ ބޭސް ބޭނުންކުރަނީ. ހަފްތާއަކު އެއްފަހަރު ނޫނީ ބައެއްފަހަރު މަހަކު އެއްފަހަރުވެސް އެޓޭކް އައިސްދާނެ. އެއްފަހަރު ވަރަށްބޮޑަށް އެގޮތަށް ތަދުވެގެން އޭޑީކޭގައި އެޑްމިޓްކޮށްގެން ބޭސްދީގެން ވެސް ރަނގަޅު ނުވީމަ އޯވަޑޯޒް ވެދާނެ ކަމަށް އައިޖީއެމްއެޗަށް ޓްރާންސްފަރ ކޮށް އެތަނުން ދިން ބޭހަކުން ރަނގަޅުވީ." ނާފިރާ ފާހަގަކުރިގޮތުގައި ތަދުވާމިންވަރު އެއްވެސް މީހަކަށް އަންދާޒާވެސް ނުކުރެވޭނެއެވެ.
" ބައެއް މީހުން ބުނޭ ފެނުނީމަ ޖިންނި މޮޔަވަނީއޭވެސް. އެހާވަރުވާތީ. ރުގުޔާ ކުރަންވީ ނޫންހޭ ވެސް ބުނޭ. އެކަހަލަކަމެއް ނެތް އިރާދަކުރެއްވިއްޔާ. ތަނަކަށް ދާން ރާވައިފިއްޔާވެސް ވަރަށް ރިއްސާ. ކައްކާ ވަސް ދުވީމަވެސް ރިއްސާ. އެކްސައިޓްމެންޓް އައިމަ ރިއްސާ. ކުރިއަކުން ނޭނގޭ މައިގްރެއިންގައި ވާގޮތެއްކަމެއް އެއީ." މައިގްރެއިންއާއި ގުޅޭގޮތުން އެންމެ ފުރިހަމަ މައުލޫމާތު އެނގުނީ އޭނާއަށް ވާ ހުރިހާގޮތެއްގެ ތަފްސީލް، ސެނަހިޔާގައި ބަލިމީހުން ބަލަމުންދާ އެހެން ޤައުމެއްގެ ޑޮކްޓަރަކާއި ހިއްސާކުރުމުންނެވެ.
ޗުއްޓީއަށް ތަންތަނަށް ދާން ނާފިރާވެސް ބޭނުންވެއެވެ. އެހެންނަމަވެސް އެނަސީބެއް ނުލިބެއެވެ. އޭނާ ފާހަގަކުރިގޮތުގައި ދާހިތުން ހުރިހާކަމެއް ރޭވިއަސް ނުދެވެއެވެ. އެހެންވުމުން މިހާރު ހިތަށް އަރަނީ އަބަދުވެސް ތަނަކަށް ދާންބޭނުންވެގެން ދާންވާއިރަށް ރިއްސާނެކަމަށެވެ. އަދި ވަރަށް ބޮޑަށް ދިރިއުޅުން ބޭހަށް ބަރޯސާވާ ކަމަށް ފާހަގަކުރިއެވެ.
" ބޭހާއި އިންޖެކްޝަން އެވަރަށް ބޭނުންކުރަން ބޭނުންނުވޭ. އެކަމަކު ނުނަގާނުވޭ. މިއަހަރު ވަރަށްބޮޑަށް ބޮލުގައި ރިއްސާ ބޭހަށް ނުގުޑައިގެން ހޮސްޕިޓަލަށް ގޮސް އިންޖެކްޝަން ޖަހައިގެން ގެއަށް އައިތަނާ ހާލަތު ގޯސްވީ. ދުވަހަކު ނުވާގޮތެއް ގައިން ވާގިދޫވެ ނުތެދުވެވިފައި އޮތީ. އެއީ ދިން ތަދުކަޑުވާ ބޭހާއި ނުގުޅުނީ." މިއީވެސް އޭނާގެ ހަޔާތުގައި ހަނދާންނައްތާލަން ދަތި ދުވަހެކެވެ. އެދުވަހުވެސް އެންމެފަހުން ރަނގަޅުވީ އިންޖެކްޝަން ޖަހައިގެންނެވެ.
މިހާރުވެސް މަހަކު 2 ނޫނީ 3 ފަހަރު އިންޖެކްޝަން ޖަހަންޖެހޭކަމަށް ނާފިރާ ވަނީ ބުނެފައެވެ. "އަސްލު ބޭނުމެއް ނޫން އިންޖެކްޝަން ޖަހަން. އެއީ ކުއްޖަކު ހޯދަން ބަލާއިރުވެސް ސައިޑް އިފެކްޓް ހުރޭ. އަންހެނުންގެ ޑޮކްޓަރަކަށް ދެއްކީމަވެސް ބުނި ނުޖަހާވަންޏާ ނުޖަހާށޭވެސް. ނުޖަހާ ނުވޭ. އެންމެފަހުގެ ނާރު ޑޮކްޓަރ ވެސް ބުނި ތިހިރީ ވަރަށްބޮޑުވަރު ވެފައޯ. ތިމަންނަ ދޭ ބޭހުންވެސް ނުބުނާނަމޯ ރަނގަޅުވާނެއެކޭ."
ޑޮކްޓަރު ފާހަގަކުރިގޮތަށް އެ ބޭހަކުންވެސް މާބޮޑު ފައިދާއެއް ނުކުރިއެވެ. މިހާރުވެސް ތަދުކަޑުވަން ޖެހެނީ އިންޖެކްޝަން ޖަހާށެވެ. މިހާލުގައި ދިރިއުޅުން ވޭތުކުރަމުން އަންނައިރު އެންމެ ދެރަވަނީ ބައެއް މީހުންގެ ވިސްނުން ހުންނަގޮތުން ކަމަށް ވަނީ ބުނެފައެވެ.
" މީހުން ހީކުރަނީ އަހަރެމެން ފޭކުޖައްސަނީއޭ. އަސްލު ފޭކެއް ނޫން. ތަދުވާތީ ތަދުވެއޭ ބުނަނީ. އަހަރެންނަކީ އަބަދުވެސް ގޭގައި މަސައްކަތުގައި އުޅޭ މީހެއް. ނުތެދުވެވޭ ދުވަހެއްވިއްޔާ އެކަނި ނުތެދުވަނީ. އެހެންނޫނީ ނިދާ ހޭލުމަށްފަހު ދުވާލުވެސް ނިދާމީހެއް ނޫން. އެޓޭކް އައީމަ އެކަނި އެގޮތަށް ނުތެދުވެވި އޮންނަނީ"
ހެނދުނު މާއަވަހަށް ހޭލެވިއްޖިއްޔާ ވެސް އެޓޭކް އަންނަކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި އޮފީހަށްދާއިރު އަވީގައި ޖެހުމުންވެސް އެޓޭކް އަންނައިރު މިސަބަބުތަކާއިހުރެ ވަޒީފާވެސް ގިނަދުވަހަށް އަދާނުކުރެވެއެވެ. ފޮނި އުންމީދާއިއެކު އަދާކުރަމުން އައި ވަޒީފާ ވަކިހިސާބަކުން ޖެހެނީ ދޫކޮށްލާށެވެ.
" ދިރާގު، އުރީދޫ، މޯލްޑިވިއަން ފަދަ ތަފާތު 7 ތަނުގައި ވަޒީފާ އަދާކުރެވިއްޖެ. ކޮންމެ ތަނަކުން ދެތިން މަސްކޮށްފައި ކެނޑެންޖެހެނީ. އެމީހުން ވެސް ބޭނުންނުވާނެތާ ދެދުވަހުން އެއްދުވަހު ޑިއުޓީއަށް ދާމީހެއް."
މިވޭނާއި ކެކުޅުމުގެތެރޭގައި ނާފިރާ އަށް ވަނީ ދިރިއުޅުމުގެ އުންމީދު ކަމުގައިވާ ލޯބި ދަރިފުޅެއްވެސް ލިބިފައެވެ. ބަނޑުބޮޑު އިރު ތަދު ކަޑުވަނީ ޕެނަޑޯލް ކާންދީގެންނާއި ނިންދަވައިގެން ކަމަށް ވަނީ ބުނެފައެވެ.
" ނިދޭކަހަލަ އެއްޗެއް ދެނީ. ނިންދަވައިގެން އެއިރު ރަނގަޅުކުރަނީ. އެޕެއިންކިލާ ޖެހީމައި މިހާރުވެސް ނިދި އާދޭ. އެޖެހުމަށްފަހު ނިދާލީމަ ކުޑަކޮށް ލުއިލިބެނީ. ނުނިދެންޏާ ބޮޑަށް ގޯސްވާނީ. އަވީގައި ޖެހިލެވޭކަށް ނޯވޭ. ރަނގަޅު ސެންޓެއް ނުޖެހޭ ވަސްޖެހުނީމަ ބޮޑުވަރުވާތީ."
އެންމެ ހިތްދަތިކަމަކީ މިހާތަނަށް މައިގްރެއިން އަށް ދާއިމީ ހައްލެއް ހޯދިފައިނުވާތީއެވެ.
" އަހަރެމެން ކިތަންމެ ބޭނުންވިއަސް ނުކުރެވޭ ކަންތައް ހުންނާނެ. ބައެއް މީހުން ބުނެލާނެ. ދެން ތިހާވަރެއް ނުވާނޭ. ނުދާންވެގެންނޭ. އަސްލު ބޭރަށްވެސް ދާހިތްވޭ އެކަމަކު ނުދެވެނީ. މާބޮޑަށް ދާހިތްވީމަ އެޓޭކް އަންނާތީ."
ބައެއްފަހަރު 3 ދުވަހުވެސް ނުތެދުވެވި އޮންނަންޖެހޭ ކަމަށާއި، ކެއްކުމާއި ދުރުގައި ހުންނަންޖެހޭތީ ކައްކައިދެނީ މަންމަ ކަމަށް ނާފިރާ ބުންޏެވެ.
"މަންމަ ވަރަށް ރަނގަޅުވާނެ. އަދި ފިރިމީހާވެސް ވަރަށް ރަނގަޅު" ބަލިވީމަވެސް ދަރިފުޅުގެ ހުރިހާކަމެއްވެސް މަންމަ ދޮންދީދީ އާއި ފިރިމީހާ ހަސީން މޫސާ ކޮށްދޭ ކަމަށް އުފަލާއިއެކު ނާފިރާ ފާހަގަކުރިއެވެ.
އުމުރުން ދެއަހަރުގެ ލޯބިވާ ދަރިފުޅު ގެންގުޅުމަކީ ވެސް ނާފިރާއަށް ފަސޭހަކަމެއް ނޫނެވެ.
" ވަރަށް އުދަގޫ ބޭބީ ގެންގުޅެންވެސް. އެއީ ދަރިފުޅު ރޯއަޑު އިވުނީމަ އުދަގޫވާތީ. ދަރިފުޅު ރޮއެގެން އަހަރެން ބަލިވީމަ ވަރަށް ދެރަވޭ. ބަލައިގަންނަން އުދަގޫ އެކަން. ދަރިފުޅު ގޮވައިގެން ބޭރަށް ދެވެނީވެސް ވަރަށް މަދުން. އިރުއޮއްސެން ކައިރިވުމުން ނޫނީ ބޭރަށް ނުދާކަމަށް ވަނީ ފާހަގަކޮށްފައެވެ.
" އަހަންނާއި އެކީގައި ދެން ދާންތިބި މީހުން ދާން ބޭނުންވާނެ ކުރިން. އެކަމަކު އަހަރެން ގޮވައިގެން ދަންޏާ ނުގޮސް ފަސްކުރަންޖެހޭ. އެކަހަލަ ކަންތަކާ ވަރަށް ދެރަވޭ. ކިތަންމެ ކެތްކުރިއަސް ބައެއްފަހަރު ހިތަށްއަރާ ދެން ނުވާނެއޭވެސް. ބައްޔެއް ތަހައްމަލްކުރާ މީހަކަށް އެގޭނީ އެވާވަރެއް. އެ ރިއްސާ ފަޅީގެ ލޯ ރަތްވެފަ ކުޑަވެފައިވެސް ހުރޭ."
ދިރިއުޅުމުގައި ކަންބޮޑުނުވެ ހަމަޖެހިގެން އުޅުމަށް ޑޮކްޓަރުވަނީ އޭނާއަށް ލަފާދީފައެވެ. އަދި ކެއްކުމާއި ދުރުވެ ގިނަގިނައިން އަރާމުކޮށް ނިދުމަށް ލަފާދިން ކަމުގައިވިއަސް އެއީ ކުޑަކުޑަ ކުއްޖަކު ހުންނަ މީހަކަށް ކުރަން ފަސޭހަކަމަކަށް ނުވާނެއެވެ.
'ޒީޓައިމްސް' އިން ނާފިރާގެ މަންމަ ދޮންދީދީ އާއި ވެސް ސުވާލުކޮށްލީމެވެ. މިގޮތުން ނާފިރާ ގެ ބޮލުގެރިހުން ބޮޑުވާވަގުތު އެމަންޒަރު ކައިރިން ފެންނަގޮތް ދޮންދީދީ ވަނީ ކިޔައިދީފައެވެ.
" ވަރަށް ދެރަވޭ. އަބަދުވެސް ބަލިވެއުޅޭތީ އޭނަ ބަލަންޖެހޭ. ދެދުވަހުން އެއްދުވަހު ހޮސްޕިޓަލުގައި އުޅެންޖެހެނީ އެޑްމިޓްކޮށްގެން. އެއްދުވަހަކު ހީކުރިން މަރުވީކަމަށްވެސް. އެމްބިއުލާންސް ގެނެސްގެން ހޮސްޕިޓަލަށް ގެންދިޔައީ އެދުވަހުވެސް. ދުވަހެއް ދުވަހަކަށް އެތަދު ބޮޑުވަމުންދާހެން ހީވަނީ. މިއީ ރަނގަޅުވާނެ ކަމެއް ނޫންކަމަށް ޑޮކްޓަރުންވެސް ބުނާތީ ވަރަށްދެރަވޭ. މިއީ ތަޤުދީރުގައި ހުރިގޮތް." ނާފިރާގެ މަންމަ އަސަރާއިއެކު ކިޔައިދިނެވެ.
ނޯޓް: އަވަށްޓެރި ޤައުމުތަކުގެ ޑޮކްޓަރުންނަށްވެސް ދައްކާފައިވާ ނާފިރާގެ މަޤްސަދަކީ މައިގްރެއިން އާއިމެދު މީހުން ދެކޭގޮތް ބަދަލުކުރުމަށް މަސައްކަތްކުރުމެވެ. އަދި މިފަދަ ވޭނެއް ތަހައްމަލުކުރާ މީހުންނަށް އެހީތެރިވެދިނުމެވެ.
ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު
Ahannaki ves maigran hunna meeheh. 1998 gai furathama boluga rissan Fishee. Miadhah jehendhenves eyge undhaqoo veyn thahammal kuran. Mi fahakah aissa aharemn amilla ah vissnaigen baeh kaaehcheyssa dhuruvumun mihaaru attack annaleh dhuru. Egothun cheese. Mionise submarine source soya sauce facdha baeh kaarhchhei Keyma rissa kamah faahaga vaathi ethakethi keun huttali. Kurin v ginain esprine fadha beys beynun kurin. Attack eh
annayaa boki Ali madukoh ithiru adu naaha nidhaalumn hamayakah elhey
Attack annaleh v madhu.Mihaaru
މައިގްރެއިންގެ ފަރުވާ ނެތަސް ކުޑަ ކުރުމަށް ވީހާވެސް ބޮޑަކަށް އާދަތައް ބަދަލް ކުރަންވީ. ކެފެއިން ހުއްޓާލާ ތެޔޮ އެއްޗެހި މަދުކޮށް މިހެން ގޮސް ބައިވަރު ކަންކަން. މައިގްރެއިން ހުންނަ މީހުން ގިނަ ފަހަރު މި އާދަތައް ހުއްޓާނުލެވޭތަން ފެންނަނީ. މީހުނަށް އެނގިގެން ވާނެ ކަމެެއް ނެތް.
ކޮމެންޓްސް ބަންދުކުރެވިފައި