ދިވެހިރާއްޖޭގެ ރަށްރަށުން ލިބެން ހުންނަ އަހިވަކަކީ ނުކައި ދޫކޮށްލެވޭވަރުގެ މޭވާއެއް ނޫނެވެ. އަހި ގަހަކީ އާންމު ގޮތެއްގައި 10- 20 ފޫޓުގެ އުސްމިނަށް ހެދޭ 8 އިންޗި ދިގުމިނުގައި ހުންނަ ގަދަފެހި ކުލައެއްގެ އޮމާން ފަތެއް ހުންނަ ހުދުކުލައެއްގެ މަލެއް އަޅާ، ވަރަށް ފަސޭހައިން ހެދޭ ވަރަށް އާންމު ގަހެކެވެ. މި ގަހުގައި އަޅާ މާ ވެއްޓޭއިރު މޭވާއަށް ބަދަލުވެއެވެ. މި ގަހުގައި އަޅާ މާ މޭވާއަކަށް ބަދަލުވާއިރު ހުންނަނީ ގަދަފެހި ކުލައެއްގައެވެ.
ހުތްފޮނި އަދި ކުޅި ރަހައެއްލާ، ގަދަވަހެއްދުވާ މި މޭވާ ހަރުވުމުން ވަށަމިނުގައި 3-4 އިންޗި ހުރެއެވެ. މި މޭވާ ދޮންވުމުން މަޑު ރީނދޫ ކުލައަކަށް ބަދަލުވެއެވެ. މި މޭވާގެ އޮށްތަކަކީ އެތައް އަހަރެއް ވަންދެން ހަލާކުނުވެ ހުންނަ އޮށްތަކެކެވެ. އާންމު ގޮތެއްގައި ރާއްޖޭގެ އެކި ރަށްތަކުގައި މިބާވަތުގެ ގަސްތައް ހެދެނީ އޮޔާދާ އޮށްތައް އެހެން ރަށްތަކަށް ލެއްގުމުންނެވެ. ދެކުނުއޭޝިއާ އަދި އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކުގައި މިމޭވާއިން ރިހަ ކައްކައިގެންނާއި ލޮނުގައި ޖައްސައިގެން ކެއުމަށް ބޭނުންކުރެއެވެ. އަދި މި މޭވާގެ އޮށްތަށް ހަނާކޮށްގެން ކެއުމުގައި ބޭނުންކުރެއެވެ.
ސިއްޙީ ފައިދާތައް
އަހިވަކަކީ އާތްރައިޓިސް ބަލި ހުންނަ މީހުންނާއި، ހުޅުތަކުގައި ރިއްސާ މީހުން އަދި ބައެއްކަހަލަ އެލާޖިކް ތަކުން ސަލާމަތް ވުމަށް ބޭނުންކުރަން ރަނގަޅު މޭވާއެކެވެ. އަދި މޭއެންދުމުގެ މައްސަލަތަކަށްވެސް ބޭނުންކުރެވެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގައި ހިމެނޭ ވިހަ މާއްދާއެއްކަމަށްވާ ޓޮބޭކޯގެ ސަބަބުން ކެންސަރަށް މަގުފަހިކުރުވާ ކަމެކެވެ. ސީޑީސީ އިން 2013 ވަނަ އަހަރު މާރިޗް މަހު ޝާއިއު ކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވަނީ، ގަދަޔަށް ދުންފަތުގެ އިސްތިއުމާލު ކުރަމުންދިޔަ 245 މީހުން ބައިވެރިކޮށްގެން 1 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވުނު ދެ ދިރާސާއިން ދެއްކި ގޮތުގައި ދުވާލެއްގެ މައްޗަށް 118 އެމްއެލް އަހިވަކުގެ ޖޫސް ބުއިމުން ކެންސަރު ޖައްސާ ކެމިކަލްގެ މާއްދާގެ ލެވެލް 45 އިންސައްތަ ދަށްވެފައިވާ ކަމަށެވެ.
އަދި އަހިވައް ކެއުމުން ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދިނުމާއެކު ހަށިގަނޑުގެ ބުންވަރު އިތުރުވާ ކަމަށްވެސް ބުނެފައިވެއެވެ. އަހިވަކުން ލިބިދޭ އިތުރު ގިނަ ފައިދާތަކެއް ހުރިއިރު ފަސޭހައިން ލިބެންހުންނަ މި މޭވާ ކެއުމުގައި ބޭނުން ކުރަމާތޯއެވެ.