ހުވަދުއަތޮޅުގައި ވަރަށްގިނަ އަދަދެއްގެ ފަޅުރަށްތައް ހުރިއިރު މީގެތެރެއިން ގިނަ ރަށްރަށަކީ ގުދުރަތީގޮތުން ވަރަށް ރީތި ރަށްތަކެކެވެ. ގދ.އަތޮޅު ފަރެސްމާތޮޑާ ކައިރީގައި އޮންނަ 'އެކެލޮންޑާ' ކިޔާ ރަށަކީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ރަށެކެވެ.

މިރަށް ބެލެހެއްޓުމަށް ޚާއްސަ މީހަކު ހުންނައިރު، މިރަށަށް ޕިކްނިކް ދެވެނީ ވަކި އުސޫލެއްގެ ދަށުން ރަށުގެ ވެރިފަރާތުގެ ހުއްދަ ލިބިގެންނެވެ.
އެކެލޮންޑާ ބެލެހެއްޓުމުގެ މަސައްކަތްކުރާ ޝަމީމް އަލީ މައުލޫމާތުދިންގޮތުގައި މިރަށުގެ ބައެއް، ޕިކްނިކް ދާމީހުންނަށް ޚާއްސަކޮށްފައިވާއިރު މިހާރުވެސް ވަރަށްގިނަ މީހުން ދަނީ ޕިކްނިކަށް އެރަށަށް އަންނަމުންނެވެ.

ދުވާލަކު އެއް އާއިލާއަށް ނުވަތަ އެއް ގުރޫޕަށް ރަށް ދޫކުރަމުންދާއިރު މިރަށުގެ ތަފާތަކީ ކުޑަކުދިން ގޮވައިގެން ގޮސް ހިތްހަމަޖެހިގެން އުޅެވޭނެ ގޮތަށް ރަށުގައި ގެއަޅާ، ފާޚާނާ އާއި ބަދިގެ ތަންތަން ހަދައިފައިވުމެވެ.

" ރޭގަނޑު މަޑުކުރާގޮތަށް ޕިކްނިކް އަންނަ މީހުންނަށް ކަރަންޓްވެސް ލިބޭނެ ރަށުން. ކައްކަން ބޭނުންކުރާ ތެލި އެއްޗެހިވެސް ލިބޭނެ. ފާޚާނާ ކުރާތަނުން ފެށިގެން ނަމާދުކުރާ ތަން ހުންނާނެ. ރަށް ދޫކުރަނީ އެއް ގުރޫޕަށް ދުވާލަކަށް 300 ރުފިޔާ އަދި ރޭގަނޑު މަޑުކުރާނަމަ 700 ރުފިޔާ އަށް" ތަފްސީލް ކިޔައިދެމުން ޝަމީމް ބުންޏެވެ.

އެކެލޮންޑާ އަކީ ހަމައެކަނި ޕިކްނިކް އައިލެންޑެއް ނޫނެވެ. އެރަށުގައި ދަނޑުވެރިކަން ކޮށްގެން ރަށުގެ ވެރިފަރާތުން ދަނީ އާމްދަނީ ހޯދަމުންނެވެ.
ޝަމީމް މައުލޫމާތުދިންގޮތުގައި އެރަށުގައި އާންމުކޮށް ހައްދަމުންދަނީ މިރުސް، ކަރާ، ބަރަބޯ، ބަށި، ފަތްކޭލެވެ. މިހާރު އަލަ އާއި އިތުރު ބާވަތްތައް ވެސް ހައްދަމުންދާއިރު މިތަކެތި ވިއްކަނީ ކައިރި ރަށްރަށަށެވެ.

" މިރުސް ވިއްކަނީ 350 ރުފިޔާ އަށް ކިލޯއެއް. ބަށި ކިލޯއެއް 25 ރުފިޔާ، ކަރާ ކިލޯއެއް 15 ރުފިޔާ އަށް. އަމިއްލައަށް ގަސްކާނާ އުފައްދައިގެން ގަސް ހެއްދުމަށް ބޭނުންކުރަނީ." ޝަމީމް މައުލޫމާތު ދިނެވެ.