November 22, 2024 02:12
Advertisement

-Advertisement-

މަސްވެރިކަމާއި ރާވެރިކަމަށް ކުޅަދާނަ ސަފޫރާ މީހުން ސަލާމަތްކުރި ގޮތް

ގދ.ފަރެސްމާތޮޑާ އަށް އަޅުގަނޑު ކުރި ދަތުރުގައި ތަފާތު އެކި ރޮނގުން ފާހަގަކުރެވޭ މީހުންގެ މައުލޫމާތު ލިބޭތޯ ބެލީމެވެ. މިގޮތުން ގިނަ މީހުން އެންމެ ފުރަތަމަ ފާހަގަކޮށްލި ނަމަކީ ފަރެސް އަވަށަށް އުފަން މަރްޔަމް ސަފޫރާ އެވެ.

އަޅުގަނޑު ފަރެހުގައި ހޭދަވި މުއްދަތުގެތެރޭގައި، ސަފޫރާގެ ހިތްވަރާއި މަސައްކަތް ވަރަށް ކައިރިން ވަނީ ފެނިފައެވެ. ފަތިސް ނަމާދަށްފަހު ރަށުތެރެ ސާފުކުރުމަށް ކުނިކަހަން ދެއެވެ. އެއަށްފަހު ދެން އެފެށުނީ އަމިއްލަ މަސައްކަތެވެ. ހެދިކާ ހެދުމާއި މަސްބާނަން ދިއުމުގެ އިތުރަށް ރާވެރިކަން ކުރުމާއި ދިވެހި ހަކުރު ތައްޔާރުކުރުމަކީ އާންމުކޮށް ކުރާ މަސައްކަތެވެ.


ވީޑިއޯ: ސަފޫރާ އާއި އޭނާގެ ފިރިމީހާ މަނިކު ރާއެރުމުގެ މަސައްކަތް ކުރަނީ

Advertisement

އަންހެނަކު އެކަނި ދާ އަޅައިގެން މަސްވެރިކަން ކުރަންދެއޭ ބުނުމުން އެކަން ގަބޫލުކުރަން ދަތިވެދާނެއެވެ. އެކަމަކު ސަފޫރާ މިއީ ވަރަށް ގިނައިން ދާއަޅައިގެން މަސްވެރިކަން ކުރަންދާ މީހެކެވެ.

މަސްހިފުމަށް ބޭނުންކުރާ ދާ ދައްކާލަނީ

" ހަފްތާއަކު ހަތަރު ދުވަހުވެސް ބައެއްފަހަރަށް މަސްހިފުމަށް ދަން. ރޭގަނޑު ދާއަޅަން ދަނީ ފިރިމީހާ އަދި އަވައްޓެރިންނާއި އެކު. އެކަމަކު ދުވާލު އެކަނި ދާއަޅައިގެން މަސްނަގަން ދަން. އަދި މަސްބާނަން ވެސް ދަން."

މޫދަށް ދިއުމަށް ޝައުގުވެރިކަން ހުންނަ ސަފޫރާ ވަނީ މަސްވެރިކަން ކުރަން ފެށުނުގޮތް ކިޔައިދީފައެވެ. މިގޮތުން ކުޑައިރު އެކީގައި އުޅުނު ރަހުމަތްތެރިންނާއި އެކު ވަރަށްގިނައިން މަސްބާނަން ދާކަމަށް ވަނީ ބުނެފައެވެ.

" ވަރަށް ޝައުގުވެރިވޭ ކުޑައިރުއްސުރެ މޫދަށް ދިއުމަށް. ދަރިއަކު ލިބުނު ފަހުން މޫދަށް ނުދެވޭ. ހުރިހާކުދިން ލިބި އެންމެ ކުޑަކުއްޖާ އަށް 10 އަހަރު ވީފަހުން އަނެއްކާވެސް މޫދަށް ދާންފެށީ." ސަފޫރާ އަށް 9 ކުދިން ލިބުނުއިރު ދުނިޔޭގައި މިހާރު ތިބީ 8 ކުދިންނެވެ.

ދިވެހި ބޭހެއް ތައްޔާރުކުރަނީ

މޫދުގައި އުޅުނުއިރު ދިމާވި ބިރުވެރި ހާދިސާތަކެއްވެސް ވަނީ 'ޒީޓައިމްސް' އަށް ކިޔައިދީފައެވެ. މިގޮތުން އަމިއްލަ 3 ކުދިން ގޮވައިގެން ވެލިނެގުމަށް ދިޔަ ދުވަހެއްގައި އެކުދިން ސަލާމަތްވީ ކިރިޔާ ކަމަށް ވަނީ ބުނެފައެވެ.

" ވެލި އެޅުމަށް ގެންދިޔަ ތެލިތައް މޫދު އަޑިއަށް ގަންބާލުމަށްފަހު އޭގެ މައްޗަށް އަރާ މަޑުކުރީ. އެންމެ ކުޑަކުއްޖާ ކޮނޑު މަތީގައި އިށީދެގެން އިނީ. އަނެއް 2 ކުދިން 2 އަތުގައި އެލިގަނެގެން ތިބީ. ކުދިން އެވަރަށް ރޮއެ. ދިޔަވަރު ހިކުނު ގަޑީގައި ޖެހިގެންއޮތް ރަށަށް އެރީ. ވަރަށް ދެރަވި. ސަލާމަތްވީމަ ބުނެވުނީ އަލްހަމްދުލިއްލާހި އޭ." ފަރެސްމާތޮޑާ ކައިރީގައި އޮތް ފަޅުރަށަކަށް ހިނގާފައި ދިޔަ ދުވަހެއްގެ ހަނދާންތައް އާކުރަމުން ސަފޫރާ ކިޔައިދިނެވެ. މީގެއިތުރުން ސަފޫރާ ވަނީ އިތުރު 3 ކުދިންނާއި އަންހެނަކުވެސް ގެނބެމުންދަނިކޮށް ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދީފައެވެ.


ވީޑިއޯ: ސަފޫރާ އަށް ދިމާވި ބިރުވެރި ހާދިސާތައް ކިޔައިދެނީ

އާމްދަނީ އަށް ބައެއް މަސްމަހު 7 ހާސް ރުފިޔާ ލިބޭކަން ފާހަގަކުރަމުން ސަފޫރާ ބުނީ ކުދިން ކުޑައިރު މަސައްކަތް ކުރިއަށްގެންދިޔައީ ކިޔަވަން ފޮނުވުމަށްފަހު ލިބޭ ކުޑަވަގުތުކޮޅުގައި ކަމަށެވެ. ސަފޫރާ އަކީ ދިވެހި ބޭސްވެރިކަން ވެސް ކޮންމެވެސް ވަރަކަށް ކޮށްއުޅޭ މީހެކެވެ. އަދި އޮޅުއަލަ ފަދަ ތަފާތު ބާވަތްތައްވެސް ދަނީ ހައްދަމުންނެވެ. ސަފޫރާގެ އަލަ ދަނޑަށް ގޮސް އަލަ ކެނޑުމުގެ ތަޖުރިބާ ވެސް މިދަތުރުގައި އަޅުގަނޑަށް ވަނީ ލިބިފައެވެ.

އަލަ ކަނޑަނީ

52 އަހަރުގެ ސަފޫރާ ކައިވެނިކުރީ އޭނާގެ އުމުރުން 15 އަހަރުގައެވެ. މަސައްކަތްތެރި އަންހެނެއްގެ އިތުރުން ހެޔޮލަފާ 8 ދަރިން ބޮޑުކުރި މަންމައެއްގެ ހައިސިއްޔަތުން އިންޓަވިއު ނިންމާލަމުން ވަނީ މެސެޖެއް ދީފައެވެ.

" ކުދިން ރަނގަޅު ގޮތުގައި ބޮޑުކުރުމަށް ކުދިންނާ ހަރުކަށިކޮށް ވާހަކަ ނުދައްކާ، މަޑުމައިތިރިކަމާއި އޯގާތެރިކަމާއިއެކު ވާހަކަ ދައްކާށޭ. ދެމަފިރިން އެކަކު އަނެކަކަށް އަޑުގަދަކޮށް ހަޅޭއްލަވާ ނަހަދާށޭ. ރަނގަޅު ހަލާލު މުދާ ކާންދޭށޭ ކުދިންނަށް. އެއިރުން ކުދިން ރަނގަޅުވާނޭ." ސަފޫރާ ބުންޏެވެ.

+1
11
+1
77
+1
2
+1
5
+1
3
+1
2
+1
0

Advertisement

ގުޅުންހުރި ލިޔުންތައް