ވައިގުގޫ ނުވަތަ ފްރެންކިންސެންސް، ބޮސްވެލިއާ ގަހަކީ އާންމު ގޮތެއްގައި 25 ފޫޓުގެ އުސްމިނަށް ހެދޭ، މެދުއިރުމައްޗާއި، އެފްރިކާ އަދި އިންޑިއާގައި އާންމުކޮށް ހައްދާ ބާވަތެއްގެ ގަހެކެވެ. ފަތެއްގެ ދިގުމިނުގައި ހުންނަނީ 20-25 ސެންޓިމީޓަރެވެ.

ވައިގުގޫ އަކީ މިގަހުގެ ތޮށިގަނޑު ކަނޑާލުމުން ނިކުންނަ އޮލަކޮށް ކިރު ގޮތަށް ހުންނަ އެއްޗަކުން އުފައްދާ އެއްޗެކެވެ. ކޮންމެ 15 ދުވަހަކުން މިގޮތަށް ކިރު ނަގަމުންދެއެވެ. ވައިގުގޫގެ ސައިޒަށާއި ކޮލިޓީއަށް ބެލުމަށްފަހު ތަފާތު ކޮލިޓީގައި ގްރޭޑް ކޮށްފައި ހުރެއެވެ. އެންމެ ކޮލިޓީ ވައިގުގޫ ހުންނަނީ ސާފު ހުދު ކުލައިގައެވެ. ކޮލިޓީދަށްކޮށް ހުންނަ ވައިގުގޫ އާންމުކޮށް އެޤައުމެއްގެ ބާޒާރުގައި ވިއްކާއިރު، ރަނގަޅު ކޮލިޓީގެ އެއްޗެހި އެހެނިހެން ގައުމުތަކަށް އެކްސްޕޯޓް ކުރެއެވެ.

އެކި ޤައުމުތަކުގައި ސަޤާފީ ހަފްލާތަކުގައި ދުންޖެހުމަށް ވައިގުގޫ ބޭނުންކުރެއެވެ. މިއަދުގެ ދުނިޔޭގައި ބޭސްވެރިކަމާއި ރީތިވުމަށް ބޭނުންކުރާ ބައެއް ތަކެތި އުފެއްދުމަށް ވެސް ވައިގުގޫ ބޭނުން ކުރަމުންދެއެވެ.

ވައިގުގޫ ގަސްތަކަށް ގެއްލުން ނުވާނޭހެން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ބައިނަލްއަގުވާމީ ބައެއް ޖަމްއިއްޔާތަކުން މަސައްކަތް ކުރަމުންދެއެވެ.
ސިއްޙީ ބައެއް ފައިދާތައް
1998 ވަނަ އަހަރު ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިން އިން 23 ފިރިހެނުންނާއި 17 އަންހެނުން ބޭނުން ކޮށްގެން 6 ހަފްތާއަށް ކުރެވުނު ދިރާސާއިން 70 އިންސައްތަ މީހުންނަށް އެސްތްމާއިން ދިމާވާ އުދަގޫތަކަށް ލުއި ލިބިފައިވެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އުރަމަތީ ކެންސަރުން ދުރުވުމާއި ލުކީމިއާފަދަ ބަލިތަކަށް ފަރުވާ ކުރުމުގައި ވައިގުގޫ ބޭނުންކުރެއެވެ. ދުނިޔޭގެ ބާޒާރުގައި ޑިމާންޑް ބޮޑު މިބާވަތަކީ ދިވެހި ބޭސްވެރިކަމުގައި ވެސް ބޭނުންކުރާ އެއްޗެކެވެ. މިގޮތުން އަނގައިގެ ބަލިތަކާއި ރާއްޖެބަލި ފަދަ ބަލިތަކަށް ފަރުވާކުރުމަށް ވައިގުގޫ ބޭނުން ކުރާކަމަށް ވެއެވެ.
ވައިގުގޫ އަކީ މާބަނޑުމީހުން ބޭނުންކުރަން ރަނގަޅު ބާވަތެއްނޫން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.