September 19, 2024 23:43
Advertisement

-Advertisement-

ދެފައި ބުރިކުރި ކަމުގައިވިޔަސް އުފާވެރި ދިރިއުޅުމެއް އުޅެވިދާނެކަން ހުލްޔާ ދަނީ ސާބިތުކޮށްދެމުން!

ތަފާތު ހުނަރުވެރިން ދުނިޔޭގައި އުޅޭއިރު، އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ މިކަހަލަ މީހުން ކުރިއަރަން ބޭނުންކުރަމުން އަންނަ ވަސީލަތަކަށް ވަނީ ވެފައެވެ.

އެގޮތުން އިންސްޓަގްރާމްގައި އުޅޭ ހުލްޔާގެ ވާހަކައަށް ބަލާއިރު، ހުލްޔާއަކީ އުފެދުމުގައިވެސް އަތްތިލައިގައި އުނިކަމެއް ހުރި މީހެކެވެ. އަދި އުމުރުން 18 އަހަރުގައި ހުލްޔާވަނީ އޭނާގެ ދެފައި ބުރިކޮށް އޮޕަރޭޝަނެއް ކޮށްފައެވެ. މިއީ އުފެދުމުގައި އޭނާގެ ގައިގައި ހުރި ބައްޔެއްގެ ސަބަބުން ފައިބުރިކުރަން މަޖުބޫރުވެގެން ކުރި އޮޕަރޭޝަނެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އާންމު ގޮތެއްގައި އަހަރެމެންގެ ތެރޭގައި ބަލަނީ އެންމެން އެއްގޮތަކަށް ނުތިބޭނަމަ އެއީ އުނިކަމެއް ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ގޮތުގައެވެ. ނަމަވެސް އެމީހާއަށް ކުރެވިދާނެ ކަމެއް، ނުވަތަ އެމީހާގެ ގައިގައި ހުރި ހުނަރު ދެނެގަތުމަށް އަހަރެމެންގެ ތެރޭގައި އެއްވެސް މަސައްކަތެއް ނުކުރާކަން މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.

Advertisement

އިންސްޓަގްރާމްގައި ހުރި ހުލްޔާގެ ފޮޓޯތަކަށް ބަލާލުމުން ފެނިގެންދަނީ އޭނާގެ ރީތި ހިނިތުންވުމާއި އުފަލުން ފުރިގެންވާ ދެލޮލުގެ އިތުރުން އޭނާގެ ހިތްހެޔޮކަމެވެ. ހުލްޔާގެ ވާހަކައިން ދޭހަވަނީ އެމީހަކަށް ލިބިފައިވާ ހުނަރުގެ ބޭނުންކޮށް އެކަމުން ހިތްހަމަޖެހުން ލިބުމުގެ މުހިންމުކަމެވެ. އާންމު ގޮތެއްގައި މީހުން އަބަދުވެސް ދައްކާނީ ނުވެ ހުންނަ ކަންކަމުގެ ވާހަކައެވެ.

އިންސްޓަގްރާމް އަށް ފޮޓޯ ލުމުގެ ހިޔާލު އެންމެ ފުރަތަމަ އައިސްފައި ވަނީ ހުލްޔާގެ ފިރިމީހާ ޑެނިސް އާއި ދެމީހުން މަޖަލަކަށް ކުރިކަމެއްގެ ގޮތުގައެވެ. ހުލްޔާގެ ފިރިމީހާ ހޮބީއެއްގެ ގޮތުން ކުރަމުން އަންނަ މަސައްކަތަކީ ފޮޓޯ ނެގުމުގެ މަސައްކަތް ކަމަށް އޭނާ ބުންޏެވެ.

" އޭނާއަށް އަހަރެންނަކީ، ޖަރުމަނުގެ 'މިސް ވީލް ޗެއަރ 2004' ގެ ކުއީންކަން އެނގުމުން ބޭނުންވީ އަހަރެންގެ ފޮޓޯ ނެގުމަށް." ނުކުޅެދުންތެރިކަމާއި އެކު ފޮޓޯތައް ލުމަށް އޭނާ ހިތްވަރު ދިންކަމަށް ހުލްޔާ ބުންޏެވެ.

"ވީލް ޗެއަރ އެއްގައި އިންނާކަށް ނޫނީ ނުކުޅެދުންތެރިކަން ހުރުމުން ލަދެއް ނުގަނޭ. ބައެއް މީހުންނަށް އަހަރެން ފެނުމުން އުނދަގޫވާކަން އަހަންނަށް ފާހަގަވޭ. އަހަރެން ކަހަލަ މީހަކު ޕޫލް ނުވަތަ މޫދަށް ދިޔައިމަ ވަރަށް ބަލާ ހަދާ. އަހަރެންނަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހެއްކަން އަހަންނަށް އެނގޭ. އެހެންވީމަ އިތުރަށް އެއްވެސް ވަރަކަށް ލަދުން ކަމެއް ނުކޮށް ހުންނާކަށް މިހާރު ބޭނުމެއް ނުވޭ" ހުލްޔާ ބުންޏެވެ.

ބައެއް ފަހަރު މީހުން ބުނާ ބަސްތަކުން ދެރަވިއަސް މިހާރު އެކަން ކަމަށް އާދަވެފައިވާކަމަށް ހުލްޔާ ބުނެއެވެ. މިހާރު ބޭނުންވަނީ ހަޔާތުގައި ބާކީ އޮތް ދުވަސްތައް އުފަލުގައި ހޭދަކުރަންކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

ސްކޫލްގައި އުޅުނު އިރުވެސް އެކި ފަހަރުމަތިން ކުދިން އޭނާއަށް މަލާމާތްކޮށް ޖޯކް ޖަހާފައިވާކަމަށް ވަނީ ބުނެފައެވެ. ތުރުކީއަށް އުފަން އެހެން ނަމަވެސް ޖަރުމަނުގައި އުޅެމުން އަންނަ ހުލްޔާ ބުނީ އޭނާ އެންމެ އުފާވަނީ އޭނާގެ މައިބަފައިން ޖަރުމަނަށް ދިރިއުޅުން ބަދަލު ކުރުމުން ކަމަށެވެ. އެއީ ތުރުކީގެ ބައެއް ހިސާބުތަކުގައި މަގުތައް ހުންނަ ގޮތުން އޭނާ ކަހަލަ ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށް އިތުރު ދަތިތަކެއް ކުރިމަތިވާތީ އެވެ.

ދިރިއުޅުމުގައި ދިމާވި އެންމެ ދަތި ކަންތައްތަކުގެ ތެރޭގައި އޭނާގެ ދެފައި ބުރިކުރުމުގެ އިތުރުން ބައްޕަ ދުނިޔެ ދޫކުރުން ހިމެނޭކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ފިރިމީހާގެ ފަރާތުން ލިބޭ ލޯތްބާއި އަޅާލުން އެހުރިހާ ކަމަކަށްވުރެން ބޮޑުކަމަށް ބުންޏެވެ.

ދެފައި ބުރިކުރި ކަމުގައިވިއަސް، ލޯބި ލޯބި އެއް އަހަރުގެ ކުޑަދަރިފުޅާއި ފިރިމީހާ އާއި އެކު ހުލްޔާ އުޅެމުންދާ އުފާވެރި ދިރިއުޅުން އޭނާގެ އިންސްޓަގްރާމް އެކައުންޓުން ދަނީ ފެންނަމުންނެވެ. އުމުރުން 37 އަހަރުގެ ހުލްޔާގެ ތަފާތު 20 އޮޕަރޭޝަނެއް މިހާތަނަށް ވަނީ ކޮށްފައެވެ. 

މައުލޫމާތު އަދި ފޮޓޯ: ލެކުނާ މެގަޒިން/ ޑެއިލީ މެއިލް އަދި އިންސްޓަގްރާމް އެކައުންޓް

+1
1
+1
11
+1
1
+1
2
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. އިންފޮމޭޝަން ސޯސް ލިޔެފަ ހުންނާތީ މި މެގަޒިން އާމެދު ވަރަށް ހިންހަމަ ޖެހޭ، އިތުބާރު ހިފޭ.. ކީޕިޓް އަޕް ޒީ

    2
    1

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް