ތިލެޔޮ ނުވަތަ އިނގިރޭސި ބަހުންނަމަ sesame ގަހަކީ އާންމުކޮށް 2 ފޫޓާއި 9 ފޫޓު ދެމެދުގެ އުސް މިނުގައި، ބައެއްގަސްތައް ގޮފި ގޮތްޕަށް އަނެއްބައި ގަސްތައް ގޮފި ނެތި ހެދޭ ގަހެކެވެ. ތިލެޔޮ ކޯޅީގެ ފަތުގެ ބޮޑުމިނުގައި 5.5 އިންޗީގެ ދިގުމިން ހުންނަ މިގަސް ފޯދުމަށްފަހު، ކޮންމެ ފަތެއްގެ ބުޑުން އެކެއް ނުވަތަ 3 މާ ނުކުންނައިރު، މި މާތަކުން އުފެދޭ ކުރާގަނޑު ހިކުމުން ހުޅުވޭއިރު އޭގެ ތެރޭގައި ހުންނަ އޮށްތަކަކީ ތިލެޔޮ އޮށްތަކެވެ. މި ގަސްތަކުން ތިލެޔޮ ކަނޑަނީ މެޝިނެއް ބޭނުންނުކޮށް މީހުންގެ އަތުންނެވެ. ސަބަބަކީ މެޝިން ބޭނުންކުރުމުން ގިނަ އަދަދެއްގެ ތިލެޔޮ ބޭކާރުވާތީއެވެ.

އިތިއޯޕިއާ ފަދަ ގައުމުތަކުގައި ތިލެޔޮ ގަސްތަކުގެ ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުންދެއެވެ. އެގޮތުން އެމީހުން ހައްދާ ތިލެޔޮ އަކީ އެއްވެސް ވަރަކަށް ކެމިކަލް ބޭނުން ނުކޮށް ހައްދާ ތަކެތި ކަމުން ބާޒާރުގައި އެތަކެތި ރަނގަޅު އަގުގައި ވިކެއެވެ.

އަޅުގަނޑުމެން ކެއުމުގައި ބޭނުންކުރާ ޕާން ނުވަތަ ބަނަސް ފިހާއިރު ބޭރުގައި ހުންނަ ކުދިކުދި އޮށްތައް ކަމުގައިވާ ތިލެޔޮ އަކީ ކެއްކުމަށާއި ސެލެޑް ތައްޔާރުކުރުމާއި ބޭކަރީތަކުގައި ކާތަކެތި ތައްޔާރުކުރުމުގައި ބޭނުންކުރާ އެއްޗެކެވެ. އަދި ރީތިވުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި ސައިބޯނި އަދި ޑޮކްޓަރީ ބޭސް ތައްޔާރު ކުރުމުގައިވެސް ބޭނުންކުރެވޭ އެއްޗެކެވެ.

ސިއްޙީ ބައެއް ފައިދާތައް
ތިލެޔޮ އަކީ ޕްރޮޓީން އާއި ވިޓަމިން ބީ ވަރަށް މަތީ މިންވަރަކަށް އެކުލެވިގެންވާ އަދި ކެލްސިއަމް އިން ފުރިފައިވާ އޮށެކެވެ. ސެލެޑަކަށް އަޅާލައިގެން ނުވަތަ ކުޑަކޮށް ފިހެލައިގެން ކެވޭ ތިލެޔޮ އޮށް ޖޯޑެއްގެ ހަތަރު ބައިކުޅަ އެއްބައިގައި 351 މިލިގްރާމް ކެލްސިއަމް ހުންނަކަމަށްވެއެވެ. ތިލޮޔޮ އޮށަކީ ގިނަ މިންވަރަކަށް މެގްނީޒިއަމް ހުންނަ އެއްޗެއް ކަމުން އެ ބޭނުންކުރުމުން ލޭގެ ޕްރެޝަރު ދަށްކޮށްދީ ހަކުރުބަލި ހުންނަމީހުން ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ދަށްކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.
އަދި ތިލެޔޮ އޮށުގައި ގިނަ އަދަދަކަށް ފައިބަރ އެކުލެވޭތީ ތަރުކާރީ އާއި މޭވާ އެކުގައި ބޭނުންކުރުމުން ހަޖަމްކުރުމުގެ މައްސަލަތަކުން ދުރުކޮށްދޭ އެއްޗެއްވެސްމެއެވެ. ޒިންކު ގިނަ މިންވަރަކަށް އެކުލެވޭތީ ހަށިގަނޑުގެ މަސްތަކުގައި ވަރުޖެހުމާއި އިސްތަށިގަނޑު ވަރުގަދަވެ ހަންގަނޑު ރީތިކޮށް ޒުވާންކަންމަތީގައި ގިނަދުވަހު ހުރުމަށް އެހީތެރިވެދޭ އެއްޗެއްވެސްމެއެވެ. ތިލެޔޮ އޮށް ބޭނުންކުރުމުން ކޮލެސްޓްރޯލް މިންވަރު ދައްކޮށްދޭ ކަމަށް ވެއެވެ. މީގެ އިތުރުން ވެސް ސިއްޙީ ގިނަ ފައިދާތަކެއް ލިބިދޭ ތިލެޔޮއޮށް ކެއުމުގައި ބޭނުން ކުރުން މުހިންމެވެ.
މަސްދަރު: ފެކްޓީ، ހެލްތްލައިން