ދިވެހި ޒުވާނުންގެ ތެރޭގައި ވެސް ހުނަރުވެރި ޒުވާނުންތަކެއް އުޅެއެވެ. ވެރިރަށް މާލެއަށް އުފަން އުމަރު އަބްދުއްރަޝީދަކީ ތަފާތު އެކި ޑިޒައިންތަކުގެ ފަރުނީޗަރު، ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ޖެހުމުގައި މިއަދު މަޝްހޫރު މީހެކެވެ. ފޭސްބުކްގައި ހިންގަމުން އަންނަ އޭނާގެ ޕޭޖް 'ދިވެހި ކިއްސަރު' ގައި ވެސް 15000 އަށް ވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ.

ވަޑާމުގެ މަސައްކަތް ފެށުނުގޮތް
'ޒީޓައިމްސް' އަށް ދިން އިންޓަވިއުއެއްގައި ވަނީ ވަޑާމުގެ މަސައްކަތް ފެށުނު ގޮތް ކިޔައިދީފައެވެ. "މާލޭގައި އާއިލާއާއި އެކު ދިރިއުޅުމަށް ކުޑަޖާގައެއްގެ ތަނެއް ކުއްޔަށްހިފި ހިސާބުން އެނގިއްޖެ. ކުދިކުދި ތަންތަނަށް އެއްޗެހި ތައްޔާރުކުރާކަށް ކޮންމެ މީހަކަށް ނޭނގޭކަން. ފަރުނީޗަރ ވިއްކާ ފިހާރައިން އާދައިގެ މީހަކަށް ގަނެވޭވަރަށް ހުންނައެއްޗެހި 6 މަސްތެރޭގައި ހަލާކުވޭ. އެހެންވެ މިމަސައްކަތް ކުރަން ފެށީ." އުމަރު ބުންޏެވެ.
3 އަހަރު ދުވަހުގެ ތެރޭގައި ވަޑާމުގެ މަސައްކަތް ވަރަށްބޮޑަށް ފުޅާކޮށްފައިވާއިރު، މިމަސައްކަތް ދަސްކުރީ އެކިއެކި މީހުންގެ ކައިރިން އަހައިގެންނާއި، ތަފާތު އެއްޗެހި ބަލައިގެން ކަމަށް ވަނީ ބުނެފައެވެ. މިއަދު އޭނާ ޖަހައިދޭ އެއްޗެހީގެތެރޭގައި ތަފާތު ޑިޒައިންތަކުގެ އެނދު، ބަދިގެ ކަބަޑު ސެޓު، އަލަމާރި ފަދަ ތަކެތި ހިމެނެއެވެ.
" ކަސްޓަމަރު އޯޑަރު ދިނުމުން ބޭނުންވާ ތަކެތި ގަތުމަށް ހޭދަވާ އަގުގެ ވަކި ޕަސެންޓެއް ނެގުމަށްފަހު މަސައްކަތް ނިމުމުން ބާކީ އަގު ނަގަނީ. އެކި ރަށްރަށުން އޯޑަރު ދިނީމަ ހުންނާނެ ޑެލިވަރީކޮށްދީފައި. ބޯޓުތަކަށް ޑެލިވަރީ ކުރަމުން ފޮޓޯ ފޮނުވަދެން ކަސްޓަމަރަށް. އަދި ހަވާލުވާމީހާގެ ފޮޓޯވެސް ފޮނުވަން. އެއިރުންތާ ކަސްޓަމަރ އަށް ޔަގީންވާނީ."

މިމަސައްކަތް ކުރިން ކުރަމުން އައީ ގޭގައި ހުރި ކުޑަތަންކޮޅެއްގަ އެވެ. އެހެންނަމަވެސް މިހާރު ދަނީ ވަޑާމުގެ މަސައްކަތަށް ޚާއްސަކޮށްގެން ވަކިތަނެއް ކުއްޔަށް ހިފައިގެން މަސައްކަތް ކުރަމުންނެވެ. ތަކެތީގެ އަގަށް އައި ބަދަލުގެ ސަބަބުން އުމަރުގެ އުފެއްދުންތަކުގެ އަގު ކުރިއަށްވުރެ ބޮޑުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.
" ފިލާގައިވެސް ހުރޭ އެކި ކޮލިޓީ. އެންމެ ރަނގަޅު ފިލާ ބެލުމަށްފަހު ކަސްޓަމަރު ބޭނުންވާ ގޮތަކަށް އޯޑަރު ލިބުނީމަ ތައްޔާރުކޮށްދެނީ. ކުރިން އެއްޗެހި ތައްޔާރުކޮށްފައި ބަހައްޓަން އެވަރުގެ ޖާގައެއް ނުހުރޭ. ބޭނުންވާ މުއްދަތަށް އޯޑަރު ނިންމޭތޯ އަބަދުވެސް މަސައްކަތް ކުރަން"
ދިވެހި ކިއްސަރުގެ އުފެއްދުންތަކުން ލިބޭ އެންމެބޮޑު ފައިދާއަކީ ކުދި ޖާގަތަކަށް ފިޓްވާނެ ގޮތަކަށް ބެޑްރޫމްސެޓު ފަދަ ތަކެތި ތައްޔާރުކޮށްދިނުމެވެ.

ހިޔާ ފްލެޓަށް ޚާއްސަ ޕެކޭޖްތަކެއް
ހިޔާ ފްލެޓަށް ޚާއްސަކޮށްގެން ކުލަލުމާއި ޓައިލްސް ޖެހުން ފަދަ ފިނީޝިންގ އަށް ބޭނުންވާ ހުރިހާ މަސައްކަތެއް އުމަރުގެ ކުންފުނިން ވެސް ދަނީ ކުރަމުންނެވެ. އެހެންނަމަވެސް މިކަމުގައި ދިމާވާ އެންމެބޮޑު ގޮންޖެހުން ވަނީ ހިއްސާކޮށްފައެވެ.
" ބައެއް ކަސްޓަމަރުން ބޭނުންވަނީ އިންސްޓޯލްމަންޓަށް ޚިދުމަތް ހޯދަން. ބޭންކުން އަޅުގަނޑުމެންނަށް ލޯނު ނުލިބޭތީ މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ އުސޫލުން ޚިދުމަތް ދެވެން ނެތް. ބޭންކް އޮފް މޯލްޑިވްސް އަދި އިސްލާމިކް ބޭންކާއި ވާހަކަ ދައްކައިގެން ވެސް އެކަން ހަމަނުޖެހުނު."
ހިޔާ ފްލެޓަށް ޚާއްސަ ޕެކޭޖުގެ ޖުމްލަ އަގު 2 ލައްކަ ރުފިޔާ އަށް އަރާއިރު، މުށި ޖެހުމާއި ބަދިގެ ސެޓު އަދި ކުލަލުމުގެ މަސައްކަތް އެކަނި ކުރާނަމަ 89000 ރުފިޔާ އަށް އެމަސައްކަތް ނިންމައިދެއެވެ.
" ހިޔާ ޕެކޭޖުން ބޭނުންނުވާ ހިދުމަތެއް ކަނޑާލެވޭނެ. އެއިރުން އަގުތަކަށް ބަދަލު އާދޭ. ކަސްޓަމަރު ބޭނުންވާ ހިދުމަތެއް ނެގޭނެ އަޅުގަނޑުމެންގެ ޕެކޭޖުން."

ކަންބޮޑުވުން
ކަސްޓަމަރުންގެ ފަރާތުން ވަރަށްބޮޑު ސަޕޯޓެއް ލިބުނަސް، ވަޑާންކުރުމުގެ މަސައްކަތް ކުރިއެރުވުމަށް ސަރުކާރުތަކުން ކުދި ވިޔަފާރިވެރިންނަށް ފުރުސަތު ނުދޭކަމަށް އުމަރު ވަނީ ފާހަގަކޮށްފައެވެ.
" އަޅުގަނޑުމެން ވަރަށް މުހިންމު މަސައްކަތެއް އަސްލު މިކުރަނީ. ފަރުނީޗަރު ވިއްކާ ފިހާރައިގައި ނުހުންނާނެ ކުދި ތަންތަނަށް ފިޓްވާ ފަރުނީޗަރެއް. އަދި އެގަންނަ އެއްޗިއްސާ ބަލާއިރު މިޖަހައިދޭ ފަރުނީޗަރުގެ މުއްދަތު 2 އަހަރު ނޫނީ 3 އަހަރު އިތުރުވާނެ. އެހެންވީމަ ކޮލިޓީގައި ވެސް އެބައުޅޭ ތަފާތު."

ނިންމުން
ވަޑާމުގެ މަސައްކަތަކީ ޒުވާނުން ކުރަން ވަރަށް ރަނގަޅު މަސައްކަތެއް ކަމަށް އުމަރު ވަނީ ބުނެފައެވެ. ގިނަ މީހުން މަސައްކަތް ކުރިވަރަކަށް އެއްޗެހީގެ އަގު ހެޔޮވާނެ ކަމަށާއި، ތަކެތީގެ އަގު ބޮޑުވަނީ މިދާއިރާގައި މަދު ބަޔަކު މަސައްކަތް ކުރާތީ ކަމަށް ފާހަގަކުރިއެވެ.
" މިއީ ވަރަށް ރަނގަޅު ދާއިރާއެއް މަސައްކަތްކުރަން. ވަރަށްގިނަ ކަންކަން ދަސްވާނެ."

ކުރިން ކާބޯތަކެތީގެ ވިޔަފާރިކުރިއަށް ގެންދިޔަ އުމަރަށް މިހާތަނަށް ކުރެވުނު އެންމެ ފާހަގަކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ކެފޭއެއްގެ އިންޓީރިއާ މަސައްކަތާއި އެޕާޓްމަންޓެއްގެ މަސައްކަތް ހިމެނެއެވެ.
އިންޓަވިއު ނިންމާލަމުން ވަނީ އަންހެނުންނާއި އާއިލާގެ މެންބަރުންގެ އިތުރުން ރައްޓެހިންނާއި ކަސްޓަމަރުންގެ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު
ދެން އުމަރު ކޮބާ؟ ލިންކް ތަކާ އެއްވެހި ލާފަ ތަންކޮޅެއް ދުޅަހެޔޮ ކޮށް މައުލޫމާތު ޖެހިނަމަ އެއްނުން
ކޮމެންޓްސް ބަންދުކުރެވިފައި