އާޓިފިޝަލް ގުނަވަންތައް ޖަހައިގެން އުޅޭ ގިނަ ބަޔަކު ދުނިޔޭގައި އުޅެމުން އަންނަ އިރު، މިވާހަކަތަކަކީ އެހެންމީހުންނާއި ހިއްސާ ކުރަން އެހާ ފަސޭހަ ވާހަކަތަކެއް ނޫންކަމަށް އެމީހުން ބުނެއެވެ. ވިކްޓޯރިއާ މޮޑެސްޓާ އަކީ ޕޮޕް ސިންގަރއެކެވެ. މޮޑެލް ކުރުމާއި ލަވަ ކިޔުމުގެ ރޮގުން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ މޮޑެސްޓާގެ ވާހަކައަށް ބަލާއިރު، އުފެދުމުގައި އޭނާގެ ފަޔަށް ގެއްލުންވެފައި ވުމުން ހަގު އުމުރެއްގައި ފައިބުރިކޮށްލަން ޖެހުނުކަމަށް އޭނާ ބުނެއެވެ.
ކުޑައިރުގެ ހަނދާންތަކުގެ ވާހަކަތައް ދައްކަން ބޭނުން ނުވާކަމަށާއި، އެހެން ކުދިންނެކޭ އެއްފަދައިން ކުޅެން ނޫޅެވި ގިނަ ދުވަސްތައް ހޮސްޕިޓަލުގައި ހޭދަކުރަން ޖެހުނުކަމަށް ވަނީ ބުނެފައެވެ. އެގޮތުން ގިނަ ގަޑިއިރުތަކެއް ހޭދަވާ ސަރޖަރީތައް ކުރުމާއި ފައިގެ އެކި މައްސަލައް ދިމާވެގެން ހޮސްޕިޓަލުގައި ގިނަ ދުވަހު އޮންނަންޖެހުނު ކަމަށް ވެއެވެ.
އުފެދުމުގައި ހުރި އުނިކަމެއްގެ ސަބަބުން މޮޑެސްޓާގެ ފައި ވަނީ ކަކުލުން ތިރިން ބުރިކޮށްފައެވެ. މިވާހަތައް އޭނާއާއި ގުޅޭގޮތުން ގިނަ ނޫސްތަކެއްގައި ލިޔެފައިވާއިރު، މިއީ އޭނާ އެހާ ދައްކަން ބޭނުން ވާހަތަކެއް ނޫނެވެ. ފަޔާއި ގުޅޭގޮތުން ވަރަށް ގިނަ މީހުން ސުވާލުތައް ކުރާއިރު، އޭނާ ދައްކަން ބޭނުންވާ އިތުރު އެހެން ވާހަކަތައް ހުންނަކަމަށް ވަނީ ބުނެފައެވެ.
ދުނިޔޭގެ ނަޒަރުގައި ހަށިގަނޑު ފުރިހަމަކޮށް ހުރުމާއި ރީތިކަމަކީ ވަރަށް މުހިންމު ދެކަމަށްވާއިރު، މޮޑެސްޓާ ބުނަނީ އޭނާ ދައްކަން ބޭނުން ވަނީ އޭނާއަށް މިހާތަނަށް އައިއިރު ލިބިފައިވާ ކުރިއެރުންތަކުގެ ވާހަކަތައް ކަމަށެވެ. މޮޑެލް އަދި ލަވަކިޔުންތެރިޔާ ލޮސް އެންޖެލިސްގައި އޭނާގެ ކެރިއަރއާއި އެކު ކުރިއަށް ދިއުމަށް ދިރިއުޅުން ބަދަލުކޮށް، ފަންނީ ދާއިރާއިން އެސިޓީގައި މަސައްކަތް ކުރަން ފެށިއެވެ. އޭނާގެ މަންމައާއި އެކު ދިރިއުޅުން ބަދަލުކުރީ އުމުރުން 12 އަހަރުގަ އެވެ. މޮޑެސްޓާ އުފަންވި 'ލަޓްވިއާ' އަކީ އޮޕަރޭޝަންތަކާއި އޭނާގެ ބަލި ދުވަސްތައް ހަނދާން އާކޮށްދޭ ތަނެއް ކަމަށާއި ލޮސްއެންޖެލިސް އަކީ އޭނާ އަލުން ދިރިއުޅެން ފެށުންކަމަށް ވަނީ ބުނެފައެވެ.
މޮޑެސްޓާގެ ޖަހާފައިވާ ފަޔަކީ ވަރަށް ތަފާތުކޮށް ހަދާފައި ހުރި ފައެކެވެ. 10 އަހަރުވެފައިވާ މިފައިގައި އޭނާ ވަނީ 100 އަށް ވުރެ ގިނަ ރިހި ކުލައިގެ ޕިން ހަރުކޮށްފައެވެ. މިއީ މިގޮތަށް ފައި ޖަހައިގެން އުޅޭ މީހުންނާއި އަޅާބަލާއިރު، ވަރަށް ތަފާތުކޮށް އޭނާ ކޮށްފައިވާ ކަމެއްކަން ފާހަގަވެއެވެ.
ފައި ޖަހައިގެން އުޅުމަކީ އޭނާއަށް ވަރަށް އާދައިގެ ކަމަކަށްވާއިރު، އެހެން މީހުންނަށް މިކަން އެހާ ޝައުގުވެރި ވަނީ ކީއްވެތޯ ވަނީ ސުވާލުކޮށްފައެވެ.
2014 ވަނަ އަހަރު 'ޕްރޮސްތެޓިކް' އާއި ގުޅޭ ވިޑިއޯއެއް "ޕްރޯޓޯ ޓައިޕް" އުފައްދާ އަމިއްލައަށް ޑައިރެކްޓްކޮށް ތައްޔާރުކޮށް "އެކްސް ފެކްޓަރ" ޝޯވ ގެ ކޮމާޝަލްއެއްގެ ގޮތުގައި އެ ވީޑިއޯ ހިމެނިއެވެ. އަދި މިވީޑިއޯ ވަނީ ވައިރަލްވެފައެވެ. 10 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވާ މި ވީޑިއޯގެ ސަބަބުން ޕްރޮސްތެޓިކް ގުނަވަންތައް ބޭނުންކުރާ މީހުންނާއި ދޭތެރޭގައި އާންމުން ދެކޭގޮތް ބަދަލުވެގެން ދިޔައެވެ. އަދި އެމީހުންނަކީ ވެސް އާންމުން ބަލައިގަންނަ ބަޔަކަށް ވެގެންދިޔައެވެ.
6 މިނެޓުގެ މި ވީޑިއޯގައި މޮޑެސްޓަރ ވަނީ ޑާންސްކޮށް އޭނާގެ ޖަހާފައިވާ ފައި ދައްކާފައެވެ. އޭނާއަށް އޭނާގެ ފަޔަކީ ވަރަށް އާދައިގެ ކަމެއް ނަމަވެސް އެއީ މީހުންނަށް ވަރަށް ހައިރާންކަން ގެނުވި ކަމެއްކަމަށްވިއެވެ. އަދި އޭނާ އެވީޑިއޯގައި ފައި ދައްކާފައި މިވަނީ އެކަމުގެ ސަބަބުން އޭނާގެ ހުނަރަށް ނުވަތަ ރީތިކަމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ދެއްކުމުގެ ގޮތުންކަމަށް މޮޑެސްޓާ ހާމަކުރެއެވެ.
މިވީޑިއޯއާއި އެކު އޭނާއަށް މޮޑެލް ކުރުމަށާއި، ޑާންސް އަދި ލަވަކިޔުމުގެ ދާއިރާއަށް ވަރަށް ގިނަ ފުރުސަތުތައް ހުޅުވިގެން ދިޔައެވެ. ނަމަވެސް އޭނާ ކުރިއަށްދާން ބޭނުންވަނީ ސައިންސް އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކަމަށް ވަނީ ބުނެފައެވެ.
2015 ވަނަ އަހަރު އެމް.އައި.ޓީ މީޑިއާ އާއި ގުޅި އޭނާ ވަނީ ފެލޯ ޑައިރެކްޓަރެއްގެ މަޤާމްގައި މަސައްކަތް ކޮށްފައެވެ. މޮޑެސްޓާ ބުނަނީ، ބޭނުންވަނީ މީހުންނަށް އޭނާގެ ހުނަރު ދައްކަން ކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ދައްކަން ބޭނުން ނުވާކަމަށެވެ.
މިހާރު އުމުރުން 33 އަހަރުގެ މޮޑެސްޓާގެ ފައި އޭނާގެ އުމުރުން 20 އަހަރުގައި ބުރިކޮށް ފަޔެއްޖެހި ކަމުގައިވިޔަސް، ހިތްވަރާއެކު މަސައްކަތް ކުރަމުން ދަނީ ދިރިއުޅުމުގަ ދިމާވާ ހާލަތަކުން ފަސްޖެހުމެއްނެތި ކުރިއަށް ދިއުމަށެވެ.
މަސްދަރު: ލެޓައިމްސް، ދަގާރޑިއަން