ބޭނުންވާތަކެތި
5 ޖޯޑު ބަނބުކެޔޮ (ފެނުކައްކާ ފެންފެލާފަ ނުވަތަ އާވިން ކައްކާ ފުނޑާފަހުރި)
4 ޖޯޑު ދިވެހި ހަކުރު
½ ޖޯޑު އާދައިގެ ހަކުރު
2 ޖޯޑު މާފެން

ތައްޔާރުކުރާނެ ގޮތް
ބަނބުކޭލާއި ދިވެހި ހަކުރު އެއްކޮށް ތާހަކަށް އެޅުމަށްފަހު އުނދުން މައްޗަށް އުދާލާށެވެ. މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން އެއްކުރަމުން ކައްކާށެވެ. ހަރުވާން ފެށުމުން މާފެނާއި އާދައިގެ ހަކުރު އަޅާށެވެ. ތާހުގެ ކައިރިފަށުން ހިކޭގޮތްވުމުން އުނދުން މަތިން ބާލާށެވެ.
ނާރުކުފަލުދަ ތައްޔާރުކުރުމަށް އަތުގައި ތެޔޮފޮދެއް ހޭކުމަށްފަހު ކުދި މަސްރޮށީގެ ސައިޒަށް ފަތާކޮށްފައި، އިނގިލިކުރިން އޭގެ މެދަށް ފިތާފައި ވަށްކޮށް ފަހަރަކު އެއްޗެއް ތައްޔާރުކުރާށެވެ. ޓްރޭއެއްގައި ތެޔޮ ހޭކުމަށްފަހު ނާރުކުފަލުދަތައް އަތުރާލާށެވެ. އަދި އޭގެ މައްޗަށް ފިޔާތޮށި ފިނިފެންމާ ނުވަތަ ހުވަނދުމާ ވިއްސާލާށެވެ. އެއަށްފަހު އަވީގައި ބަހައްޓައިގެން ހިއްކާށެވެ. ރަނގަޅަށް ހިކުމުން އަނެއްކާވެސް އޭގެ މައްޗަށް މާ އެޅުމަށްފަހު މަތިބަންދު އެއްޗަކަށް އަޅާށެވެ.
މިއީ ޒަމާނުއްސުރެ ދިވެހިން ތައްޔާރު ކުރަމުން އަންނަ މީރު އެއްޗެކެވެ.