މި ޖަލުގައި ބަންދުވެފައި ދެން އިންނަން ނުޖެހޭނެ ކަމުގެ އިހްސާސް ވިއެވެ. ވަރަށް ގިނައިރު ލަމްހާ އަހަރެންނާއި ވާހަކަ ދެއްކުމަށްފަހު، ފުރުމުގެ ހުރިހާ ނިޒާމެއް ހަމަޖައްސަދޭނެ ކަމަށް ބުންޏެވެ.
މަޑުމަޑުން އަހަރެންގެ ހެދުންކޮޅު ފަތްޖަހާލާފައި ކުޑަ ދަބަހަކަށް އެޅުމަށްފަހު މަންމަމެންނަށް ނުފެންނަ ތަނެއްގައި ބެހެއްޓީމެވެ. ފުރަން ހަމަޖެހިފައި ވަނީ ދަންވަރު އެވެ. އަދި ފުރާ ގަޑިއަށް ލަމްހާ ދާނެ ކަމަށްވެސް ބުންޏެވެ. އެރޭ ނިދުމުގެ ކުރިން މަންމައަށާއި ބައްޕައަށް ވަދާއީ ސިޓީއެއް ލިޔުނީމެވެ. އެސިޓީގައި އަހަރެން މަންމަ އާއި ބައްޕަ ދެކެ ވަރަށް ލޯބިވާ ވާހަކަ ހާމަކުރީމެވެ. ކޮއްކޮމެން އެކަނިވެދާނެތީ އެކަމާދެރަވާ ވާހަކަވެސް ބުނީމެވެ. އެކަމަކު އަހަރެންނަށް ދެން މިހާލުގައި ކެތް ނުވާނެ ކަމަށާއި، މިއަދުން ފެށިގެން އަހަރެން ހޯދަން ދެން މަސައްކަތް ނުކުރާށޭވެސް ލިޔުނީމެވެ. އަހަރެންގެ ސަބަބުން މަންމައަށާއި ބައްޕައަށް އުފުލަން ޖެހުނު ބުރަ އުފުލަން ދެން ނުޖެހޭނެ ކަމަށްވެސް ލިޔުނީމެވެ. މަންމަގެ ރޭގަނޑުގެ ނިދިން މަޙްރޫމުވެ އަހަރެން އުޅޭ ނޫޅޭ ގޮތް ބަލަން ދެން ނުޖެހޭނެ ކަމަށްވެސް ލިޔުނީމެވެ. އަހަރެން ބޭނުންވި ތައުލީމާއި ބޭނުންވި އުފާވެރި ދިރިއުޅުން ހޯދަދެވޭ ވަރުގެ މީހަކާ އެކީ، އަބަދުމެ އަބަދަށް މަންމަ އާއި ބައްޕަ ދޫކޮށްލާފައި ފުރަނީ ކަމުގައި ލިޔުނީމެވެ.
ފުރަން ތައްޔާރުވެފައިވާ ގަޑި ކައިރީވީ ވަރަކަށް ހިތުގެ ވިންދު އަވަސް ވެގެންދިޔައެވެ. ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަންފެށުނެވެ. ނިދާފައި ތިބި ދެކޮއްކޮއަށް ބަލާލާފައި ރޮވެން ފެށުނެވެ. އެއްފަރާތުގައި ލޯބިވާ އާއިލާއާއި ކޮއްކޮމެންނެވެ. އަނެއްފަރާތުގައި އަހަރެންގެ ފުރާނަފަދަ ލޯބިވެރިޔާއެވެ. ކުއްލިއަކަށް ވިދާ ގުގުރަން ފަށައިފިއެވެ. ގަޑިން 1 ޖެހީއެވެ. ފުރަން ހަމަ ޖެހިފައިވަނީ 2.30 ގައެވެ. މަޑުމަޑުން ނިކުމެ ކުޑައެއް ފެނޭތޯ ބަލާލުމަށްފަހު ކުޑަ ހިފައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތީމެވެ. ސިޓިންރޫމް ކުޑަދޮރުން ބޭރު ބަލާލިއިރު ހޯސްލާފައި ވާރޭވެހޭ ތަން ފެނެއެވެ. އަހަރެންގެ ހިތް ބިރުގަންނަން ފަށައިފިއެވެ. ތުރު ތުރު އަޅަން ފަށައިފިއެވެ. މަޑުމަޑުން ދޮރުހުޅުވާލާފައި މަގުގެ ދެކޮޅު ބަލާލުމަށްފަހު އަވަސް ހިނގުމެއްގައި ލޯންޗް އޮތް ދިމާލަށް ދިޔައިރު ލަމްހާ އާއި ނާޒިމް ހުއްޓެވެ. ނާޒިމް ފެނުމާއެކު އުފަލުންގޮސް އަހަރެންނަށް ރޮއިގަނެވުނެވެ. ވެހޭ ވާރޭ ތެރޭގައި އަވަސް އަވަހަށް ލަމްހާގައިގައި ބައްދާލާފައި ސަލާމް ކުރުމަށްފަހު މަންމަމެންގެ ހާލު ބަލާ ދިނުމަށްވެސް އެދުނީމެވެ.
އަހަރެން ލޯންޗަށް އެރުމާއެކު ލޯންޗް ފުރައިގެން ގޮސް ބިޔަ ރާޅުތަކުގެ ތެރޭގައި ދަތުރުކުރަމުން ދިޔައެވެ. ނާޒިމް އަހަރެންގައިގައި ބައްދާލައިގެން އިނެވެ. ހުއްޓުމެއްނެތި އަހަރެންގެ ލޮލުން ކަރުނަ ފައިބަމުންދިޔަ އެވެ. ނާޒިމް ބޭނުންވީ އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަބަދުމެ އަބަދަށް ފޮހެލުމަށެވެ. އާފެށުމަކުން އާހަޔާތެއް ފެށުމަށް އަހަރެންނާއެކު ދިރިއުޅުމުގެ ހުވަފެން ދައްކުވައިދެމުން ވާހަކަ ކުރިއަށް ދިޔައެވެ. ދުވަހަކުވެސް އަހަރެންގެ ހިތުގައި ނުޖައްސާނެ ކަމަށާއި، އަހަރެން ބޭނުންވާ ހުރިހާ އުފަލެއް ހޯދަދޭނެ ކަމުގެ ޔަގީންކަން ދިނެވެ. އަހަރެން ނާޒިމްއާއި އެކީ އުޅެން މިއައީ މައިންބަފައިންނާ އާއިލާވެސް ދޫކޮށް، ހުރިހާ އެއްޗެއް ގުރުބާން ކޮށްފައި ކަމުގައި ބުނީމެވެ. ލޯންޗް ގޮސް މާލޭ ފަޅުން ވަނުމާއެކު ހުދުކުލައިގެ ކާރެއް އަހަރެމެން ބަލާއައިސް އޮތެވެ. ކާރަށް އެރުމަށްފަހު ދިޔައީ ނާޒިމްމެންގެ ގެއަށެވެ. އެގެއަކީ 10 ބުރިއަށް ނަގާފައިވާ ރީތި ގެއެކެވެ. ގެއަށް ވަނުމާއި އެކު ނާޒިމްގެ މަންމަ އާއި ކޮއްކޮމެން އަހަރެންނަށް މަރްޙަބާ ކިޔެވެ. އަހަރެންނަށް އާއިލާއެއްގެ ގޮތުގައި ދިމާވީ އެތައް ދަރަޖައެއް މަތީ ބަޔަކާ އެވެ.
ގޭތެރެއަށްވަދެ އާޝޯޚްވެފައި އިނދެވުނެވެ. އެއީ ގަނޑުވަރެއްފަދަ ރީތި ބޮޑު ގެއެކެވެ. އަހަރެން ކަހަލަ މީހަކާ އަރާ އަރަފޯދިގެން ނުވާފަދަ މުއްސަދި ކަމުން ފުރިގެންވާ އާއިލާއެކެވެ. އަހަރެން ލަދުން އިދެ އެމީހުންނާ މުޚާތަބު ކުރީމެވެ. މިއަދު އަހަރެންގެ އާއިލާ އަކީ ނާޒިމްގެ އާއިލާ ކަމުގައި ނާޒިމް ބުންޏެވެ. އެގޭގައި އަހަރެންނަށް ޚާއްސަ ކުރެވިފައިވާ ކޮޓަރިއަށް ގޮސް ވަރުބަލި ފިލުވާލަން އޮށޯވެލީމެވެ. ހޭލެވުނީ ނާޒިމް މަންމަ އައިސް ދޮށުގައި ޓަކި ޖަހާލި އަޑަށެވެ. ގޮވާލުމަށްފަހު އަހަރެންނަށް ފޯނެއް އައި ވާހަކަ ބުނެލުމުން އަވަސް އަވަހަށް ފޯނާ ދިމާލަށް ދިޔައީމެވެ. ފޯނު ކުރީ ލަމްހާއެވެ. މޮޅި ރާގަކަށް ލަމްހާ ވާހަކަ ދެއްކިއެވެ. މަންމަ އާއި ބައްޕަ އަހަރެން ހޯދާ ވާހަކައާއި އަހަރެން ނުފެނިގެން ޕޮލިހަށް ރިޕޯރޓް ކުރި ވާހަކަވެސް ބުނެލިއެވެ. އަހަރެން ދެރަވި ނަމަވެސް ލޯތްބަށްޓަކައި އަނބުރާ ދާން ބޭނުން ނުވާ ކަމަށް ލަމްހާ ކައިރީ ބުނީމެވެ. ލަމްހާ ވެސް އަހަރެން އުފަލުގައި ހުރުމަށް އެދޭ ކަމަށާއި އަހަރެންގެ މަންމަ ދެރަވެ މޮޅިވެފައި އިނުމުން އޭނާގެ ހިތަށް އަސަރު ކުރި ވަރުން އަހަންނަށް އެވާހަކަ ކިޔާދިނެވެ.
އަހަރެން މާލެ އައިތާ 4 ދުވަސް ފަހެވެ. އާއިލާއިން އަހަރެން ހޯދަން މަސައްކަތް ކުރަމުންދާ ކަމުގެ ޚަބަރު ލިބެމުން ދިޔައެވެ. ނާޒިމަށް ޕޮލިހަށް ހާޒިރުވާން އެންގިއެވެ. ޕޮލިހުން މައްސަލަ ބެލުމަށްފަހު 18 އަހަރުވެފައިވާ ކުއްޖަކު ގަދަކަމުން އަބުރާ އާއިލާ ކައިރިއަށް ގެންދިއުމަށް މަސައްކަތް ކުރެވެން ނެތް ކަމުގައި އަހަރެންގެ އާއިލާއަށް އެންގިއެވެ. އަހަރެން އަނބުރާ ރަށަށް ގެންދިއުމަށް ބައްޕައަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ދިޔައެވެ. އަހަރެންނާ ހެދި ވިސްނައި ވިސްނައި މަންމަ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރި ޚަބަރު ލިބުމުން އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އަހަރެންނަކީ އަބަދުވެސް މަންމަދެކެ ވަރަށް ލޯބިވާ ކުއްޖަކަށްވެފައި މަންމަގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔަ ހަމައެކަނި ދަރިފުޅެވެ. މައެއްގެ ހިތަށް ކެތް ނުވާނެ ކަންވެސް އެގެއެވެ. އެހުރިހާ އެއްޗަކަށް ވުރެ އަހަރެންނަށް މުހިންމުވީ ނާޒިމްގެ ލޯތްބެވެ.
އަހަރެންގެ ހަޔާތުން ވޭތުވެގެން މިދަނީ ބަރުދާސްތު ކުރަން ދަތި ދުވަސް ތަކެކެވެ. ދިމާވި ހުރިހާ ކަމަކަށް ކެތްކުރަމުން ގެންދިޔައީމެވެ. މިހެން އުޅެނިކޮށް އެއްދުވަހަކު އަހަރެންނަށް މަންމަގެ ސިޓީއެއް ލިބުނެވެ. ސިޓީ ހުޅުވާލުމަށް ފަހު ކިޔާލީމެވެ. "ދަރިފުޅާއެވެ. މަންމައަށް މާފު ކުރާށެވެ. ދަރިފުޅު ބޭނުންވި އުފާވެރި ހަޔާތް ހޯދަދިނުމަށް މަންމަ ކުރަމުން ދިޔަ މަސައްކަތުގައި ކުލަ ނުޖެހި އުޅެނިކޮށް ދަރިފުޅު ތިދިޔައީ މަންމަ ދޫކޮށްލާފައެވެ. އަބަދުވެސް މަންމަ އިންތިޒާރު ކުރަނީ ދަރިފުޅު އަނބުރާ މި މަންމަ ކައިރިއަށް އަންނާނެ ދުވަހަކަށެވެ. ދަރިފުޅު ނެތުމުން މަންމަ އަށް ލިބެމުންދާ ހިތާމަތައް ތަހައްމަލް ކުރުމަކީ މިމަންމަ އަށް ކެތްވާވަރުގެ ކަމަކަށް ނުވެއެވެ. މަންމަގެ އާދޭހަކީ ދަރިފުޅު މަންމަ ކައިރިއަށް އަލުން އަނބުރާ އައުމެވެ. ދަރިފުޅަށް ކިޔަވައި ދިނުމަށް މަންމަ ރައްޓެހި ސަކީނާގެ ގެއަށް މާލެ ފޮނުވުމުގެ ހުރިހާ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ. ސިޓީ ކިޔާނިމުނު އިރު އަހަރެންނަށް ވަނީ ރަނގަޅަށްވެސް ރޮވިފައެވެ. ނަމަވެސް އަހަރެން މިއަދު މިވަނީ ނާޒިމާއި ކައިވެނި ކުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައެވެ.
އަހަރެންގެ ބައްޕަ އަހަރެންގެ ކައިވެންޏަށް ވަލީ ނުދިން ކަމުގައިވީ ނަމަވެސް ކޯޓުން އަހަރެންނަށް ކައިވެނި ކޮށްދިނެވެ. އަހަރެންނާއި ނާޒިމްގެ ކައިވެނި ކުރެވިގެން ދިޔައީ ދަރުބާރުގޭގައެވެ. ކައިވެނި ކުރެވިގެންދިޔައީ ވަރަށް ކުލަގަދަކޮށެވެ. ނާޒިމްގެ އާއިލާއިން އަހަރެންނަށް ވަރަށް ހެވެވެ. ނާޒިމް މަންމައަކީ އަހަރެންގެ އުފަން މަންމަ ނޫން ކަމުގެ އިހްސާސް އަހަރެންނަކަށް ނުވެއެވެ. ނާޒިމް އަހަރެންނާއި ކައިވެނި ކުރުމަށްފަހު އަހަރެންނަށް ކިޔަވައިދޭން ނަރުސް ކޯހުގައި ބައިވެރިކޮށްދިނެވެ. ނާޒިމް އަހަރެންނަށް ވަރަށް ހެވެވެ. ނާޒިމް ކަހަލަ ލޯބިވެރިޔަކު ލިބުމަކީ އަހަރެންގެ ނަސީބެވެ.
ދުވަސްވަރަކީ ނާޒިމް ރަށުގައި ނެތް ދުވަސްވަރެކެވެ. އަހަރެންވެސް އެންމެފަހު އަހަރުގެ ފަހު އިމްތިޙާނަށް ފިލާވަޅު ދަސްކުރުމުގައި ވަރަށް ލަސްވަންދެން ހޭލާ އިދެފައި ނިދެނީ ވަރަށް ލަހުންނެވެ. އާދައިގެ މަތިން އަހަރެން ހޭލައިގެން ސައިބޯން ދިއުމުން ނާޒިމް މަންމަ އަހަރެންނާއި ދިމާލަށް ބުނީ "އޭނާ އަކީ މިގޭގައި ގެންގުޅޭ އަޅެއް ނޫން. ނާޒިމް ނެތިއްޔާ ކޮޓަރިން ނުކުމެވޭ ކަމަކަށް ނުވޭ" މިޖުމްލައިން އަހަރެންގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ރައްދުގައި އެއްވެސް ބަހެއް ނުބުނަމެވެ. ސައިބޯ ހިތްވެސް ކެނޑުނެވެ. ކޮޓަރިއަށް ވަދެ އެކަނިވެރިކަމުގެ އިހްސާސް ކުރެވެން ފެށިއެވެ. ސްކޫލް ދުވަސްވަރު ކިޔަވަން އިންނައިރު މަންމަ ބަހައްޓާ އޯގާތެރިކަމާމެދު ވިސްނުނެވެ. އިރުކޮޅަކު ކޮޓަރީގައި އުޅުމަށް ފަހު ބަދިގެއަށް ވަދެ މެންދުރަށް ކައްކަން ތައްޔާރުކޮށްލީމެވެ. ނާޒިމުގެ މަންމަ އަހަރެންނާއި ވާހަކައެއް ނުދައްކައެވެ. ވެގެން އުޅޭ ގޮތެއްވެސް އަހާލަން ނުކެރިފައި ހުރެވުނެވެ.
މިއަދަކީ އަހަރެންގެ ގްރެޖުއޭޝަން އޮންނަ ދުވަސް ކަމުން ގްރެޖުއޭޝަން އަށް ދިއުމަށްޓަކައި ތައްޔާރުވާން ކޮޓަރީގައި ހުއްޓާ ނާޒިމް އައިސް ކޮޓަރިއަށް ވަނެވެ. އަދި ކޮޓަރިއަށް ވަނުމަށްފަހު އަހަރެންގައިގާ ބައްދާލުމަށްފަހު ހަދިޔާއެއް ދިނެވެ. އަހަރެން ހަދިޔާ ކަނޑާލުމާއެކު ޙައިރާންވެ އަންތަރީސްވިއެވެ. އަހަރެންނަށް ހަދިޔާއަކަށް ލިބުނީ އެންމެ ފަހުގެ ސެމްސަން ފޯނެކެވެ. އެފަދަ އަގުބޮޑު ހަދިޔާއެއް ލިބިދާނެ ކަމަށް ދުވަހަކުވެސް ހީނުކުރަމެވެ. އެއީ މޯބައިލް ފޯން ގެންގުޅޭ މީހުން އެހާ އާންމު ޒަމާނެއްވެސް ނޫނެވެ. ގަޑިޖެހެން ކައިރުވުމާއެކު ރީތިވެލައިގެން ގްރެޖްއޭޝަން އަށް ދިޔައީމެވެ. އަހަރެންނަށް މުޅި ކޯހުން އެއްވަނަ ލިބުނެވެ. އެއީ ބުނެދޭން ނޭނގޭފަދަ އިޙްސާސް ތަކެއް ކުރެވިގެން ދިޔަ ވަގުތުކޮޅެކެވެ. މި ފަޚުރުވެރި ވަނަ ލިބުމުގެ އުފަލުގައި ބައިވެރިވާން އަހަރެންގެ މަންމައާއި ބައްޕަ ތިބި ނަމައޭ ހިތައް އެރިއެވެ. މުޅި ކޯހުން އެއްވަނައަށް ދިއުމުން އަހަރެންގެ ނަން ނޫސްތަކުގެ ފަލަ ސުތުޚީތަކަށްވެސް އެރިއެވެ. އެކަމުގެ މުނާސަބަތުގައި ނާޒިމް އާއި ނާޒިމްގެ އާއިލާއިން ޕާރޓީއެއް ބާއްވަދިނެވެ.
މިހާރު އަހަރެން ވަޒީފާ އަދާކުރަނީ އައިޖީއެމްއެޗްގެ އޮޕަރޭޝަން ޑިޕާރޓްމަންޓްގައެވެ. ވަޒީފާއަށް ދާތީ ވަރަށް ބުރައެވެ. ގޭގައި މަޑުކޮށްލާނެ ދުވަހެއް ލިބެނީ ވަރަށް މަދުންނެވެ. ޝިޕްޓް ޑިއުޓީތައް ހުންނަ ގޮތުން ގޭގެ މަސައްކަތެއްގައި ވެސް ބައިވެރި ނުވެވެއެވެ. އެއްދުވަހަކު އަހަރެން ޑިއުޓީގައި ހުއްޓައި ވަރަށް ގަދައަށް ބޯއަނބުރަން ފެށިއެވެ. ކެތް ނުކުރެވިގެން އެތާހުރި ގޮނޑިއެއްގައި އިށީދެލީމެވެ. އެހެން އިންދާ އޯކާދެމި ހޮޑުލެވެންފެށިއެވެ. ވަގުތުން ގޮސް ޑޮކްޓަރަށް ދެއްކީމެވެ. ޓެސްޓްތައް ހެދުމަށްފަހު ނަތީޖާ ލިބެންދެން މަޑުނުކޮށް ނާޒިމަށް ގުޅާލީމެވެ. މާގިނައިރުތަކެއް ނުވެ ނާޒިމް އައެވެ. އަހަރެން ގައިގާ ލޭމަދުކަމަށް ބުނެ އައިވީ ގުޅިއެވެ. އަހަންނަށް ކުޑަކޮށް ނިދުމަށްފަހު ހޭލެވުނީ ޑޮކްޓަރ ވާހަކަ ދައްކާ އަޑަށެވެ. ޑޮކްޓަރ ރިޕޯރޓް ބެލުމަށްފަހު އަހަރެން ބަލިވެ އިންކަމަށް ބުންޏެވެ. އަހަރެންނަށް ކުރެވުނީ ވަރަށް އެހެން ކަހަލަ އިޙްސާސްތަކެކެވެ. ނާޒިމް އުފަލުންގޮސް އަހަރެން ގައިގައި ބައްދާލިއެވެ. އުފަލުންގޮސް އަހަންނަށް ރޮވުނެވެ. އަދި މިޚަބަރު ދިނުމަށް ލަމްހާ އަށް ގުޅީމެވެ. ލަމްހާ އަހަރެން ކައިރިއަށް ވަރަށް އަވަހަށް އަންނާނެ ކަމުގައިވެސް ބުންޏެވެ.
ނުނިމޭ..