ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު 'ޒީޓައިމްސް' ގެ ފަރުދުން ކެޓަގަރީ މި ޚާއްސަ ކޮށްލަނީ ދިވެހި ބަސް އުގަންނައި ދެއްވުމުގައި އަދި އެދާއިރާއަށް ޚިދުމަތް ކޮށްދެއްވުމުގައި ދިވެހިރާއްޖޭގައި ފާހަގަކޮށްލެވޭ އެދުރަކަށެވެ.
އެދުރުން އެކުރައްވާ ބުރަ މަސައްކަތުގެ މަތިން ހަނދާން ނުނެތޭނެއެވެ.
ލޯތްބާއި ޝުކުރާއި އެކު ހުރިހާ އެދުރުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވަމެވެ.
" ހުސްވުމެއް ނެތް ތާރީފާ ޝުކުރޭ މިއަދު މި އަރިސްވަނީ
ހުސް ރަނުގައި ގަތަމުން އަބާރަނަ އެދުރުނަށް މި ވެދުން ވަނީ"
ދިވެހިބަހުގެ އެކެޑަމީގެ ރައީސްކަން 10 އަހަރު ކުރެއްވި އަދި ދިވެހި ބަސް އުގަންނައިދެއްވުމުގައި 20 އަހަރު ހޭދަކުރެއްވި އަޝްރަފް ޢަލީ ފޭސްބުކްގައި ލިޔުއްވައިފައިވެއެވެ.
އަޝްރަފް ޢަލީ
ގއ.ނިލަންދޫ ލިލީމާގެއަށް އުފަންވެ ވަޑައިގެންނެވި އަޝްރަފް އެންމެ ފުރަތަމަ ތަޢުލީމް ހާޞިލްކުރެއްވީ ނިލަންދޫ މަދަރުސާ އިންނެވެ. ރަށު މަދަރުސާގައި ގްރޭޑް 5 އާއި ހަމައަށް ތަޢުލީމް ހާޞިލްކުރެއްވުމަށްފަހު، މާލެ ވަޑައިގެން މަދަރުސަތުލް އާލިޔާ އިން ވަނީ އޯލެވެލް ފުރިހަމަ ކުރައްވާފައެވެ. ސާނަވީ މުދައްރިސް ކަމުގެ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވީ މަޖީދިއްޔާ ސްކޫލުގައި 1999ވަނަ އަހަރުގައެވެ. މަޖީދިއްޔާ ސްކޫލުގައި ވަޒީފާ އަދާކުރެއްވިއިރު ވަނީ ދަރިވަރުންނާއި އެކު އަދަބީ ދަތުރުތައް ކުރައްވާފައެވެ.
ދަރުމަވަންތަ ސްކޫލް އުފެދުމާއި އެކު އަޝްރަފް އެސްކޫލުގައި މަސައްކަތް ކުރައްވަން ފެއްޓެވީ ދިވެހި ޑިޕާޓްމަންޓްގެ އެޗްއޯޑީގެ މަޤާމްގައެވެ. 2009ވަނަ އަހަރު ދިވެހި ބަހުގެ ޑިގްރީ ފުރިހަމަ ކުރެއްވި އަޝްރަފް ވަނީ ލީޑިންގ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި ވަނީ ދިވެހި ރާއްޖޭގެ ކޮލެޖުތަކުގައި ކިޔަވައިދެއްވާފައެވެ.
ދިވެހި ބަހުގެ އެކެޑަމީގައި 10 އަހަރު
ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގެ ދަށުން ދިވެހި ބަހުގެ އެކެޑަމީ އުފައްދާ، އެ އެކެޑަމީގެ ރައީސެއްގެ ގޮތުގައި އަޝްރަފް އައްޔަން ކުރެއްވީ 2011ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. 5 އަހަރުގެ ދެދައުރު އެކެޑަމީގެ ރައީސެއްގެ ގޮތުގައި އަޝްރަފް މަސައްކަތް ކުރެއްވިއިރު އެކެޑަމީގައި ހޭދަކުރެއްވި 10 އަހަރުގެ މަސައްކަތް ނިމުމަކަށް އައީ މިއަހަރުގެ އޯގަސްޓްމަހުގެ 7 ވަނަ ދުވަހުގައެވެ.
ދިވެހި ބަހާއި އަދަބިއްޔާތަށް އަޝްރަފް އިސްވެ ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަންތައްތައް ވަނީ 'ޒީޓައިމްސް' އާއި ހިއްސާކުރައްވާފަ އެވެ. މިގޮތުން އެކެޑަމީ އިން އިސްވެ ވަނީ ތަފާތު އެކި ރަށްރަށުގައި ދިވެހި ބަހާއި ގުޅުންހުރި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދަވާފައެވެ. ޅެންވެރީންގެ ދުވަސް ފަދަ ދުވަސްތައް ކުލަގަދަކޮށް ވަނީ ފާހަގަކުރައްވާފައެވެ. އަދަބީ ޢީދުތައް ވަނީ ކުރިއަށްގެންދަވާފައެވެ.
" ކިޔަވައިދިނުމާއި، ކުދިންނަށް އެކި ހުނަރު އުގަންނައިދިނުމަށް އަމިއްލަގޮތުން ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިޔައީ ހަރަކާތްތައް ހިންގަމުން. އެކެޑަމީ އިން ބެލީ ރަށްރަށުގައި ތިބޭ ކުދިންނަށް ބަހާއި އަދަބިއްޔާތާއި ތާރީޚުގެ މަޢުލޫމާތު ފޯރުކޮށްދެވޭތޯ. ޅެންވެރިކަމުގެ ކޯސްތަކާއި ވާހަކަ ދެއްކުމުގެ ފަންނުގެ ކޯސްތައް ހިންގުނު. 3000 އާއި 4000 އާއި ދެމެދުގެ އަދަދަކަށް މީހުން ބިނާކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންދެވިފަ." އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ފާހަގަކުރެވިފައި ވަނީ ދިވެހި ބަހާއި ތާރީޚީ ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ މީހުންނާއި ގާތްގުޅުމެއް ބޭއްވެވި އަދި އެފަދަ ބޭފުޅުން ބައިވެރި ކުރައްވައިގެން ދިވެހި ބަހަށް ޚިދުމަތް ކޮށްދެއްވި ބޭފުޅެއްގެ ގޮތުގައެވެ.
" މިދާއިރާގައި ޚިދުމަތްކުރެއްވި އެކި އުމުރުގެ މީހުން އަޅުގަނޑު އެންމެ ފުރަތަމަވެސް ގާތް ބަޔަކަށް ހެދީ. އެމީހުން އެއްތަންކުރީ. ބަހުގެ އެކެޑަމީގެ ލަފައާއި އެކީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރެވޭތޯ އެބޭފުޅުން ވަރަށް މަސައްކަތް ކުރެއްވި. ލިބުނު ކާމިޔާބެއް މިލިބުނީ އެކެޑަމީގެ މެންބަރުންނާއި، މުވައްޒަފުންގެ އިތުރުން ބަހާއި، އަދަބާއި، ތާރީޚްގެ ޢިލްމުވެރިންގެ އެއްބާރުލުމާއި އެކު." އަޝްރަފް ވިދާޅުވިއެވެ.
ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި 14 އޭޕްރީލް ޤައުމީ ފެންވަރުގައި ފާހަގަކުރަން ފެއްޓުމުގައި އަޝްރަފް ވަނީ އިސްރޯލެއް އަދާކުރައްވާފައެވެ. އަދި ދިވެހި ބަހަށް ޚިދުމަތް ކޮށްދެއްވާ މީހުންގެ އަގުވަޒަން ކުރުމަށް އެކެޑަމީ އިން އިނާމް ދޭން ފެއްޓުން ވެގެން ގޮސްފައި ވަނީ ވެސް އަޝްރަފްގެ ރައީސް ކަމުގެ ދައުރުގައި ކުރެވިގެންދިޔަ މުހިންމު މަސައްކަތަކަށެވެ. އަޝްރަފްގެ ދައުރުގައި ވަނީ ދިވެހި ބަހުގެ ބަސްފޮތުގެ އޮންލައިން އައު އިސްދާރެއް ނެރުއްވާފައެވެ.
ބަހުގެ ޚިދުމަތުގައި ދިމާވި ގޮންޖެހުން
ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން 2016ވަނަ އަހަރު، ދިވެހި ބަހާއި ސަޤާފަތުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ފުރިހަމަކުރެއްވި އަޝްރަފް ވިދާޅުވި ގޮތުގައި ތަޢުލީމީ ނިޒާމުގައި އިނގިރޭސި ބަސް އެއީ ވަރަށް ބޮޑަށް ނަގާކިޔާ ބަހަކަށް ވުން މިއީ ދިމާވި ގޮންޖެހުމެއް ކަމަށެވެ.
" ދިވެހި ބަސް ސަލާމަތް ކުރުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު. މުޖުތަމައު ހޭލުންތެރި ނުވާ މިންވަރު ވިސްނުނު. ސާފު ދިވެހި ބަހުން ވާހަކަ ދެއްކުމަށް ބާރުއެޅުމުގެ ޕްރޮގްރާމްތަކެއް ހުންނާނީ ހިންގާފަ. އާންމުންގެ މެދުގައި އިބާރާތް ރަނގަޅު ކުރެވޭނެ ގޮތަށް މަސައްކަތް ކޮށްފައި ހުންނާނެ. ސަރުކާރު ވުޒާރާތަކަށް ހުންނާނެ ގިނަ ކޯސްތަކެއް ހިންގިފަ. ފުރަބަންދުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ބައިވެރިވާން ބޭނުންވާ ކޮންމެ ދިވެއްސަކަށް ފުރުސަތު ލިބޭގޮތަށް އޮންލައިންކޮށް ދިވެހި ބަހަށް އަހުލުވެރި ކުރުމުގެ މަސައްކަތު ބައްދަލްވުންތަކެއް ހުންނާނެ ހިންގިފަ."
ބަސް ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގައި މާލީއެހީތެރިކަން ލިބުމުގައި ވެސް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން ވިދާޅުވީ "އާންމު ފަރާތްތަކާއި އަމިއްލަ ފަރުދުން ވެސް ދިވެހި ބަހުގެ ކަންތައްތަކުގައި ބަލައި ނުގަނެވޭފަދަ މިޒާޖެއް ހުންނަކަން ފާހަަގަކުރެވޭ" ކަމަށެވެ.
ފާހަގަކުރެވޭ 2 އެވޯޑެއް
ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ލިޓްރަރީ އެވޯޑް އަޝްރަފް އަށް ވަނީ 2019ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ. އަޝްރަފް އަށް މި އެވޯޑް ލިބިވަޑައިގެންނެވީ ދިވެހި ބަހުގެ ލިޔުންތެރިކަމާއި، އުގަންނައިދެއްވުމާއި، އަދަބިއްޔާތު ކުރިއެރުވުމަށް ކުރެއްވި މަސައްކަތުގެ އަގުވަޒަން ކޮށްފައެވެ.
ދިވެހި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ދޭ ފާހަގަކޮށްލެވޭ އިނާމެއް ކަމުގައިވާ 'ލީޑިންގ ޓީޗަރ އެވޯޑް' ވެސް އަޝްރަފް އަށް ވަނީ ލިބިވަޑައިގެންފައެވެ.
ނިންމުން
ފޭސްބުކްގައި ވަރަށްގިނަ އަދަދެއްގެ މީހުން އަޝްރަފްގެ ޚިދުމަތްތަކާއި ގުޅޭގޮތުން ޝުއޫރުތައް ފާޅުކުރައްވާފައިވެއެވެ. މިގޮތުން އެކެޑަމީގެ ރައީސެއްގެ ގޮތުގައި ކޮށްދެއްވީ ގެއްލިގެން ނުދާނެފަދަ ޚިދުމަތްތަކެއް ކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ޖީލުތަކަށް ދެމިގެންދާނެ ގޮތަކަށް މީހުން ބިނާކުރެއްވުމަށް އަޝްރަފް އިސްވެ ހުންނަވައިގެން ކުރެއްވި އުފެއްދުންތެރި މަސައްކަތްތަކަށް ދިވެހި ބަހުގެ ޢިލްމުގައި ފާހަގަކުރެވޭ ބޭފުޅުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަޝްރަފް މިހާރު މަސައްކަތް ކުރައްވަނީ އެވިޑް ކޮލެޖުގެ އާޓްސް އެންޑް ލިޓްރޭޗަރ ފެކަލްޓީގެ ޑީންގެ މަޤާމުގައެވެ.
ތަފާތު އެކި ދާއިރާތަކުން ޅެން ހެއްދެވުމުގައި ވެސް މަޝްހޫރު އަޝްރަފް ގެންދަވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބަހުގެ އަދަބިއްޔާތާއި ގުޅުންހުރި އެކި މައުޟޫތަކަށް ލިޔުއްވާ ދިވެހި ބަހުގެ ދާއިރާއިން ޚިދުމަތް ކުރައްވަމުންނެވެ.