November 22, 2024 15:31
Advertisement

-Advertisement-

ކެއީ ކްރީމްޖެހި ބަނަހެއް، އެޑްމިޓް ކޮށްގެން ފަރުވާ ހޯދާތާ ހަތަރު މަސް!

މާލެ އަށް އުފަން އުމުރުން 30 އަހަރުގެ މަރްޔަމް ޒަޢީމާ މޫސާ (މަރީ) އަކީ ވަރަށްގިނަ ބާވަތުގެ ކާނާއަށް އެލާޖިކްވާ މީހެކެވެ. އައިޖީއެމްއެޗް ގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިއަ މަރީގެ މަންމަ ކައިރީގައި ހޮސްޕިޓަލުގައި ހުރި ދުވަހެކެވެ. އެއީ މިއަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހެވެ.

މަރީގެ ކޮއްކޮ އާއިޝަތު ޒަޢީމާ 'ޒީޓައިމްސް' އަށް މައުލޫމާތު ދިންގޮތުގައި ބަނޑުހައިވެގެން ކެންޓީނުން ގަނެގެން މަރީ ކެއީ ކްރީމްޖެހި ބަނަހެކެވެ.

މަރްޔަމް ޒަޢީމާ (މަރީ)

" އެއިރު ނޭނގޭ އެއަށް އަޅާފަހުރި އެއްޗެއް ޔަގީންކޮށް ބުނާކަށް. ގައިކަހާ އެލާޖިކްވާތީ ވަގުތުން އެމަޖެންސީ ރޫމަށް ހިގާފަގޮސް ވަނީ ދައްތަ އަމިއްލައަށް. ވަރަށް ގިނައިން ކުރިންވެސް ގެންދާނެ އެލާޖިކްވެގެން ހޮސްޕިޓަލަށް. އައިޖީއެމްއެޗް އިން ދައްތަ ގަޔަށް އިންޖެކްޝަނެއް ޖެހިތާ މާގިނައިރެއް ނުވަނީސް ހިތް ހުއްޓުނީ. އެރޭ ވެންޓިލޭޓަރުގަ ވެސް ފަރުވާދިން. އެއަށްފަހު އައިސީޔޫގަ ބޭއްވީ. އެފަހުން ރަނގަޅަށް ހޭނާރާ." އަސަރާއެކު މަރީއަށް ދިމާވި ހިތާމަވެރި ގޮތް އޭނާގެ ކޮއްކޮ ޒީޓައިމްސް އަށް ކިޔާދިނެވެ.

Advertisement

އައިޖީއެމްއެޗް ގައި ފަރުވާދެމުން ދަނިކޮށް ހެދި ސީޓީ ސްކޭނުން އެނގުނީ މަރީގެ ސިކުނޑި ދުޅަވެފަ ހުރިކަމެވެ. ކަރަށް ހޮޅި ގުޅައިގެން ފަރުވާދެމުން ދަނިކޮށް މަރީގެ ހާލަތު ކުޑަކޮށް ރަނގަޅުވެ އައިސީޔޫއިން ހޮސްޕިޓަލުގެ ކޮޓަރިއަކަށް ބަދަލުކުރެވޭ ވަރުވިއެވެ. އާސަންދައިގެ އެހީގަ އާއިލާއިން މަރީ ގޮވައިގެން އިތުރުފަރުވާ އަށް ދިޔައީ އިންޑިއާގެ ކޮޗިންގަ ހުންނަ އަމްރިތާ ހޮސްޕިޓަލަށެވެ.

މަރީގެ ހާލަތާގުޅިގެން އައިޖީއެމްއެޗް އިން ދީފަވާ ލިޔުން

" ލޯ ހުޅުވާ. އެކަމަކު ވާހަކައެއް ނުދެއްކޭ. އިންޑިއާ އަށް އައީ ޖޫން 28 ވަނަ ދުވަހު. އަމްރިތާ ހޮސްޕިޓަލުގަ ފަރުވާދޭތާ މިހާރު 3 މަސް ދުވަސް ހޭދަވީ. އޮކްސިޖަން ތެރަޕީ އާއި ފިޒިއޮތެރަޕީ ދެނީ. އެމްއާރުއައި ހެދިއިރު ސިކުނޑީގަ ފެން އުފެދިފަހުރީ. ޖުމްލަ 3 އޮޕަރޭޝަނެއް އަމްރިތާގަ ވަނީ ކޮށްފަ." މަރީ ކައިރީގައި އެހީތެރިވެދިނުމަށް ހުރި ދެ ކޮއްކޮއިންގެ ތެރެއިން އައިޝާ ކިޔައިދިނެވެ.

މަރީގެ ފުރަތަމަ ކުރެވުނީ ސިކުނޑިއަށް 'ޝަންޓެއް' ލެއްވުމުގެ އޮޕަރޭޝަނެވެ. އަދި ސިކުނޑިއަށް އިންޖެކްޝަން ދިނުމަށް ޕަންޕެއް ލެއްވުމަށް ދެވަނަ އޮޕަރޭޝަނެއް ކޮށްފަވާކަމަށާއި، އެހެންނަމަވެސް ބަލިމީހާގެ ހާލަތު ރަނގަޅު ނުވުމުން ތިންވަނަ އޮޕަރޭޝަނެއް ވަނީ ކޮށްފަ ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.

ހުންއައިސް އިންފެކްޝަން ހެދުމުން ނިމިދިޔަ ހަފްތާގެ ކުރީކޮޅުގަ ވެސް މަރީއަށް ވަނީ އައިސީޔޫގަ ފަރުވާދީފައެވެ.

" ގިނަ އަދަދެއްގެ ކާއެއްޗިއްސާއި ބޭހަށް އެލާޖިކްވާތީ ފަރުވާ ދިނުމުގަ ދަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން. އިންފެކްޝަން އަދި ރޯގާޖެހިއްޖިއްޔާ ވަރަށްގިނަ ދުވަސް ހޭދަވޭ ރަނގަޅުވާން. 40 އޮކްސިޖެން ތެރަޕީ ސެޝަން ބޭނުންވާއިރު އަދި 10 ސެޝަން ދޭން އެބަޖެހޭ. އޮކްސިޖެން ތެރަޕީ ފުރިހަމަވުމުން ޑޮކްޓަރުން ލަފާދީފަ ވަނީ އިތުރު ފަރުވާ އަށް ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލުކުރުމަށް. އެއީ އަމްރިތާ އަކީ ގިނަ އަދަދެއްގެ ބަލިމީހުން ފަރުވާ ހޯދާ ހޮސްޕިޓަލަކަށް ވާތީ، އެ ބަލި މީހުންގެ ފުށުން އިންފެކްޝަންގެ އަސަރުކުރުމުގެ ފުރުސަތު ބޮޑުވީމަ."

އަމްރިތާ ހޮސްޕިޓަލުން ދީފަވާ ލިޔުން

ރަނގަޅު ފަރުވާ އަވަސް މުއްދަތެއްގެތެރޭގަ ލިބިއްޖެނަމަ މަރީގެ ހާލަތު ރަނގަޅުވުމުގެ ފުރުސަތު ބޮޑުކަމަށް ޑޮކްޓަރުން ފާހަގަކޮށްފަވާ ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.

އަމްރިތާ ހޮސްޕިޓަލުގަ މިހާރުވެސް ފަރުވާދެމުންދާ މަރީ އަކީ އެކަނިވެރި މައެކެވެ. 9 އަހަރުގެ ލޯބި ލޯބި އަންހެން ކުއްޖެއްގެ މަންމައެކެވެ. މިވަގުތު އެކުއްޖާ ބަލަހައްޓަމުން ދަނީ މަރީގެ އާއިލާއިންނެވެ. މަރީގެ މަންމަ އަކީ ވެސް ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުންދާ ބަލިމީހެކެވެ.

ޕްރައިވެޓް ހޮސްޕިޓަލެއްގަ ފަރުވާ ކުރިއަށް ގެންދިއުމަށާއި، މަރީގެ ބޭސް ފަރުވާއަށް އިންޑިއާގައި ވަރަށްގިނަ ދުވަސް ހޭދަވާތީ އާއިލާއިން އެދެނީ އާންމުންގެ ދީލަތި އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ.

 

ނޯޓް: ފަރުވާދެމުންދަނިކޮށް މަރީ ވަނީ ނިޔާވެފައެވެ. އަދި މި ޢާއިލާ އަށް އާންމުންގެ ފަރާތުން އެހީތެރިކަން ލިބިފައިވާތީ، މިރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ. ޒީޓައިމްސްގައި މިރިޕޯޓު ޕަބްލިޝް ކުރުމުން މި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިން މީހުންނަށް ވަރަށްބޮޑަށް ޝުކުރިއްޔާ!

+1
3
+1
4
+1
4
+1
0
+1
0
+1
1
+1
40

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް