މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން ޝާހު ފާހަގަކުރެވެނީ މީޑިއާ އާއި ވަރަށް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެއްގެ ގޮތުގައެވެ. ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މީޑިއާއާއި ގުޅުންހުރި ތަފާތު ބައްދަލުވުންތަކުގައި ޝާހު އާއި ވަނީ ދިމާވެފައެވެ. މިއިން ކޮންމެ ބައްދަލުވުމެއްގައި ވަނީ ފަސްޖެހުމެއްނެތި ކުރި ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. 'ޒީޓައިމްސް' ގެ ފަރުދުން ކެޓަގަރީ މިފަހަރު މި ޚާއްސަކޮށްލަނީ ޝާހުގެ އެހާރާއި މިހާރުގެ ތަފްސީލީ މައުލޫމާތުތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމަށެވެ.
ހަސަން ޝާހު
އަލްމަރުހޫމް މޫސާ ސާބިގުއާއި ޝަރީފާ އަލީ ގެ ދަރިކަލުން ޝާހު އަކީ އައްޑޫސިޓީ މަރަދޫ އަށް އުފަން ބޭފުޅެކެވެ. މަރަދޫފޭދޫ ސްކޫލުން ޕްރައިމަރީ ތަޢުލީމް ހާސިލުކުރެއްވި ޝާހު މާލެ ބަދަލުވީ 1985ވަނަ އަހަރުގައެވެ. ގްރޭޑް 10 އާއި ހަމައަށް ތަޢުލީމް ހާސިލުކުރެއްވީ އެމްއީއެސްއިންނެވެ.
ވަޒީފާ އާއި ވިޔަފާރި
އެސްއީސީ އިން އޭލެވެލް ފުރިހަމަކުރައްވާ ފުރަތަމަ އަދާކުރެއްވީ 'މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ' (އެމްޑަބްލިއުއެސްއޭ) ގެ ޕްރޮޖެކްޓް އޮފިސަރ ޓްރެއިނީގެ ވަޒީފާއެވެ. އެއިރު އެންމެ އިސްކަމެއްދެއްވީ ސްކޮލަރޝިޕެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމަށެވެ. އެ ވަޒީފާގައި އުޅުއްވިއިރު ގެންދެވީ އާއިލީ ވިޔަފާރީގައި މަސައްކަތް ކުރައްވަމުންނެވެ.
" އޮފީހުން ސްކޮލަރޝިޕް ހަމަޖެހުނު. ސިވިލް އެންޑް އެންވަރމެންޓް ދާއިރާއިން ޑިގްރީ އަށް މެލޭޝިއާގައި ކިޔަވަން ފެށުމަށްފަހު ސްކޮލަރޝިޕްގައި ފީދެއްކުމުގައި ދިމާވި ކަންތައްތަކަކާއި ހުރެ ކިޔެވުން ހުއްޓާލީ. އެއަށްފަހު އުޅުނީ ވިޔަފާރީގެ މަސައްކަތުގައި. އެއިރު ބެންކޮކަށް ވެސް ދެވޭ އަހަރަކު 10 ވަރަކަށް ފަހަރު."
ޝާހު ވިދާޅުވާގޮތުން ވިޔަފާރި ހިންގުމަކީ ވަރަށް ޝައުގުވެރި މަސައްކަތެކެވެ. އަދި ކުރިއަށް އޮތްތާގައިވެސް އެދާއިރާއިން ފެނުން އެކަށީގެންވެއެވެ.
މަތީ ތަޢުލީމް
ވިޔަފާރީގައި އަވަދިނެތި އުޅުއްވިއިރު ދެވަނަ ފަހަރަށް ރާއްޖެއިން ބޭރަށް މަތީތަޢުލީމް ހާސިލްކުރެއްވުމަށް ވަޑައިގެންނެވި ގޮތްވެސް ވަނީ ހިއްސާކުރައްވާފައެވެ.
" ރައްޓެހިން އަޅުގަނޑާއި ދިމާލަށް ބުނާނެ. އާއިލާގައި ނުކިޔަވާހުރީ އަޅުގަނޑު އެކަނިކަމަށް. ތިހެން ވިޔަފާރީގައި އުޅުނަސް މުސްތަގުބަލުގައި އެއްވެސް މީހަކަށް ނުވާނޭ ކޮންމެހެން ޑިގްރީ ނަގަންޖެހޭނޭ ބުނާނެ. އަސްލަމް ޝާކިރު ވެސް ބުނާނެ ފަންޑުވެސް ކޮށްދީފާނަމޭ ކިޔަވަން ފަށާށޭ. ރައްޓެހިން އެގޮތަށް ކިޔާތީ އަޅުގަނޑަށް ވިސްނުނީ ޑިގްރީ ނިންމަންޖެހޭނޭ."
އިންޑިއާގެ 'ޔުނިވަރސިޓީ އޮފް މައިސޫރު' އިން އެންވަރމެންޓަލް ސައިންސް' ދާއިރާއިން ޝާހު ވަނީ ފުރަތަމަ ޑިގްރީ އޮނާރސް އާއި އެކު ހާސިލު ކުރައްވާފައެވެ. އެއަށްފަހު ރާއްޖެ ވަޑައިގެން ވަނީ އެކުވެރިންނާއެކު 'ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް' ނަމުގައި އެންވަރމެންޓް ދާއިރާއިން ކޮންސަލްޓެންސީ ދިނުމަށް ކުންފުންޏެއް އުފައްދަވާފައެވެ.
" މިހާރު މިއަދާކުރާ ވަޒީފާގެ ގޮތުން ކުންފުނީގެ ޝެއާ ދޫކޮށްލީ. އެއީ ސަރވޭ ކުރިއަށް ގެންދާ ކުންފުންޏެއް. އަޅުގަނޑަކީ ރަޖިސްޓަރޑް އީއައިއޭ ކޮންސަލްޓެންޓެއް." ޝާހު ވިދާޅުވިއެވެ.
ސިޔާސީ ދާއިރާ
ޝާހު އަކީ އެންމެ ފުރަތަމަ އެމްޑީޕީގެ އާންމު މެންބަރެކެވެ. މުޒާހަރާތަކުގައި އެއިރު ހަރަކާތްތެރިކޮށް ނުއުޅުއްވައެވެ. އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ކޮމިޝަން އުފެދި މެންބަރަކު އިސްތިއުފާ ދެއްވުމުން އެމަޤާމަށް ވަޑައިގަތުމުގެ ފުރުސަތު ޝާހު އަށް ލިބިވަޑައިގެންނެވި ގޮތް ވަނީ ވިދާޅުވެދެއްވާފައެވެ.
" އީވާ މަޖިލީހަށް ކުރިމަތިލައްވާތީ އީވާގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) އިސްތިއުފާ ދެއްވީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ މަގާމުން. އެއީ އެމްޑީޕީގެ ސްލޮޓެއް. އެއިރު މެޖޯރިޓީ އޮތީ ޑީއާރުޕީއަށް. ފުރަތަމަ އެމްޑީޕީއިން ފޮނުވި 2 ނަން ފާސްނުވެގެން އަޅުގަނޑުގެ ނަން ފޮނުވުމުން ފާސްވީ." ޝާހު ވަނީ ވަގުތީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހަމަސްދުވަހު މަސައްކަތް ކުރައްވާފައެވެ. ދެވަނަ ފަހަރަށް ކުރިމަތިލެއްވުމުން ނާކާމިޔާބު ވުމަށްފަހު މަސައްކަތް ކުރެއްވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ. އެހާހިސާބުން ވަރަށް ހަރަކާތްތެރިކޮށް އެމްޑީޕީގައި އުޅުއްވުމަށްފަހު ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށެވެ.
" އެމްޑީޕީ ލީޑަރޝިޕްގައި ޗެއާޕާސަން އާއި ޕާޓީގެ ރައީސާއި ދެމެދު އޮތް ޚިޔާލު ތަފާތުވުންތަކެއް. އަޅުގަނޑަށް ޖެހުނީ މީޑިއޭޓަރ އެއްގެ ގޮތުގައި މަސައްކަތް ކުރަން. މަޑުމަޑުން ޕާޓީވެސް ދިޔައީ ހީނަރުވަމުން. ޖުމްހޫރީ ޕާޓީއިން އެއިރު ދިޔައީ ވަރަށްބޮޑަށް އެދެމުން އެޕާޓީއަށް ބަދަލުވުމަށް. އެހެންވެ އެންމެފަހުން ނިންމީ އެމްޑީޕީއިން ވަކިވުމަށް." ޝާހު މިހާރުވެސް ހުންނެވީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެއްގެ ގޮތުގައެވެ.
ރާއްޖޭގައި އޮންނަންވީ ނިޒާމަކާއި ގުޅޭގޮތުން ބަހުސް ކުރެވެމުންދާއިރު، ޝާހު ވިދާޅުވީ ރާއްޖެއަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ މަސައްކަތްތައް
ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރުކަން އަދާކުރެއްވި ޝާހު އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބަދަލުކުރެއްވީ 2020ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.
'ޒީޓައިމްސް' އަށް ދެއްވި އިންޓަވިއުގައި، އެމްޑަބްލިއުއެސްސީ އަކީ ކުރިން އެހާގިނަ ޕްރޮޖެކްޓް ކާމިޔާބުވާ ކުންފުންޏެއް ނޫން ކަމަށާއި، ޗެއާމަން އަދި ބޯޑު ޑައިރެކްޓަރުންގެ މެދުގައިވެސް އެކަމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ޝާހު ވަނީ ފާހަގަކުރައްވާފައެވެ.
" މިކުންފުނީގެ ތާރީޚުގައި ވެސް ލިބުނު އެންމެބޮޑު ޕްރޮޖެކްޓް. 1.4 ބިލިއަން ރުފިޔާގެ 20 ރަށުގެ ޕްރޮޖެކްޓް ވަނީ ލިބިފައި. އަޅުގަނޑުމެން ނެތް ދުވަހެއްގައިވެސް އެ ޕްރޮޖެކްޓްތައް ނިމުމަށްފަހު އޭގެ ފައިދާ ކުންފުންޏަށް ލިބިލިބި ހުންނާނެ."
އެމްޑަބްލިއުއެސްސީ އިން ދަނީ 35 ރަށުގައި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކުންފުނިން ފޯރުކޮށްދެމުންދާ ފެނުގެ ޚިދުމަތާއި ގުޅޭގޮތުން ވިދާޅުވީ ފެނުގެ ކޮލިޓީ އާއި މެދު ވަރަށްބޮޑަށް އިތުބާރު އޮންނަ ކަމަށެވެ.
" އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތްތާގައި ސްމާޓް މީޓަރ އަށް ބަދަލުކުރުން. ވަރަށް އަވަހަށް ޕައިލެޓް ޕްރޮޖެކްޓެއް އެބަފަށަން."
ހުޅުމާލޭގައި އަލަށް މީހުން ދިރިއުޅެމުން އަންނަ ހިޔާގެ 16 ޓަވަރަށް ބޭނުންވާ ވަރަށް ފެނުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތްތޯ ދެންނެވުމުން ޝާހު ވިދާޅުވީ 3 ވަނަ ބުރިއާއި ހަމައަށް ބޫސްޓަރ ޕަންޕަކާއި ނުލައި ޕްރެޝަރގައި ފެން ލިބޭނެ ކަމަށެވެ. އެހެންނަމަވެސް އެއަށްވުރެ މައްޗަށް ޕްރެޝަރގައި ފެން ލިބޭނީ ބޫސްޓަރ ޕަންޕެއް ހުރެގެން ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
" މާލެއާއި ހުޅުމާލޭގައި އާންމުގޮތެއްގައި ޕްރެޝަރ މިދެނީ 3 ބަރ ނުވަތަ 3.5 ބަރ އާއި ދެމެދަށް. ޕްރެޝަރ ދެވިދާނެ ބޫސްޓަރ ޕަންޕަކާއި ނުލައި 10 ބުރީގެ އިމާރާތަކާއި ހަމައަށްވެސް. އެހެން ޕްރެޝަރ ދީފިއްޔާ ވާނެގޮތަކީ ކައިރީގައި ހުރި ގެތަކަށް މައްސަލަ ދިމާވާނެ. ޕްލަގިން ސިސްޓަމްތައް ފަޅައިގެންދާނެ. އެހެންވެ އެދެމެދުގެ ޕްރެޝަރ އަށް މެއިންޓެއިން ކުރެވޭތޯ މިބަލަނީ."
ޝާހު ވިދާޅުވީ 7000 ހައުސިންގ ޔުނިޓަށް ފެން ސަޕްލައި ކުރުމަށް ވަކި ކޮންޓްރެކްޓަރެއް މަސައްކަތް ކުރާނެކަމަށެވެ.
" އެތަނުގައި އެބަހުރި ވޯޓަރ ޓޭންކްތަކެއް. ބަލްކްމީޓަރ އަކުން އެޓޭންކްތަކަށް ފެން އަޅައިގެން އެޓޭންކްތަކުން މި ހައުސިންގ ޔުނިޓުތަކަށް ފެން ފޯރުކޮށްދޭނީ. އެޗްޑީސީ އާއި އެމްޑަބްލިއުއެސްސީ މަޝްވަރާ ކުރުމަށްފަހު އަޅުގަނޑުމެން އޮންނާނީ އޮޕްޝަންތަކެއް ދީފަ. އެއީ އަޅުގަނޑުމެން އަމިއްލަ އަށް މީޓަރ ރީޑިންގ ނަގައިގެން ކުރިއަށްދާނީތޯ ނުވަތަ އެޗްޑީސީ އިން އެކަން ކުރާނީތޯ."
މާލޭގައި ވެސް މިހާރު ދަނީ ފެން ހޮޅިތައް ފަލަކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި، ވެސްޓްޕާކު ސަރަހައްދުގެ ގެތަކަށް މައްސަލަ ދިމާނުވެ މިހާރު ފެން ލިބޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި އެކުންފުނިން އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި މިހާރު ކުރިއަށް ގެންދަނީ ފެން ރައްކާކުރާނެ 13000 ޓަނުގެ އިތުރު 2 ތާގި ހެދުމުގެ މަސައްކަތެވެ.
"ސަރުކާރުން ވަނީ މާލޭގެ ބިމެއް މިމަސައްކަތަށް ދީފަ. މި ޕްރޮޖެކްޓް މުހިންމުވާ އެއް ސަބަބަކީ އެމްޑަބްލިޔުއެސްސީ ގެ ތާރީޚުގައި ވެސް އެކަށީގެންވާ ވަރަށް ސާފުނުކުރެވޭ ތާގިތަކެއް އެބަހުރި. އެތާގިތައް އެކަށީގެންވާ ވަރަށް ސާފުކުރެވޭނީ އަލްޓަނޭޓިވް ވޯޓަރ ސްޓޯރޭޖެއް ހުރެގެން."
އަމިއްލަ ދިރިއުޅުއްވުން
ޝާހު އަކީ ކާމިޔާބު ކަމާއިއެކު ދެއަނބިންނާއި އެކު އުފާވެރި ދިރިއުޅުމެއް އުޅުއްވާ ބޭފުޅެކެވެ. ފުރަތަމަ ކައިވެންޏަށް 7 ކުދިން އަދި ދެވަނަ ކައިވެންޏަށް 1 ކުއްޖަކު ވަނީ ލިބިފައެވެ. މީގެތެރޭގައި ހިމެނެނީ 7 ފިރިހެން ކުދިންނާއި 1 އަންހެން ކުދިންނެވެ.
ދިރިއުޅުމުގައި އެންމެ ހަނދާން ނައްތާލަން ދަތިކަމަކަށް ދިމާވީ ނިއުޒިލެންޑްގައި ދިރިއުޅުއްވިއިރު ބައްޕަ އަދި 'މުންނާ' (މާމަ) ނިޔާވެ މޫނު ބަލާލުމުގެ ފުރުސަތު ނުލިބުން ކަމަށް ވަނީ އަސަރާއެކު ފާހަގަކުރައްވާފަ އެވެ.
" 1997 އިން 2007 އާއި ދެމެދު ގިނައިން އުޅުނީ ރާއްޖެއިން ބޭރުގައި. އެއިރު އުޅުނިން ނިވްޒިލެންޑުގެ ރައްޔިތަކަށް ވާންވެސް. އެޕްލިކޭޝަން ވެސް ހުށަހަޅައިފަ ހުރީ. އެކަމަކު ބައްޕަ އާއި މުންނާ ނިޔާވެ ރާއްޖެ ނާދެވުމުން ފަހުން އެޤައުމުގެ ރައްޔިތަކަށްވުމުގެ ވިސްނުން ދޫކޮށްލީ."
އިންޓަވިއު ނިންމާލަމުން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް އަރިހުން ވަރަށް ގިނަ ކަންތައްތައް ދަސްވި ކަމަށެވެ. އޭގެތެރޭގައި އަމިއްލަ ދިރިއުޅުއްވުމާއި ވިޔަފާރީގެ ކަންތައްތައް ވެސް ހިމެނެއެވެ. "ފުރަތަމަ ވަޒީފާ ދިން ދުވަހުވެސް ޤާސިމް ވިދާޅުވި އެއްވެސް މީހަކަށް އިތުބާރު ނުކުރަން." ޝާހު ވިދާޅުވިއެވެ.
ޝާހުގެ ކުރިއެރުމާއި ވަޒީފާގެ މަސައްކަތްތަކުގައި އާއިލާއިން ލިބެމުންދާ އެއްބާރުލުމަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.