وَ عَن أَبِي ذَرٍّ رضى الله عن أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: " يُصْبِحُ عَلَى كُلِّ سُلاَمَى مِنْ أَحَدِكُمْ صَدَقَةٌ، فَكُلُّ تَسْبِيْحَةٍ صَدَقَةٌ، وَكُلُّ تَحْمِيْدَةٍ صَدَقَةٌ، وَكُلُّ تَهْلِيْلَةٍ صَدَقَةٌ، وَكُلُّ تَكْبِيْرَةٍ صَدَقَةٌ، وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ، وَنَهْيٌ عَنِ الْمُنْكَرِ صَدَقَةٌ، وَيُجْزِئُ مِنْ ذَلِكَ رَكْعَتَانِ يَرْكَعُهُمَا مِنَ الضُّحَى". (رَوَاهُ مُسْلِمٌ)
މާނައީ: [މާތް الله, އެ ކަލޭގެފާނަށް ރުއްސުންލެއްވި އަބޫޛައްރުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ރަސޫލު الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ތިޔައިން ކޮންމެ މީހަކު ފަތިސްކުރާ ހިނދު، އޭނާގެ (ހަށިގަނޑުގެ) ކޮންމެ ހުޅެއްގެ މަތިން ޞަދަޤާތެއް ދިނުންވެއެވެ. އެބަހީ: އާފާތްތަކާއި ބަލިތަކުން ސަލާމަތްވެގެންވާ ޙާލު، ފަތިސްވަގުތާ ބައްދަލުކުރެއްވި ކަމަށްޓަކައި، އެ ކަމުގެ ޝުކުރުގެ ގޮތުގައި ހަށިގަނޑުގައި ލައްވައިފައިވާ ކޮންމެ ހުޅެއްގެ މަތިން ޞަދަޤާތެއް ދިނުމަކީ، ނުކޮށް ދޫކޮށްލާވަރުގެ ކަމެއްނޫނެވެ. އެހެނީ ޞަދަޤާތް ދިނުމަކީ، މުސީބާތްތަކާއި ބަލިތަކުން ސަލާމަތްވާ ކަމެކެވެ. ހަށިގަނޑުގައި ލައްވައިފައިވަނީ، ތިން ސަތޭކަ ފަސްދޮޅަސް ހުޅު ކަމުގައި ޞައްޙަ ޙަދީޘުން ސާބިތުވެއެވެ. ފަހެ، ކޮންމެ ތަސްބީޙައަކީ، އެބަހީ: ސުބްޙާނަ الله މިހެން ކިޔުމަކީ ޞަދަޤާތެކެވެ. ކޮންމެ ތަޙްމީދަކީ، އެބަހީ: އަލްޙަމްދު ލި الله މިހެން ކިޔުމަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަހުލީލަކީ، އެބަހީ: ލާއިލާހަ އިއްލަ الله، މިހެންކިއުމަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަކުބީރަކީ، އެބަހީ: الله އަކްބަރު، މިހެން ކިޔުމަކީ ޞަދަޤާތެކެވެ. އަދި ހެޔޮކަމަކަށް އަމުރުކުރުމަކީ، ޞަދަޤާތެކެވެ. އަދި މުންކަރާތެއް ނަހީކުރުމަކީ، ޞަދަޤާތެކެވެ. މިކަންކަމުގެ ބަދަލުގައި ފުދިގެންވާ ކަމެއްކަމުގައި ދެ ރަކުޢަތް ނަމާދެއް ވެއެވެ. އެއީ ޟުޙާވަގުތުގައި ދެ ރަކުޢަތް ކުރުމެވެ. (މުސްލިމް)
މިއިން ދޭހަކޮށްދެނީ ޟުޙާ ނަމާދުގެ މާތްކަމާއި އެ ނަމާދަށް ދެވިފައިވާ މަތިވެރި ދަރަޖަ އެވެ. އަދި ޟުޙާ ނަމާދު ކުރުމުން 360 ޞަދަޤާތް ކުރުމާއި އެއްފަދަވެގެންވާކަމެވެ. އެއީ އިންސާނާގެ ހަށިގަނޑުގައި ލައްވައިފައިވާ ކޮންމެ ހުޅެއްގެ މަތިން ކުރެވޭ ޞަދަޤާތެކެވެ.
މި ފަދަ މަތިވެރި މާތް ނަމާދެއް ދޫކޮށްލަންވާނެތޯއެވެ؟ ނަމާދު ކުރުމުގެ މަތިވެރި ޘަވާބާއި ދަރުމައިގެ އިތުރުން ޞަދަޤާތުގެ ޘަވާބާއި ދަރުމަ ލިބިގެންދާ ހަމައެކަނި ނަމާދަކީ މިއީއެވެ. ވީމާ ޟުޙާ ނަމާދު ކުރުން އާދައަކަށް ހަދާށެވެ. އެއީ އެންމެ ކުޑަ މިންވަރުކަމުގައިވިޔަސް މެއެވެ.
ޟުޙާ ނަމާދަކީ ކީރިތި މާތް ނަބިއްޔާގެ ވަޞިއްޔަތްޕުޅެކެވެ. އެނަމާދެއް ދޫނުކޮށް ކުރެއްވުމަށް އަބޫ ހުރައިރަތުގެފާނަށް ވަޞިއްޔަތް ކުރެއްވި ނަމާދަކީ ޟުޙާ ނަމާދެވެ. އަދި، އެ ނަމާދުކުރުމުގެ މައްޗަށް ބާރު އެޅުއްވި ނަމާދެވެ. عَنْ أَبِي هُرَيْرَةَ رضى الله عنه، قَالَ: أَوْصَانِي خَلِيْلِي صلى الله عليه وسلم بِصِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَرَكْعَتَي الضُّحَى، وَأَنْ أُوْتِرَ قَبْلَ أَنْ أَرْقُدَ". މާނައީ: [މާތް الله، އެ ކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ތިމަންގެ މިތުރު، صلى الله عليه وسلم ތިމަންނާއަށް (ތިން ކަމަކަށް) ވަޞިއްޔަތް ކުރެއްވިއެވެ. އެއީ ކޮންމެ ހަނދުމަހަކުން ތިން ދުވަހު އެބަހީ: 15،14،13 މި ތިން ދުވަހު ރޯދައަށް ހުރުމަށާއި، ޟުޙާ ނަމާދުގެ ދެ ރަކުޢަތް ކުރުމަށާއި، ތިމަންނާ ނިދުމުގެ ކުރިން ވިތުރިކުރުމަށް (ވަޞިއްޔަތް ކުރެއްވިއެވެ.)] (ބުޚާރީ/މުސްލިމް).
ޟުޙާ ނަމާދަކީ ގިނަގިނައިން ތައުބާވާ މީހުންގެ ނަމާދެކެވެ. ގިނަގިނައިން މާތްﷲ އަށް ކުށްތަންވާ އަޅުންގެ ނަމާދެކެވެ. އެ ނަމާދަށް ރައްކައުތެރި ވަނީ އެކަލާނގެއަށް ތައުބާ ވާ މީހުންކަން ބަޔާންކުރައްވައި އަބޫހުރައިރާ-ރަޟިޔަ ﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޡް ކުރެއްވިއެވެ. (لَا يُحَافِظُ عَلَى صَلَاةِ الضُّحَى إِلَّا أَوَّابٌ، وَهِيَ صَلَاةُ الْأَوَّابِيْنَ)މާނައަކީ: "އައްވާބަކު (ގިނަގިނައިން ތައުބާވާމީހާ) މެނުވީ ޟުޙާ ނަމާދަށް ރައްކާތެރި ނުވާނެއެވެ. އެއީ ގިނަގިނައިން ތައުބާވާމީހުން ގެ ނަމާދެވެ".
މި ނަމާދުން ލިބޭނެ ޘަވާބާއި ދަރުމައިގެ ބޮޑުކަމުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސުވަރުގެ ވަޑައިގަތުމަށް ދާންދެން ޟުޙާ ނަމާދު ދުލެއް ނުކުރައްވައެވެ.
ޟުހާ ނަމާދު ކުރާނީ ކިހިނެތް ހެއްޔެވެ؟ ޟުޙާ ނަމާދުގައި ވަނީ ކިތަށް ރަކުޢަތް ހެއްޔެވެ؟ މިއީ ކޮންމެ ބޭފުޅެއްގެ ހިތުގައިވެސް އުފެދޭނެ ސުވާލެކެވެ.
ޟުޙާ ނަމާދަކީ އެހެން ސުންނަތް ނަމާދު ފަދައިން ކުރާ ނަމާދެކެވެ. ނަމާދުގެ ޙަރަކާތްތަކާއި ޛިކުރު އަދި ދުޢާގައި އެހެން ނަމާދެކޭ ތަފާތެއް ނެތެވެ. ޟުޙާ ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. އެކަން އިސްވެދިޔަ ޙަދީޘްތަކުން އެނގިގެން ހިނގައްޖެއެވެ.
ނަމާދުގެ ނިޔަތް: ޟުޙާ ނަމާދު މާތްﷲ އަށްޓަކައި ކުރުމަށް ހިތަށް އެރުވުމުން ފުދޭނެއެވެ.
ޟުޙާ ނަމާދުގެ ވަގުތު: ލޮންސިއެއްގެ މިންވަރަށް އިރުއެރީއްސުރެ، އިރު މެދުންފިލަންދެން ޟުޙާނަމާދު ކުރުން ހުއްދަކަމާއި، އެހެން ނަމަވެސް، އެ ނަމާދުކުރުން އެންމެ މޮޅުއިތުރުވެގެންވަނީ، އިރުއަރައި، ބިންމައްޗަށް ރަނގަޅަށް ހޫނުކަން ވެރިވުމުންނެވެ. އިރު އަރައިގެން އަންނަ ވަގުތަކީ ނަމާދުކުރުން ހަރާމްކުރެވިގެންވާ ވަގުތެކެވެ. އިރު ފުރިހަމައަށް އެރުމަށް ޖުމްލަގޮތެއްގައި 15 ނުވަތަ 20 މިނެޓް ނަގައެވެ. އެހެންކަމުން އިރު އަރާވަގުތުން ފެށިގެން މަދުވެގެން 15 މިނެޓް މަޑުކޮށްލުމަށްފަހު ޟުހާ ނަމާދު ކުރެވިދާނެއެވެ.
ރަކުޢަތްތަކުގެ އަދަދު: އެންމެ މަދު މިންވަރަކީ ދެ ރަކުޢަތެވެ. ގިނަވެގެން ވަކި މިންވެރެއް ނެތެވެ. އެ މީހަކަށް ކުޅަދާނަވީ މިންވަރަކަށް ކުރުން ހަމަ އެންމެރަނގަޅުވާނެއެވެ.
ނަމާދު ކުރާނީ ކިހިނެތް: ދެ ރަކުޢަތުން ސަލާމް ދެމުންނެވެ.
ސޫރަތް: ޟުޙާ ނަމާދުގައި ކިޔުމަށް ވަކި ޚާއްޞަ ސޫރަތެއް ކީރިތި މާތް ނަބިއްޔާގެ ކިބައިން އައިސްފައެއް ނުވެއެވެ. އެމީހަކު ބޭނުން ސޫރަތެއް ބޭނުން މިންވަރަކަށް ކިޔޭނެއެވެ.