ރިޝްވަތަކީ މުޅިދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ނުރައްކާތެރިކަން ފިލުވާލަން އެންމެ އުނދަގޫ އެއް ވަބާ ކަމުގައި ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ. ރިޝްވަތަކީ ވަރަށް ސިއްރު ގޮތެއްގައި ކުރެވޭ ކަމެއް ކަމަށާއި، ވަރަށް ގިނަ މުޖުމުތަމަޢު ތަކުގައި ރިޝްވަތުގެ އަމަލުތައްވަނީ އާންމުވެފައި ކަމަށް ވަނީ ބުނެފައެވެ.
" ރިޝްވަތުގެ ސަބަބުން އަދުލު އިންސާފު ގެއްލި އެތައް ބަޔަކަށް ލިބެންޖެހޭ ހައްޤުތައް ނުލިބި އެތައްބައެއްގެ ކަންތައްތައް ލަސްވެ، ބައެއް މީހުންގެ ކަންތައްތައް އަވަހަށް ނިމޭ. އަދި އެއްބަޔަކަށް ހައްޤުވާ އެތައްކަމެއް ނުލިބި އެކަންކަން ހައްޤުނުވާ ބަޔަކަށް ލިބޭ. މިހުރިހާ ކަމަކީ ޤައުމާއި މުޖުތަމަޢު ހަލާކުގެތެރެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވާ ކަންކަން. ޤައުމުގެ ތަރައްޤީގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސް އެޅޭ ކަންކަން" ޚުތުބާގައި ބަޔާން ކޮށްފައިވެއެވެ.
ދިވެހިރާއްޖެވެސް މިނުރައްކާތެރި ވަބާގައި ޖެހިފައިވާ ކަމަށާއި، ރިޝްވަތަކީ ވަރަށް އާދައިގެ ކަމެއްކަމަށް މުޖުތަމައުގެ ބައެއް މީހުން ދެކެން ފަށާފައިވާ ކަމަށް ވަނީ ބުނެފައެވެ. ރިޝްވަތުގެ އަމަލުތަކަކީ ޤައުމުގެ މުސްތަޤުބަލާއި ދަރިންގެ ކުރިއެރުމާއި، ތަރައްޤީ އަރައިނުގަނެވޭފަދަ ފުންވަޅުގަނޑަކަށް ވެއްޓިދާނެ ކަމެއް ކަމަށާއި، ތެދުވެރިވެ އަމާނާތްތެރިވުމަކީ އިސްލާމްދީނުގައި ވާޖިބު ކުރައްވާފައިވާ ކަމެއްކަމަށް ވެސް ވެއެވެ.
" ރިޝްވަތަކީ ތިމާއަށް ހައްޤުނޫން ކަމެއް ނުވަތަ ހައްޤު ނޫން އެއްޗެއް ލިބިގަތުމަށް ނުވަތަ ތިމާ ކަމަކުން ބަރީއަވެ ސަލާމަތްވުމަށް ފައިސާ ނުވަތަ އެނޫންވެސް އެއްޗެއް މީހަކަށް ނުވަތަ ބަޔަކަށް ހޯދައި ދިނުން. މީގެ އިތުރުން ޤަވާއިދާ ޚިލާފަށް ކަންތައް ނިންމުމަށް ނުވަތަ ކުރުމަށް ދޭ ފައިސާއާއި ތަކެއްޗާއި ކެއުމާއި ސައި އަދި މިނޫން މިފަދަ މަންފާތައް ހައްޤު ނޫން ފަރާތްތަކަށް ހޯދައިދިނުން"
ރިޝްވަތަކީ މާތް ﷲ ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައިވީ ހިނދު އެކަމުގައި އުޅޭ އެންމެންގެ މައްޗަށް މާތް ﷲ ގެ ލައުނަތް ޙައްޤުވެގެންވާކަން ކީރިތިރަސޫލާ ބަޔާން ކުރައްވާފައިވާ ކަމަށްވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
" ދުނިޔޭގެ ވަގުތީ އުފާ ހޯދުމަށް އަނބިދަރިންވެސް ހަލާކުގެ ތެރެއަށް އެއްލައިލަނީ. ތިމާމެންގެ އަނބިދަރިން ނަރަކަޔަށް އެއްލައިލަނީ ތިމާމެންގެ އަތުން. ޙަރާމްތަކެތި އަނބިދަރިންނަށް ކާންދިނުމަކީ ތިމާމެންގެ ދަރިން ބަސްނޭހުމާއި ވިޔާނުދާ ޢަމަލުތައް ކުރުމަށާއި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވެގެންދާ ކަމެއް"
ހުކުރު ޚުތުބާގައި ވަނީ ރިޝްވަތުގެ ވަބާއިން ރައްކާތެރިވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފަ އެވެ.