ޒިޔާން އަކީ ވަރަށް ސިއްޙަތަށް ބަލައިގެންއުޅޭ 25 ވަރަކަށް އަހަރުގެ ޒުވާނެކެވެ.
ކެއުމުގައިވެސް ބޭނުންކުރަނީ ތަރުކާރީ އާއި މޭވާގެ ބާވަތްތަކެވެ. ތެޔޮ ހެދިކާ އާއި ފަލަވާޒާތުގެ ސާމާނެއް ނުކާނެއެވެ. ހެނދުނުގަޑީގައި ރޮއްޓާއި ރިހަކަހަލަ ބާވަތްތަކެއް ނުކާނެއެވެ. އެގޮތަށް ބަލައިގެން ކާތީ ޒިޔާން ހުންނަނީ ހިކިކޮށް އަބަދުވެސް އެއްވަރަކަށް ރީތިކޮށެވެ.
މ. އަތޮޅު ރަށެއްގައި ހިންގާ ބޮޑު ޕްރެޖެކްޓެއް ހިންގުމަށްޓަކައި ޒިޔާން އަށް އޮފީސް ފަރާތުން އެރަށަށް ދާންޖެހިއްޖެއެވެ. އެރަށަކީ މީހުން ދިރިއުޅޭ ރަށެއް ނޫނެވެ. ވަގުތީގޮތުން އުޅެނީ ހަމައެކަނި މަސައްކަތު މީހުންނެވެ. ފިހާރައެއްކަހަލަ ތަނެއްވެސް ނުހުރެއެވެ. ގިނައިން ކާން ހުންނަނީ މަސްރިހަޔާއި ރޮއްޓާއި ބަތް ކަހަލަ ބާވަތްތަކެވެ.
ތަރުކާރީއާއި މޭވާކަހަލަ ބާވަތްތައް މާލެއިން ގެނެވެނީ ވެސް ވަރަށް މަދުންނެވެ. ކެއުން ތަފާތުވީމާ ޒިޔާން ކުޑަކޮށް ފަލަވާގޮތްވެ އަބަދު ލޮޑުވެފައި ހުންނަގޮތް ވާންފެށިއެވެ. އެކަމާ ޒިޔާން ހުންނަނީ އަބަދުވެސް ހިތްހަމަނުޖެހި ފިކުރު ބޮޑުވާ ގޮތްވެފައެވެ. އެއްފަހަރަކު މާލެއިން ގެނައި ތަރުކާރީ ފޮށިގަނޑެއްގައި ހުރި ކިއުކަމްބަރ ތަކެއް ފޮށިގަނޑުން ނަގާފައި އައިސް އަލަމާރީގައި ހުއްޓާ ޒިޔާން ފެން ފޮދެއް ބޯލަންވެގެން އައިސް އަލަމާރި ހުޅުވާލިތަނާ އެތަނުން ކިއުކަމްބަރއެއް ވާހަކަ ދައްކަން ފެށިއެވެ.
ކިއުކަމްބަރ: އަހަރެން އައިސް އަލަމާރީގައި އޮންނަތާ މިވީ އެއްހަފުތާ. އަދިވެސް އަހަރެންގެ ބޭނުމެއް މީހަކު ނުކުރޭ! ކީއްކުރަންތަ! އހަރެން ގެނައީ؟
ޒިޔާން: އަހަރެންނަށް ހީވަނީ އެމީހުންނަށް ކިއުކަމްބަރގެ ސަޓަނި ނުބައިވީމަ ބޭނުން ނުކޮށް ބޭއްވީހެން.
ކިއުކަމްބަރ: އެކަމަކު ގިނަދުވަސްވަންޏާ ތަޒާކަންކެނޑި ހައްތަހާ ނުބައޭ ވާނީ. ޒިޔާން ކާލަން ސަޓަނި ހަދާލަންވީނު.
ޒިޔާން: ވާގޮތަކީ އަހަރެން އަމިއްލަޔަށް ކާއެއްޗެހި ތައްޔާރު ނުކުރާތީ ނުވަނީ.
ކިއުކަމްބަރ: ޒިޔާން ވެސް މިރަށަށް އައިސް ތަރުކާރީގެ ބާވަތްތަކާއި މޭވާތައް ނުކައި ފަލަވާ ފާޑުގެ ސާމާނު ކާތީ މިހާރު ކުޑަކޮށް ފަލަވާގޮތްވެ ލޮޑުވާގޮތް ވަނީ.
ޒިޔާން: ތިޔައީ ތެދެކޭ އަހަރެންނަށް ވެސް ކެވޭނީ ކައްކާއެއްޗެއްތާ! އަދި މިރަށުން އެކަހަލަ ބާވަތްތައް ހޯދަންވެސް އުނދަގޫވިއްޔާ!
ކިއުކަމްބަރ: މިގޭގައި މިއޮތީ ގަސްހައްދަން ބޮޑު ތަނެއްނު. ތަރުކާރީ އާއި މޭވާގެއޮށް ޕެކެޓާއި ކުދިގަސް ގެނެސްގެން އިންދަންވީއެއްނު.
ޒިޔާން: ތިޔައީ ވެސް ތެދެކޭ ދޯ މާލެއަށް އަންގަންވީ ގަހާއި އޮށްޕެކެޓް ފޮނުވަން. މިއަދު ހަދާލާނަމޭ ކިއުކަމްބަރ އިން ސެލެޑެއް ވެސް. ދެން އެރޭ ޒިޔާން އަމިއްލައަށް ކިއުކަމްބަރ ސެލެޑު ހަދާފައި މަސައްކަތު މީހުންނަށްވެސް ކާންދިނެވެ. އަދިތަރުކާރީ ހުރިއްޔާ ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވައްތަރެއްގެ ސަޓަންޏަކާއި ރިހައެއް ތައްޔާރު ކުރުމަށް ކައްކާމީހާ ގާތު ބުންޏެވެ. އޭގެފަހުން މާލެއިން ތަރުކާރީ އޮށްޕެކެޓް ތަކާއި ކުދިގަސްތައް ގެނެސްގެން މޭވާއާއި ތަރުކާރީ އިންދައި ގަސްތައް ބަލަހައްޓަން ވެސް ބަޔަކު ހަމަޖެއްސި އެވެ. މިހާރު ތަފާތު ބާވަތްތަކުގެ ވަރަށްގިނަ ގަސް އެ ގޯތި ތެރޭގައި ހައްދާފައި އޮވެއެވެ.
ދުވަސްކޮޅަކުން މޭވާއާއި ތަރުކާރީ އާއި ފަތްތައް އެމީހުން ބޭނުންވަރަކަށް ކާން ލިބެއެވެ. އަދި ހުސް ގޯއްޗެއްވެސް ސާފުކޮށްފައި ތަރުކާރީ އާއި މޭވާ ގަސްތައް އިންދައިފިއެވެ. ގާތްގަނޑަކަށް ހަމަސްފަހުން ކައިރި ރަށްރަށުން ވެސް އެރަށަށް ތަރުކާރީ އާއި މޭވާ ގަންނަން އަންނަން ފަށައިފިއެވެ. އެހެންވެ ޒިޔާން މިހާރު ހުންނަނީ ވަރަށް ހިތްހަމަޖެހިގެންނެވެ. އަނެއްކާވެސް ޒިޔާން ކުރިން ހުރިގޮތަށް ހަށިގަނޑު ރީތިވުމުން ހިތްހަމަޖެހޭނެތާއެވެ.