November 22, 2024 19:40
Advertisement

-Advertisement-

އެވޭލާ ވާހަކަ: ފަރަހަނާޒުގެ ގަތުލު 2

އަހުމަދުވެސް ސާބިތުކަމާއެކު ރަށުތެރޭ އެއްގެއިން އަނެއްގެއަށް ވަދެ އެދެމީހުންނަށް އަނިޔާކުރީ ހާދަ ގޯސް މީހެކޭ ކިޔާފައި ވާހަކަ ދައްކައެވެ. އަދި ހިތާމަވެރި ފަރަހަނާޒުގެ ގަތުލުގެ ވާހަކަވެސް ދައްކާ އެއާއިލާއަށް ހަމްދަރުދީ ފާޅުކުރަމުން ދެއެވެ. ފަރަހަނާޒު އާއި ތަސްލީމާ ގެއްލުނު ހާދިސާގެ އިތުރަށް މިދެފަރަންޖީންނަށް ހަމަލާދިނުމުން މުޅިރަށަށް ވެރިވެފައިވަނީ ފުންހިތާމައެކެވެ.

މުޅިރަށް ވަނީ ކަޅުއަނދިރިކަމެއްގެ ތެރޭގައެވެ. މަގުމަތިން ދިރޭފުރާނައެއް ނުފެނެއެވެ. އަހުމަދު ބޭރަށް ނުކުމެފައި މުފީދު މަތިން ހަނދާންވިއެވެ. ކަޅުއަނދިރީގައި ހިނގާފަގޮސް މުފީދުގެ ގޭގެ ދޮރުގައި ޓަކިދިނެވެ. ގަޑިން ރޭގަނޑު އެގާރަޖަނީއެވެ. މުފީދު ދޮރުހުޅުވިއިރު ބޭރުގައިހުރި އަހުމަދު ފެނުނެވެ. ދެމީހުން ވާހަކަދައްކަން ފެށުމުގެކުރިން މުފީދުގެ އަތުގައި ހިފައި އަހުމަދު ދުރަށްޖެހިލިއެވެ. އަހުމަދު ބުންޏެވެ. ވަރަށް މުހިންމު ވާހަކައެއް އެބައޮތެވެ. މިކަމުގައި މުފީދުގެ އެހީތެރިކަން ނުލާހިކު ބޭނުމެވެ. އެކަމަކު އެކަކުގެ ކައިރީގައިވެސް މިވާހަ ނުދައްކާށެވެ. މި ހޯދަން އުޅެނީ މިރަށާއި ވަރަށް ގުޅުންހުރި ހާދިސާއެއްގެ މައުލޫމާތެކެވެ.

މުފީދުއަށް ފަރަންޖީ ބަސް އެނގޭތީ މިކަމުގައި މުފީދުގެ އެހީތެރިކަން ބޭނުންވީއެވެ. މުފީދު ބުންޏެވެ. "ތިއީ އަނެއްކާ މިރަށާއި ގުޅުންހުރި ކޮންހާދިސާއެއް ހެއްޔެވެ. މިވަގުތު އެންމެބޮޑު ކަމަކަށް ވެފައި މިވަނީ ފަރަހަނާޒު އާއި ތަސްލީމާ ގެއްލުނު ހާދިސާއެވެ. އަނެއްކާ ތިހޯދަން އުޅޭ މައުލޫމާތަކީ މިހާދިސާ އާއި ގުޅުންހުރި މައުލޫމާތެއްބާވައެވެ." އަހުމަދު ބުންޏެވެ. މުފީދު ތިބުނީ ރަނގަޅަށެވެ. "އެކަމަކު މިކަން ވަރަށްބޮޑަށް ސިއްރުކުރާތި. މިއީ ރަށުގެ ރައްޔިތުންނާއި ވަރަށް ގުޅުންހުރި އަދި އެހާމެ ސީރިއަސްކަމެއް. މިކަމުގައި ބޭނުންވަނީ އިތުބާރާއި ޔަގީންކަން" މުފީދު މިކަން ފާޅުނުރާނެކަމަށް އެއްބަސްވުމުން ފަރަހަނާޒުގެ ބިރުވެރި ގަތުލުގެ ވާހަކަ ތަފްސީލުކޮށް ކިޔާދިނެވެ. އަދި އެރޭ މުފީދު ނުކުމެގެން ދިޔައީ ޖެހިގެން އަންނަރޭ އިތުރު މަސައްކަތާއިގެން ކުރިއަށް ދިއުމަށެވެ. ކަމުގެ ސީރިއަސްކަމުން ތަސްލީމާގެ މައިންބަފައިން ވެސް އެވާހަކަ ސިއްރުކުރިއެވެ.

Advertisement

ޖެހިގެންއައިރޭ އަހުމަދު ގޮސް މުފީދު އަށް އެއްކަލަ ކަރުދާސްތައް ދައްކައިފިއެވެ. މުފީދު އެބަލާފަ ބުންޏެވެ. އަސްތަޢުފިރުﷲ ފަރަހަނާޒުގެ ގާތިލުންނަކީ މިދެޚާއިނުންދޯ އެވެ. މާދަމާ ރައްޔިތުން ނުކުމެ މިދެމީހުންގެ ދުވަސް ދުއްވާލަންވީއެވެ. އަހުމަދު ބުންޏެވެ. "ނޫން، މުފީދު އަދި މަޑުކުރޭ! އެދެއާއިލާއަށް ވެސް ފިނިކަމެއް ލިބޭނީ ޝަރީއަތުގެ ކުރިމަތީގައި އެމީހުން ފަޟީހަތްވީމަ"

ލޯރަންސް އާއި ޗާލީސޫރަކަށް މިކަމުގެ އިންސާފެއް ހޯދައި ނުދެވޭނެއެވެ. ސަބަބަކީ އެދެމީހުންނަކީ މިކަމުގައި އެއްމެ ބޮޑަށް ޝާމިލްވާ ދެޚާއިނުންނެވެ. މުފީދު އަށް މިދެކުދީން އެރޭ ގެންދިޔަ ގޮތާއި ބޮއްކުރައަކަށް ލައިގެން ގެންދިޔަ ތަނަކާއި ފަހުން ފަރަހަނާޒު ގަތުލުކޮށްފައި ކަނޑަށް އެއްލާލީ މިދެމީހުންކަން ސާބިތުވެއްޖެއެވެ. އަދި ތަސްލީމާގެ ކަންކަށިމަތީ ޖަހާފައި އެއޮށް ވިއްސާރަރޭ އޭނަވެސް ކަނޑަށް އެއްލާލީ މިދެމީހުންކަން ސާބިތުވެއްޖެއެވެ. ހަމައެރޭ އަހުމަދު އާއި މުފީދު ތަސްލީމާގެ ގެއަށް ގޮސް އޭނާއާއި ބައްދަލުކޮށް އިތުރު ހެކި ހޯދައިފިއެވެ. އެގޮތުން ފަރަހަނާޒު މެންގެ ގެއަށްގޮސް މަންމައާއި ބައްޕައަށް ހިއްވަރުދިނެވެ. އަދި އިސާހިތަކު މިކަން ސާބިތުވެ ހައްގުވެރިންނަށް އަދަބު ލިބޭނެކަން އެންގިއެވެ.

މުފީދުގެ ހިތުގައި ބދަލު ހިފުމުގެ ރޫޙު އުފެދުމުން އޭނާއަކީ މައްސަލަބަލާ ކޮމިޓީގެ ކާތިބުކަން ވެސް ހަނދާން ނެތިއްޖެއެވެ. އެހެންވާނެއެވެ. ބޭރުގެ ފަރަންޖީން ބަޔަކު ދިވެހި މައުސޫމް އަންހެންކުއްޖަކު މަރާލީމާ ހިތުގައި ބަދަލު ހިފުމުގެ ރޫޙް ނުއުފެދޭނީ ކާކުބާވައެވެ.؟ ނަމަވެސް ރަށުގެ ވެރިންގެ ފަރާތުން ހިންގި ޖަރީމާއަކަށް ވާތީ މިކަން ސިއްރުކުރަން އެމީހުން ބޭނުންވަނީއެވެ. ވަގުތު ޖެހުމުން ސާބިތު ހެއްކާއެކު ފަލީހަތް ކުރާނެކަމުގެ ޔަގީންކަން މުފީދުއާއި އަހުމަދު ދިޔައީ ދެއާއިލާއަށް ދެމުންނެވެ. މުފީދުވެސް އަހުމަދާއެކު މިހާދިސާއާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަނީ އާންމުންނަށްވެސް ސިއްރުންނެވެ.

ފަރަހަނާޒުގެ މައްސަލައިގެ ދެވަނަ ދުވަހަކީ ހޯމަދުވަހެވެ. ރަށުގެ ވަރަށްގިނަ މީހުން އޮފީސް ކައިރިއަށް ޖަމާވަމުން އެބަދެއެވެ. ކުރީދުވަހާއި ޚިލާފަށް މިއަދު ޝަރީއަތް އޮތީ އޮފީސް ދޮރުމަތީ ބޭރުގައެވެ. މިއީ މުފީދުގެ ރޭވުމަކުން ކުރިކަމެކެވެ. ޝަރީއަތް ފެށޭގަޑިއަކީ ހެނދުނު ނުވައެއްޖަހާ އިރެވެ. މިކަން މުޅި ރަށަށް ވަނީ އިއުލާން ކުރެވިފައެވެ. ގަޑި ޖެހުނުއިރު ލޯރަންސް އާއި ޗާލީސޫރު އަދި މުފީދު މޭޒުކައިރީގައި ތިއްބެވެ.

އެހެންދުވަސްތަކާއި ޚިލާފަށް ލޯރަންސްގެ ބޮލުގައި ފަގުޑިއެއް އޮތެވެ. ޗާލީސޫރުގެ ކަށިމަތީވަނީ ބެންޑޭޖު ކޮއްފައެވެ. ތަސްލީމާ އާއި ފަރަހަނާޒުގެ އާއިލާވެސް ޝަރީއަތުގެ އަޑުއެހުމަށް ދިޔައެވެ. އަހުމަދު އަތުގައި ހުރި ކަރުދާސްތަކުގެ ބައެއް މުފީދު އަތުގައި އޮތެވެ. އަނެއްބައި އޮތީ އަހުމަދު އަތުގައެވެ. ޝަރީއަތް ފެށެން ކައިރިވެއްޖެއެވެ. އަހުމަދުވެސް ކޮޑުމައްޗަށް ތުވާލިގަނޑެއް އެއްލައިގެން ތަސްލީމާ ގޮވައިގެން މަޑުމަޑުން އޮފީހާއި ދިމާއަށް އެބައާދެއެވެ. ތަސްލީމާ ވަނީ މޫނު ބުރުގާ އަޅުވާފައެވެ.

ޝަރީއަތް ފެށިގެން ކުރިއަށްދަނީ އެވެ. ރައްޔިތުން ތިބީ ވަރަށް ފަރުވާތެރިވެ އަޑު އަހާށެވެ. ލޯރަންސް އާއި ޗާލީސޫރު ތެދުވެ ބަޔާން އިއްވަމުން "މިހާރު ދެހަފްތާ ވެއްޖެ. އަދިވެސް އެދެކުދިން (ތަސްލީމާއި ފަރަހަނާޒު) ނުފެނޭ. އެ ދެކުދިން ގެއްލުނީ ބައެއްގެ އަތްދަށުވެގެން ކަމެއްވެސް އެނގޭނެ އެއްވެސް ހެއްކެއް ފެންނަންނެތުމުން މިހާދިސާ މިނިންމަނީ. ލޯރަންސް އެހެން ބުނުމާއެކު އަހުމަދު ވަރަށް ބާރަށް ބުނެލިއެވެ. "އަދި ތިގޮތަށް މި މައްސަލަ ނުނިމޭނެ. ހެއްކާއި ގަރީނާ އެބަހުރި. މިހެންކިޔާފާ ތަސްލީމާ މޫނު ބުރުގާ ނަގާ ދައްކާލި" އެވަގުތު ލޯރަންސް އާއި ޗާލީސޫރަށް ކުއްލި ސިހުމެއް ލިބުނެވެ. އެއީ ހަމައޭނައެވެ.

އެމީހުން ހިތާއިހިތާ ސުވާލުކޮށްލިއެވެ. އޭނައަށް ރަށަށް އާދެވުނީ ކިހިނެއްބާއެވެ. އެދެމީހުން ސަލާމަތް ނުވާނެ ކަމުގައި ހީވެ ބިރުން ތުރުތުރު އަޅަމުން ދަނިކޮށް އަހުމަދު ދުވެގޮސް ލޯރަންސްގެ ބޮލުގައި އޮތް ފަގުޑި ނެގިއިރު އެއްކަލަ ފާރުގަނޑުގައި ބޭސް އަޅާފަހުއްޓެވެ. ޗާލީސޫރުގެ ކަށިމަތި ބަލާލިއިރު ބޭންޑޭޖް އަޅާފަހުއްޓެވެ. މިއީ ގަރީނާއެވެ. ހެކި ހުރީ ކަރުދާހުގައެވެ. އޭގެ ފަހުގައި އަހުމަދާއި މުފީދު އަދި ތަސްލީމާ މޭޒު ކައިރިއަށް ގޮސް އެއްކަލަ ކަރުދާސް ދެއްކުމުން އެދެމީހުން ތެޅިފޮޅިގަތެވެ. ދުވަން ތައްޔާރުވީ ތަނާ ޒުވާނުންގެ ބަޔަކު ނުކުމެ އެދެމީހުން ހިފެހެއްޓިއެވެ. އެވަގުތު މުފީދު ރައްޔިތުންނަށް ހާމަކުރީ އެއްރެއެއްގެ ނުވައެއްޖެހިއިރު ފަރަހަނާޒު އާއި ތަސްލީމާ ދޮރޯށި ކައިރީގައި ތިއްބާ ގަދަކަމުން ކަނުބަދެގެން ގެންގޮސް ބޮއްކުރައެއްގައި ދުރު ރަށެއްގެ ފަރުކައިރީގައި ތިބެ ފަރަހަނާޒު ގަތުލުކޮށް ކަނޑަށް އެއްލާލީއެވެ. ތަސްލީމާގެ ކަންކަށިމަތީ ޖެހުމަށްފަހު އޭނާވެސް ކަނޑަށް ވައްޓާލީއެވެ. އެރޭގައި ތަސްލީމާ އަށް ދިމާވި އެބިރުވެރި ހާދިސާގެ ވާހަކަ ތަސްލީމާގެ ދުލުން ރައްޔިތުންނަށް ހާމަކޮށްދިނުމުން ރައްޔިތުން ރުޅިގަދަވެ ލޯރަންސް އާއި ޗާލީސޫރު ހައްޔަރުކޮށް އަނދަގޮޑީގައި ޖެހިކަމަށް މުސައްނިފުގެ ލިޔުމުގައި ވެއެވެ. އަދި އޭގެ ތިންމަސް ފަހުން އެދެމީހުންވެސް އަނދަގޮޑީގައި ތިބެ މަރުވީ ކަމަށްވެސް ލިޔެފައިވެއެވެ. މިވާހަކަ މިހިސާބުން ނިމުނީއެވެ.

ނޯޓް: މިއީ ތުއްތުދީދީގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާ އެކެވެ. އަސްލު ނުގެއްލޭގޮތަށް ވާނީ ބަދަލުގެނެވިފައެވެ.

ފޮޓޯ: ޔޫއެންއޯޑީސީ

+1
2
+1
0
+1
4
+1
0
+1
2
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް